Roadha Mihaaru

ޔާރާއެ ހިތް އެދޭ - 4

ނިތުގައި ތަކުރާރުކޮށް ތަޅާލައިފައި އަހަރެން އަވަސްވެގަތީ މެހެރާން އަންނަންވާއިރަށް ބަލައިލަން ކެރޭފަދަ ގޮތަކަށް ހުރުމަށެވެ. ލައިގެން ހުރި އަންނައުނު ބަދަލުކޮށްލާފައި ވަށްބުރުގާއެއް އަޅާލުމަށްފަހު ދޮރު ކައިރީ ގޮސް ހުއްޓާ މަޑުމަޑުން ޓަކިދިނެވެ. އަހަންނަށް ހިތާއި ދިމާއިން މޭގައި އަތް އަޅައި ބާރުކޮށްލެވުނެވެ. އަހަރެން ހުރީ ދޮރުކައިރީ ނޫންކަން އަންގައިދިނުމަށްޓަކައި ނިކަން ސިއްރު ފިޔަވަޅުތަކެއްގައި ގޮސް ދުރުގައި ހުއްޓުމަށްފަހު އަޑު އިވޭވަރަށް ހިނގާފައި ގޮސް ދޮރު ހުޅުވީމެވެ.

ޔާރާއެ ހިތް އެދޭ - 4

ނިތުގައި ތަކުރާރުކޮށް ތަޅާލައިފައި އަހަރެން އަވަސްވެގަތީ މެހެރާން އަންނަންވާއިރަށް ބަލައިލަން ކެރޭފަދަ ގޮތަކަށް ހުރުމަށެވެ. ލައިގެން ހުރި އަންނައުނު ބަދަލުކޮށްލާފައި ވަށްބުރުގާއެއް އަޅާލުމަށްފަހު ދޮރު ކައިރީ ގޮސް ހުއްޓާ މަޑުމަޑުން ޓަކިދިނެވެ. އަހަންނަށް ހިތާއި ދިމާއިން މޭގައި އަތް އަޅައި ބާރުކޮށްލެވުނެވެ. އަހަރެން ހުރީ ދޮރުކައިރީ ނޫންކަން އަންގައިދިނުމަށްޓަކައި ނިކަން ސިއްރު ފިޔަވަޅުތަކެއްގައި ގޮސް ދުރުގައި ހުއްޓުމަށްފަހު އަޑު އިވޭވަރަށް ހިނގާފައި ގޮސް ދޮރު ހުޅުވީމެވެ.

"ހެލޯ!" މެހެރާން ދޮރުކަނީގައި އަތް ވިދެލިއެވެ.

އަނެއް އަތުގައި ކަރުދާސް ކޮތަޅެއް އޮތެވެ. އެކަމަކު އޭނަ އެކޮތަޅު ދޭކަށް ނޫޅުނެވެ.

އަހަރެންގެ ހަނދާނަށް އައީ އަހަންނަށް ފެނުނު ހުވަފެނުގެ މަންޒަރުތަކެވެ. އަހަރެންގެ ހިތުގައި ރިއްސާލިއެވެ. މެހެރާންއަކީ އަހަރެންގެ މީހެކެވެ. އެއީ ހުވަފެނަކަށްވުރެ މާ ހަޤީޤީ މަންޒަރުތަކެކެވެ.

"ނުވަންނާނަންތަ އެތެރެއަކަށް؟ މިގެއަށް އައި ފުރަތަމަ ފަހަރެއްނު." ލޮލަށް ގިނަވާން ފެށި ކަރުނަތައް ހިންދައިލަމުން އަހަރެން ވާހަކަދެއްކީމެވެ.

"މާލަސްވީ ދޯ." މެހެރާން ގުޑައެއްނުލިއެވެ.

އެކަމަކު އެއިރުން އަހަރެންގެ މަޤްސަދު ހާސިލެއްނުވާނެއެވެ. ކުރަން އޮތް ސުވާލަށް ޖަވާބު ނުލިބެނީހެއް މިރޭ ލޮލަށް ނިންޖެއް ނާންނާނެއެވެ. ތިޔައީ މެހެރާންއާއެކު ވަގުތު ހޭދަކުރަން ދައްކާ ބަހަނާއެއް ނޫން ހެއްޔެވެ؟ އަހަރެންގެ ޟަމީރު ވައިއަޑުން އަހާލިއެވެ.

"އަމް... ވެއިޓް އެތެރެއަށް ނުވަނަސް ބޭރުގަ މަޑުކުރެވިދާނެ. އެތާ ގޯޅިގަނޑުގަ އެބަހުއްޓެއްނު ބެންޗް..." އަމިއްލަ ޟަމީރަށް ހިމޭންވާން އަންގާފައި އަހަރެން މެހެރާންއަށް ހުށައެޅީމެވެ.

މެހެރާން ބަލަހައްޓައިގެން ހުއްޓެވެ. އެކަމަކު އެހިމޭންކަމަކީ ޖަވާބުކަމުގައި އަހަރެން ބެލީމެވެ. ދެކޮޅެއްނުހަދާ ނޫން ހެއްޔެވެ؟

އެބަ އަންނަމޭ ބުނެފައި އަހަރެން އެތެރެއަށް ވަނީ އުއްބައްތިއެއް ބަލައެވެ. ތިރީގައި ގޯޅިގަނޑުގެ އެއްފަރާތުގައިވާ ޖަހާފައިވާ ބެންޗްތަކުގައި އަލިކަމެއް ނުހުންނާނެއެވެ. އަހަރެން އެތެރެއަށް ވަދެފައި އެނބުރި އައިއިރުވެސް މެހެރާން ފިޔަވަޅެއްވެސް ކުރިއަށް އެޅުމަކާނުލާ އެތާ ހުއްޓެވެ. އަހަރެން ނިކުންނަން އައުމާއެކު އޭނަ ދުރަށް ޖެހުނެވެ. ދޮރު ލައްޕާ ތަޅުލާފައި ދެމީހުން އެކީ ތިރިއަށް ފައިބައިގެން ގޮސް އެންމެ ފުރަތަމަ ޖެހުނު ބެންޗްގައި ދެމީހުން އިށީނދެލީ ދެފަރާތުގައެވެ. މެހެރާން މޭޒުމަތީ ކޮތަޅުން ނެގި ތަށިތައް އަތުރާލަދިނެވެ. އަހަރެން އުއްބައްތި ދިއްލާފައި ބަލާލިއިރު މެހެރާން ބަލަން އިނެވެ.

"ވަރަށް ބޮޑަށް ސޮރީ އަހަންނާއި ހެދި މަލްގެ ޕާޓީ ފަނިވީމަ. އަހަންނަށް ހަމަ އެއްގޮތަކަށްވެސް ނޭނގެ އެގަޑީ ބޮލަށް އެނބުރުން އަރަންފެށީ ކީއްވެކަމެއް.." އަހަރެން މާފަށް އެދެމުން ފެށީމެވެ.

"އެއީ ސާބިއާގެ ކުށެއް ނޫން. އެހެންނޫނަސް ސާބިގެ ޞިއްހަތަށްވުރެ މަލްއަކަށްވެސް އޭނަގެ އުފަންދުވަހުގެ ޕާޓީ މުހިންމެއް ނުވާނެ.." މެހެރާން މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލައިފައި ރައްދުގައި ވާހަކަދެއްކިއެވެ.

"ސޯ... އަހަރެން ގެއަށް އައިފަހުން ވަކި ހާއްސަކަމެއް ވިތަ؟" ޕާރްސަލްތަށި މަތި ނެގުމަށްފަހު ޓިޝޫތެރޭ އޮޅާލާފައިވާ އޫ ނަގައިގެން ޕާސްތާތަށިން ކާން ފަށަމުން އަހަރެން ނޫންކަމަށް ހެދިފައި އެހީމެވެ.

މެހެރާން ފޯނަށް ބަލަން އިނދެފައި ބުމަ ކައިރިކޮށްލިއެވެ. އަހަރެން އެހެން ބުނެގެން ވިސްނައިލިފަދައެވެ. އަހަންނަށް އެކުޑަކުޑަ ހަރަކާތްވެސް ކަމުދިޔައެވެ. މީހަކަށް ހިތް ކިޔައިފިއްޔާ ކަމުދާ ސިފައެއް ނޫނީ ހަމަ ނުފެންނަނީ ހެއްޔެވެ؟

"ތިބުނީ؟" މެހެރާން އެހިއެވެ.

"މިސާލަކަށް ޕްރޮޕޯސަލްއެއް..." އަހަރެން ނިންމީ ބުނާށެވެ.

އެރޭވެސް އަހަރެން މެހެރާންއާ އެވާހަކަ ދެއްކޭތޯ މަސައްކަތްކުރީމެވެ. ހުރަސް އެޅުނީ އެވަގުތުވެސް މަލީހާ އެތަނަށް އައިސްގެންނެވެ.

މެހެރާންގެ މޫނުން މިފަހަރު ސީރިއަސްކަން ފެނުނެވެ. އަހަރެން އަނގައިގައި އޮތް އެތިކޮޅު ދިރުވާލައިފައި ގޮނޑީގެ ކުރިއަށް ޖެހިލީމެވެ. މަލީހާއަށް ފެނިގެން އުޅޭ އަނގޮޓީގެ ވާހަކަ އާއި އޭނަ ހީކޮށްގެން އުޅޭ ކަންތަކުގެ ވާހަކަ މެހެރާންއަށް ސާފުކޮށް ކިޔައިދިނީމެވެ. މެހެރާން ހިނިގަނޑެއް ޖަހާލައިފައި ދުރުބަލައިލިއެވެ. ދެން އަހަންނަށް ބަލާލިއިރު އޭނަ އިނީ ސީރިއަސްވެފައެވެ. އޭނަ ހީވީ އަހަރެން ކައިރީ އެއްޗެކޭ ބުނަން އުޅުނު ހެންނެވެ. އެކަމަށް ހުރަސް އެޅީ ރިންގް ވާންފެށި ފޯނެވެ. އެވަގުތުވެސް އަހަރުމެން ދެމީހުންގެ މެދަށް މަލީހާ ފުންމައިލީ އެވެ.

"ޖަވާބު ނުދެނީހެއް ހުއްޓައެއް ނުލާނެ.." އަހަންނަށް ބުނެވުނީ ފޫހި ރާގެއްގައެވެ.

މެހެރާން ކޮންމެ އެއްޗެއް ހީކުރިއަސް ފަރުވާލެއް ނެތެވެ.

ފޯނު ނަގާފައި މެހެރާން ބުނީ އެންމެ ބަހެކެވެ. ދެން އިނީ އަޑު އަހާށެވެ. ދޭތެރެއަކުން އަހަރެންގެ މޫނަށް ބަލައިލައެވެ. އެމޫނުގެ ކުލަވަރުން އެކަނިވެސް ހާލަތު ގޯސް ވެއްޖެކަން އަހަންނަށް ވިސްނުނެވެ. ހިމޭނުން އިނދެގެން އަހަރެން ފެށީ ކާށެވެ. އިރުކޮޅެއް ފަހުން މެހެރާން ފޯނު ބޭއްވިއެވެ.

"ސާބި..." އޭނަ ވާހަކަދައްކަން އުޅުނެވެ.

"އަހަންނަށް އިނގޭ ދާންޖެހުނީ ދޯ." އަހަރެން މެހެރާންގެ ވާހަކަ މެދުކަނޑާލީމެވެ.

"މަލްއަށް ހީވަނީ އަހަރެން އޭނައަށް ވަގުތު ނުދެނީއޭ. އަބަދުވެސް އޭނަ އޭ މިރިލޭޝަންޝިޕްގަ މަސައްކަތްކުރާ މީހަކީ. އަހަރެން ފަރުވާކުޑަ ކުރަނީއޭ..." މެހެރާން ކިޔައިދިނެވެ.

"ސުވާލެއް ކުރަންތަ؟" އަހަރެން އަހައިލީމެވެ. މެހެރާން އެއްބަސްނުވިއަސް އަހަރެން ހުރީ އެސުވާލު ކުރާގޮތަށެވެ.

"މަލްދެކެ އަސްލު ލޯބިވޭތަ؟" އަހަރެން ސާފުބަހުން އެހީމެވެ.

މެހެރާން އަހަރެންގެ މޫނަށް ކަޅި ހުއްޓައިލިއެވެ. ހިމޭންކަން ދިގުލައިގެން ދިޔަވަރަކަށް އަހަރެންގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. މެހެރާން ޖަވާބުނުދީ ތެދުވިއެވެ.

"ގުޑްނައިޓް" އޭ ބުނެލައިފައި އޭނަ ތެދުވެ ތަށިތަށް ކޮތަޅަށް އަޅައިދޭން ފެށިއެވެ. އެވަގުތުވެސް އެތާ އަހަރެން އެކަނިކޮށްލާފައި ނުދާން އޭނައަށް އެނގުނެވެ. އަހަރެން ކާން އިން ތަށިވެސް މަތި ޖަހާފައި ނެގިއެވެ. ބަސް ބުނުމަކާ ނުލާ ދެމީހުން ސިޑިން އަރަން ފެށީމެވެ. މެހެރާން ހުއްޓުނީ އަހަރެންގެ ގޭގެ ދޮރާއި ހަމައިންނެވެ. އޭނަ ކޮތަޅު ދިނުމުން އަހަރެން އޭގައި ހިފާފައި ވަދެ ދޮރު ލައްޕާލީމެވެ. މެހެރާން ފައިބައިގެން ދާ އަޑު އަހަން ހުރެފައި ދޮރު ތަޅުލުމަށްފަހު ކޮތަޅުގައި ހުރި އެއްޗެހި އައިސްއަލަމާރިއަށް ލައިފައި ވަނީ ކޮޓަރިއަށެވެ. އިތުރަށް ކާ ހިތެއް ނެތެވެ.

މެހެރާންއަކީ އިޚުލާސްތެރިއެކެވެ. އޭނަ ލޯބިނުވިއަސް މަލީހާއާއެކު އުޅޭނެއެވެ. މަލީހާ ރުއްސަން މަސައްކަތް ކުރާނެއެވެ. ފެށުނު ގުޅުމެއް އެކަށީގެންވާ ސަބަބަކާއި ނުލާ ކަނޑައެއްނުލާނެއެވެ. އަނެއްކޮޅުން ބޭނުން ނުވާހައި ހިނދަކު ދުވަހަކުވެސް އެކަމަށް ނިމުމެއް ނުގެންނާނެއެވެ. ކައިވެންޏާއި ހަމައަށްވެސް ދާނެއެވެ.

***

އަހަރެންގެ އާ ހޮބީއަކީ ކުރެހުމެވެ. ވަގުތެއް ވާއިރަށް އަހަރެން ކުރަން ފެށި ކަމަކީވެސް އެއީއެވެ. ޔޫޓިއުބް ވީޑިއޯތައް ބަލައިގެން އެވަރުން ނުފުދިގެން ކުލާހެއްގައިވެސް ބައިވެރިވީމެވެ. ކޮންމެ ތާކަށް ދިޔަޔަސް އަހަރެންގެ ދަބަހުގައި ސްކެޗް ފޮތަކާއި ފަންސުރެއް އޮންނާނެއެވެ.

މަލްއާއި މެހެރާން އާއެކު ކޮފީއަށް ގޮސްވެސް އަހަރެން އިންނަނީ ސްކެޗް ފޮތް ނަގައިގެން ކުރިމަތިން ފެންނަ ކޮންމެވެސް އެއްޗެއް ކުރެހޭތޯއެވެ. މަލް އާއި މެހެރާން އެމީހުންގެ އަމިއްލަ ދުނިޔޭގައެވެ.

"ކުރަހަންވެސް ފެށީތަ؟" މެހެރާން ކައިރިވެލާފައި ސުވާލުކޮށްލިއެވެ.

އަހަރެން ބަލާލިއިރު މަލީހާ އެގަޑީ އިނީ ފޯނެއްގައެވެ. މެހެރާންގެ ނަޒަރު އަހަރެން މޭޒުމަތީ ބާއްވާފައި އޮތް ފޮތަށް ހުއްޓިފައެވެ.

"ވެއިޓް. އަހަރެން ބަލާކަށް ނުދޭނަންތަ؟" އަހަރެން ފޮތް ލައްޕަން އުޅުނު ވަގުތު މެހެރާން އެޖަހައިގަތެވެ.

އަހަރެން އަތް ދިއްކޮށްލީމައި އޭނަ ޖެހިލީ ގޮނޑިއާއެކު ފަހަތަށެވެ. މަލީހާ އިނުމުން އަހަރެން އިތުރަށް މަސައްކަތެއް ނުކުރަމެވެ. މެހެރާން ފަހަރަކު ގަނޑެއް އެއްލައި ފޮތް އެކީ ބަލައިފިއެވެ. އަނބުރާ ދެމުން ވަރަށް ރީއްޗޭ ބުނެލީ އަހަރެން ރުއްސަންކަން ގައިމެވެ. އަހަންނަކަށް އަދި އެހާ ރީއްޗަށް ކުރަހާކަށް ނޭނގެއެވެ.

"ކޮންއިރަކުން ވާހަކަ ކިޔަން ދޭނީ؟" ފޯނަށް މެސެޖެއް އައިސްގެން އަހަރެން ކިޔާލިއިރު މެހެރާން ލިޔެފައި އޮތެވެ.

އަހަންނަށް ބަލައިލެވުނީ މަލީހާ އަށެވެ. އޭނަ ފޯނަށް ގެއްލިފައެވެ. ނަޒަރު ހުރީ އަތުގެ އިނގިލިތުގައި ޖައްސާފައިވާ ކުލަތަކަށެވެ. އަހަރެން ދެން ބަލައިލީ މެހެރާން އަށެވެ. އޭނަ ފޯނު މޭޒު ދަށަށް ލައިގެން އެގަޑީވެސް ލިޔަނީ އެވެ. ދެވަނަ މެސެޖު އައީ އެގަޑީގައެވެ.

އޭގައި އޮތީ މެހެރާންގެ މެއިލް އެޑްރެހެވެ.

"މިއަދު ފޮނުވާނަން.." އަހަރެން ޖަވާބު ފޮނުވާލުމަށްފަހު މޭޒުމަތީ ފޯނު ބޭއްވީމެވެ.

މެހެރާން ހިނިތުންވެލާފައި މެސެޖު ކިޔާލުމަށްފަހު އޭނަވެސް މޭޒުމަތީ ފޯނު ބާއްވައިފިއެވެ.

މަލީހާ ފޯނު ބާއްވާފައި ނަންބަރެއް އިންހޭ ކިޔާފައި މެހެރާންގެ ފޯނު ނަގަން އުޅުނުތަން ފެނުމާއެކު އަހަރެންގެ މޭގަނޑު އަނގައަށް އައިކަހަލައެވެ. ހިފަހައްޓައިލެވުނު ނޭވާ ބޭރުކޮށްލެވުނީ މަލީހާއަށްވުރެ ކުރިން މެހެރާން އެފޯނު ނެގީމައެވެ. އޭނަ އެބުނި ނަންބަރެއް ހޯދާފައި މަލީހާއަށް މެސެޖު ކުރުމާއެކު އެފޯނު ދިއްލުނުތަން ފެނުނެވެ. އަހަރެން އެތާ ހުރި ކޮފީތަށި ކައިރިކޮށްލާފައި ކޯވަރެއް ބޯލީމެވެ. އަމިއްލަ ނަފްސް ހަމައަކަށް އަޅުވަން މަސައްކަތް ކުރިނަމަވެސް ހިތް އަދިވެސް އޮތީ ތެޅިތެޅި އެވެ.

"ގެސް ހޫޒް ކަމިން ދިސް ފްރައިޑޭ؟" މަލީހާ އަހަންނަށް ސަމާލުކަން އަނބުރާލައިފައި ވާހަކަދެއްކިއެވެ.

އަހަރެން ކޮނޑު އަރުވައިލީ ނޭނގެއޭ ބުނުމުގެ ގޮތުންނެވެ. މަލީހާގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ.

"އާރިޒް." މަލީހާގެ ހުރިހާ ދަތެއް އެކީ ފެނިލިއެވެ.

"އޯހ.. އުފާވެރި ޚަބަރެއް..." އަހަރެން ގަދަކަމުން ހިނިތުންވެލީމެވެ.

އާރިޒްއަކީ މަލީހާގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. އާއިލާގައި ހުރި ހަމައެކަނި ފިރިހެންދަރިފުޅެވެ.

"އަހަރެން ކައިރީ ބުނި އެއާޕޯޓަށް އޭނަ ބަލާ ދާއިރު ސާބި ގެންދަންވާނެއޭ.." މަލީހާގެ ވާހަކައިން އަހަރެން ސިހުނެވެ.

"ކާކު އާރިޒްއަކީ؟" އަހަންނަށްވުރެ ކުރިން ވާހަކަދެއްކީ މެހެރާން އެވެ. އަހަންނަށް އެމޫނަށް ބަލައިލެވުނެވެ. މެހެރާންގެ ރައްދު އަހަންނަށް ކަމުދިޔައެވެ. މަލީހާ އެއީ ކާކުކަން ބުނެދިންއިރުވެސް އަހަރެން ބަލަން އިނީ މެހެރާންގެ މޫނަށެވެ.

"ހީ ހޭޒް އެ ތިންގ ފޯ ސާބި. މާ ކުރިއްސުރެ އަބަދު އުދަނގޫކުރާނެ." މަލީހާ އަހަރެންގެ ކޮނޑުގައި ވިކައިގަތެވެ.

ތަދުވެގެން އަހަންނަށް އެތާ ފިރުމާލެވުނެވެ. މެހެރާން ބުމަ ކައިރިކޮށްލައިގެން އިނދެފައި ތެދުވީ ބިލްދައްކާށޭ ކިޔައިފައެވެ.

އަހަރެންގެ ބޮލުގައި ރިއްސައިލިއެވެ. މަލީހާ އެބުނީ ތެދެކެވެ. އާރިޒްގެ އުދަނގުލުން މިފަހަރުވެސް އަހަރެން ސަލާމަތެއް ނުވާނެއެވެ. އޭނަ އައިސް އުޅޭއިރަކު ވިއްޔާ އަހަރެން އެގެއަށް ދިއުންވެސް ހުއްޓާލަމެވެ. އަދި އާރިޒްގެ މައިންބަފައިންވެސް އުޅޭނީ އަހަރުމެން ދެމީހުން ތަތްނުކުރެވިގެންނެވެ.

ގެއަށް އައިސް އަހަންނަށް ހަމަޖެހިނުލެވި އުޅެނިކޮށް މެހެރާންގެ މެސެޖު އައެވެ. އަހަރެން ފޮނުވަން ބުނި ވާހަކަ ނުލިބިގެންނެވެ. އަހަންނަށް ވަގުތުން ހިނިތުންވެލެވުނެވެ. ޚުދު މަލީހާވެސް އަހަރެންގެ ލިއުންތެރިކަމަށް އެވަރުގެ ޝައުޤެއް ދައްކާފައެއް ނުވެއެވެ. އޭނަ އަހަރެންގެ ވާހަކައެއް ކީވެސް އެންމެ ފަހަރަކުއެވެ. އެކިޔައިގެން ހީ މަލާމާތްކުރިވަރުން މަހެއް ވަންދެން އަހަރެން ނުލިޔެވެސް ހުރީމެވެ. އޭގެ ފަހުން އޮޅިގެންވެސް ކިޔާކަށް ނުދެމެވެ.

މެއިލް ފޮނުވާލައިފައި އަހަރެން ދިޔައީ އިސްތިރިކުރާށެވެ. ހެނދުނު އޮފީހަށް ދާން ލާނެ ހެދުމެއް ނުހުންނާނެ އެވެ. އަލަމާރިތެރެ ހާވާލުމާއެކު އަހަރެން ގަނޑުވިއެވެ. ފެންނަން އެހުރީ އަހަރެން ދުށް ހުވަފެނުގައި އަހަންނަށް ލައިގެން ހުރެވުނު ހެދުމެވެ. މުށިކުލައިގެ އަބާޔާއެކެވެ. ހެދުމުގެ އަތުކުރީގައި ހަމަ އެޑިޒައިނެވެ. ކަރުން ފެށިގެން ތިރިއަށް ހަމަ އެމިނާތަކެވެ. ވިސްނާލައިފައި އަހަރެން އެހެދުން ނަގައި އިސްތިރިކުރަން ފެށީމެވެ.

އެދުވަހު އޮފީސް ނިންމާފައި އަންނަމުން އަހަރެން އައީ މެހެރާންގެ ރެސްޓޯރެންޓް ހުންނަ މަގުންނެވެ. ކައިރިކޮށްފައި ގުޅާލީ މެހެރާން އެވަގުތު މަސައްކަތުގައި އުޅޭތޯ ބެލުމަށެވެ.

"މިއަދު އޮފް ދުވަސް." މެހެރާންގެ ޖަވާބުން އަހަރެން މާޔޫސްވިއެވެ.

"ކޮންތާކު ތިހުރީ؟ ރެސްޓޯރެންޓް ކައިރީގަތަ؟ އަހަންނަށް ފަސްމިނިޓް ދީ އެބަ ދަން..." މެހެރާން އަވަސްއަވަހަށް ވާހަކަދެއްކިއެވެ.

ފަސްވަރަކަށް މިނިޓްފަހުން އޭނަ ސައިކަލުގައި އަންނާތީ ފެނިއްޖެއެވެ. އަހަރެން އެއްފަރާތެއްގައި ހުރެފައި މަގަށް ނިކުތީމެވެ. މެހެރާން ސައިކަލު ޕާކްކޮށްފައި ކައިރިއަށް އައެވެ. އަހަރެންގެ ފައިން ފެށިގެން ބޮލަށް ނަޒަރެއް ދިންއިރު އެމޫނުން ހައިރާންކަން ފެނުނުހެން ހީވިއެވެ.

"ކޮންއިރަކުން ވާހަކައިގެ އަނެއްބައި ލިޔާނީ؟" މެހެރާން އައިސް ކައިރިވެފައި ފުރަތަމަވެސް އެހިއެވެ.

އަހަރެން ގާތަށް ހިނިއައެވެ. އެއާއެކު މެހެރާންއަށްވެސް ހެވުނެވެ. ވާހަކަޔާ ބެހޭގޮތުން މަޝްވަރާ ކުރަމުން ދެމީހުން އެކީ ގޮސް ރެސްޓޯރެންޓުގެ ދޮރުން ވަދެވުމާއެކު ދެމީހުންނަށްވެސް ހުއްޓެވުނެވެ. މަލީހާ ހުރީ އެތެރޭގައެވެ. އަދި އޭނަގެ ތޫނު ނަޒަރު އަހަރެމެން ދެމީހުންނަށް ދަތުރުކޮށްލި އެވެ.

މެހެރާން ކުރިއަށް ޖެހިލުމާއެކު މަލީހާ އައިސް އޭނަ ކުރިމައްޗަށް ހުއްޓުނެވެ.

(ނުނިމޭ)