Roadha Mihaaru
ވީއައިޕީ ލައުންޖަށް ތިން އަހަރުގެ ތެރޭގައި 3 މިލިއަން

މެންބަރުން ވީއައިޕީ ލައުންޖު ބޭނުންކުރުމަށް ތިން އަހަރުގެ ތެރޭގައި ތިން މިލިއަން ރުފިޔާ ހޭދަކޮށްފި

08 ނޮވެމްބަރ 2021

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ވީއައިޕީ ލައުންޖު ބޭނުން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިދިޔަ ތިން އަހަރުގެ ތެރޭގައި 3.6 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ވީއައިޕީ ލައުންޖު ބޭނުން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިދިޔަ ތިން އަހަރުގެ ތެރޭގައި 3.6 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން، ފާއިތުވި ތިން އަހަރު މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ އާއިލާ އަދި ރައްޓެހިން ވީއައިޕީ ލައުންޖް ބޭނުން ކުރެއްވުމަށް ދައުލަތުން ހަރަދު ކުރި ގޮތުގެ ތަފުސީލު ހޯދުމަށް އަމިއްލަ ފަރާތަކުން ހުށަހަަޅެމުން، މަޖިލީހުގެ އިދާރާ އިން ދިން މައުލޫމާތުތަކަށް ބަލާއިރު، މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންނަށް 2018 ގައި 121،080 ޑޮލަރު (1،870،686ރ.) ހަރަދުކޮށްފައި ވެ އެވެ. އަދި 2019 ގައި 89،100 ޑޮލަރު (1،376،595ރ.) 2020 ގައި 28،740 ޑޮލަރު (444،033ރ.) މެމްބަރުންނަށް ހޭދަކުރި ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެ އެވެ.

ސަރުކާރުން އެކި ބޭނުންތަކަށް ހޭދަކުރާ ފައިސާގެ އަދަދުތަކާއި އެހެނިހެން މައުލޫމާތުތައް ގާނޫނުގެ ތެރެއިން މީގެ ކުރިން ވެސް ހޯދާފައިވާ އައިމަން ލަތީފުގެ ސުވާލުތަކާ ގުޅިގެން މަޖިލީހުގެ އިދާރާ އިން ބުނީ، މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވާފައިވާ ބޭފުޅުން ވީއައިޕީ ލައުންޖު ބޭނުންކުރެއްވުމަށް މަޖިލީހުގެ އިދާރާ އިން އެއްވެސް ހަރަދެއް ނުކުރާ ކަމަށެވެ.

އައިމަން ވަނީ އޭނާ އަށް މަޖިލީހުގެ އިދާރާ އިން ދިން މައުލޫމާތުތައް ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ.

ވީއައިޕީ ލައުންޖު ބޭނުންކުރުމަށް މެމްބަރުންނަށް ހަރަދުކުރި ގޮތް:

ވީއައިޕީ ލައުންޖު ބޭނުންކުރުމަށް ހަރަދުކުރި ގޮތުގެ ތަފްސީލު

ވީއައިޕީ ލައުންޖު ބޭނުންކުރުމަށް ހަރަދުކުރި ގޮތުގެ ތަފްސީލު

މަޖިލީހުގެ މެމްބަރުން ވީއައިޕީ ލައުންޖު ބޭނުންކުރައްވަން ސަރުކާރުން ހޭދަކުރި އަދަދުތައް މަޖިލީހުގެ އިދާރާ އިން މި ދިނީ، މެމްބަރުންނާ އެކު ދަތުރުކުރާ ރައްޓެހިންގެ ވީއައިޕީ ހިދުމަތަށް ވެސް މަޖިލީހުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް މިދިޔަ ސެޕްޓެމްބަރު މަހު މަޖިލީހުގެ އާއްމު ކޮމިޓީން ނިންމުމުން އާއްމުންގެ ފާޑުކިއުން ބޮޑުވެފައި ވަނިކޮށެވެ. ނަމަވެސް އެކަން ތަންފީޒުކުރަން މަޖިލީހުގެ ރިޔާސަތުން ވެސް ދެކޮޅުހެދުމާއެކު، އެ ނިންމުން މުރާޖައާ ކުރަން ނިންމި އެވެ.

އެއާއެކު 18 ވަނަ މަޖިލީހާއި 19 ވަނަ މަޖިލީހުގައި ވީއައިޕީން އެންމެ ގިނަ ދަތުރުކުރެއްވި މެމްބަރުންގެ މައުލޫމާތު ހޯދަމު މަޖިލީހުން ވަނީ ނިންމައިފަ އެވެ.

އެ މައްސަލައާ ގުޅިގެން ބައްދަލުވުމެއް ބޭއްވީ ރިޔާސަތުން ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެދިވަޑައިގެން ފޮނުއްވި ސިޓީގައި ވިދާޅުވީ މެމްބަރުންގެ ދަތުރުތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ ކޯޑަށް އިތުރު ބުރައެއްވާ ގޮތަށް ހުޅުވާލައިފި ނަމަ ހޭދަ އަންދާޒާ ކުރަން ވެސް ދަތި ކަމަށެވެ.

އޭގެ އަސަރު މެމްބަރުންގެ ރަސްމީ ދަތުރުތަކާއި ތަމްރީނުތަކަށް އަދި ކޮމިޓީތަކުގެ ދަތުރުތަކަށް ވެސް ކުރާނެ ކަމަށް އެ ސިޓީގައި ވެ އެވެ. މެމްބަރަކު އެދިވަޑައިގެންފި ނަމަ އަރިހުގައި ދަތުރުކުރާ މީހަކަށް 60 ޑޮލަރުގެ މަގުން ވީއައިޕީގެ ހިދުމަތް ހަމަޖައްސައި ދެމުން އަންނަ ކަން ސިޓީގައި ފާހަގަކޮށްފައިވެ އެވެ.