Roadha Mihaaru
ވަގަށް ނެގި ދަރިފުޅު 24 އަހަރު ފަހުން ފެނިއްޖެ

ވަގަށް ނެގި ދަރިފުޅު 24 އަހަރު ފަހުން ފެނިއްޖެ

15 ޖުލައި 2021

މީހުން ޓްރެފިކްކުރާ ބައެއްގެ އަތްދަށުގައިވެ އުމުރުން ދެ އަހަރުގައި، އާއިލާ އަށް ގެއްލުނު ކުއްޖަކު 24 އަހަރު ފަހުން އާއިލާއާ ބައްދަލުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީހުން ޓްރެފިކްކުރާ ބައެއްގެ އަތްދަށުގައިވެ އުމުރުން ދެ އަހަރުގައި، އާއިލާ އަށް ގެއްލުނު ކުއްޖަކު 24 އަހަރު ފަހުން އާއިލާއާ ބައްދަލުވެއްޖެ އެވެ.

ގުއޯ ގަންގްޓަންގް އަށް ދަރިފުޅާ ދިމާވީ އެ ކުއްޖާ ހޯދަން 24 އަހަރު ވަންދެން ކުރި މަސައްކަތް ހުއްޓާނުލައި ޗައިނާގެ އެތައް ހިސާބަކަށް ދަތުރުކުރި ފަހުންނެވެ. ދަރިފުޅު ފެނޭތޯ ގުއޯ ކުރި މަސައްކަތުގެ ތެރޭގައި ސައިކަލެއްގައި 500،000 ކިލޯމީޓަރު (310،000 މޭލު) އަށް ދަތުރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި 20 އަށް ވުރެ ގިނަ ޕްރޮވިންސަށް ގޮސް ދަރިފުޅު ފެނޭތޯ އެތައް މަސައްކަތެއްކޮށްފައިވެ އެވެ.

އޭނާ ކިޔައިދިން ގޮތުގައި އިންސާނުން ޓްރެފިކްކުރާ ބައެއްގެ ޝިކާރައަކަށް ދެ އަހަރުގައިި ފިރިހެން ދަރިފުޅު ވީ 1997 ގައި އެ މީހުންގެ ޕްރޮވިންސް ޝަންޑޮންގަ އެވެ. ކުއްޖާ "ޖަހައިގަތީ" ގެ ކައިރީގައި ކުޅެން އުޅެނިކޮށް، ޓަންގް ކިޔާ އަންހެނަކާއި އޭނާގެ ބައިވެރިޔާ ހޫ އެވެ. އެ މީހުން އެ ކުއްޖާ ހެނާން ޕްރޮވިންސަށް ގެންގޮސް އެތަނުގައި ވިއްކައިލީ އެވެ. ދަރިފުޅު ހޯދުނީ ވެސް އެ ޕްރޮވިންސްގައި އުޅެނިކޮށެވެ.

ސައުވީސް އަހަރު ފަހުން ދަރިފުޅު ހޯދައި ދިނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މިދިޔަ އާދީއްތަ ދުވަހު އެވެ. އެކަމަކު މިހާރު އުމުރުން 26 އަހަރުގެ ޒުވާނާގެ ނަމެއް ހާމައެއް ނުކުރެ އެވެ. ޗައިނާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީން ބުނީ ޑީއެންއޭގެ އެހީގައި ޑުއޯގެ ދަރިފުޅު ކަށަވަރުކޮށް، އޭނާ ޓްރެފިކް ކުރި ދެ މީހުން ހައްޔަރު ވެސް ކޮށްފައިވެ އެވެ.

ޗައިނާ އަކީ ކުޑަކުދިން ވަގަށް ނަގައި، ޓްރެފިކްކުރުމުގެ މައްސަލަ ވަރަށް ބޮޑު ގައުމެކެވެ. ގެއްލުނުތާ 32 އަހަރު ފަހުން މިދިިޔަ އަހަރު ވެސް އަންހެނަކަށް އޭނާގެ ފިރިހެން ދަރިފުޅާ ދިމާވެފައިވެ އެވެ.

ދަނޑުވެރިކަން ކޮށް އުޅުނު ގުއޯ ދަރިފުޅު ހޯދަން ކުރި މަސައްކަތަކީ ހިތުންނުފިލާނެ ތަޖުރިބާއެކެވެ. އެކި ފަހަރު އެކްސިޑެންޓްވެ އެއް ފަހަރަކު ބޮޑެތި އަނިޔާތަކެއް ވެސް ވި އެވެ. ހައިވޭތަކުގައި ކުރި ދަތުރުތަކުގައި ފޭރޭ މީހުން އޭނާގެ ސައިކަލް ވެސް އެތައް ފަހަރަކު ފޭރިގެންފައިވެ އެވެ. ދަރިފުޅު ހޯދަން ކުރި ދިގު ދަތުރުގައި 10 ސައިކަލެއް ގެއްލުނެވެ.

"މިކަމުގެ ތެރޭގައި އުޅެން ޖެހި ހުރިހާ ފައިސާއެއް ވެސް ހުސްވެ، ދިރިއުޅުމުގެ ހާލަތު ދަށްވެ، އަހަރެން ގިނައިން އުޅުނީ ބްރިޖްތަކުގެ ދަށުގައި ނިދައިގެންނާއިި ސަލާން ޖަހައިގެން،" ގުއޯ ބުންޏެވެ.