Roadha Mihaaru
ނައިފަރުގައި އަނިޔާކުރި ފުލުހުން މަގާމުން ވަކިކޮށްފި

ނައިފަރުގައި އަނިޔާކުރި ފުލުހުން މަގާމުން ވަކިކޮށްފި

29 ޖޫން 2021

ޅ. ނައިފަރުގައި މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ އާންމުންގެ މީހަކަށް އަނިޔާކުރި ތިން ފުލުހަކު ވަޒީފާ އިން ވަކިކޮށް، އިތުރު ދެ ފުލުހެއްގެ މަގާމު ދަށްކުރަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޅ. ނައިފަރުގައި މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ އާންމުންގެ މީހަކަށް އަނިޔާކުރި ތިން ފުލުހަކު ވަޒީފާ އިން ވަކިކޮށް، އިތުރު ދެ ފުލުހެއްގެ މަގާމު ދަށްކުރަން ނިންމައިފި އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ ޕްރޮފެޝަނަލް ސްޓޭންޑާޑްސް އިން ތަހުގީގުކުރުމަށް ފަހު، މި މައްސަލައިގައި ޝާމިލުވި ފުލުހުންނަށް ފިޔަވަޅު އަޅަން މި މަހު 22 ގައި ނިންމާފައިވާ ކަމަށެވެ.

މަގާމު ދަށް ކުރި ދެ ފުލުހުން ވަނީ ކުރިން ތިބި ރޭންކަށް ވުރެ އެއް ރޭންކު ދަށްކޮށްފަ އެވެ.

"މި މައްސަލައިގައި އަޅާފައިވާ ފިޔަވަޅު އިސްތިއުނާފު ކުރުމަށް، ބަންދު ދުވަސްތައް ނުހިމަނާ ހަތް ދުވަސް، މި މައްސަލައިގައި ފިޔަވަޅު އަޅާފައިވާ ފުލުހުންނަށް ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

ޅ.ނައިފަރުގައި މިދިޔަ މަހު 17 ވަނަ ދުވަހު ފުލުހުންނާއި އާންމުންގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން.

ޅ.ނައިފަރުގައި މިދިޔަ މަހު 17 ވަނަ ދުވަހު ފުލުހުންނާއި އާންމުންގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން.

ނައިފަރު ޕޮލިސް ސްޓޭޝަންގެ ފުލުހުންތަކެއް އެ ރަށު މުންތަސީރު މުހައްމަދަށް އަނިޔާކުރީ ފުލުހެއްގެ އަންބަކު މަގުމަތިން ދަނިކޮށް، ތުނބުންފުމެ ފުރައްސާކުރި ކަމަށް ބުނެ އެވެ. އެ ތުހުމަތުތަކަށް އޭނާ އިންކާރު ވެސް ކުރި އެވެ.

މުންތަސީރަށް އަނިޔާކުރީ އެ ރަށުގެ ދެކުނު ފަރާތުގައި އޮންނަ ސިނާއީ ސަރަހައްދަށް ގެންގޮސް ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި ފަހުން ރަށުގެ ކުނިގޮނޑު ސަރަހައްދަށް ގެންގޮސް ވެސް އޭނާ އަށް އަނިޔާކުރި ކަމަށް ބުންޏެވެ.

ވަރަށް ހަޑިހުތުރު ބަހުން އެއްޗެހި ގޮވަމުން، އެތަނުން ފުލުހަކު މުންތަސީރުގެ މޫނުމަތީގައި ތިން ފަހަރު ޖެހި ކަމަށާ އަދި އެންމެ ފަހު ފަހަރު ޖެހުމުން ބިންމައްޗަށް ވެއްޓުމުން، އެ ހުރިހާ ފުލުހުން ވެގެން އޭނާގެ ގައިގައި ފައިންނާއި އަތުން ތެޅި ކަމަށް ވެސް ބުނެފައިވެ އެވެ.

އެރޭ ލިބުނު އަނިޔާތަކަށް އޭނާ ޑޮކްޓަރަށް ދައްކައި ފަރުވާ ވެސް ހޯދި އެވެ. އަދި އެ އަނިޔާގެ ސަބަބުން ގައިގެ ތަންތަން ހުރީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ.

ޖެހިގެން އައި ދުވަހު މުންތަސީރުގެ އާއިލާގެ ބައެއް މީހުންނާއި ރައްޓެހިން، ފުލުހުން އުޅޭ ގެތަކަށް ގޮސް ވެގެން އުޅޭ ގޮތެއް އޮޅުންފިލުވަން އުޅުމުގެ ތެރޭގައި އިތުރު ހަމަނުޖެހުންތަކެއް ހިނގައި ގިނަ ބަޔަކަށް އަނެއްކާ ވެސް އަނިޔާވި އެވެ.

މި ހަމަނުޖެހުންތަކުގެ ތެރެއިން އާންމުންގެ ފަސް މީހަކު ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ. އެމީހުން ބަންދުގައި ހަތް ދުވަސް ވަންދެން ތިއްބެވެ. ކޯޓުން މުއްދަތު ޖެހުމުގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށުގައި އެ މީހުން ބޭތިއްބި އިރު، ފުލުހުން އެ މީހުންނަށް އަނިޔާކުރި ކަމުގެ ތުހުމަތު ވެސް އާއިލާ އިން އޭރު ވަނީ ކޮށްފަ އެވެ.

މި މައްސަލަ މާ ބޮޑަށް ގޯސްވެ، އެންމެ ފަހުން ތަހުގީގަށް މާލެ އިން ފުލުހުންގެ ޓީމެއް ވެސް އެ ރަށަށް ދިޔަ އެވެ.