● 44 ވަނަބައި
● 44 ވަނަބައި
އެކަމަކު އެހުރިހާ ހުވަފެނެއް ވަނީ ބިލާހަކަށްވެ ވިއްސިވިހާލި ވެފައެވެ. އަދި ނުވިތާކަށް އަހަރެންގެ ހަޔާތުގެ ބައިވެރިއަކީ މިއުޒިކް އަކީ ހަރާމް އެއްޗެއްކަމަށް ދެކޭ މީހެކެވެ.
އިޝާންގެ ދިވެހިލަވަ އިތުރުވާން ފެށިއެވެ. އެއިން ލަވައެއް ފެންނަ ކޮންމެ ފަހަރަކު އަހަރެން މާޔޫސްވެއެވެ. ދެން ނުބަލާނަމޭވެސް ހިތަށް އަރައެވެ. އެހެންނަމަވެސް ކިރިޔާ އިޝާރާތެއްވިޔަސް އަހަންނަށް އާސިމާމެންގޭ ދޮރުމައްޗަށް ދެވެއެވެ. އޭނާގެ އަޑު އިވޭ ހިނދު ކަނުލާ އަޑުއަހަން ހުރެވެއެވެ. އެއަޑު ޖެހިލުމުންވެސް އަހަރެންގެ ހިތުގެ ވިންދު އަވަސްވެގަނެގެން ދެއެވެ. އެދުވަހެއްގެ ބާކީ ބައި އޭނާގެ ހަނދާނުގައި ހޭދަކުރެވެން ފެށިއެވެ.
"އޭނާ ފެނުނީމާ އަހަރެން ހަނދާންވަނީ މާޒީ.. ނޭނގެ ކީއްވެގެންކަމެއް!" އަހަރެން އާސިމާއަށް ކިޔައިދިނީމެވެ. އެދުވަހު އިޝާންގެ އަޑު އަހަން އިންދާ އަހަރެން ފެންކަޅީވީއެވެ. އެކަން އާސިމާއަށް ފާހަގަ ކުރެވިގެން ސުވާލުކުރީއެވެ. އަހަންނާއި އިޝާންއާއި އޮތް ލޯބީގެ ގުޅުން އާސިމާއަށް ސިފަކޮށްދިނީ އެއީ އަހަންނާއި ލަތީފުއާއި އޮތް ގުޅުންކަމަށް ހީވާ ގޮތަށެވެ. އޭގެ ފަހުން އަހަރެން 'އޭނާ' އޭ ބުނެ ވާހަކަ ދައްކާ ކޮންމެފަހަރަކު އެދައްކަނީ ލަތީފުގެ ވަހަކަކަމަށް އާސިމާ ގަބޫލު ކުރެވޭ ގޮތަށެވެ. އެހިސާބުން އަހަރެންގެ އޭނާ ދެކެ ވީ ލޯބީގެ ވާހަކަ ދޭތެރެ ދޭތެރެއިން އާސިމާ އާއި ހިއްސާ ކުރަންފެށީމެވެ. އެޔާއިއެކު އަނެއްކާވެސް އިޝާންގެ ޚިޔާލުތައް އަހަރެންގެ ސިކުނޑި ފުރާލިއެވެ. އޭނާ ދީފައިވާ ފިނިފެންމާ ތާޒާވެލާފައި އިންދާ ހުވަފެނުންވެސް ފެންނަން ފެށިއެވެ.
އަހަރެން މާޔޫސްވާން ފެށިއެވެ. ކުރިއެކޭވެސް އެއްގޮތަށް ވަގުތު ވަނީ ފާއިތުވެފައެވެ. އަހަރެންގެ ހަޔާތުގައި ހުރީ އެހެންމީހެކެވެ. އެއީ އަހަރެންގެ ދަރިފުޅު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ބައްޕާ އޭ ކިޔާފައި މުޙާތަބު ކުރާ މީހާއެވެ. އެއީވެސް އަހަރެން މިދިރިއުޅުމާއިގެން ކުރިއަށް ދާނެ އެއް ސަބަބެވެ. އަހަރެންގެ ހަޔާތަކުން އަދިވެސް އިޝާންއަކަށް ޖާގައެއް ނެތެވެ. އެހެންނަމަވެސް ކޮންމެވެސް ދުވަހަކުން އޭނާގެ ކުރިމައްޗަށް ދާނަމެވެ. އަހަރެން އައީ އޭނާއަށް ވަޢުދުވެފައި ކަން ހަނދާނެއް ނުނެތެއެވެ.
މިވަގުތަށް ޓީވީއިން ނަމަވެސް އޭނާ ހެޔޮހާލުގައި ހުއްޓާ ފެންނާތީ އަހަރެން ޝުކުރުވެރިވީމެވެ. އޭނާއަށް ޓަކައި އުފާވީމެވެ. މުޅިރާއްޖޭގެ އެންމެގެ ކުރިމަތީގައި މަގްބޫލު މީހަކަށް އޭނާ ވެގެން ދިޔުން އެއީ އަހަރެންވެސް އެދޭގޮތެވެ. އަހަރެން އޭނާއަށް ޓަކައި އަބަދުވެސް ހެޔޮދުޢާ ކުރަމެވެ. އަދި ސިއްރުސިއްރުން އެހެން ދުޢާ އެއްވެސް ކޮށްލެވެއެވެ. އެއީ ކޮންމެވެސް ދުވަހަކުން އޭނާގެ ކުރިމައްޗަށް ދެވޭނެގޮތް މިންވަރުކޮށްދެއްވުން އެދިއެވެ.
އަހަރެންގެ ގޭ މީހުންނާއި ދިމާނުވާތާ ތިންއަހަރުވެގެން ދިޔައީއެވެ. މަންމަދެރަވެގެން އެވާހަކަ ދައްކަން ފެށިއެވެ. ކުރީ އަހަރު ޗުއްޓީއަށް އެންމެން އެކީ ރަށަށް ދާން ރާވާފައި އޮއްވާ ދޮންބޭބެ ބަލިވެގެން އިންޑިޔާއަށް ދާން ޖެހުނީއެވެ. މަންމަމެން ދެކެން މާލެދާން އަހަރެން ޚިޔާލުކުރީމެވެ. އެކަމަކުވެސް ހަމަ ޖެހިލުންވެވެނީއެވެ. މާލެ ދާތަނުން އަހަރެންގެ މާޒީއާއި ދިމާވެދާނެތީ ބިރުގަންނަނީއެވެ. މިހާރުވެސް އިޝާން ޓީވީއިން ފެންނަވަރުން އަހަންނަށް އުނދަގޫވެއެވެ. އޭނާގެ ކުރިމައްޗަށް ގޮސް މާޒީ އާއި ކުރިމަތި ލާހާއި ހިތްވަރެއް އަދި އަހަރެންގެ ކިބައިގައި ހުރިކަމަކަށް އަހަންނަކަށް ގަބޫލެއްނުކުރެވެއެވެ.
އެންމެފަހުން އެއަހަރު ބޮޑު ޗުއްޓީއަށް ރަށަށްދާ ގޮތަށް ރޭވުނެވެ. އެކަމަކު އަހަންނަށް ކަނޑުމަގުން ދާން ނުކެރޭނެއެވެ. އެނަމާ ބޯޓުގެ ހިތާމަވެރި ހާދިސާ ހިގައި ދިޔަތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. އަނެއްކާވެސް އަހަރެން ކަނޑުމައްޗަށް އަރަން ޖެހިލުންވާން ފެށިއެވެ. އެންމެފަހުން އަހަރެން އިޒާން ގޮވައިގެން މަތިން ދާން ނިންމީމެވެ. މާލެ ނުގޮސް ސީދާ އެއަރޕޯރޓުން އައްޑޫ ފުލައިޓަށް އަރާގޮތަށެވެ. ހުސޭނު ނިންމީ ތަންކޮޅެއް ފަހުން ކަނޑުމަގުން އެރަށަށް އަންނާށެވެ.
ފުރާދުވަސް ކައިރިވީވަރަކަށް އަހަރެންގެ ހިތްއަވަސް ވާންފެށިއެވެ. މަތިންދާ ބޯޓުގައި އަހަންނަށް ކުރެވުނު ދަތުރު ތަކަކީ މުޅިންވެސް ހިތްދަތިކަން މަތީ ކުރެވިފައިވާ ދަތުރު ތަކެކެވެ. ފުލައިޓަށް އަރާއިރަށް އެހަނދާންތައް ތިލަވެދާނެތީ ޖެހިލުންވަނީއެވެ. އަހަންނާއިއެކު ހުސޭނު ވެސް އައިނަމައޭ ހިތަށް އެރިއެވެ.
އަލަށް މަތިންދާބޯޓަށް އެރޭތީ އިޒާން ހުރީ ވަރަށް އުފާވެފައެވެ. އެކަމަކު ފުލައިޓަށް އަރާފައި އޭނާ ކުޑަކޮށް ޖެހިލުންވިއެވެ. ކުޑަ ދޮރުކައިރީ އިންނާކަށްވެސް ބޭނުމެއްނުވިއެވެ. ފުލައިޓު މައްޗަށް އަރަމުން ދިޔަވަގުތު އަހަންނަށް ކުޑަ ދޮރުން ބޭރު ބަލާލެވުނެވެ. ގަދަ ނޫކުލައިގެ ކަނޑު ފެނުނު ހިނދު ލަތީފު މަތިން ހިތަށް އެރިއެވެ. އޭނާ މަރާ ހަނގުރާމަ ކުރީ ކަނޑު ތެރޭގައޭ ހިތަށް ވަނެވެ. ކުއްލިއަކަށް އަހަރެން ހާސްވާން ފެށިއެވެ. އަހަންނަށް މިއުޅެނީ ޕެނިކް އެޓެކެއް ޖެހެން ހެއްޔެވެ؟ އަހަރެން ކަންބޮޑުވިއެވެ. އަހަރެން ލޯ މަރައިގެން އިނިދެ ފުންކޮށް ނޭވާލާންފެށީމެވެ.
"މަންމާ ނިދަނީތަ؟" އިޒާން ކޮއްޓާލުމުން އަހަރެން ސިއްސައިގެން ދިޔައެވެ. އޭނާ ބޭނުންވީ އޭނާގެ ކުލަ ޖައްސާ ފޮތެވެ. އަހަރެން އެފޮތް ނަގައިދީފައި އޭނާ އާއި އެކީގައި ކުރަހާ ކުލަޖެއްސުމުގައި ވަގުތު ހޭދަކުރަން ފެށުމުން އަހަރެންގެ ސިކުނޑިއަށް ލުއިވެގެން ދިޔައެވެ.
ހުޅުލޭ އެއާ ޕޯޓަށް ފައިބާފަ އަހަރެން ކަންބޮޑުވިއެވެ. ވަށައިގެންވާ މީހުންނަށް ވަކިވަކިން ބެލެން ފެށިއެވެ. މާގިނަ އިރުތަކެއް ނުވަނީސް އަހަރެންގެ ލޯބިވާ އާއިލާ މީހުން އެތާ އެތެރެއިން ފެނުނެވެ. އެމީހުންނާއި ކައިރިވުމުން އިޒާން ލަދުން އަހަރެންގެ ފުރަގަހަށް ވަނެވެ.
"މަންމާ!" އެމީހުން ފެނުމުން ލިބުނު އުފަލެއް ބުނެދޭން ވެސް ނޭނގެއެވެ.
"ދަރިފުޅާ ކިހިނެއް ތިހިރީ؟" މަންމަގެ ހިނިތުންވުމަށް ވުރެ ކަންބޮޑުވުން އިސްވިއެވެ.
މަންމަ އަހަންނާއި އެގޮތަށް އެމުޚާތަބު ކުރީ އަހަރެން ލާފައި ހުރި ހެދުމުންކަން ވިސްނުނީ ދޮންބެދައްތަ އެރަށު މީހުން ލަނީ ކަޅު ހެދުންހޭ ސުވާލު ކުރުމުންނެވެ.
"ނޫން.. މިއީ އެހެންލާ އެއްޗެއް ނޫން!...މިއީ ތަންތަނަށް ދާއިރު ޖެކެޓެއް ހެން ލާން ގެންގުޅޭ އެއްޗެއް!" އަހަރެން އެބައަންނަމޭ ކިޔާފައި، ފާޙާނާއާއި ދިމާލަށް ހިގައިގަތީމެވެ.
އެތަނަށް ވަދެ މޫނު ދޮންނައިސްކުރާއި ދިމާލުގައި ހުރި ލޯގަނޑާއި ކައިރިއަށް ހުއްޓުނު އިރު މާނޭވާލެވެއެވެ. އަހަރެންގެ މީހުން އަހަރެން އުޅޭތަނަށް ގެންނަން ޖެހިލުންވި މައިގަނޑު ސަބަބަކީ އެއީއެވެ. އެމީހުން ލާމު އަތޮޅަށް އަންނަން އުޅުމުން އަހަރެން ކިތައްފަހަރު ކިތައް ބަހަނާ ދެއްކިން ހެއްޔެވެ؟ ކަޅުހެދުން އެޅުވުމުގެ އިތުރުން މިއުޒިކާއި ލަވަ އަޑު އެހުމުން އަހަރެން މަހުރޫމް ކުރުވިކަން އެނގިއްޖިއްޔާ ހުސޭނުއާއިމެދު އެމީހުން ދެކޭގޮތް މުޅިން ބަދަލުވެގެން ދާނެކަން ހަމަ ޔަގީނެވެ.
އަހަރެން އެތަނުން ނުކުތީ ކަޅު ހެދުން ބާލައިގެންނެވެ. އޭގެ އަޑިން ލައިގެން އައި އާދައިގެ ހަރުވާޅު ހެދުމުގައެވެ.
"މިހާރު ރަނގަޅުތަ؟" އަހަރެން ގޮސް މަންމަމެންގެ ކައިރިއަށް ހުއްޓުނީމެވެ. އޭރު އައްޑޫ ފުލައިޓަށް އަރަން ގޮވަން ފަށައިފިއެވެ.
އެދަތުރު ވެގެންދިޔައީ ވަރަށް ގިނަ ޒަމާނަށްފަހު އަހަރެންގެ ލޯބިވާ އެންމެންނާއި އެއްފުރާޅެއްގެ ދަށުން ދިމާވި ފަހަރަށެވެ. އިވާންކޮއްކޮ އާއި އިޒަން އަދި ދޮންބޭބެގެ އަޒުމާ އާއި ތިންކުދިން ވެގެން މުޅި ގޭތެރޭގައި ދުވެ ސަކަރާތް ޖަހާއިރު ހީވަނީ ގެ ވައްޓާލަފާނެ ހެންނެވެ. އާއިލާމީހުންގެ އިތުރުން ރަށުގެ އެކުވެރިންނާއިވެސް ދިމާވެ އެންމެން އެއްވެ ވާހަކަ ދައްކާ މަޖާކޮށްލާ އުޅެން ފުރުސަތު ލިބުނެވެ. ކޮންމެ މީހަކުވެސް އަހަރެން ކިހިނެއްތޯ ސުވާލުކުރެއެވެ. އަދި ހުސޭނު ރަނގަޅުތޯ އާއި އެރަށާއި ބެހޭގޮތުން ސުވާލުކުރެއެވެ. އަހަރެން އާނ އެކޭ ބުނެޖަވާބު ދެނީ ހަމަ އުފަލުންނެވެ.
އޭރު މޫމިނާ އޭނާގެ ދެވަނަ ދަރިފުޅަށް ބަނޑުބޮޑެވެ. އަހަރެން ދެންކުއްޖަކު ނުހޯދަނީ ތޯ އޭނާ ސުވާލުކުރިއެވެ.
"ނޫނޭ އަދި އިރާދަކުރެއްވިއްޔާ އަންހެން ދަރިއެއް ހޯދާނަން!" އަހަރެން ބުނެލީމެވެ. "އެކަމަކު އިޒާން ތަންކޮޅެއް ކުޑަވީމާ.. އެހެންނޫނަސް އެނގޭނު އަހަންނަށް އެހާ ފަސޭހަ ކަމެއް ނޫންކަން ތިއީ!" ހުސޭނުއަށް ކުއްޖަކު ނުލިބިގެން ކުރާ ޝަކުވާ ވެސް ކިޔައިދިނީމެވެ. އެޔާއިއެކު ހުސޭނު އައުމުން ދެމީހުން އެކީގައި ޑޮކްޓަރަށް ދައްކަންދާން މޫމިނާ ޚިޔާލު ދިނެވެ. މޫމިނާމެންގޭ ޓީވީ ރެކްމަތީގައި ހުރި ސީޑީ ތަކަށް ލޯ ހިންގާލި ވަގުތު ފިލްމު "ހިނިތުން" ގެ ސީޑީ އަހަންނަށް ފެނުނެވެ. އަހަންނަށް އެ ސީޑީ ނެގުނީމެވެ. އޭގެ ބޭރުގައި ވާ އިޝާންގެ ފޮޓޮއަށް ބަލާލީމެވެ. "ތިއީ ވަރަށް ރީތި ލަވަ ކިޔާ މީހެއް! މަޖްދީ ބުނާނެ ވަރަށް އަސަރާއި އެކުއޭ އޭނާ ކޮންމެލަވައެއްވެސް ކިޔަނީ!" މޫމިނާ ކިޔައިދިނެވެ. އޭރު އަހަރެންގެ ހިތަށް ފާޑެއްގެ ގޮތެއް ވެފައިވާކަން އިހުސާސް ވިއެވެ. އަހަރެން ބޯޖަހާލީމެވެ.
"އޭނާގެ އާ ލަވަ ހުރި އަލްބަމް ނުލިބިގެން މިއުޅެނީ ..ނެރުނުތަނުން ވިކި ހުސްވެއްޖެޔޯ" މޫމިނާ ވާހަކަ ދައްކަމުން އަހަރެންގެ އަތުން އެ ސީޑީ އަތުލާފައި ޕުލޭޔަރަށް ލެއްވިއެވެ. އެޔާއިއެކު އަހަރެން ގެއަށް ދާން ވެއްޖެކަމުގައި ބުނަމުން ނުކުންނަން ހިގައިގަތީއެވެ.
އެއަޑު ނާހަންވެގެން އެގެއިން ނުކުތެއްކަމަކު މުޅި ރަށުތެރޭގައިވެސް މިހާރު އެންމެ ގިނައިން އަޑު އިވެނީ އިޝާންގެ ލަވަތަކެވެ. ކެފޭ އަކަށް ފިހާރައަކަށް ވަނަސް ގިނަފަހަރަށް އިވެނީ އޭނާގެ އަޑެވެ. އެއަޑު އިވުމުން އަހަރެން ވަނީ ދެރައެވެ. އެއްދުވަހަކު ދޮންބެދައްތައާއި އެކީ ފިހާރައަކަށް ވައިން އިރު އަޑުގަދަކޮށް 'އެއްފަހަރު ލޯބިވާން ހާސް ފަހަރު މަރުވަންވީހޭ' އެލަވަ ޖަހާފަ ހުއްޓެވެ. ދޮންބެދައްތައަށް އަހަރެންގެ މޫނަށް ބަލާލެވުނެވެ.
"ޖޯޖް މައިކަލް ދިވެހިލަވަ ކިޔަން ފެށީދޯ" އަހަރެން ނަށް އަސަރު ނުކުރާކަމަށް ހެދެންވެގެން ބުނެލީމެވެ. އެހިނދު އޭނާ ހީލަމުން ބޯޖަހާލިއެވެ. ފިހާރައިން ނުކުމެފައި އަހަރެން އުޅެނީ އުފަލުގައި ހެއްޔޭ ދޮންބެދައްތަވެސް ސުވާލުކުރިއެވެ.
"ކީއްވެ ތިހެން ތިއެހީ؟" އަހަރެން އަހާލީމެވެ.
"ކަމެއްނުވޭ ..ހަމަ އަހާލީ" ދޮންބެދައްތަ ބުނެލިއެވެ.
"އަސްލު ތިއަހަނީ އަދިވެސް އޭނާ މިސްވޭތޯ ދޯ!" އަހަރެން ބުނެލީމެވެ. އެޔާއިއެކު ދޮންބެދައްތަ އާނއެކޭ ބުންޏެވެ.
އަހަރެން ފުންނެވާއެއް ދޫކޮށްލީމެވެ. އަރުތެރެ ބެދެން އުޅުނެވެ.
" ދޮންބެ ދައްތަ ކައިރީ ދޮގެއް ނަހަދާނަން... އެލަވަތައް އަޑު އިވުނީމާ ވަރަށް އުނދަގޫވޭ!" އަހަރެން ބުނެދިނީމެވެ. ދޮންބެދައްތަ ކޮންމެވެސް އެއްޗެއް ބުނަން އަނގަހުޅުވާލުމުން އަހަރެން ޖެހިލުންވިއެވެ.
"އުނހޫ .. އޭނާއާއި ބެހޭ އެއްވެސް ވާހަކައެއް އަހަންނަށް ނުކިޔާދޭތި!" އަހަރެން އަވަސް އަވަހަށް ބުނެލީމެވެ. ދޮންބެދައްތަ ހިނިއައެވެ. "ސާބަސް! ޗީޒް ނުގަނެއޭ މިދެވެނީ ބުނަން މިއުޅުނީ!" އޭނާ ބާރަށް ހޭންފެށިއެވެ.
އެދުވަހު ގެއަށް އައިސް ފާޚާނާއަށް ވަދެހުރެ އަހަރެން ރުއީމެވެ. އަހަންނަށް މާބޮޑަށް އިޝާން މިސްވީއެވެ. އަހަރެން އުއްމީދުކުރި ދިރިއުޅުން ނުލިބުނީތީ ދެރަވީއެވެ. ކުއްލިއަކަށް ރަށުގައި ހުންނަ ހިތް ކެނޑުނެވެ. ބޭނުންވީ ވީހާވެސް އަވަހަކަށް އެނބުރި ރަށަށް ދާށެވެ. އޭރު އަދި ޗުއްޓީ ނިމެން ދިހަވަރަކަށް ދުވަސް އޮތެވެ. ހުސޭނުއާއި ގުޅުމުން ދެދުވަހެއްތެރޭގައި މިކޮޅަށް އަންނާން ފުރާނެ ވާހަކަ ބުނުމުން އަހަންނަށް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ.
އެހެންނަމަވެސް އޭނާ އަށް ނާދެވިގެން އުޅެނިކޮށް ސުނާމީ އެރީއެވެ. ސުނާމީގެ އަސަރު ރާއްޖެއަށް ކޮށްފާނެކަމަކަށް އަހަރެންގެހިތަކަށް ނާރައެވެ. އެރާޅު ރާއްޖޭގެ ރަށްތަކަށް އަރައި ބައެއް ރަށްރަށަށް ވަރަށް ގެއްލުންވި ވާހަކަ އަޑު އިވުނު ހިސާބުން އަހަރެން ކަންބޮޑުވާން ފެށިއެވެ. ރާޅާއިއެކު މާލޭގެ މަގުމަތިން ގާޑިޔަލެއް އޮޔާދާ މަންޒަރު ޓީވީއިން ފެނުނު ވަގުތު އަހަރެން ހާސްވެ ދާހިތްލިއެވެ. ނޭވާލާން އުނދަގޫވިއެވެ. އަހަންނަށް އެވާން ފެށީ ކިހިނެތްކަން އެނގިގެން މަންމަ ޓީވީ ނިއްވާލިއެވެ.
އަހަރެން އިތުރަށް ކަންބޮޑުވާން ފެށިއެވެ. ހުސޭނުވެސް އަހަންނާއި އެގޮތަށް ވަކިވެދާނެތީ ބިރުގަންނަން ފެށިއެވެ. އިރުއޮއްސެން ވީއިރުވެސް ހުސޭނުއަށް އަދި ރަށު އެހެންމީހުންނަށްވެސް ވީގޮތެއް ނޭނގިގެން އެންމެފަހުން އަހަރެންގެ ލޮލުން ފެންއަންނަން ފެށިއެވެ.
-- ނުނިމޭ --
◀ މި ވާހަކައިގެ އާ ބައެއް ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހަކު ގެނެސްދޭނެ