Roadha Mihaaru
"ޒުވާނުން ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭ"

ޒުވާނުން ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭ: ރައީސް

23 އޮކްޓޯބަރ 2021

ގައުމު ބިނާކުރުމަށްޓަކައި ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ޒުވާނުން ހިފަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގައުމު ބިނާކުރުމަށްޓަކައި ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ޒުވާނުން ހިފަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ޒުވާނުންގެ ދުވަސް ފާހަގަކުރަން ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ލިބުނު އިގްތިސާދީ ގެއްލުންތަކުގެ އަރައިގަތުމަށްޓަކައި މަސައްކަތް ކުރަމުންދާއިރު އެއްވެސް މަސައްކަތެއް ނުކޮށް، ތިބި ޒުވާނުން ރާއްޖޭގައި އެބަތިބި ކަމަށެވެ. އަދި ޒުވާނުންނަކީ މާދަމާ ގައުމު ހިންގުމާ ހަވާލުވާން ތިބި ބަޔަކަށް ވާއިރު، އެ ޒިންމާ އަދާ ކުރެވޭ ފަދަ ބަޔަކަށް ވުމަށްޓަކައި ޒުވާނުން ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"ޒުވާނުންނަށް އަޅުގަނޑު އިލްތިމާސް ކުރާނީ ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް. ޒުވާނުން ވިސްނަންވީ ތިޔައީ މި ގައުމުގެ ހިންގުމާ މާދަމާ ހަވާލުވާން ތިބި މީހުންކަން. ރާއްޖެ ކުރިއަރުވައި، ތަރައްގީ ކުރުމުގެ ހުރިހާ ޒިންމާއަކާ މާދަމާ ހަވާލުވާން ތިބީ މިއަދުގެ ޒުވާނުން،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އެ ދުވަސް އަންނަން ވާއިރަށް ތިޔަ ޒުވާނުންނަކީ މި ދެންނެވި ގައުމީ މަސްއޫލިއްޔަތު އުފުލޭ ފަދަ ގާބިލް ބަޔަކަށް ހެދުމަށް."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖެ އަށް ޑިމޮކްރަސީ ގެންނަން ކުރި މަސައްކަތް ބުރަވެފައި ވަނީ ޒުވާނުންގެ ނިންމުންތަކުގެ މަައްޗަށް ކަމަށާއި އަދި ގައުމުގެ ތަރައްގީގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރަން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ވަޒީފާގެ ބާޒާރަށް ޒުވާނުން ނެރުމަށްޓަކައި ޚާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމުގެ އިތުރުން ގައުމީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރަން ވެސް ޚާއްސަ ޕްރޮގްރާމްތަކެއް ހިންގަމުންދާ ކަމަށް ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި މިރޭ ބޭއްވި ޒުވާނުންގެ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެ ޖަލްސާގައި ބައިވެރިވި ބައެއް އެހެން މީހުން.---ފޮޓޯ: ރައީސް އޮފީސް

ކުޅުދުއްފުށީގައި މިރޭ ބޭއްވި ޒުވާނުންގެ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެ ޖަލްސާގައި ބައިވެރިވި ބައެއް އެހެން މީހުން.---ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ހިލޭ ޑިގްރީ އަށް ކިޔަވައި ދޭން ފެށުމަކީ ވެސް އިލްމީ ޒުވާނުންތަކެއް ބިނާކޮށް، ގައުމުގެ ތަރައްގީގައިި ބައިވެރިވެވޭނެ ޒުވާނުން އުފެއްދުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ޒުވާނުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކުގެ ބޭނުން ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ގައުމު މިއަދު އެދި ގޮވަނީ ތިޔަ ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަމުން އަދި އުފެއްދުންތެރި ވިސްނުންތަކުން ގައުމަށް ކުރިއެރުން ހޯދައިިދިނުމަށް." އެ މަނިކުފާނު ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ޒުވާނުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ މަސްތުވާތަކެއްޗަށް ފަރުވާ ދޭ ނިޒާމު ހަރުދަނާކޮށް، ކޮންމެ ރަށަކުން ވެސް ފަރުވާ ލިބޭ އިންތިޒާމް ހަމަޖައްސަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުޅުދުއްފުށީގައި މިރޭ ބޭއްވި ޒުވާނުންގެ ދުވަހުގެ ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ރައީސް އޮފީސް

ކުޅުދުއްފުށީގައި މިރޭ ބޭއްވި ޒުވާނުންގެ ދުވަހުގެ ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ރައީސް އޮފީސް

"މުޖުތަމައުގައި ތިބެގެން ފަރުވާ ހޯދޭނެ ވަށާޖެހޭ ޕްރޮގްރާމްތަކެއް ވަރަށް އަވަހަށް ފެށުމަށް މި އަންނަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޒުވާނުންގެ ކުރިއެރުމަށް ގާނޫނީ ރައްކާތެރިކަން ދިނުމަށްޓަކައި ގާނޫނެއް ފާސް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މިހާރު ޑްރާފްޓްކޮށް ނިންމާފައިވާ އެ ބިލުގެ މަގްސަދަކީ އިސްލާމްދީނަށް ލޯބިކުރާ އަދި ދީނުގެ އަސާސްތަކަށް ހުރުމަތްތެރިކޮށް ހިތާ ޒުވާނުންތަކެއް ބިނާކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.