Roadha Mihaaru
ހުޅުމާލޭގައި ވެކްސިން ޖަހާނީ ހުޅުމާލޭ ހޮސްޕިޓަލުން

ހުޅުމާލޭގައި ކޮވިޑް ވެކްސިން ޖެހުން ހުޅުމާލޭ ހޮސްޕިޓަލަށް ބަދަލުކޮށްފި

31 ޖުލައި 2021

ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ކޮވިޑް-19 ވެކްސިން ޖަހައިދިނުން ހުޅުމާލޭ ހޮސްޕިޓަލަށް އެޗްޕީއޭ އިން ބަދަލުކޮށްފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ކޮވިޑް-19 ވެކްސިން ޖަހައިދިނުން ހުޅުމާލޭ ހޮސްޕިޓަލަށް އެޗްޕީއޭ އިން ބަދަލުކޮށްފި އެވެ.

އެ އިދާރާ އިން އެކަން އެގޮތަށް ނިންމިއިރު، ކޮވިޑުން ދިފާއުވުމުގެ ވެކްސިން ހުޅުމާލޭގައި މިހާތަނަށް ޖަހަމުން އައީ އެ ކަމަށް ހާއްސަ ވަކި މަރުކަޒެއްގަ އެވެ.

ހުޅުމާލޭގައި ކޮވިޑް ވެކްސިން ދިނުން ހޮސްޕިޓަލަށް މި ބަދަލުކުރީ، ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓު ހައްދާފައިވާ މީހުންނަށް ހުޅުމާލޭގެ ވެކްސިނޭޝަން ސެންޓަރުތަކުގެ މައުލޫމާތުގެ އޮޅުންތަކެއް އަރާފައި ވަނިކޮށެވެ.

ރާއްޖޭގެ އެންމެންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ކެމްޕެއިނެއް ސަރުކާރުން މިއަދު ފަށާފައިވާއިރު، މި ކެމްޕެއިނަށް އެންމެންގެ އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.

އެގޮތުން އެންމެ ފަހުން އެ އިދާރާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކޮވިޑުގެ އެންމެ ފަހު ރާޅުގައި މަރުވި 80 ޕަސެންޓް މީހުން ވެކްސިން ނުޖަހާ ކަމަށެވެ. އަދި ދެވަނަ ފަހަރަށް މިކަން ތަކުރާރުވިޔަ ނުދިނުމަށް ވެކްސިން ޖެހުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވެކްސިން ކެމްޕެއިނާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވެކްސިނަކީ އާންމު ދިރިއުޅުމަށް ރުޖޫއަވުމަށް އޮތް މަގު ކަމަށެވެ. އަދި ވެކްސިން ނުޖަހާ މީހުން ވީހާ ވެސް އަވަހަށް ވެކްސިން ޖެހުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.

ވެކްސިންގެ އާ ސްޓޮކާ އެކު، މި މަހުގެ ކުރީކޮޅު ވަނީ މާލެއިން ރަށްރަށަށް ދަތުރުކުރުމުގައި ބޮޑެތި ލުއިތަކެއް ދީފަ އެވެ. އޭގެ ތެރޭގައި، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ ނަމަ ކަރަންޓީނުވާން ނުޖެހުން ހިމެނެ އެވެ.