Roadha Mihaaru
"ބެޓް ގާލް" ގެ ވިލަންއަކަށް ފްރޭޒާ

"ބެޓް ގާލް" ގެ ވިލަންއަކަށް ފްރޭޒާ

27 އޮކްޓޯބަރ 2021

އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ލެޒްލީ ގްރޭސް "ބެޓްގާލް" ގެ ރޯލު ކުޅެން ހަމަޖެހިފައިވާ ފިލްމުގެ މައި ވިލަންގެ ރޯލަށް އެކްޓަރު ބްރެންޑަން ފްރޭޒާ ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ލެޒްލީ ގްރޭސް "ބެޓްގާލް" ގެ ރޯލު ކުޅެން ހަމަޖެހިފައިވާ ފިލްމުގެ މައި ވިލަންގެ ރޯލަށް އެކްޓަރު ބްރެންޑަން ފްރޭޒާ ސޮއިކޮށްފި އެވެ.

ވެރައިޓީން ބުނި ގޮތުގައި މިހާތަނަށް ކާމިޔާބު އެތައް ފިލްމެއްގައި މަސައްކަތްކޮށްފައިވާ 52 އަހަރުގެ އެކްޓަރު އެ ފިލްމަށް ސޮއިކުރުމަކީ އޭނާ މިހާތަނަށް ޑީސީ ޔުނިވާސްގެ ފިލްމެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. "ބެޓްގާލް" ގެ ވިލަންގެ ރޯލަށް ފްރޭޒާ ސޮއިކުރިޔަސް އެކަމާ ބެހޭ ގޮތުން އޭނާ އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ފްރޭޒާ އަކީ މަޝްހޫރު ޓްރިލޮޖީ "ދަ މަމީ" ގެ ބަތަލެވެ. މިހާތަނަށް އެތައް ކޮމެޑީއަކާއި ފެންޓަސީ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރުގެ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި "ޖޯޖް އޮފް ދަ ޖަންގަލް"، "ލޫނީ ޓޫންސް: ބެކް އިން އެކްޝަން"، "ޖާނީ ޓު ދަ ސެންޓަ އޮފް ދި އާތު" އަދި "ދި ކްއައިޓް އެމެރިކަން" ހިމެނެ އެވެ.

ފްރޭޒާގެ އެންމެ ފަހުގެ ފިލްމަކީ އެޗްބީއޯ މެކްސް އިން ޖުލައިގައި ގެނެސްދިން ޕީރިއަޑް ކްރައިމް ތުރިލާ "ނޯ ސަޑެން މޫވް" އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބިހައިންޑް ދަ ކާޓެއިން އޮފް ނައިޓް"، "ދަ ވޭލް"، "ކިލާޒް އޮފް ދަ ފްލާވާ މޫން" އަދި "ބްރަދާޒް" ހިމެނެ އެވެ.

"ބެޓްގާލް" ގެ ޝޫޓިން އަށް ތައްޔާރުވަމުން އަންނަ އިރު މި ފިލްމަކީ ކްރިސްޓީނާ ހޮޑްސަންގެ ސްކްރީން ޕްލޭއަކަށް އާދިލް އަލް އާބީ އާއި ބިލާލް ފައްލާ ޑައިރެކްޓްކުރާ ސުޕަހީރޯ ފިލްމެކެވެ. އެ ދެ މީހުން އެންމެ ފަހުން ގެނެސްދިނީ މިދިޔަ އަހަރު ރިލީޒްކުރި ވިލް ސުމިތާއި މާޓިން ލޯރެންސްގެ "ބޭޑް ބޯއިޒް ފޯ ލައިފް" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ބެޓްގާލް" އަންނަ އަހަރު ގެނެސް ދޭނީ އެޗްބީއޯ މެކްސްއިންނެވެ.