Roadha Mihaaru
ރޮނާލްޑޯ ސިޓީއަށް ކުޅޭތަން ބަލަން ފާގަސަން ބޭނުން ނުވި

ރޮނާލްޑޯ ސިޓީއަށް ކުޅޭތަން ބަލަން އަހަރެން ބޭނުން ނުވީ: ފާގަސަން

14 ސެޕްޓެމްބަރ 2021

މެންޗެސްޓާ (ސެޕްޓެމްބަރު 14) - ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑަށް ގެންނަން އޭނާ މަސައްކަތްކުރީ ވާދަވެރި މެންޗެސްޓާ ސިޓީ އަށް ރޮނާލްޑޯ ކުޅޭތަން ބަލަން ބޭނުން ނުވާތީ ކަމަށް ޔުނައިޓެޑްގެ ލެޖެންޑްރީ ކޯޗް އެލެކްސް ފާގަސަން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެންޗެސްޓާ (ސެޕްޓެމްބަރު 14) - ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑަށް ގެންނަން އޭނާ މަސައްކަތްކުރީ ވާދަވެރި މެންޗެސްޓާ ސިޓީ އަށް ރޮނާލްޑޯ ކުޅޭތަން ބަލަން ބޭނުން ނުވާތީ ކަމަށް ޔުނައިޓެޑްގެ ލެޖެންޑްރީ ކޯޗް އެލެކްސް ފާގަސަން ބުނެފި އެވެ.

މެންޗެސްޓާ އަށް 2003 ގައި ރޮނާލްޑޯ ގެންދިޔައީ ފާގަސަން އެވެ. ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންގައި ރޮނާލްޑޯ ހުއްޓައި، ޔޫރަޕުގެ ބޮޑެތި އެހެން ކްލަބުތަކަށް އެކަން ފާހަގަވުމުގެ ކުރިން ރޮނާލްޑޯގެ ޓްރާންސްފާ އަވަސް އަވަހަށް ޔުނައިޓެޑުން އޭރު ނިންމީ ވެސް ފާގަސަންގެ ބެލުމުގެ ދަށުންނެވެ.

ނިމިދިޔަ ޓްރާންސްފާ ޕީރިއަޑުގައި ޔުވެންޓަސް ދޫކޮށްލަން ރޮނާލްޑޯ ބޭނުން ވުމުން ވެސް އޭނާ އަލުން ޔުނައިޓެޑަށް ގެންދިޔުމުގައި ވެސް ފާގަސަން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ޔުނައިޓެޑަށް ރޮނާލްޑޯ ބަދަލުވުމުގެ ކުރިން ފުރަތަމަ ޚަބަރު ފެތުރުނީ އޭނާ ސިޓީ އަށް ބަދަލުވާން އުޅޭ ވާހަކަ އެވެ. ވިއާ ޕްލޭ އަށް ދިން އިންޓަވިއުގައި ފާގަަސަން ބުނީ އޭނާ އެކަމަށް މަސައްކަތް ކުރީ ސިޓީ އަށް ރޮނާލްޑޯ ކުޅޭތަން ބަލަން ބޭނުން ނުވާތީ ކަމަށެވެ.

"ވަރަށް ގިނަ މީހުން އެ މީހުން ކުރަން ޖެހޭ މަސައްކަތް ކުރި. އަހަރެން މަސައްކަތް ކުރީ ކްރިސްޓިއާނޯ ވެސް ޔުނައިޓެޑަށް އަންނަން ބޭނުންވާކަން އަހަންނަށް އެނގޭތީ،" ފާގަސަން ބުންޏެވެ.

"އަހަރެން ނުބުނާނަން އެއީ އިމޯޝަނަލް ވެގެން ކުރި ކަމެކޭ. އެކަމަކު އެއީ އަހަންނަށް ލިބުނު އުފަލެއް އަދި ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ސަބަބަކީ އަހަންނަށް ސިފައެއް ނުކުރެވޭނެ މެންޗެސްޓާ ސިޓީ އަށް އޭނަ ކުޅޭތަން ބަލާކަށް. އަހަންނަކަށް ހިއެއް ނުވޭ އެކަކު ވެސް އެކަން ސިފަ ކުރަން ބޭނުންވާނެ ހެނެއް."

ފާގަސަން ބުނީ ރޮނާލްޑޯ ގެނައުމަށް ޔުނައިޓެޑްގެ އޯނަރު ގްލޭޒާއާ ވާހަކަ ދެއްކީ ވެސް އޭނާ ކަމަށެވެ. ދެ ވަނަ ފަހަރަށް ޔުނައިޓެޑަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗުގައި ރޮނާލްޑޯ ވަނީ ނިއުކާސަލް ޔުނައިޓެޑް ކޮޅަށް ދެ ލަނޑު ޖަހައިފަ އެވެ.