ޖަވާބު ފޮނުވުމުގެ ބަދަލުގައި އަހަރެން ބޭނުންވީ މެހެރާން ކުޑަކޮށް ތަޅުވާލާށެވެ. އޭނަވެސް އަހަރެން ތެޅުވިވަރު ކުޑައެއް ނޫނެވެ. ހަމަނިދި ނުލިބޭތާ ހަފްތާއެއް ވީއެވެ. ކިތަންމެ ވަރަށް ދުރުވާން ބޭނުންވިއަސް އެހިޔާލުތަކާއި ދުރުވެވެނީއެއް ނޫނެވެ. ނުބައި ވަގުތެއްގައި ރަނގަޅު މީހާއާ ބައްދަލުވުމޭ ކިޔަނީ މިފަދަ ހާދިސާތަކަށް ހެއްޔެވެ؟ އަހަންނަށް ޔަޤީންވާ އެއްޗަކީ މެހެރާންފަދަ ދެވަނަ މީހަކާ އަހަރެންގެ މުޅި އުމުރުގައިވެސް ބައްދަލުވެފައި ނުވާކަމެވެ. ބޭނުންވިއަސް ހިތަށް ވިސްނައި ނުދެވިގެން މިއުޅެނީ މިސަބަބާއި ހުރެ ކަމަށް ވެދާނެއެވެ.
ޖަވާބު ފޮނުވުމުގެ ބަދަލުގައި އަހަރެން ބޭނުންވީ މެހެރާން ކުޑަކޮށް ތަޅުވާލާށެވެ. އޭނަވެސް އަހަރެން ތެޅުވިވަރު ކުޑައެއް ނޫނެވެ. ހަމަނިދި ނުލިބޭތާ ހަފްތާއެއް ވީއެވެ. ކިތަންމެ ވަރަށް ދުރުވާން ބޭނުންވިއަސް އެހިޔާލުތަކާއި ދުރުވެވެނީއެއް ނޫނެވެ. ނުބައި ވަގުތެއްގައި ރަނގަޅު މީހާއާ ބައްދަލުވުމޭ ކިޔަނީ މިފަދަ ހާދިސާތަކަށް ހެއްޔެވެ؟ އަހަންނަށް ޔަޤީންވާ އެއްޗަކީ މެހެރާންފަދަ ދެވަނަ މީހަކާ އަހަރެންގެ މުޅި އުމުރުގައިވެސް ބައްދަލުވެފައި ނުވާކަމެވެ. ބޭނުންވިއަސް ހިތަށް ވިސްނައި ނުދެވިގެން މިއުޅެނީ މިސަބަބާއި ހުރެ ކަމަށް ވެދާނެއެވެ.
ޓެކްސީ މަޑުކުރުމާއެކު ފައިސާ ދައްކާފައި އަހަރެން ފައިބައިފީމެވެ. މެހެރާން އަހަރެންގެ އިންތިޒާރުގައި ހުރީ އޭނަ މަސައްކަތްކުރާ ރެސްޓޯރެންޓްގެ ދޮރުމަތީގައެވެ. ކަޅު ޓީޝާޓާއި ޖިންސްގައި ދެއަތް ޖީބަށް ޖަހައިގެން ހުރެފައި އަހަރެން ފޭބި ހާއިރުން އެއް އަތް ޖީބުން ނަގާ ހަނާ އަޅައިލިއެވެ. ކުޑަކުއްޖަކުވެސް ކަމަކާއި އުފާވެފައި ހުންނާނީ އެވަރަށެވެ. އަހަރެން ގޮސް ކައިރިވީއިރުވެސް މެހެރާން ހުރީ ހިނި އައިސްފައެވެ.
"އަވަހަށް ވަންނަވާ!" މެހެރާން ދޮރު ހުޅުވައިދިނެވެ.
އަހަރެން ވަނުމާއެކު އަހަރެންގެ ފަހަތުން ވަދެ އިޝާރާތުން ދާންވީ ތަން ބުނެދިނެވެ. މަޑު އޮރެންޖް އަލި ފެތުރިފައިވާ ރެސްޓޯރެންޓަކީ ހިތްފަސޭހަ ތަނެކެވެ. އެކި ހިސާބުގައި ބެހެއްޓިފައިވާ ޤުދުރަތީ ގަސް ޕޮޓްތަކުން ތަނުގެ ހިތްގައިމުކަން އިތުރުވެފައި ވެއެވެ. ޕާޓިޝަން ޖަހައި ވަކި ކޮށްފައިވާ މޭޒުތަކެވެ.
މެހެރާން އަހަރެން ގެންދިޔައީ ބަދިގެއަށެވެ. އެތާގައި އެވަގުތުވެސް ދެމީހަކު ހަރަކާތްތެރިވަމުން ދިޔައެވެ. މެހެރާން އަހަރެން އިށީންނަން ގޮނޑިއެއް ދެއްކިއެވެ. އޭނަ ހުރީ ކުރިއްސުރެ ކައްކަން ބޭނުންވާ އެއްޗެހި ހަމަކޮށްފައެވެ. އެކަމަކު ކައްކާކަށް ނުފަށައެވެ.
އޭނަ ފުރަތަމަވެސް އެޕްރޯން ބޮލަށް ވައްޓާލައިފައި ފަހަތުން އައްސައިލިއެވެ. އެޕްރޯންއެއްގައިވެސް މީހެއްގެ ސިފައަށް އިތުރު ހިތްގައިމުކަމެއް ގެނެސްދީފާނެކަން އަހަންނަށް މިއަދު އެނގިއްޖެއެވެ.
މޫނު ރަތްވެގެން އައުމާއެކު އަހަންނަށް ދުރު ބަލައިލެވުނެވެ.
ކާށޭ ކިޔާފައި މެހެރާން އަހަންނަށް ފުރަތަމަ ދިނީ ކޮންމެވެސް ގޮތަކަށް ހަނާކޮށްފައި ހުރި އޮށްތަކެކެވެ. ރަހަ ބަލާލިއިރު ވަރަށް މީރެވެ. އަހަރެން ފަހަރަކު އޮށެއް ކައި ތަށި ހުސްކޮށްލާފައި ބަހައްޓައިފީމެވެ.
އަތް އޮޅާލުމަށްފަހު އެރީތި މުލައްދަނޑި ހާމަކޮށްލަމުން މެހެރީން ފެށީ ކެއްކުމަށް ބޭނުންވާ އެއްޗެހި ކޮށާށެވެ. ކޮށުމުގެ އަވަސްކަމާއި ހުނަރަށްވުރެ އަހަރެންގެ ސަމާލުކަން ބޮޑަށް ހުއްޓުނީ އެހަރަކާތްތެރި ދެއަތަށެވެ. އެކަމަކު ބަދިގޭގައި ފިރިހެނުން ކައްކާއިރު ކިހާ "ސެކްސީ" ކަން މީހުން ކިޔާ އުޅުނަސް މިއަދު ފުރަތަމަ ފަހަރަށް ލޮލަށްވެސް ފެނުނީއެވެ. އެހެންދިމާއަކަށް ނަޒަރު ބަދަލުކޮށްލަން ނޭނގިފައި އަހަންނަށް މެހެރާންގެ އެދެއަތާއި މޫނަށް ބަލަބަލާ އިނދެވުނެވެ.
މަސައްކަތް ނިންމާލައިފައި މެހެރާން އުނދުނާއި ދިމާއަށް އެނބުރުމުން އަހަންނަށް ގޮނޑިއަކު ނީނދެވުނެވެ. ތެދުވެގެން ގޮސް އޭނަގެ މަސައްކަތް ފެންނާނެހެން ކިޗެން އައިލެންޑްގެ އަނެއް ފަރާތުގައި ހުއްޓުނީމެވެ. މެހެރާން ހިނިތުންވެލިއެވެ. އިރުކޮޅަކުން އޭނަ ސަމުސަލަކަށް އެތިކޮޅެއް ނަގާފައި އަހަރެން ރަހަ ބަލަން ދިއްކޮށްލިއެވެ.
"ފުމުނީމަ ސުންނަތާ ހިލާފުވާނެ އިނގޭ..." އަހަރެން ފުމެލަން އުޅެނިކޮށް މެހެރާން ހަނދާންކޮށްދިނެވެ.
އޭނަ އަދިވެސް ސަމުސާ ދިއްކޮށްލައިގެން ހުރުމުން އަހަރެން އަނގަ ހުޅުވާލައިފައި އެތިކޮޅެއް ރަހަ ބަލާލީމެވެ.
"މީރު.." އަހަރެން ޖަވާބުދިނީ ތެދަށެވެ.
މެހެރާން ސަމުސާ އަނބުރާގެންގޮސް ބާކީހުރި ބައި ކާލިތަން ދެކެފައި އަހަރެންގެ ދެއަތުން ހީބިހި ނަގައިގަތެވެ. މެހެރާން އެކާލީ އަހަރެން ކައިފައި ބާކީ ހުރި އެއްޗަކުންނެވެ. އޭނައަށް އެކަން އެނގޭބާއެވެ.
އަމިއްލަ ނަފްސް ހަމައަކަށް އަޅުވާލުމަށްޓަކައި އަހަރެން އަތުގައި އޮތް ފޯނު ނަގައި ނޯޓިފިކޭޝަންތައް ޗެކްކުރާކަމަށް ހެދުނީމެވެ.
އިރުކޮޅަކުން އުނދުން މަތީ ހުރި ބައި ބާލާފައި ދެން ފެނުނީ އެހެން ވައްތަރެއް ތައްޔާރުކުރަން ފެށިތަނެވެ. އަހަރެން ބަލަބަލާ ހުއްޓާ އެއްފަހަރާ ދެތިން ހަތަރު ވައްތަރު ނިންމާލައިފިއެވެ. ފަހުން ތަށިތަކަށް ނަގައި ގާނިޝްކުރިގޮތް ފެނިފައިވެސް ތައުރީފުން ހިތް އުތުރުއެރިއެވެ.
މެހެރާން އަހަރެން ކައިރީ ކުރިން އިންތަނުގައި އިށީންނަން ބުނެފައި ހުރިހާ ބާވަތެއް ގެންގޮސް އެތާހުރި މޭޒުމަތީ އަތުރާލައިފައި ކާންވީ ގޮތް ބުނެދިނެވެ. ފުރަތަމަ ކާންވީ ކޯއްޗެއްކަމާއި ދެން ކާންވީ ކޯއްޗެއްކަމެވެ. ފަހަރަކު އެއްޗެއް ރަހަ ބަލާލައިފައި އަހަންނަށް ފާހަގަވި ކަންކަން ކިޔައިދެމުން ދިޔައިރު އޭނަ ހިނިއައިސްފައި ބަލަހައްޓައިގެން އިނީ ކައިރީގައި ހުރި އިތުރު ގޮނޑިއެއްގައެވެ.
"މާސްޓަ ޝެފަށް ޖަޖަކަށް ގެންދާވަރު ވޭ ދޯ؟" އަހަރެން ސުވާލުކޮށްލީމެވެ.
މެހެރާން ހީގެންފައި އެއްބަސްވެގެން ބޯޖަހައިލި އެވެ.
ދެމީހުންވެގެން ކާން ފެށިތަނާ ބަދިގޭގައި އުޅުނު އިތުރު ކުދިންތައްވެސް ބައިވެރިވެގެން ކާން ފެށިއެވެ. އެމީހުން ފާޑުކިޔައި ކަންކަން ބުނެދެމުން އެކަކު އަނެކަކަށް މަޝްވަރާ ކުރަމުން ދިޔައިރު އަހަރެންނަށް އިރުއިރުކޮޅާ ސިއްރު ސިއްރުން މެހެރާންއަށް ބަލައިލެވެއެވެ.
ކައި ނިންމާފައި އަހަރެން ގޮވައިގެން ރެސްޓޯރެންޓު ދޮރުމައްޗަށް މެހެރާން ނިކުތެވެ. ޓެކްސީ އައުމާއެކު ދޮރުފަތް ހުޅުވާދީފައި އަހަރެން އެރުމާއެކު ފީވެސް ދެއްކީ އޭނައެވެ. އަހަރެން ނޫނެކޭ ބުނީމަވެސް އެއަޑެއް ނޭހިއެވެ. އޭނަގެ ދައުވަތަކަށް އަހަރެން އައި އައުމަކަށްވީތީ އެވެ.
އަހަންނަށް ހަމަ ގެއަށް ދެވުނުތަނާ މަލީހާ ގުޅިއެވެ. އަހަރެންގެ ހިތް ތެޅިގަތެވެ. އެހުރިހާއިރު މެހެރާންއާއެކު ވަގުތު ހޭދަކުރިއިރު މަލީހާމަތިން އަހަރެން އެއްފަހަރުވެސް ހަނދާނެއް ނުވެއެވެ. އަނެއްކާ އޭނަ އެގުޅީ ކަމެއް އެނގިގެން ހެއްޔެވެ؟ ނޫނީ އަހަރެން މޮޔައީ އެވެ. މެހެރާން އަހަންނަށް ދައުވަތު ދިންކަން މަލީހާއަށް ނޭނގި ހުރެދާނެ ހެއްޔެވެ؟
"ކީކޭ މަލް؟" އަހަރެން ކޮޓަރިއަށް ވަދެ ތަޅުދަނޑި އެއްފަރާތެއްގައި ބާއްވާފައި އެތެރެއަށް ދަމުން ފޯނު ނެގީމެވެ.
"އަހަރެން ވަރަށް ފޫހިވެގެން މިއުޅެނީ. ނިންޖެއްވެސް ނައި..." މަލީހާގެ އަޑުންވެސް އޭނަ ފޫހިވެފަ ހުރިކަން އެނގެއެވެ.
"އެ ކިހިނެއްވީ؟" އަހަރެން ހުރީ އަމިއްލަ ދުލުން އެއްވެސް މައުލޫމާތެއް ނުދޭން ނިންމައިގެންނެވެ.
"މެހެރާންވެސް ބިޒީއޯ. އޭނަ އެހެން ކިޔާފަ މެސެޖު ކުރިގޮތަށް އަހަރެން ގުޅާ ގުޅާ ފޯނެއް ނުނެގި. ނުވިތާކަށް އޭނަ މަސައްކަތްކުރާ ތަންވެސް އަހަރެން ކައިރީ ބުނީއެއް ނޫން. އެހެންނަމައެއްނު ގޮސް އެތަނަށް ވަދެގަންނާނީ.." މަލީހާގެ ވާހަކައިން އަހަރެންގެ ދެފައި އެހިސާބުން ހަރުލިއެވެ.
އަނގައިން ނުބުނެވިފައި އިރުކޮޅެއް ވަންދެން ހުރެވުނެވެ.
"ތަންކޮޅެއް ޕްރައިވެޓްކޮށް އުޅެން ބޭނުންވާ މީހެއް ކަންނޭނގެ. އެހެންނޫނަސް އަދި ތިދެމީހުން ބައްދަލުވީފަހުން އެހާ ގިނަދުވަހެއްވެސް ނުވެއެއްނު.." އަހަރެން މަލީހާގެ ހިތްހަމަޖައްސައިދޭން ވެގެން ވާހަކަދެއްކީމެވެ.
"ސާބިއަށް ހީވާގޮތަށްތަ ހަމަ ތިބުނީ؟ ނޫނީ އަހަރެން ރުއްސަންތަ؟" މަލީހާ އަހައިލިއެވެ.
"ސާބަހޭ. އަހަރެން ދައްކާ ވާހަކަ ޤަބޫލުނުކުރަންޏާ ދެން އަހަރެން ކައިރީ ނާހަންވީނު..." އަމިއްލަ ދިފާޢުގައި އަހަރެންނަށް ކުޑަކޮށް ހަރުކަށިކަން އިޚުތިޔާރުކުރެވުނެވެ.
"އޭ އަދި ތިހާ ސީރިއަސް ވާކަށް ނުވެއެއްނު. އަހަރެން ދަންތަ ތިގެއަށް ފިލްމެއް ބަލަން؟" މަލީހާ ކުއްލިއަކަށް މައުޟޫ ބަދަލުކޮށްލިއެވެ.
"ވަރަށް ނިދިއައިސްގެން މިވަނީ ކޮޓަރިއަށް.." އަހަރެން ޖަވާބުދިނީމެވެ. އެކަމަކު މަލީހާ ގަބޫލު ކުރާނެކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ.
"ސާބި ނިދީމަ ވީނު. އަހަރެން ފިލްމް ބަލަން އޮވެދާނަން. ހަމަ ހުވާ އަހަންނަށް މިރޭ މިތާކު ނިންޖެއް ނާންނާނެ.....ސާބިއަށް އެނގެއެއްނު އަހަރެންނަށް ސާބިއާ ވާހަކަދައްކައިގެން ނޫނީ ހަމަޖެހުމެއް ނުލިބޭނެކަން." މަލީހާގެ ވާހަކަ ހުރީ އޭނަ ބޭނުންވާ ގޮތަށެވެ.
އޭނަ އެބުނީ ތެދެކެވެ. އޭނަ ބޭނުންވާ ކޮންމެ ހާލަތެއްގައި އޭނަ ދައްކާހާ ވާހަކައެއް އަޑު އަހަން އަބަދުވެސް ހުންނަ މީހަކީ އަހަރެންނެވެ. ކޮންމެ ފަހަރަކު އާ މީހަކު ފެނިގެން އައިސް އެދައްކާ ހުރިހާ ވާހަކައެއް އަހަރެން އަހަމެވެ. އަދި އެގުޅުމެއް ނިމިގެން ދެން އައިސް ދެލޯ ދުޅަވަންދެން ރޮއެފައި އެދައްކާ ހުރިހާ ވާހަކައެއްވެސް މެއެވެ. އޭނަ ހަމައަކަށް އެޅެންދެން އޭނަގެ އެކަނިވެރިކަން ފިލުވައިދީ އޭނަ ހިތްހަމަޖައްސައިދިނުމަށްޓަކައި އަހަރެންގެ ވަގުތުތައް ހުސްކުރަމެވެ. އޭނަ ކާން ބޭނުންވާ އެއްޗެހި ކައްކައިގެން އޭނަ އޮންނަ އެނދާއި ހަމައަށް ގެންގޮސް ޚިދުމަތްކުރަމެވެ. އަދި އެހާވަރުން އަހަރެން މަލީހާއާ ހެދި އުޅެނީ ކީއްވެތޯ މީހަކު ސުވާލުކޮށްފާނެއެވެ.
ޖަވާބުގައި އަހަރެން ބުނަން އޮތީ ކުރު އެންމެ ލަފްޒެކެވެ. އާދައެވެ. މަލީހާއާ ހެދި އަހަރެން އުޅެނީ އަހަރެންނަށް ފެށުނީއްސުރެ އެގޮތަށް އުޅެން އާދަވެފައި ހުރުމުންނެވެ.
އަހަރުމެން ދެމީހުންގެ ގުޅުމަކީ އިއްޔެއަކު ނޫނީ މިއަދަކު އުފެދުނު ގުޅުމެއް ނޫނެވެ. އެގުޅުމުގެ ފެށުމަކީ އަހަރުމެންގެ މައިންބަފައިންނެވެ. އެމީހުންގެ އެކުވެރިކަމެވެ. އަދި އަހަރެންގެ ބައްޕަ ނިޔާވުމަށްފަހު އަހަރެމެންގެ އާއިލާއަށް އެންމެބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ބަޔަކަށް މަލީހާގެ މައިންބަފައިން ވިއެވެ. ހާއްސަކޮށް އަހަންނާއި ދޭތެރޭ އެމީހުން ދެކުނީ އަމިއްލަ ދަރިއަކު ފަދައިންނެވެ. މަލީހާއަށް ހޯދައިދޭ ކޮންމެ އެއްޗެއް އަހަންނަށް ހޯދައިދެއެވެ. އެމީހުން އާއިލީ ދަތުރުތަކުގައި ދާ ކޮންމެ ތަނަކަށްވެސް މަލީހާ ފޫހިފިލުވުމަށްޓަކައި އަހަރެން ގެންދަން ފެށިއެވެ. އަހަރެންގެ މަންމަ ހުރީ އުފަލުންނެވެ. އަހަންނަށްޓަކައި ކުރަންޖެހޭ ޚަރަދެއް ނެތެވެ.
"އުހު. މިރެއަކު ނޫން...." އަހަރެން ބުނަން ބޭނުންވީ އެހެންނެވެ. އެކަމަކު ދެވުނީ އެހެން ޖަވާބެކެވެ. "މަލްއަށް ފެންނަ ގޮތަކަށް ކަންތައް ކުރޭ..."
ފާއިތުވެދިޔަ ކޮންމެ ދުވަހަކާއެކު މަލީހާގެ އާ ޝައުޤުވެރިކަން ކަމަށްވާ މެހެރާންއަށް އޭނަ ދެމުންދިޔަ ސަމާލުކަން މަޑުމަޑުން ފަނޑުވެގެން ހިނގައިދާނެކަމުގައި އަހަންނަށް އުންމީދުކުރެވުނެވެ. އެކަމަކު އެއީ ހަމައެކަނި ކުށްހީ އެކެވެ. ދުވަހަކަށްވުރެ މެހެރާންއާ ބެހޭގޮތުން މަލީހާ ދައްކަމުންދިޔަ ވާހަކަ ވީ އިތުރެވެ. މެހެރާންގެ ޝައުޤުވެރި މިޒާޖާއި އޭނަގެ ހުރިހާ ކަމެއް މަލީހާ އެންމެ ކަމުދާ ސިފަތަކަށްވެ ނިމިއްޖެއެވެ. އަދި އޭނައަކީ ކަމަކާއި ފައި ވިއްދާލައިފިނަމަ އެކަމެއް ކޮށްފަ ނޫނީ ހުއްޓައިނުލާނެ ކުއްޖެކެވެ. އެހިސާބުން އަހަންނަށް ވިސްނުނީ އަހަރެންގެ ހިތުގެ ފުނުގައި ފޮރުވާފައި ވި މެހެރާންގެ ހިޔާލުތައް ނެރެ އެއްލާލުމަށެވެ. މަލީހާގެ ކައިރިން އަހަންނަށް ދުވަހަކުވެސް ކުރި ލިބިފައެއް ނެތެވެ.
ހަމައެއާއެކު އަހަންނަށް ފާހަގަވި އަނެއް ކަމަކީ މެހެރާންގެ މިޒާޖެވެ. މެހެރާންއަކީ އެހެންމީހުންގެ އެދުންތަކަށް ފަސޭހައިން ދެކޮޅުހަދަން ކެރޭވަރަށްވުރެ މާ ރަނގަޅު ޒުވާނެކެވެ. އަދި މަލީހާ އަކީ އޭނަ ބޭނުންވާ ގޮތް ހާސިލްކޮށްފަ ނޫނީ ހުއްޓައިލާ ކުއްޖެއް ނޫނެވެ.
ދުލުން ބުނެލާހާ ފަސޭހައިން ކަންކަން ވާނެނަމަ ކިތަންމެހާވެސް ރަނގަޅެވެ. ހިތުން ނިންމާ ކޮންމެ ފަހަރަކު އެކަމެއް ކުރާނެ ހިތްވަރު ލިބޭނަމަ ކޮންމެ މީހަކުވެސް ދިރިއުޅުމުގައި ފަސްއެނބުރި ބެލުމެއްނެތި ދާނީ ކުރިއަށެވެ. އެކަމަކު ބައެއްފަހަރު ތަޤްދީރުގައި ވަނީ އެހެން ގޮތަކަށެވެ.
***
ލިޔާމޭޒު ކައިރިން އަހަރެން ތެދުވިއިރު ބާރަޖަހަން ދަނީ އެވެ. ބަނޑުހައިކަން އިހްސާސްވުމާއެކު ޕާޓީތެރޭގައި ހުރެފައި ނުކެވޭކަން ހަނދާންވިއެވެ. މެހެރާން މަލީހާއަށް ކައިވެންޏަށް ހުށައެޅި ބާވައެވެ؟ ހިތަށް އެރި އެއްޗަކުން އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތްކަހަލައެވެ. އަހަންނަށް އަމިއްލަ ނަފްސް ނުހުއްޓުވެނީސް މެހެރާންގެ ނަންބަރަށް ޑައިލްކޮށްލެވިއްޖެއެވެ. މިކުރެވެނީ ކީއްކަން ރޭކާލައިގެން ކަނޑާލިނަމަވެސް އެއްފަހަރު ރިންގް ވެއްޖެއެވެ. އެކަން ޔަޤީންވީ މެހެރާން ވަގުތުން ގުޅީމައެވެ.
"ސާބި؟ ކިހިނެތްވީ؟ ކަމެއް ގޯސްވީތަ؟" މެހެރާން އޯގާތެރި އަޑަކުން ވާހަކަދެއްކިއެވެ.
"އަމް.... ބަނޑުހައިވެގެން. ނެތްތަ ލެފްޓްއޯވާއެއް؟" ބުނާނެ އެއްޗެއް ނޭނގިގެން އަހަރެންގެ ހިތަށް އައި ފުރަތަމަ ވާހަކަ ބުނެލީމެވެ.
"ވެއިޓް އިނގޭ އެބަދަން.." މެހެރާން އަހަންނަށް ފުރުސަތު ނުދީ ފޯނު ކަނޑާލިއެވެ.
އެފޯނަށް ބަލަން އަހަންނަށް ހުރެވުނީ ބިރެއް ފެނިގެން ބަލަން ހުރިފަދައިންނެވެ. އަހަންނަށް މިކުރެވުނީ ކީއް ހެއްޔެވެ؟ މެހެރާން އެދަންވަރު އަހަރުމެން ގެއަށް އަންނަނީއެވެ. ނިތުގައި ތަކުރާރުކޮށް ތަޅާލައިފައި އަހަރެން އަވަސްވެގަތީ މެހެރާން އަންނަންވާއިރަށް ބަލައިލަން ކެރޭފަދަ ގޮތަކަށް ހުރުމަށެވެ. ލައިގެން ހުރި އަންނައުނު ބަދަލުކޮށްލާފައި ވަށްބުރުގާއެއް އަޅާލުމަށްފަހު ދޮރު ކައިރީ ގޮސް ހުއްޓާ މަޑުމަޑުން ޓަކިދިނެވެ.
(ނުނިމޭ)