Roadha Mihaaru
ގިނައިރު އިށީނދެއިނުން ވަރަށް ނުރައްކާ

ގިނައިރު އިށީނދެއިނުން ވަރަށް ނުރައްކާ

25 އޯގަސްޓް 2021

ގިނައިރު އިށީނދެގެން އިނުން ސިއްހީ ގޮތުން ވަރަށް ނުރައްކާ ކަމަށާއި އެހެންވެ ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ކަސްރަތެއް ކުރުން މުހިންމު ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގިނައިރު އިށީނދެގެން އިނުން ސިއްހީ ގޮތުން ވަރަށް ނުރައްކާ ކަމަށާއި އެހެންވެ ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ކަސްރަތެއް ކުރުން މުހިންމު ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

އެމެރިކަން ހާޓް އެސޯސިއޭޝަނުން ހަދާފައިވާ ދިރާސާގައި ބުނެފައިވާ ގޮތުގައި ދުވާލެއްގެ ތެރޭގައި އަށް ގަޑިއިރު ނުވަތަ އެއަށް ގިނަ އިރު ވަންދެން އިށީނދެގެން އިންނަ ނަމަ އެ މީހަކީ ހަރަކާތްތެރިކަން ކުޑަ މީހެކެވެ. އެހެންވެ ގިނަ އިރު ވަންދެން ޓީވީ ބަލަން އިނުމާއި މަސައްކަތެއްކުރަން މޭޒު ދޮށުގައި އިށީނދެގެން އިނދެވޭ ނަމަ އެފަދަ މީހަކަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު އެ ނޫން މީހުންނާ އަޅާބަލާ އިރު ހަތް ގުނަ އިތުރު ކަމަށް ދިރާސާގައި ބުންޏެވެ.

އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ވަކިން ހާއްސަކޮށް 40 އަހަރުން މަތީގެ މީހުންނަކީ ހެލިފެލިވެ ހަރަކާތްތެރި ލައިފްސްޓައިލެއް ހޯދަން ޖެހޭ ބައެކެވެ. އަދި ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން ވެސް ކަސްރަތަށް 10 ވަރަކަށް މިނިޓް ހޭދަކުރުން ވެސް ދުޅަހެޔޮ ސިއްހަތަކަށް މުހިއްމު ކަމަށް ބުންޏެވެ.

ދިރާސާގައި ބުނެފައިވާ ގޮތުގައި ގިނައިރު އިށީނދެގެން އިނުމުގެ ބަދަލުގައި، ދޭތެރެ ދޭތެރެ އިން ތެދުވެލައި، ހިނގާލައި، އިސްކޮޅަށް ދެމިލުން ފަދަ ކަންކަން ކުރެވިދާނެ އެވެ.

"ގިނައިރު އިށީނދެގެން އިންނަ ނަމަ ހަށިގަނޑުގެ ގުލްކޯޒް ލެވެލް ބެލެންސުން ނެއްޓުމާއި ލިޕިޑް މެޓޮބޮލިޒަމާއި ލޭ ދައުރުވަން ހުރަސްއެޅުމާއި ހަށިގަނޑުގެ އިންފްލަމޭޝަން އަށް ނޭދެވޭ އަސަރުކުރުން ހިމެނޭ،" ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި ކެނެޑާގެ މެކްމާސްޓަ ޔުނިވަސިޓީގެ ކްލިނިކަލް ސްކޯލާ ޑރ. ރައެދު ޖޯންޑީ ވިދާޅުވި އެވެ. "އެހެންވެ މިކަމުގެ ސަބަބުން ސްޓްރޯކާއި ހާޓްއެޓޭކް ޖެހުމަށް މަގުފަހިވޭ."

ސްޓްރޯކާއި ހާޓްއެޓޭކަކީ ފުރާނަ އަށް ވެސް ނުރައްކާވެދާނެ ދެ ހާލަތެކެވެ.

ދިރާސާގައި ބޮޑަށް ލަފާ ދީފައި ވަނީ ކޮންމެ އުމުރެއްގެ މީހަކަށް ވިޔަސް ހަރަކާތްތެރިކޮށް އުޅުމަށެވެ. އެގޮތުން ކޮންމެވެސް ބާވަތެއްގެ ކަސްރަތަކީ ދިރިއުޅުމުގެ ކޮންމެ ދުވަހެއްގެ ހާއްސަ ކަމަކަށް ހެދުމަށް ލަފާ ދީފައިވެ އެވެ.