07 އެޕްރީލް 2024
ރީތިކޮށް, ފުރިހަމައަށް ހަދާފައި ހުރި ގެސްޓް ހައުސް އާއި ކެފޭ ކޮޅަށް ނެގީ ޝަބާނާ ލަތީފް އެކަންޏޭ ބުނުމުން، އެތަނަށް އަންނަ ބައެއް މީހުން ހައިރާންވެ އެވެ. އަންހެނަކު އެކަނިމާ އެކަނި ބޮޑުވިޔަފާރިއެއް މިހާ ކުޑަ ރަށެއްގައި ހިންގައި ފައިދާ ހޯދާ ގޮތުގެ ވާހަކަ އަހަ އެވެ.
ރީތިކޮށް, ފުރިހަމައަށް ހަދާފައި ހުރި ގެސްޓް ހައުސް އާއި ކެފޭ ކޮޅަށް ނެގީ ޝަބާނާ ލަތީފް އެކަންޏޭ ބުނުމުން، އެތަނަށް އަންނަ ބައެއް މީހުން ހައިރާންވެ އެވެ. އަންހެނަކު އެކަނިމާ އެކަނި ބޮޑުވިޔަފާރިއެއް މިހާ ކުޑަ ރަށެއްގައި ހިންގައި ފައިދާ ހޯދާ ގޮތުގެ ވާހަކަ އަހަ އެވެ.
ޝަބާނާގެ ކާމިޔާބީއަކީ ނުވާނެއޭ ބުނުމުން ތަޖުރިބާކުރުމެވެ.
އޭނާގެ ފެށުމަކީ ކުލަކުލައިގެ ޖޫސްޕެޓީ ވިއްކުމެވެ. ވަކި ލާރި ގިނަވަމުން ގޮސް ހެދިކާ ހަދައި ވިއްކޭ ވަރަށް ފައިދާ ވެސް ވީ އެވެ. ކެއްކުމަށް ޝައުގުވެރިވާތީ އަމިއްލަ ބަދިގޭގައި މީރު ހެދިކާ ހަދަން ފެށުމުން ގިނަ ބަޔަކު ގަތެވެ. ޑިމާންޑް ބޮޑުވުމުން ދެން ބެލީ ގޭގައި ސައި ތައްޓެއް ނުވަތަ ކޮފީ ތައްޓަކާ އެކު ހެދިކާ ދެވޭނެ ގޮތެވެ.
ޝަބާނާގެ ކެފޭ، ކޮފީ ޓައުން: މިއީ ޖޫސްޕެޓީ ވިއްކައިގެން ފެށި މަސައްކަތް ފުޅާކުރަމުން ގޮސް ހެދި ތަނެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެއީ ކެފޭއެއް ހިންގުމެވެ. މިހާ ކުޑަތަނެއްގައި ކެފޭ ހެދިޔަސް ފައިދާއެއް ނުވާނެ އެވެ. ގިނަ ބައެއްގެ މި ހިޔާލުން ޝަބާނާގެ އުއްމީދަށް ހިޔަނި އެޅުނެވެ. އެކަމަކު އޭނާއަށް އެޅުނު އެންމެ ރަނގަޅު ފިޔަވަޅަކީ އަމިއްލަ ހިތްހަމަޖެހުމަށް އެކަން ތަޖުރިބާކޮށްލުމެވެ.
ޝަބާނާ: އަމިއްލަ އަށް ވިޔަފާރި ކުރިއަރުވައި މިހާރު އޭނާ އަކީ ސިޔާސީ ގޮތުން ވެސް މި އަތޮޅުގައި ފާހަގަކޮށްލެވޭ ނަމެއް.
ށ. ޅައިމަގު ކައުންސިލަރު ޝަބާނާއަކީ ސިޔާސީ ގޮތުން އަދި ވިޔަފާރީގެ ގޮތުން ވެސް މިއަތޮޅުގެ ކުރީ ސަފުގައި ގުނާލެވޭ އެކަކެވެ. މި ރަށަށް އަރާ ގިނަ ބަޔަކު މި ރަށުން ފައިބަންދެން ބަލަހައްޓަނީ އޭނާ އެވެ.
"އަޅުގަނޑަށް ދިމާވިހާ ގޮންޖެހުންތައް ކުރިމަތިވި ވަކި އެހެން މީހަކު އުޅޭނެހެން ވެސް ހިއެއް ނުވޭ," އިންޓަވިއު ފަށަމުން ވިދާޅުވި އެވެ.
"ނުވާނެއޭ ބުންޏަސް ކޮންމެ މީހަކު ވެސް ކުރަން އުޅެފިއްޔާ ވާނެ. މިސާލަކަށް މި އިންޓަވިއު ދޭން ވެސް, މިކަން އަހަރެން ކޮށްފިއްޔާ ކިހިނެއްބާއޭ ވާނީ. މީހުން ކީކޭބާއޭ ހިތަށް އަރާނީ ވިސްނައި ބިރުގަނެފިއްޔާ އެ ދެވެނީ މާ ފަހަތަށް. މިޒަމާނުގައި އެންމެ މުހިއްމީ އަމިއްލަ ފައިމައްޗަށް ތެދުވެގެން އުޅުން. އެއީ އަންހެނަކަށް ވިޔަސް ފިރިހެނަކަށް ވިޔަސް.
ޝަބާނާގެ ދަތި ދިރިއުޅުން އަރައިގަންނަން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ވިސްނުމުގައި އެކި ކަންކަން ކުރަމުން އައިއިރު އެންމެ ބޮޑަށް ދައްޗަކަށް ވީ މި ރަށުގެ އާބާދީ ކުޑަވުމެވެ.
އޭނާ ހަދާ ހެދިކާ ކެފޭގެ ތެރެއަށް ވައްދައި ލިބިފައިވާ މޮޅަށް ކެއްކުމުގެ ހުނަރުން އެ ވިޔަފާރި ފުޅާކުރަން އޭނާއަށް އެހީވީ ޝަބާނާގެ ބައްޕަ ފަރާތު ބޮޑުބޭބެ އެވެ.
"ފިނި ތަށީގެ" ނަމުގައި ކެފޭ ހިންގަން ފެށީ ވަރަށް އާދައިގެ ގޮތަކަށެވެ. ހަގީގަތަކީ ބޮޑު ގެއްލުމެއް ވެ ދަރަނިވެރިވާން ޖެހިލުންވީ އެވެ. އެހެންވެ ކެފޭ ވަށައިގެން ޖެހީ މަގޫ ދަނޑި އެވެ. އޭގައި ވަރުނީސްލައި މީހުން ތިބެން މޭޒުގައި ކުޑަތައް ޖަހައި ކުޑަ ކައުންޓަރެކެވެ.
އެތަން ހިތްގައިމުކޮށްލީ ޝަބާނާ ވިދާޅުވި ގޮތުގައި ރަށެއްގެ މާހައުލާ ގުޅުވާލައި ރީތި ކޮންސެޕްޓަކަށް ގަސް އިންދައިގެންނެވެ.
"ފުރަތަމަ ވިސްނީ މި ކެފޭ ރަށަށް ހިންގައިގެން ވާގޮތެއް ބަލާނީއޭ. ރޯދަ މަހެއްގެ ފުރަތަމަ ދުވަހު ހުޅުވީ. ރަނގަޅަށް އިރާދަކުރެއްވިއްޔާ ދިޔައީ." ޝަބާނާ ވިދާޅުވި އެވެ.
ފުރަތަމަ މަހަށް ވުރެން ދެވަނަ މަހުގެ އާމްދަނީ ރަނގަޅެވެ. އެހެން ގުނަމުން ގޮސް ފަސް މަހަށް އެޅިއިރު އިތުރު މުވައްޒަފުން ނުލައި ނުހިންގޭ ވަރަށް ޑިމާންޑް ބޮޑުވީ އެވެ.
މެދުނުކެނޑި ގާތްގަނޑަކަށް ހަ އަހަރު އެތަން ހިންގުމަށް ފަހު ނަން ރީބްރޭންޑްކޮށްލީ "ކޮފީ ޓައުން" އަށެވެ. މިވެސް ވިޔަފާރީގައި މުހިއްމު ކަމެކެވެ. ބަދަލުވަމުން އަންނަ ޓްރެންޑަށް ނަން ވެސް ފައްތަން ޖެހެ އެވެ.
އޭގެ ފަހުން ދެން ކެފޭގެ ޖާގަ ބޮޑުކޮށް, ޒަމާނީ ގޮތަށް އިމާރާތް ބަދަލުކުރީ އެވެ. އޭރު ވިޔަފާރި ފުޅާކުރަން އޭނާއަށް މާ ރަނގަޅު ހިޔާލެއް އޮތީ ވިސްނިފަ އެވެ. ކެފޭއާ އެކުގައި ގެއިން ކޮޓަރި ކުއްޔަށް ދޭން ނުވަތަ ހޯމް ސްޓޭ ހެދޭ ގޮތަށް ގެ ހެދުމެވެ.
"މި ޒަމާނަށް ބަލައިފިއްޔާ ގެ ވެސް ރަނގަޅަށް ހަދަން ޖެހޭނެތީ 2012 ގައި ގޭގެ މަސައްކަތް ފެށީ. ރޫމް ވިއްކޭ ފެންވަރަށް ގެ ހެދީ," ވިދާޅުވި އެވެ.
ކެތި ސްޓޭ: މި ރަށަށް އަންނަ ބޭރު މީހުން ވެސް މަޑުކުރަނީ މިތަނުގައި.
އެ ހުވަފެން ހަގީގަތަކަށް ހަދަން ހިތްވަރުދޭން އޭނާގެ މިހާރުގެ ފިރިމީހާގެ އެހީތެރިކަން ވަރަށް ބޮޑެވެ.
ފަސް ކޮޓަރީގެ އެ ގެއަކީ މިހާރު މި ރަށަށް ރަސްމީ ހިދުމަތެއް ދޭން އަންނަ މީހުންނާއި ޗުއްޓީއަށް މި ރަށަށް އަންނަ މީހުންގެ ހޯމް ސްޓޭ އެވެ. އަގޯޑާގައި "ކެތި ސްޓޭ" ލިސްޓްކޮށް ވެބްސައިޓެއް ވެސް ހަދައިފި އެވެ.
ބޭރު މީހުން ވެސް ޅައިމަގުގައި ޗުއްޓީ ހޭދަކޮށްލަން އެ ގެސްޓްހައުސްއަށް އާދެ އެވެ.
"އެކި ފަންތީގެ އެކި ގިންތީގެ މީހުން އަބަދުވެސް އާދޭ. ޕްރޮޖެކްޓްތަކުގައި އަންނަ މީހުން ވެސް އަޅުގަނޑުގެ ބެލުމުގެ ދަށުގައި މި ގެސްޓް ހައުސްގައި ތިބޭނީ. މިތަނުގައި ތިބެފައި ކެއުމަށް އެ ބަޔަކު ބުނި ފެންވަރެއްގެ އެއްޗެއް ކެފޭ ހެދޭނެ. އެއީ މިތަނަށް އަންނަ މީހުންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން," ޝަބާނާ ވިދާޅުވި އެވެ.
"މިކަހަލަ ރަށަކަށް ބަލައިފިއްޔާ ވަރަށް ރަނގަޅަށް ހިންގޭނެ ކޮންސެޕްޓެއް މިއީ."
ސިޔާސީ މޫސުންތަކުގައި ރަށުގެ އެންމެ ބޮޑެތި ސިޔާސީ ކަންކަން ނިންމުމުގައި ސައްލާކުރަނީ ވެސް އެތަނުގެ ތެރޭގަ އެވެ. ރަށުގެ އެންމެންގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމާއި އެހީތެރިކަމެއް ލިބޭ ކަމަށް ޝަބާނާ ވިދާޅުވި އެވެ.
އެހެން މީހެއްގެ ހިއްސާއެއް ނެތި ކުރާ މި ވިޔަފާރީގައި ޝަބާނާ ބުނި ގޮތުގައި އުނދަގޫތައް ކުރިމަތިވެ އެވެ. އެކަމަކު މަސައްކަތް ހުއްޓާނުލުމަކީ ކާމިޔާބަށް މުހިއްމު ކަމެކެވެ.
އެހެން މީހެއްގެ ހިއްސާއެއް ނެތި ކުރާ މި ވިޔަފާރީގައި ޝަބާނާ ބުނި ގޮތުގައި އުނދަގޫތައް ކުރިމަތިވެ އެވެ. އެކަމަކު މަސައްކަތް ހުއްޓާނުލުމަކީ ކާމިޔާބަށް މުހިއްމު ކަމެކެވެ.
"ސިކުނޑީގެ ބޭނުންކޮށްގެން މިކަންކަން ކުރަން މި ޖެހެނީ. ރަށުން އެއްޗެއް ލިބެން ނެތިއްޔާ ކުޅުދުއްފުށި ހިސާބުން ވިޔަސް އެ ހޯދަން. މާލެއިން ފިހާރައަށް އޯޑަރުކުރަނީ ވެސް, ބޯޓަށް އެރުވުމުން މިކޮޅުން ހުރިހާ ކަމެއް ވެސް ކުރަން މި ހުންނަނީ އަޅުގަނޑު އެކަންޏޭ. އިތުރު މީހަކު ނުހުންނާނެ."
"ވަރަށް ގިނަ ކަންކަމާ ކުރިމަތިލާން ޖެހުނު. ވަރަށް ގިނަ ގޮންޖެހުންތަކުން އަރައިގަންނަން ޖެހުނު," ޝަބާނާ ވިދާޅުވި އެވެ.
ވިޔަފާރީގެ ތެރޭގައި އުޅެ ތަޖުރިބާ ލިބުނުއިރު ސިޔާސީ ކަންކަމަށް ވެސް އޮތީ ވަދެވިފަ އެވެ. ސިޔާސީ ހަރަކާތްތައް ވަރަށް ފޯރިގަދަކޮށް މި އަތޮޅުގައި ހިންގާތީ ޅައިމަގުގައި ވެސް އޮންނަނީ އެ ފޯރީގައި ޖެހިފަ އެވެ.
އަމިއްލަ ފައިމައްޗަށް ތެދުވުމުން ޝަބާނާ ދެން ބެލީ ރައްޔިތުންނަށް ހިދުމަތެއް ދެވޭނެ ގޮތެކެވެ.
"ރަށަށް ހިދުމަތްތަކެއް ކޮށްދިނުމުގެ ނިޔަތުގައި ކައުންސިލަރަކަށް ކުރިމަތިލީ. ގިނަ ބަޔަކާ ގުޅިގެން މަސައްކަތް ކުރާތީ ގޮނޑި ވެސް ކާމިޔާބުވީ."
ޝަބާނާ: އޭނާގެ ކެފޭ އާއި ގެސްޓް ހައުސްގެ ހުރިހާ ޒިންމާއެއް މިހާރު ވެސް ބަލަހައްޓަނީ އޭނާ އެކަނި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޝަބާނާ ވިދާޅުވި ގޮތުގައި ބަނދަރުމަތީގައި އެހެން ކެފޭއެއް ހުޅުވުމުގެ ޕްލޭން ސިކުނޑީގައި އެބައޮތެވެ. ދެން އޮތީ އެކަން ހަގީގަތަކަށް ހެދުމެވެ. ނުވާނެއޭ އޭނާއާ ދިމާލަށް ބުނާނެ ކަމެއް ނެތެވެ. ހުއްޓާލާނީ ތަޖުރިބާކޮށްފަ އެވެ.
"މިކުރެވުނު މަސައްކަތުން އާދެވުނު ހިސާބާ މެދު ވަރަށް ހިތްހަމަޖެހޭ. ދަރިން ކިޔާ މަންމަ މާލެ އަންނަންވީ ނޫންހޭ. އެކަމަކު ވިސްނަދެނީ ގައިގައި ވަރުހުރިއްޔާ އަމިއްލައަށް މަސައްކަތްކޮށްގެންނޭ އުޅެން ބޭނުމީ."
ޒަރީރުގެ ތާރީޚީ ހަޒާނާއިން ބައެއް ވާހަކަތައް
ހާފިޒެއް، އިމާމެއް، ދަނޑުވެރިއެއް
ބިޝާ:މޭކަޕް ކުރުމުގެ ދާއިރާއިން ރާއްޖޭގެ އެންމެ އުހަށް
އުފާވެރިކަން މާޒީ އަށް، މިއީ ހިތްދަތި ހަޔާތެއް
ނަސީރު: ފެހުމުގައި މި ސަރަހައްދުގެ އެންމެ ވަރުގަދަ ނަން!
ވަހީދުބެ: އުމްރާވެރިންގެ ދިވެހި "މާސްޓަޝެފް"
ހުސެންގެ ދުނިޔެ އަނދިރިވީ ހަމަ ކުއްލިއަކަށް
އަބްދުއްރަހްމާންގެ ގުލްޒާރުގައި ނުފޮޅޭ މަލެއް ނެތް!
ނޭނގޭ ކަމެއް ނުދެއްކޭނެ, ރަށުގައި މިހާރު ޗާޕްކުރަނީ
"ހިތެއް ނެތް" ދަރިންނާ ހެދި ދިރިއުޅުން ވޭނެއްގައި