Roadha Mihaaru
ފައިސާ ނުދެއްކުމުން 960 ގަޑިއިރުގެ ކޮމިއުނިޓީ ސާވިސް

ޗެކަށް ފައިސާ ނުދެއްކުމުން 960 ގަޑިއިރު މުޖްތަމައުއަށް ޚިދުމަތްކުރަން ޖެހިއްޖެ

14 އޮކްޓޯބަރ 2021

މީހަކަށް ދޫކުރި ޗެކެއް ބައުންސްވެ އަދި އެ ޗެކަށް ފައިސާ ނުދެއްކުމުން 960 ގަޑިއިރު މުޖްތަމައުއަށް ޚިދުމަތްކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީހަކަށް ދޫކުރި ޗެކެއް ބައުންސްވެ އަދި އެ ޗެކަށް ފައިސާ ނުދެއްކުމުން 960 ގަޑިއިރު މުޖްތަމައުއަށް ޚިދުމަތްކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ވިޔަފާރީގެ މުއާމަލާތަކާ ގުޅިގެން މީހަކަށް ދޫކުރި 180،000ރ. ގެ ޗެކް އެކައުންޓްގައި ފައިސާ ނެތުމުން އެ ޗެކަށް ފައިސާ ދޭން އެންގުމުން ގާނޫނުގައި ބުނާ ހަތް ދުވަހުގެ ތެރޭގައި ފައިސާ ދައްކާފައެއް ނުވެ އެވެ. އެހެންވެ، ޗެކް ދޫކުރި މީހާގެ މައްޗަށް ދައުލަތުން ކުރީ މަކަރާއި ހީލަތް ހެދުމުގެ ދައުވާ އެވެ.

އެ ދައުވާއަށް އެ މީހާ އިއުތިރާފްވެ، ވީހާ ވެސް ލުއި އަދަބެއް ދޭން އެދުނެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ގާނޫނުލް އުގޫބާތުގެ ދަށުން ޖަލަށްލުމުގެ ބަދަލުގައި މީހާއަށް އެހެން އަދަބުތަކެއް ދޭން ދައުލަތުން ދެކޮޅު ހަދާފައިނުވާ ކަމަށެވެ. އެހެންވެ، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ އަދަބަށް ގާނޫނުގައި އޮންނަ އެއް އަހަރާއި 12 ދުވަހުގެ ޖަލު އަދަބުގެ ތެރެއިން ހަ މަސް ދުވަހުގެ މުއްދަތު ޖޫރިމަނާގެ އަދަބަށް ބަދަލުކޮށް، 38،000ރ. އިން ޖޫރިމަނާކުރާ ކަމަށެވެ. އަދި ބާކީ ބައި މުޖްތަމައުއަށް ޚިދުމަތް ކުރުމުގެ ގޮތުން 960 ގަޑިއިރު މުޖްތަމުއަށް ޚިދުމަތް ކުރަން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ މުޖްތަމައުއަށް ޚިދުމަތް ކުރުވުމުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ އުސޫލުތައް ކަރެކްޝަނަލް ސާވިސް އިން މިހާތަނަށް ހަދާފައި ނުވިޔަސް، އެއީ ދައުވާލިބޭ މީހާއަށް ގާނޫނުގެ ދަށުން ލިބެންޖެހޭ ލުޔެއް ނުދެވޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި އުސޫލު ހެދިފައި ނުވިޔަސް، ކަރެކްޝަންސްއަށް ގާތުން ބަލައި މޮނީޓާކުރެވޭނެ މަސައްކަތެއް އެ މީހާ ލައްވައި ކުރުވުމުން މުޖްތަމައުއަށް އަދަބު ތަންފީޒު ކުރެވުނީ ކަމަށް ބެލެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ ގޮތުން މުޖްތަމައުއަށް ޚިދުމަތް ކުރުވުމުގެ ގޮތުން ކުނި އުކުމާއި އާންމު ފާޚާނާތަކާއި އާއި މިސްކިތްތަކާއި އާންމު ތަންތަން ސާފުކުރުމުގެ މަސައްކަަތް ކުރެވޭނެ އެވެ. އެކަމަކު އެ އަދަބު ތަންފީޒު ކުރެވެނީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން އަދި ކަރެކްޝަންސް އިން ކަނޑައަޅާ އުސޫލެއްގެ ތެރެއިންނެވެ. އެކަމާބެހޭ ގަވާއިދުތައް ހަދަންޖެހޭ މުއްދަތު ހަމަވެފައި ވާއިރު، ކަރެކްޝަންސް އިން ވެސް އަދިވެސް އެ ގަވާއިދު ހަދާފައެއް ނުވެ އެވެ.

ކަރެކްޝަންސް އިން އުސޫލު ހަދާފައި ނުވިޔަސް، ކްރިމިނަލް ކޯޓުން މިހާރު ގެންދަނީ މުޖްތަމައުއަށް ޚިދުމަތް ކުރުމުގެ އަދަބު ކަނޑައަޅަމުންނެވެ.