Roadha Mihaaru
މާލެއިން 450 ޕާކިން ޖާގަ ކުއްޔަށް ދެނީ

މާލެއިން 450 ޕާކިން ޖާގަ ކުއްޔަށް ދެނީ

30 ޖޫން 2021

މާލެ އަށް ކުރިމަތިވެފައިވާ ޕާކިންގެ މައްސަލަ އަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން، އިންޑަސްޓްރިއަލް ވިލެޖު ހިމެނޭ ގޮތަށް، ވެހިކަލް ޕާކުކުރަން އެކި ސަރަހައްދުތަކުން 450 ޖާގަ ކުއްޔަށް ދޫކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ އަށް ކުރިމަތިވެފައިވާ ޕާކިންގެ މައްސަލަ އަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން، އިންޑަސްޓްރިއަލް ވިލެޖު ހިމެނޭ ގޮތަށް، ވެހިކަލް ޕާކުކުރަން އެކި ސަރަހައްދުތަކުން 450 ޖާގަ ކުއްޔަށް ދޫކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ވަގުތީ ޕާކިން ޖާގަތައް ކުއްޔަށް ދެނީ، ދާއިމީ ޕާކިން އިމާރާތްތަކުގެ މަސައްކަތް ނިމެންދެން ކަމަށެވެ. އަދި ވިދާޅުވީ މި ޖާގަތަކަށް ކުރިމަތިލާން އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށެވެ.

ކުއްޔަށް ދޫކުރަން ނިންމައިފައި ވަނީ ކާރަށް 320 ޖާގަ އާއި ވޭނަށް 80 ޖާގައިގެ އިތުރުން ޕިކަޕު ޕާކުކުރާނެ 50 ޖާގަ އެވެ.

ޕާކިން ޖާގަ ހެދުމަށްޓަކައި، މާލެ ތެރޭގައި ޕާކުކޮށް ގިނަ ދުވަސްވެ ބާވެފައި ހުރި އުޅަނދުތައް ނެގުމަށް ވެސް ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ. މިހާތަނަށް ބެލި ބެލުމުން މި ކަހަލަ 173 އުޅަނދެއް ފާހަގަކުރެވިފައިވާ ކަމަށާއި ވަރަށް އަވަހަށް އެ އެއްޗެހި ނެގުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ސިޓީ ކައުންސިލުން ވެސް ވަނީ މާލޭގެ ބައެއް ސަރަހައްދުތަކުން ޕާކު ކުރާނެ ޖާގަތައް ކުއްޔަށް ދޫކޮށްފަ އެވެ.

މާލެ އަށް ކުރިމަތިވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރީގެ ސިޓީ ކައުންސިލުން ގިނަ ޕާކިން ޒޯންތައް ހެދިއިރު، އާ ސިޓީ ކައުންސިލު އައި ފަހުން ވެސް ވަނީ ބައެއް ޕާކިން ޒޯންތައް ހަދައިފަ އެވެ. އެންމެ ފަހުން ޕާކިން ޒޯނެއް ހަދަން ފެށީ މ. ބޮޑުގޭގަ އެވެ. އެ ޕާކިން ޒޯންގެ މަސައްކަތް ނިމި، މިހާރު އަންނަނީ ހުޅުވާލަން ތައްޔާރުވަމުންނެވެ.