Roadha Mihaaru
ލަންކާ ބަލިކޮށް ރާއްޖެ ފައިނަލުގެ އުއްމީދު ބޮޑުކޮށްފި

ދަގަނޑޭގެ ލަނޑުން ލަންކާ ބަލިކޮށް ރާއްޖެ ފައިނަލުގެ އުއްމީދު ބޮޑުކޮށްފި

10 އޮކްޓޯބަރ 2021

އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) މެޗުގެ ހަ ވަނަ މިނިޓުގައި ޖެހި ހަމައެކަނި ލަނޑުން ލަންކާ ބަލިކޮށް އުރޫދީ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގެ އުއްމީދު ރާއްޖެ އިން މިއަދު ބޮޑުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) މެޗުގެ ހަ ވަނަ މިނިޓުގައި ޖެހި ހަމައެކަނި ލަނޑުން ލަންކާ ބަލިކޮށް އުރޫދީ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގެ އުއްމީދު ރާއްޖެ އިން މިއަދު ބޮޑުކޮށްފި އެވެ.

ދެ މެޗުން މޮޅުވެ ރާއްޖެ ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ. ތިން މެޗުން ވަނީ ތިން ލަނޑު ޖަހައިފަ އެވެ. ރާއްޖެ ކޮޅަށް ވަދެފައި ވަނީ ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވި ލަނޑު އެކަންޏެވެ. ރާއްޖެ އާއި ނޭޕާލަށް ވެސް ހަ ޕޮއިންޓް ލިބިފައިވާ އިރު އަދި ދެ ޓީމަށް ވެސް ފައިދާ ދެ ގޯލެވެ. ނޭޕާލް ކޮޅަށް ދެ ލަނޑު ވަދެފައިވާއިރު ރާއްޖެ ކޮޅަށް ވަދެފައި ވަނީ އެއް ލަނޑެވެ. ނޭޕާލް އަށް އެއް ވަނަ ލިބިފައި ވަނީ ހެޑް-ޓު-ހެޑަށް ބަލާއިރު ރާއްޖެ އަތުން މޮޅުވެފައިވާތީ އެވެ. އިންޑިއާއާ ދެކޮޅަށް ނޭޕާލް މިރޭ ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އެ ޓީމު ފައިނަލަށް ދާނެ އެވެ.

ރާއްޖޭގެ ކޯޗު އަލީ ސުޒޭން މި މެޗަށް ނެރުނު ފުރަތަމަ އެގާރާއިން ވަނީ ބަންގްލަދޭޝް މެޗުގައި ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރުވި އިބްރާހިމް އައިސަމް (ޓޯނީ) އަށް ޖާގަ ދީފަ އެވެ. މިއާއެކު ލަންކާ އަދި އިންޑިއާ ބައްދަލުކުރި މެޗުގައި ސަސްޕެންޝަނުގައި ހުރި ލަންކާގެ ޒުވާން ޑިފެންޑަރު ޗާމޮދް ދިލްޝާން ވެސް ވަނީ އެނބުރި އައިސް ފުރަތަމަ އެގާރައިގައި ހިމެނިގެން މިއަދުގެ މެޗު ކުޅެފަ އެވެ.

މެޗު ފަށައިގެން ފަސްވަނަ މިނިޓުގައި ލަންކާއިން ވަނީ ލިބުނު ހިލޭ ޖެހުމެއްގެ ބޭނުން ހިފައި ގޯލެއް ޖަހައިފަ އެވެ. ޑިލޮން ޑި ސިލްވާ ނަގައިދިން ބޯޅަ ލަންކާގެ ޗާލަނަ ޗަމީރާ ގޯލަށް ފޮނުވާލި ނަމަވެސް ލައިންސްމަން ވަނީ އޮފްސައިޑްކަމަށް ދިދަ ނަގައިފަ އެވެ. އޭގެ މިނިޓެއް ފަހުން ރާއްޖެއިން ލީޑު ނެގީ، ވާތް ފަޅިން ކުޅޭ ފުލްބެކް ހައިޝަމް ހަސަން (ބިޑި) ނަގައިދިން ހުރަހެއް އޭރިއާ ތެރޭގައި ހުރި އަލީ އަޝްފާގު (ދަގަނޑޭ) ބޮލުން ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ.

ގައުމީ ކޯޗް އަލީ ސުޒޭން އާއި ޓީމުގެ ކުޅުންތެރިން މެޗަށް ނުކުތުމުގެ ކުރިން

ގައުމީ ކޯޗް އަލީ ސުޒޭން އާއި ޓީމުގެ ކުޅުންތެރިން މެޗަށް ނުކުތުމުގެ ކުރިން

ރާއްޖޭން ލީޑު ނެގިތާ ހަތް މިނިޓް ފަހުން ވަނީ އިތުރު ލަނޑެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. ކޯނަރަކުން ބޯޅަ ނެގުމުގެ ބަދަލުގައި އަލީ ފާސިރު (ސެންޓޭ) ކައިރީގައި ހުރި ހަމްޒާ މުހައްމަދު (ހަމްޕު) އަށް ބޯޅަ ޖައްސާލުމުން ހަމްޕު އަނބުރާ ސެންޓޭއަށް ބޯޅަ ދިނުމާއެކު އޭނާ އޭރިއާ ތެރެއަށް ވަދެ ފޮނުވާލު ބޯޅަ ބޭރުވީ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފަ އެވެ.

ފުރަތަމަ ހާފުގެ މެދަކާ ހިސާބުން ރާއްޖޭގެ ޓީމަށް ވަނީ ގޯލް ކީޕަރު މުހައްމަދު ފައިސަލްގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހިފަ އެވެ. ފައިސަލްގެ ބަދަލުގައި އެރީ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ. މިއީ ގައުމީ ޖޯޒީގައި ޝަފީއުގެ ފުރަތަމަ ރަސްމީ ފެނިލުމެވެ.

މި ބަދަލަށް ފަހު ލަންކާ ވަނީ ކުރިޔަށް ޖެހިގެން ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފަ އެވެ. ރަނގަޅު ދެ ހަމަލާއެއް ފޮނުވާލި ނަމަވެސް އެއިން ހަމަލާއެއް ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ. ހާފު ނިމުމުގެ ކުރިން ރާއްޖެއަށް ލަނޑު ޖަހާނެ ފުރުސަތެއް ލިބުނު އިރު، ސެންޓޭ ފޮނުވާލި ބޯޅަ ދިފާއުކުރީ ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އެވެ.

ދެވަނަ ހާފު ފެށިގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭ ރާއްޖޭން ވަނީ ގާތްގާތުގައި ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާ ބޭރުން ހަމްޕު ފޮނުވާލި ބޯޅަ ގޯލު އަރިމަތީ ދަނޑި ކައިރިން ބޭރުވިއިރު އަރިމަތިން ހުސެއިން ނިހާން (ނިހާޓް) ހުރަސްކޮށްލި ބޯޅަ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ވެއްޓިގެންފައި ބޮލުން ފޮނުވާލި ބޯޅަ ދިފާއުކުރީ ކީޕަރު ސުޖަން އެވެ.

މި ހާފުގައި ލަންކާ ޓީމުން ގޯލު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ހޯދީ އެޓީމުގެ ކަވިންދު އިޝާން އެވެ. އޭރިއާ ތެރެއިން ރާއްޖެ ޓީމުގެ ހުސައިން ސިފާއު ޔޫސުފް (ކުރޯ) އާއި ސަމޫހް އަލީ ކައިރިން ދެމިގަނެ ފޮނުވާލި ބޯޅަ ގޯލު މަތިން ބޭރަށް ދިޔައިރު، ދެވަނަ ފުރުސަތެއްގައި ކުރޯ އާއި ސަމޫހް އަދި އަކުރަމް ކައިރިން ނައްޓާފައި ބޯޅަ ފޮނުވާލުމުގެ ކުރިން ކީޕަރު ޝަފީއު ވަނީ ދިފާއު ކޮށްފަ އެވެ. އަދި އެއަށް ފަހު ލަންކާގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި މުހައްމަދު އާކިބް އަށް ލިބުނު ބޯޅައެއް ހުސް ގޯލަކަށް ފޮނުވާލުމުގެ ކުރިން ހުރަސްއެޅީ ހައިޝަމް އެވެ.

ރާއްޖެ އަށް މި ހާފުގައި ލަނޑު ޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ މެޗުގެ 77 ވަނަ މިނިޓުގައި އަސަދުﷲ އަބްދުﷲ އަށެވެ. ނާއިޒް ހަސަން (ދާދު) ފަޅި ބަދަލުކޮށްލާފައި ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ދިން ބޯޅަ އޭރިއާ ތެރޭގައި ހުސްކޮށް ހުރި އަސަދުﷲ އަށް ހުރަސްކޮށްލި ނަމަވެސް އޭނާއަށް ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވިއެވެ. މި ތިން ކުޅުންތެރިން ވެސް ކުޅެން އެރީ ދެވަނަ ހާފުގައި މަހުދީ އާއި ހަމްޒާ އަދި އަޝްފާގުގެ ބަދަލުގަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށްވެފައި ވަނިކޮށް ޑަކްސަން ސެންޓޭއަށް ފައުލް ކޮށްގެން ލިބުނު ހިލޭ ޖެހުމަކުން ސެންޓޭ ވަނީ ލަންކާ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ނަމަވެސް ސެންޓޭ ފޮނުވާލި ހިލޭޖެހުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އަދި އެއަށް ފަހު ހަންނަ އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ބޭރުވީ ގޯލުގެ މަތިންނެވެ. މި މެޗަކީ ހަންނަ ގައުމީ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗެވެ.

ލަންކާއިން އެންމެ ފަހު ވަގުތުކޮޅު އެޓީމުގެ މުހައްމަދު ފަސަލް އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ވެސް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފަ އެވެ.

މިއީ ރާއްޖޭން ސާފް ޗެމްޕިއަންޝިޕުގައި ލަންކާއާ ވާދަކުރި އަށް މެޗުގެ ތެރެއިން ކާމިޔާބު ކުރި ހަ ވަނަ މެޗެވެ.

ރާއްޖެ މިވަނީ ދެ މެޗު ކުޅެގެން އެއްވަނައިގައި އޮތް ނޭޕާލާ އެއްވަރަށް ހަ ޕޮއިންޓް ހަމަކޮށްފަ އެވެ. ތިންވަނައިގައި ބަންގްލަދޭޝް އޮތީ ތިން މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު އެވެ. މުބާރާތުގައި ލަންކާ ކުޅެންޖެހޭ ހަތަރު މެޗު ނިމުނއިރު އެ ޓީމަށް ލިބިފައި ވަނީ އިންޑިއާއާ އެއްވަރުކޮށްގެން ލިބުނު ޕޮއިންޓް އެކަންޏެވެ. އެހެންވެ ލަންކާ މިހާރު ވަނީ މުބާރާތުން ކަޓައިފަ އެވެ.

ފަސް ޓީމު ވާދަކުރާ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެކެވެ. ލީގު ބުރުގެ ފަހު މެޗުގައި އަންނަ ބުދަ ދުވަހުގެ ރޭ ރާއްޖެ ބައްދަލުކުރާނީ އިންޑިއާ އާއެވެ.

މުބާރާތުގައި މިރޭ ނޭޕާލް އާއި އިންޑިއާ ބައްދަލުކުރާ މެޗު ފަށާނީ 9 ޖަހައިރެވެ.