Roadha Mihaaru
ހިޔާ ފްލެޓްތައް ކައިރީގައި ވަގުތީ މިސްކިތެއް ހަަދަނީ

ހިޔާ ފްލެޓްތައް ކައިރީގައި ވަގުތީ މިސްކިތެއް ހަދަނީ

07 ސެޕްޓެމްބަރ 2021

ހުޅުމާލޭގައި ހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައި ވަގުތީ މިސްކިތެއް ހެދުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގައި ހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައި ވަގުތީ މިސްކިތެއް ހެދުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ގައި މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ރޭ ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ކައިރީގައި ވަގުތީ މިސްކިތެއް ހެދުމަށް އިސްލާމިކް މިނިސްޓްރީން މިހާރު ކޮންޓްރެކްޓަރަކާ ވެސް ހަވާލުކޮށްފައިވާ ކަމަށެވެ.

އެކަމަކު އިސްލާމިކް މިނިސްޓްރީގެ ބަހެއް ނުލިބޭތީ، އެ މަސައްކަތް ހަވާލުކުރީ ކޮންއިރަކު، ކޮން ކުންފުންޏަކާ ކަމެއް ސާފެއް ނުވެ އެވެ.

ސުހައިލް ވިދާޅުވި ގޮތުގައި މިހާރު ވެސް ފޭސް ދޭއްގައި ހިޔާ ފްލެޓްތަކާ މާދުރު ނޫން ހިސާބެއްގައި މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ މަސައްކަތް ވަރަށް އަވަހަށް ނިންމައި މިސްކިތް ހުޅުވާނެ އެވެެ. އެކަމަކު މި މިސްކިތް ހުޅުވައި، ނަމާދު ކުރަން ފެށޭނީ ކިހާ ތަނެއްގައި ކަމެއް ނޭނގެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި ހުރި 6،720 ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާރު 5،000 އަށް ވުރެ ގިނަ މީހުންނާ އެކު އެއްބަސްވުން ހަދައިފި އެވެ.

ފްލެޓްގެ އެތެރޭގެ މަސައްކަތްތައް ނިންމުމުގެ މަސައްކަތް ގިނަ ބަޔަކު ފަށާފައިވާއިރު، އެ މަސައްކަތް އެއްކޮށް ނުނިންމައި ވެސް ބައެއް މީހުން އުޅެމުން އެބަދެ އެވެ. އެކަމަކު އަދި އެ ސަރަހައްދުގައި އެއްވެސް އަސާސީ ހިދުމަތެއް ލިބޭކަށް ނެތެވެ. ސްކޫލު ކުދިން ސްކޫލަށް ދިއުމަށް ބަހުގެ ހިދުމަތް ވެސް އަދި ނުފަށަ އެވެ.

އެކަމުގެ ކަންބޮޑުވުން އިތުރުވެފައިވާތީ ސުހައިލް ވިދާޅުވީ، ސްކޫލު ކުދިންނަށް ހާއްސަކޮށް ބަހުގެ ހިދުމަތް މި މަހުގެ މެދު ތެރޭގައި ފެށޭތޯ ބަލަމުން ކުރަމުން އަންނަ ކަމަށެވެ.