Roadha Mihaaru
ހައިޓީގެ ރައީސް އަވަހާރަކޮށްލުމުގެ ތުހުމަތު ބޮޑުވަޒީރަށް

ހައިޓީގެ ރައީސް އަވަހާރަކޮށްލުމުގެ ތުހުމަތު ބޮޑުވަޒީރަށް

15 ސެޕްޓެމްބަރ 2021

މިދިޔަ ޖުލައި މަހުގެ 7 ވަނަ ދުވަހު، ބަޔަކު ބަޑިޖަހައި އަވަހާރަކޮށްލި، ހައިޓީގެ ރައީސް ޖޮވެނެލް މޮއިސް މަރައިލުމުގެ ތުހުމަތު، އެ ގައުމުގެ މިހާރުގެ ވަގުތީ ރައީސް އަދި ބޮޑުވަޒީރު އޭރިއަލް ހެންރީގެ މައްޗަށް، އެ ގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލް ކުރައްވައިފި އެވެ.

މިދިޔަ ޖުލައި މަހުގެ 7 ވަނަ ދުވަހު، ބަޔަކު ބަޑިޖަހައި އަވަހާރަކޮށްލި، ހައިޓީގެ ރައީސް ޖޮވެނެލް މޮއިސް މަރައިލުމުގެ ތުހުމަތު، އެ ގައުމުގެ މިހާރުގެ ވަގުތީ ރައީސް އަދި ބޮޑުވަޒީރު އޭރިއަލް ހެންރީގެ މައްޗަށް، އެ ގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލް ކުރައްވައިފި އެވެ.

ހައިޓީގެ ރައީސް އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމަށް ބެލެވޭތީ، ބޮޑުވަޒީރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް، ހައިޓީގެ ޕްރޮސެކިއުޓާ ޖެނެރަލް ބެޑް-ފޯޑް ކްލޯޑް އިއްޔެ ވަނީ، އެ މައްސަލަ ތަހުގީގު ކުރައްވާ ފަނޑިޔާރުގެ އަރިހުން އެދިވަޑައިގެންފަ އެވެ. އެއީ، ރައީސް އަވަހާރަ ކޮށްލި ރޭގެ ވަގުތެއްގައި، ބޮޑުވަޒީރު އޭރިއަލް ހެންރީ، އެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތުކުރެވޭ މީހާއާ އެކުގައި ފޯނުން މުއާމަލާތުތަކެއް ކޮށްފައިވާ ކަން ތަހުގީގަށް ސާބިތުވުމާ ގުޅިގެންނެވެ.

އޭގެ އިތުރުން، މައްސަލައިގެ ހެކިވެރިއެއްގެ ގޮތުގައި، ބޮޑުވަޒީރުގެ ބަޔާން ނަގަންޖެހޭނެތީ، އޭނާ ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށްދެއްވުމަށް ވެސް، ޕްރޮސެކިއުޓާ އެދިވަޑައިގެންނެވި އެވެ. ބޮޑުވަޒީރުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދިވަޑައިގެން ހުށަހެޅުއްވި ވަގުތީ އަމުރުގެ ލިޔުމުގައި، ޕްރޮސެކިއުޓާ ވިދާޅުވެފައިވަނީ، ރައީސް އަވަހާރަކޮށްލުމުގައި ބޮޑުވަޒީރު ބައިވެރިވިކަމަށް ބެލެވޭ ކިތަންމެ ސަބަބުތަކެއް އެބަހުރި ކަމަށާއި، އޭނާގެ މައްޗަށް ދައުވާކުރުމަށް އެދޭ ކަމަށެވެ.

ހައިޓީގެ ރައީސް މޮއިސް އަދި އަނބިކަނބަލުން މާޓީން. --ފޮޓޯ:އޭއެފްޕީ

ހައިޓީގެ ރައީސް މޮއިސް އަދި އަނބިކަނބަލުން މާޓީން. --ފޮޓޯ:އޭއެފްޕީ

ހައިޓީގެ ޕްރޮސެކިއުޓާ ޖެނެރަލް ބެޑް-ފޯޑް ކްލޯޑްގެ މި ތުހުމަތުތަކާ ގުޅޭ ގޮތުން، ބޮޑުވަޒީރު އޭރިއަލް ހެންރީ ވެސް އަދި އޭނާގެ އޮފީހުން ވެސް މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

ބޮޑުވަޒީރުގެ މައްޗަށް ދައުވާ އުފުލުމަށް، ޕްރޮސެކިއުޓާ މި އެދިވަޑައިގަތީ، އެ ބުނާ ފޯން ކޯލުގެ ތަފްސީލުތައް ދެއްވުމަށް، ޕްރޮސެކިއުޓާގެ އޮފީހަށް ހާޒިރުވުމަށް ބޮޑުވަޒީރަށް އެންގުމުން، އެކަމަށް ބޮޑުވަޒީރު އިންކާރު ކުރެއްވުމުންނެވެ.

ފޯން ކޯލުގެ ތަފްސީލުތައް ދެއްވުމަށް އެންގެވުމުން ބޮޑުވަޒީރު ވިދާޅުވެފައިވަނީ، ޕްރޮސެކިއުޓާ ޖެނެރަލް އުޅުއްވަނީ މައްސަލައިގެ ތަހުގީގުގެ މިސްރާބު ބަދަލުކޮށްލަން ކަމަށެވެ. އަދި މިއީ އިންސާފު ގާއިމު ކުރިޔަ ނުދީ އޮޅުންބޮޅުންތަކެއް އުފައްދަން ކުރާ މަސައްކަތެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

ރައީސް އަވަހާރަކޮށްލި ހާދިސާގައި ބޮޑުވަޒީރުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، މަގާމުން އިސްތިއުފާ ދެއްވައި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ހާޒިރުވުމަށް، ހައިޓީގެ އޮފީސް އޮފް ސިޓިޒަން ޕްރޮޓެކްޝަންގެ ފަރާތުން، މިދިޔަ ހޯމަ ދުވަހު ވަނީ ރަސްމީކޮށް، ބޮޑުވަޒީރަށް އަންގައިފަ އެވެ. އޮފީސް އޮފް ސިޓިޒަން ޕްރޮޓެކްޝަން އަކީ އޮމްބަޑްސްމަން އޮފީސް ފަދަ އިދާރާއެކެވެ.

ރައީސް އަވަހާރަކޮށްލި އިރު ވަގުތީ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި އޭރިއަލް ހެންރީ، ރަސްމީ ގޮތުން ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރީ، ރައީސް އަވަހާރަކޮށްލި ހާދިސާ އަށް ދެ ހަފުތާ ވެސް ނުވަނީހެވެ. ރައީސް މޮއިސް އަވަހާރަކޮށްލީ، ވެރިރަށް ޕޯޓް އޯ ޕްރިންސްގައި ހުންނަ އޭނާގެ އަމިއްލަ ގެކޮޅުގައި، ނިދިކުރައްވާފައި އޮންނަވަނިކޮށް، ޖުލައި 6 ވަނަ ދުވަހުގެ ރޭ މެންދަމުން އަލިވި ފަހުން، ގޮތް ނޭނގޭ ބަޔަކު ހަތިޔާރާއެކު އެ ގެއަށް ވަދެގަނެ، ދިން ބަޑީގެ ހަމަލާތަކެއްގަ އެވެ.

މި ހަމަލާގައި ރައީސް މޮއިސް އަވަހާރަވި އިރު، އަނބިކަނބަލުން މާޓީން ވަނީ ގިނަ ޒަހަމްތަކަކާ އެކު ފުރާނަ ސަލާމަތްވެފަ އެވެ.