Roadha Mihaaru
ގުޅީފަޅު ފްލެޓް ނުލިބުނު މައްސަލާގައި ބަދަލެއް ނުލިބޭނެ

ގުޅީފަޅުން ފްލެޓް ނުލިބުނު ދެ މީހަކަށް ބަދަލު ދޭކަށް ނުޖެހޭނެ: ސިވިލް ކޯޓް

11 ސެޕްޓެމްބަރ 2021

ކ. ގުޅީފަޅުން ފްލެޓް ގަތުމަށް ފައިސާ ދެއްކިޔަސް، ފްލެޓްތައް ނުލިބުނު މައްސަލާގައި ގެއްލުމުގެ ބަދަލު ނަގައި ނުދެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކ. ގުޅީފަޅުން ފްލެޓް ގަތުމަށް ފައިސާ ދެއްކިޔަސް، ފްލެޓްތައް ނުލިބުނު މައްސަލާގައި ގެއްލުމުގެ ބަދަލު ނަގައި ނުދެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އެމްޑީޕީގެ ސަރުކާރުގައި ގުޅީފަޅުގައި ހިންގި އެ މަޝްރޫއުގެ ދަށުން ފްލެޓް ގަތުމަށް ބައެއް މީހުން ފައިސާ ދައްކާފައި ވަނިކޮށް ފަހުން ސަރުކާރުން ވަނީ ގުޅީފަޅުން ފްލެޓް ނުދޭން ނިންމައިފަ އެވެ. އަދި އެހާތަނަށް ފްލެޓްތަކަށް ފައިސާ ދެއްކި މީހުންނަށް އެހެން ތަނަކުން ފްލެޓްތަކެއް ދޭން ސަރުކާރުން ނިންމިޔަސް، އެ ފަރާތްތަކަށް ފްލެޓް ދީފައެއް ނުވެ އެވެ. އެ މައްސަލާގައި ސިވިލް ކޯޓުގައި ދެ މީހަކު ދައުވާކުރީ ފްލެޓްތައް ނުލިބުމުން ގެއްލުމުގެ ބަދަލު ހޯދުމަށެވެ. ފްލެޓްތައް ނުލިބުމުން ކުއްޔަށް އުޅެން ޖެހިފައިވާތީ އޭގެ ތެރެއިން އެ މައްސަލާގައި އެދުނީ 4.3 މިލިއަން ރުފިޔާގެ ބަދަލެއް ނަގައި ދިނުމަށެވެ. ދެވަނަ މައްސަލާގައި އެދުނީ 2.3 މިލިއަން ރުފިޔާގެ ބަދަލެއް ނަގައި ދިނުމަށެވެ.

އެ މައްސަލާގައި މިދިޔަ ހަފުތާގައި ސިވިލް ކޯޓުން ވަކިވަކިން ކުރި ދެ ހުކުމުގައި ވަނީ އެ ދެ މީހުންނަށް އެހެން ފްލެޓެއް ސަރުކާރުން ދީފައި ނުވަނީ ސަރުކާރުގެ ސޯޝަލް ހައުސިން ފްލެޓްތަކުގެ ތެރެއިން އެ މީހުންނަށް ހުށަހެޅި ހުށަހެޅުންތައް އެ މީހުން ގަބޫލު ކޮށްފައި ނުވާތީ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ދެ ފްލެޓް ގަތުމަށް ފައިސާ ދައްކާފައި ވަނިކޮށް އޭނާއަށް ހުޅުމާލެއިން އެންމެ ފްލެޓް ދޭން ސަރުކާރުން ހުށަހަޅާފައި ވިޔަސް، ހުޅުމާލެއިން އޭނާއަށް ދޭން ނިންމި ފްލެޓަކީ ގުޅީފަޅުގެ ދެ ފްލެޓަށް ވުރެ އަގު މަތި ފްލެޓެއް ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައި ވަނީ ސަރުކާރުގެ ހުށަހެޅުންތައް ގަބޫލު ކުރުމުން އެ ދެ މީހުންނަށް ފްލެޓް ލިބެން އެބައޮތް ކަމަށާއި އެހެންވެ، އެ ދެ މީހުންނަށް ބަދަލު ދޭން އަންގާނެ ތަނެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

އެނގިފައިވާ ގޮތުގައި ގުޅީފަޅު ފްލެޓްތަކާ ގުޅޭ އިތުރު މައްސަލަތަކެއް ވެސް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.

ގުޅީފަޅު މަޝްރޫއު ހުއްޓުވުމަށް ފަހުު މި ސަރުކާރުން މިހާރު ވަނީ މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރަން ނިންމައިފަ އެވެ.