Roadha Mihaaru
އިބްރާހިމް ހުސައިން މަނިކުގެ ކުރު ވާހަކަތައް ނެރެފި

އިބްރާހިމް ހުސައިން މަނިކުގެ ކުރު ވާހަކަތައް ނެރެފި

04 ޖުލައި 2021

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އިބްރާހިމް ހުސައިން މަނިކުގެ ކުރު ވާހަކަތައް ހިމެނޭ އިތުރު ތިން ފޮތެއް ބާޒާރަށް ނެރެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އިބްރާހިމް ހުސައިން މަނިކުގެ ކުރު ވާހަކަތައް ހިމެނޭ އިތުރު ތިން ފޮތެއް ބާޒާރަށް ނެރެފި އެވެ.

"އިބްރާހިމް ހުސައިން މަނިކުގެ ކުރު ވާހަކަތައް" ސިލްސިލާގެ ދަށުން މި ފަހަރު ބާޒާރަށް ނެރުނީ އޭގެ 3،4،5 އެވެ. މި ސިލްސިލާގެ ދަށުން މީގެ ކުރިން ނެރުނު 1 އަދި 2 އަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

އިބްރާހިމް ހުސެއިން މަނިކަކީ، ދިވެހި އަދަބިއްޔާތުގައި ވަރަށް ކުޅަދާނަ ބޭފުޅެކެވެ. އޭނާގެ ފުރަތަމަ ފޮތް ނެރުނީ 1998 ގައި، ދިވެހި ބަހާއި ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުންނެވެ. އެއަށް ފަހު ދެވަނަ ފޮތް 2007 ވަނަ އަހަރު ނެރުނީ ވެސް އެ މަރުކަޒުންނެވެ. އެ ދެ ފޮތުގައި ހިމެނޭ ގިނަ ވާހަކަތަކަކީ 1988 ވަނަ އަހަރާއި 2006 ވަނަ އަހަރާ ދެމެދު އޭނާ ލިޔުއްވާފައިވާ ވާހަކަތަކެވެ. އަލަށް ނެރުނު ތިން ފޮތުގައި ހިމެނެނީ 2007 ވަނަ އަހަރުގެ ފަހުން އޭނާ ލިޔުއްވި ކުރުވާހަކަތަކެވެ. މި ތިން ފޮތަކީ އޭނާ އަމިއްލަ އަށް ބާޒާރަށް ނެރުއްވި ތިން ފޮތެވެ.

އިބްރާހިމް ހުސެއިން މަނިކު ވިދާޅުވީ އަލަށް ނެރުނު ތިން ފޮތާއި އޭގެ ކުރިން ނެރުނު ދެ ފޮތުގައި ހިމެނޭ ވާހަކަތަކުގެ ސްޓައިލް ވަރަށް ތަފާތު ވާނެ ކަމަށެވެ. އެއީ ލިޔުންތެރިކަމުގެ ދަތުރުގައި އޭނާގެ ސްޓައިލަށް އައިސްފައިވާ ބަދަލުތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރީގެ ދެ ފޮތުގައި ހުރި ވާހަކަތަކުގެ ލިޔުންތެރިކަމުގެ ސްޓައިލާއި މި ފޮތްތަކުގެ ލިޔުންތެރިކަމުގެ ސްޓައިލް ތަފާތުވާނެ. އަދި ކުރީގެ ދެ ފޮތުގައި ހިމެނޭ ވާހަކަތަކަށް ވުރެ މިހާރުގެ ފޮތްތަކުގައި ހިމެނޭ ވާހަކަތައް ދިގު ވެސް ވާނެ. ކުރީ ދެ ފޮތުގައި ހިމެނެނީ ފަތްތޫރަ މަޖައްލާ އަށް ލިޔުނު ވާހަކަތަކެއް ކަމަށް ވާތީ އަބަދުވެސް ވިސްނަން ޖެހިފައިއޮތީ އޭ5 ގެ ފަސް ހަ ސަފުހާ ވުރެ ދިގު ނުވާނޭ މިންގަނޑަކަށް ފައްތަން. ނަމަވެސް އޭގެ ފަހުން ލިޔުނު ވާހަކަތަކީ ފަތްތޫރައިގައި ޖަހަން ލިޔުނު ވާހަކަތަކަށް ނުވާތީ ކޮންމެހެން ވަކި ދިގުމިނެއްގައި ބަހައްޓަން ހިޔާލު ކުރާކަށް ނުޖެހޭ،" މަނިކު ވިދާޅުވި އެވެ.

އިބްރާހިމް ހުސައިން މަނިކުގެ ކުރު ވާހަކަތައް 3،4،5 ގައި ޖުމްލަ 26 ވާހަކަ ހިމެނެ އެވެ. އެގޮތުން ތިން ވަނަ ފޮތުގައި 10 ވާހަކަ ހިމެނޭއިރު ހަތަރު ވަނަ ފޮތާއި ފަސް ވަނަ ފޮތާ، މި ދެ ފޮތުންކުރެ ކޮންމެ ފޮތެއްގައި އަށް ވާހަކަ ހިމެނެ އެވެ. މި ފޮތްތަކުގައި ހިމެނޭ ގިނަ ވާހަކަތަކަކީ 2000 ބަހާއި 3500 ބަހާ ދެމެދުގެ ވާހަކަތަކެވެ. މިއީ ކުރިން ނެރުނު ވާހަކަތަކާ އަޅާބަލާއިރު ޖުމްލަ ގޮތެއްގައި ދެ ގުނަ ދިގު ވާހަކަތަކެކެވެ.

މި ވާހަކަ ފޮތްތައް މިހާރު ނޮވެލްޓީ އާއި އަސްރަފީ އާއި ރައުންޑް ވަން އަދި އެމް7 ބުކްޝޮޕުން ލިބެން ހުންނާނެ އެވެ. ވާހަކަ ފޮތެއްގެ އަގަކީ 100ރ. އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭނާ ކުރިން ލިޔުއްވާފައިވާ، އިތުރު ތިން ވާހަކަ ފޮތެއް އަދި ވެސް ޗާޕު ނުކުރެވި އެބައޮތެވެ. އެހެންވެ ވަރަށް އަވަހަށް މި ސިލްސިލާގެ 7،6 އަދި 8 ބާޒާރަށް ނެރޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.