Roadha Mihaaru
"ފުޓްބޯޅައިގެ ހަމަތައް ސާފްގައި ދަމަހައްޓަން ޖެހޭ"

ފުޓްބޯޅައިގެ ރީތި ހަމަތައް ސާފް ޗެމްޕިއަންޝިޕްގައި ދަމަހައްޓަން ޖެހޭ: ސްޓިމަކް

09 އޮކްޓޯބަރ 2021

ސާފް ޗެމްޕިއަންޝިޕް ވާން ޖެހޭނީ ފުޓްބޯޅައިގެ ރީތި ހަމަތައް ދަމަހައްޓަން ޖެހޭނެ މުބާރާތަކަށް ކަމަށް އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސާފް ޗެމްޕިއަންޝިޕް ވާން ޖެހޭނީ ފުޓްބޯޅައިގެ ރީތި ހަމަތައް ދަމަހައްޓަން ޖެހޭނެ މުބާރާތަކަށް ކަމަށް އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބުނެފި އެވެ.

ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ރޭ، ނޭޕާލާ ދެކޮޅަށް އިންޑިއާ ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ސްޓިމަކް ބުނީ ނޭޕާލްގެ ވިސްނުން ކޮންމެ ގޮތަކަށް ވެސް ހުރެދާނެ ކަމަށެވެ. އެންމެ ފަހުން އިންޑިއާ ކުޅުނު މެޗުގައި ލަންކާ އަތުން އެއްވަރުވީ ލަނޑެއް ނުޖެހި އެވެ. އެ މެޗުގައި ލަންކާއިން ގެންގުޅުނީ ޑިފެންސިވް ވިސްނުމެކެވެ.

އޭނާ ބުނީ ލަންކާއިން މެޗުގައި ވަގުތު ބޭކާރު ކުރުމުގެ ގޮތުން ހޭދަކުރި ވަގުތުތައް އެއްކޮށްލުމުން ޖުމުލަ 27 މިނެޓް ބޭކާރު ވެގެންދިޔަ ކަމަށެވެ.

"މިއީ ދެރަ ވަރު. މިކަހަލަ މުބާރާތްތައް ވާން ޖެހޭނެ ފުޓްބޯޅައިގެ ރީތި ހަމަތައް ޕްރޮމޯޓް ކުރާނެ މުބާރާތަކަށް. އަދި ރެފްރީން ވެސް ޖެހޭނެ އެކަހަލަ ހާލަތުގައި ފަރުވާތެރި ވާން."

މިދިޔަ މަހު އިންޑިއާއިން ވަނީ ނޭޕާލްއާ ދެކޮޅަށް ދެ މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗު އެއްވަރުވެ ދެ ވަނަ މެޗުން އިންޑިއާ ވަނީ މޮޅުވެފަ އެވެ. އޭނާ ބުނީ އިންޑިއާގައި ކުުޅެން ޖެހުމާއި ނޭޕާލްގައި ކުޅެން ޖެހުމުގައި ތަފާތުތަކެއް ހުންނަ ކަމަށެވެ. ދަނޑުގެ ވިނަ ގަނޑު އޮންނަ ގޮތުން އެންމެ އެކަށީގެންވާ ގޭމެއް ކުޅެން އުނދަގޫވި ކަމަށް ސްޓިމަކް ބުންޏެވެ.

އިންޑިއާގެ ކެޕްޓަން ލަންކާ މެޗުގައި ދަނޑު މަތީގައި މަޑުކޮށްލައިގެން --- ފޮޓޯ: ނިޝާން އަލީ | މިހާރު

އިންޑިއާގެ ކެޕްޓަން ލަންކާ މެޗުގައި ދަނޑު މަތީގައި މަޑުކޮށްލައިގެން --- ފޮޓޯ: ނިޝާން އަލީ | މިހާރު

"އަހަރެމެން ނޭޕާލްގައި އެއްވަރުވުމުން މި މުބާރާތުގައި އަހަރެމެންނަށް މޮޅު ވެވޭނެ. ހާސް ވާން ޖެހޭ އެއްވެސް ކަމެއް ނެތް. އަހަރެމެން ޖެހޭނީ މެޗުގައި ބުރަކޮށް މަސައްކަތް ކުރަން އަދި ޑިސިޕްލިންއާ އެކު މަސައްކަތް ކުރަން. އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުނީމަ އަހަރެމެންނަށް ޕޮއިންޓް ގެއްލުނީ."

ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީގެ މޫނު މަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް ފެނުނެވެ. ފުރަތަމަ ހާފުގައި އޭނާ އަށް އެކަށީގެންވާ ބޯޅަތަކެއް ނުލިބުނެވެ. ސްޓިމަކް ބުނިގޮތުގައި ފޯވަޑަކަށް ބޯޅަ ނުލިބޭ ކަމަށްވާނަ މާޔޫސް ވުމަކީ ވެދާނެ ކަމެކެވެ. އެކަމަކު ޗެތުރީގެ މޫނު މަތިން ހިތްހަމަނުޖެހުން ފެނުނީ ޓީމަށް މޮޅު ނުވެވުމުން ކަމަށް ސްޓިމަކް ބުންޏެވެ.

ފަސް ޓީމު ވާދަކުރާ މުބާރާތުގައި އިންޑިއާ އޮތީ ތާވަލުގެ ހަތަރު ވަނައިގަ އެވެ. އެކަމަކު ސްޓިމަކް ބުނީ މުބާރާތަށް އިންޑިއާ އައި މަގްސަދު ބަދަލު ނުވާކަމަށާއި ފުރުސަތު ވެސް ތަނވަސްކަމާ އެކު ހުޅިވިފައި އެބައޮތް ކަމަށެވެ.

"އަހަރެމެން މިތަނަށް އައީ ހަ ޕޮއިންޓްތޯ ނުވަތަ ނުވަ ޕޮއިންޓްތޯ ބަލާކަށް ނޫން. އަހަރެމެން މިތަނަށް އައީ މުބާރާތް ކާމިޔާބު ކުރަން. ހަ ޕޮއިންޓް ހޯދައިގެން ވެސް އަހަރެމެންނަށް ފައިނަލަށް ދެވިދާނެ. އެކަމަކު ހުރިހާ ކަމެއް ހިސާބު ނަންބަރުން ބަލަން ނޫޅޭ. އަހަރެމެން ޖެހޭނެ އެކަމަށް ހައްގު މަސައްކަތް ކުރަން،" ސްޓިމަކް ބުންޏެވެ.