Roadha Mihaaru
ޖިއާންގެ މަރުގެ ބަދަލަށް 4.5 މިލިއަން ދޭންޖެހޭ

ޖިއާންގެ މަރުގެ ބަދަލަށް ޑަބްލިއު ކޮންސްޓްރަކްޝަނުން 4.5 މިލިއަން ރުފިޔާ ދޭން ހުކުމްކޮށްފި

01 ސެޕްޓެމްބަރ 2021

ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތްކުރަމުން ދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި، ބަންގްލާދޭޝްގެ ރައުޝާން ޖިއާން މަރުވި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އިއްޔެ ކުންފުނީގެ މައްޗަށް ހުކުމްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތްކުރަމުން ދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި، ބަންގްލާދޭޝްގެ ރައުޝާން ޖިއާން މަރުވި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އިއްޔެ ކުންފުނީގެ މައްޗަށް ހުކުމްކޮށްފި އެވެ.

ހަތް އަހަރުގެ ޖިއާން ޑިސެމްބަރު، 2018 ގައި މަރުވީ އޭނާގެ މަންމައާ އެކު މަގުމަތިން ހިނގާފައި ދަނިކޮށް ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ވަރަށް ބޮޑަށް ޒަހަމްވުމުން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ މައްސަލައިގައި އެ ކުއްޖާގެ މައިންބަފައިން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 17.4 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދި 2019 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެ އާއިލާގެ ފަރާތުން މައްސަލައިގައި ވަކާލާތުކުރި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އެވެ.

އެ ސެންޓަރުން ރޭ ނެރުނު ބަޔާނުގައި ބުނީ ޖިއާން މަރުވެފައިވަނީ ޑަބްލިއު ކޮންސްޓްރަކްޝަންގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ރަސްމީ މަސައްކަތުގެ ތެރެއިން ފަރުވާކުޑަ އަމަލުތަކެއްގެ ސަބަބުންކަން ކަމަށް ޝަރީއަތަށް ސާބިތުވާ ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އެހެންވެ، އެ އަމަލުގެ ސަބަބުން ޖިއާންގެ މައިންބަފައިންނަށް ލިބިފައިވާ ގެއްލުމުގެ މަދަނީ މަސްއޫލިއްޔަތު ވައިކޭރިއަސް ލައިބިލިޓީގެ ދަށުން ޑަބްލިއު ކޮންސްޓްރަކްޝަނުން އުފުލަންޖެހޭކަމަށް މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ވެސް ދަށު ކޯޓުުން ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ.

ޖިއާންގެ މައިންބަފައިން އެދިފައިވަނީ ބަދަލަށް 17.4 މިލިއަން ރުފިޔާ ނަގައިދިނުމަށް ވިޔަސް ކޯޓުން ހުކުމްކޮށްފައިވަނީ ގެއްލުމަށް ނަގައިދެވޭނީ 4.5 މިލިއަން ރުފިޔާ ކަމަށެވެ. އަދި އެ ފައިސާ ދެ މަސް ދުވަހުގެ ތެރޭ ދެއްކުމަށް ހުކުމްކޮށްފައިވެ އެވެ.

ޕީއައިއެލްސީން ބުނީ ގެއްލުމުގެ ބަދަލަށް ނަގައިދޭން އެދުނު އަދަދުން ބޮޑު ބައެއް ނަގައިދޭން ނުފެންނަކަމަށް ކަނޑައެޅީ ރަނގަޅަށް ކަމަށް އެ ޖަމިއްޔާއަށް ނުފެންނަ ކަމަށެވެ. އެކަމަކު، ހުކުމުގެ އެ ބައި މަތީ ކޯޓުގައި އިސްތިއުނާފު ކުރަން މައިންބަފައިން އެދޭ ނަމަ ޖަމިއްޔާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް ބުންޏެވެ. ނަމަވެސް އެ ބައި އިސްތިއުނާފުކުރުމަށް އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ސިމެންތި ބަސްތާ ވެއްޓި ޖިއާން މަރުވި މައްސަލައިގައި ހަ މީހަކަށް 2019 ވަނަ އަހަރު ދައުވާކުރި އެވެ. އެއީ، ޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު ދަފްތަރު ނަމްބަރު 7198 އާދަމް ޝަފީގާއި އެ ކުންފުނީގެ ސުޕަވައިޒަރު ދަފްތަރު ނަމްބަރު 8424 މޫސާ ހަސަން އަދި އިންޑިއާގެ ހަތަރު މީހެކެވެ. އޭގެ ތެރެއިން ޝަފީގް ފިޔަވައި، އެހެން އެންމެންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ކުށް ސާބިތުވި މީހުންގެ ތެރެއިން ޖަލަށްލީ ދެ ބިދޭސީ އެކެވެ.

ދެން ތިބި މީހުންގެ ތެރެއިން މޫސަގެ މައްޗަށް 115،200ރ. ގެ ޖޫރިމަނާގެ އަދަބެއް އިއްވިއިރު، ދެ ބިދޭސީންނަށް އިއްވީ 7،200ރ. ގެ ޖޫރިމަނާގެ އަދަބެކެވެ.