01 ނޮވެމްބަރ 2021
ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރީ، އެ ޚިދުމަތް ނުލިބޭތީ ކަމަށާއި އެކަމާ ގުޅިގެން އެ ކުންފުންޏަށް ދޭންޖެހޭ ބަދަލެއް ނޯންނާނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފިި އެވެ.
ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރީ، އެ ޚިދުމަތް ނުލިބޭތީ ކަމަށާއި އެކަމާ ގުޅިގެން އެ ކުންފުންޏަށް ދޭންޖެހޭ ބަދަލެއް ނޯންނާނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފިި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އުތުރު ޕްރޮޮވިންސްގައި ފެރީގެ ޚިދުމަތް ދޭން 2010 ވަނަ އަހަރު ދީބާޖާ އިންވެސްޓްމަންޓާއެކު ހެދި އެއްބަސްވުން 2013 ގައި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލައިގައި ބަދަލު ހޯދަން އެ ކުންފުނިން ދައުވާ ކުރުމުން 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ވަނީ ބާތިލްކުރި އެވެ. ހައި ކޯޓަށް މައްސަލަ ބަލައިގަތީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ 2019 ވަނަ އަހަރު ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރި އެވެ.
ސުުޕްރީމް ކޯޓުގެ އެ ނިންމުން މުރާޖައާ ކުރުމަށް ދައުލަތުން އެދުމުން، އެ ކޯޓުން މި އަހަރު ވަނީ އެ ކޯޓުގެ ކުރީގެ ނިންމުން ބާތިލްކޮށްފަ އެވެ. އަދި ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ދީބާޖާ އަށް އަލުން ސުޕްރީމް ކޯޓަށް ހުށަހެޅޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.
އެހެންވެ، ދީބާޖާ އިން ވަނީ އެ މައްސަލަ އަލުން އިސްތިއުނާފް ކުރުމުން، ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ފެރީގެ ޚިދުމަތް ނުލިބޭތީ ތަކުރާރުކޮށް ސަރުކާރަށް ޝަކުވާ ލިބެމުން ދިޔަ ކަމަށާއި އެކަން ދީބާޖާގެ ސަމާލު ކަމަށް ސަރުކާރުން ގެނެސްފައިވާނެ ކަމަށެވެ. އަދި ބައެއް ރަށްރަށުގައި ހަ މަހަށް ވުރެ ގިނަ ދުވަސް ވަންދެން ޚިދުމަތް މެދުކެނޑުނު ކަމަށާއި އެކަމާ ގުޅިގެން އެތައް ބައްދަލުވުންތަކެއް ދީބާޖާއާ އެކު ބާއްވައި، ޚިދުމަތް އަލުން ފަށަން ފުރުސަތު ދިން ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި، ދީބާޖާއާ އެކު އެއްބަސްވުން ހެދީ ފެރީގެ ނިޒާމެއް ގާއިމް ކުރަން ކަމަށް ވިޔަސް، އެ ކުންފުނިން އަމަލުކުރި ގޮތުން އެއްބަސްވުމުގެ މަގްސަދު ހާސިލެއް ނުވެ އެވެ. އަދި އެއްބަސްވުމުގެ މައިގަނޑު ކަމަކާ ޚިލާފުވާ ހާލަތުގައި އެއްބަސްވުން ބާތިލް ކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ، އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށާއި އެ ހާލަތުގައިި ދޭންޖެހޭ ބަދަލެއް ނޯންނާނެ ކަމަށް ދައުލަތުން ބުންޏެވެ.
މީގެ އިތުރުން ގާނޫނާ ޚިލާފަށް އެއްބަސްވުން ބާތިލް ކުރިޔަސް، ބަދަލު ނަގައި ދެވޭނީ ގެއްލުމެއް ލިބުނުކަން ސާބިތުކޮށް ދިނުމުން ކަމަށާއި އެކަން ސާބިތުވާ ހެކިތައް ނެތް ކަމަށް ދައުލަތުން ބުންޏެވެ. އަދި ސިވިލް ކޯޓުން ދީބާޖާ އަށް ބަދަލު ނަގައި ދިނުމުގައި 50 އަހަރުގެ މުއްދަތަށް ހިސާބު ކުރިއިރު، އެއްބަސްވުމުގައި ހޭދަވި މުއްދަތު ވެސް އުނިކޮށްފައި ނުވާ ކަމަށާއި އެހެންވެ، ދީބާޖާ އަށް ބަދަލު ދޭން ނުޖެހޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމް ދަމަހައްޓައި ދޭން ދައުލަތުން އެދުނެވެ.
ޖަވާބުގައި ދީބާޖާގެ ވަކީލު މުހައްމަދު ހަލީމް ވިދާޅުވީ، ފެރީގެ ޚިދުމަތް މެދުކެނޑުނީ ބ. ތުޅާދޫގައި އެކަނި ކަމަށާއި އެއްބަސްވުން އޮތްގޮތުން އެއްބަސްވުން ބާތިލް ކުރެވޭނީ ބޮޑު ބަޔަކުން ޚިދުމަތް ކެނޑޭ ހާލަތުގައި އެކަނި ކަމަށެވެ. އަދި ކަނޑު ދަތުރުފަތުރުގައި ޚިދުމަތް މެދުކެނޑުމަކީ އާންމު ކަމެއް ކަމަށާއި އެގޮތުން ސަރުކާރު ހިއްސާވާ އެމްޓީސީސީން ދޭ ފެރީގެ ޚިދުމަތް ވެސް އެކި ސަބަބުތަކާ ހެދި މެދުކެނޑޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވިގޮތުގައި އެއްބަސްވުމުގެ ދަށުން ފެރީ ޓާމިނަލް އެޅުމަށް ސަރުކާރުން ދޭންޖެހޭ ބިންތައް ހަވާލެއް ނުކުރެ އެވެ. އަދި އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ހައްލުކުރަން ދައުލަތުން އުފައްދަންޖެހޭ ރިވިއު ކޮމެޓީ ވެސް އުފައްދާފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދީބާޖާ އަށް ބަދަލު ދޭން ކުރި ހުކުމަކީ ބަދަލު ނަގައި ދިނުމުގައި ރާއްޖޭގައި ފާހަގަ ކޮށްލެވޭ މައްސަލައެއް ކަމަށާއި އެކަމަކު ހައި ކޯޓުން މައްސަލަ ނިންމީ އެއްބަސްވުމުގައި ނެތް ވާހަކަތަކަކަށް ބިނާކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ. އެ އަޑުއެހުމުގައި ފަނޑިޔާރުންގެ ސުވާލުތަކަށް ދެ ފަރާތަށް އަމާޒުކުރުން ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދުު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަލީ ރަޝީދެވެ.
ދީބާޖާ އަށް ބަދަލު ދޭން 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ހުކުމް ކުރުމުން އެ ކުންފުންޏާއެކު ސަރުކާރުން ކޯޓުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ އަދަދު 174 މިލިއަން ރުފިޔާއަށް ކުޑަކުރަން ނިންމި އެވެ. އެކަމަކު ސަރުކާރުން ފަހުން ނިންމީ ސުޕްރީމް ކޯޓުގެ ހުކުމް މުރާޖައާ ކުރަން އެ ކޯޓަށް ހުށަހެޅުމަށެވެ.
ދީބާޖާ އެއްބަސްވުން ބާތިލްކުރުން ގޯސް، ބަދަލު ހައްގު
ދީބާޖާއަށް ބަދަލު ދިނުމުގެ މައްސަލާގެ ހުކުމް މާދަމާ
ދީބާޖާގެ ފެށުމާއި ނިމުން: ހުސް ސުވާލު!
ދީބާޖާގެ މައްސަލަ ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް
ދީބާޖާގެ މައްސަލަ: ދައުލަތުން އުޅެނީ ކަންކަން ފޮރުވަން
ދީބާޖާ މައްސަލަ ސުޕްރީމް ކޯޓުން އަނެއްކާވެސް ފަށަނީ
ދީބާޖާގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
ދީބާޖާ އަށް ބަދަލު ދޭ ހުކުމް ބާތިލްކޮށްފި
ދީބާޖާގެ ބަދަލާ ބެހޭ އެއްބަސްވުމެއް ނޯންނާނެ: ދައުލަތް
ދީބާޖާ މައްސަލަ ސުޕްރީމްކޯޓަށް ބަލައިގަތުމުގެ ހުއްދަދީފި