Roadha Mihaaru
"ހިތެއް ނެތް" ދަރިންނާ ހެދި ދިރިއުޅުން ވޭނެއްގައި

"ހިތެއް ނެތް" ދަރިންނާ ހެދި ދިރިއުޅުން ބޮޑު ވޭނެއްގައި!

01 އެޕްރީލް 2024

ފިރިމީހާ މުހައްމަދު ހުސެއިނާއެކު މި ރަށުގެ ބަނދަރުމަތީގައި ތިބެގެން ބޭނި މަސްކޮޅު ހުދުކުލައިގެ ބާލިދީއަކަށް އަޅައިގެން، ފާތުމަތު އިސްމާއިލް ގެއަށް ވަނެވެ.

އާސިމާ ނިޒާރު ތ. ކިނބިދޫން އާސިމާ ނިޒާރު

ފިރިމީހާ މުހައްމަދު ހުސެއިނާއެކު މި ރަށުގެ ބަނދަރުމަތީގައި ތިބެގެން ބޭނި މަސްކޮޅު ހުދުކުލައިގެ ބާލިދީއަކަށް އަޅައިގެން، ފާތުމަތު އިސްމާއިލް ގެއަށް ވަނެވެ.

"ދިރިއުޅުން ކިހިނެއް؟" ގެއަށް ވަދެވުމާ އެކު އަހަރެމެން ސުވާލުކޮށްލީމެވެ.

އޭނާގެ ޖަވާބުގައި ވެސް އައީ ސުވާލެކެވެ.

"ދިރިއުޅުމެއް އެބައޮތްތަ؟"

"ދިރިއުޅުން ގެއްލިއްޖެ. ހަ ކުދިން ތިބޭއިރު، ހަ ކުދިންގެ އެއްވެސް ކަމެއް ނެތީމަ. ހަމަ އަޅުގަނޑު ދުވަސްވީ ވަރަކަށް މަސައްކަތް ކުރަން ޖެހޭނީ. އެހެންވީމަ، ދިރިއުޅުމެއް ނެތެންނު. ދައްތަ ލައިގެން ހަތް މީހުން ތިބޭނެ. ތިބޭއިރު، ހަ މީހުންގެ އެހީތެރިކަމެއް ނޯންނަންޏާ ދެން ދިރިއުޅުމެއް ނެތެއްނު. އެއީ ހާލަތަކީ." ނިދާ ގޮދަޑި މަތީގައި ހަމަޖެހިލައިގެން އިށީނދެ، ވާހަކަދައްކަމުން އޭނާ ބުންޏެވެ.

އުމުރުން 63 އަހަރުވެއްޖެ އެވެ. ދަރިންތައް ބޮޑެތިވެ، މީހުންނާ އިނދެގެން ދިޔައިރު ވެސް ފާތިމަތުގެ ހަޔާތުގައި ހަމަޖެހުމުގެ ނޭވާއެއް ލެވުނު ދުވަހެއް ހަނދާނެއް ނެތެވެ. ބޭކާރު ހިޔާލުތަކުން ބޭގަރާރުވެ، ފިކުރެއް ނެތި، އަރާމުގައި ނިދާލެވުނު އެންމެ ކައިރި ހަނދާނަކީ ވެސް، މީގެ 47 އަހަރު ކުރީގެ ދުވަސްތަކެވެ. އެއީ، އޭނާއަށް 16 އަހަރުގައި އަލަތު ދަރިފުޅު ލިބުމުގެ ވެސް މާ ކުރި އެވެ.

ފާތުމަތު ދިރިއުޅޭ ގޭގައި ހުންނަ ކާގެ އަދި ބަދިގެ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފާތުމަތު ދިރިއުޅޭ ގޭގައި ހުންނަ ކާގެ އަދި ބަދިގެ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކުރީގެ ކައިވެނީގައި ފިރިމީހާގެ ފަރާތުން ލިބުނު އަނިޔާތަކަށް ކެތްކޮށްގެން އުޅުނަސް، ބަދަލުގައި ފާތުމަތަށް ލިބުނު މޮޅެއް ނެތެވެ. ހަ ދަރިންގެ ތެރެއިން، ތިން ފިރިހެން ދަރިންގެ ދިރިއުޅުން އެނބުރެނީ މަސްތުވާތަކެތީގެ ތެރޭގަ އެވެ. ރިހެބްގެ ފަރުވާ ނިންމުމަށްފަހު ދެ މީހަކު މި ފަހުން ރަށަށް އަތުވެއްޖެ އެވެ. ބާކީ ހުރި މީހާ ވީ ޖަލުގަ އެވެ. ދެން ތިބި ތިން އަންހެން ދަރިންގެ ފަރާތުން ވެސް އެހީތެރިކަމެއް ނުލިބޭ ކަމަށް ފާތުމަތު ބުނެ އެވެ.

"ދައްތަގެ ކުދިންގެ ހިތެއް، ލޮލެއް ނެތް." އިތުރަށް ތަފްސީލެއް ނުދީ، އެ ވާހަކަ ނިންމާލަމުން ފާތިމަތު ބުންޏެވެ.

ބޯ ބާއްވާލާނެ އަމިއްލަ ތަންކޮޅެއް ވެސް ނެތެވެ. ބައްޕަގެ ގޭގައި އުޅެމުން ދަނިކޮށް، އެ ތަނުން ފޮނުވާލުމުން ރަށުގެ އެކި މީހުންގެ ގޭގޭގައި އުޅުނެވެ. އެކަމަކު، އިތުރު ގޮތެއް ނެތުމުން މީގެ 10 ވަރަކަށް އަހަރު ކުރިން އަނބުރާ އައީ، ތ. ކިނބިދޫގައި ހުންނަ ބައްޕަގެ ގެއަށެވެ. ނަމަވެސް، އެ ގެއަކީ، ފާތުމަތުގެ އެއްބަނޑުއެއްބަފާ ހަ މީހުންގެ ތެރެއިން އެކަކަށް ލިބުނު ތަންކޮޅަކަށް ވާތީ، އެ ގެއިން ނުކުންނަން އޭނާއަށް އޮތީ އަންގައިފަ އެވެ.

ފާތުމަތާއި އޭނާގެ ފިރިމީހާ މުހައްމަދު، މި ރަށުގެ ބަނދަރުމަތީގައި ތިބެގެން މަސް ބާނަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފާތުމަތާއި އޭނާގެ ފިރިމީހާ މުހައްމަދު، މި ރަށުގެ ބަނދަރުމަތީގައި ތިބެގެން މަސް ބާނަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މި ގޭގައި ވެސް އުޅެން ޖެހެނީ ދޭހާ އަތްވަކާއި ވެހޭ ވާރޭއެއްގަ އެވެ. ގެ ހިޔާކޮށްފައި ހުރި ޓިނު ބާވުމުން، ތަންތަންކޮޅު ފޫގޮސް، ފާތުމަތުގެ ދެމަފިރިން ނިދާ "ކޮޓަރި"އަށް ފެން ފައިބާތީ ހުންނަނީ ބާލިދީ ބަހައްޓައިފަ އެވެ. ދެމަފިރިން ނިދަން ބަހައްޓާފައި ހުރި ދެ އެނދު ފިޔަވައި އިތުރު އެއްޗެއް ބަހައްޓާނެ ޖާގައެއް ނެތެވެ. އަންނައުނުތައް ހުރީ ހާމައަށް، ދަނޑިއެއްގައި އެލުވައިފަ އެވެ. ކޮޓަރިއަކަސް، ސިޓިން ރޫމަކަސް، ބޭނުންކުރަން ހުރީ މި ކުޑަ ތަންކޮޅެވެ. ދެން ހުރީ، ކިރިޔާ ކުޑަ ގޮދަޑިއެއް ބާވާލެވޭ ވަރުގެ ޖާގަ ހުރި ކޮޓަރިއެކެވެ. އެ ތަންކޮޅުގައި، ބިންމަތީގައި ގޮދަޑި އަޅައިގެން އަޅައިގެން ނިދަނީ ފާތުމަތުގެ ދެ ފިރިހެން ދަރިންނެވެ.

"މިތާ ހުންނާނެތަ މީހަކު. މިއީ ތަނެއްތަ؟ ކުރީ ޒަމާނު ދައްކަމުން އަންނަ ވާހަކައެއްނުން މިއީ ވެސް، ފިނދަންކަލޯ ވައްދަން ފަންބޮނޑިއެއް ބަހައްޓައޭ ބޭރު މަގުމަތީގައި. ހަމައެކަނި އެއްޗެއްނު މިއީ. މިތާ ކިހިނެއް އުޅޭނީ." ފާތުމަތު ބުންޏެވެ.

ކައްކަނީ، ފާހަނާއާ ދިމާލަށް ހުރި ކުޑަ ތަންކޮޅުގަ އެވެ. އެ ތަނުގައި މޭޒު ނޫން އެހެން އެއްޗެއް ނެތެވެ. ފެންވަރާނެ ގިފިއްޔެއް ހުއްޓަސް، އެ ތަނުގައި ދޮރެއް ނެތެވެ. ފެން ވަރަން ވީމަ ފިލާގަނޑަކުން ބައްދާލަނީ އެވެ. ފާތުމަތުމެން ފާހަނާ ކުރަން ދަނީ އަތިރިމައްޗަށެވެ.

ފާތުމަތު ދިރިއުޅޭ ގޭގެ ގިފިލި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފާތުމަތު ދިރިއުޅޭ ގޭގެ ގިފިލި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭނާ ބުނީ މީގެ ދެތިން އަހަރެއްވަރު ކުރިން ކަނާތު ފަޅިގެ ވާގިނެތުމުން، ހިނގެނީ އެއް ފައި ކޮރުޖަހަމުން ކަމަށެވެ. އެހެންވެ، މަސައްކަތްކުރަން ވަރަށް ދައްޗެވެ. އެކަމަކު، ކޮންމެ ދުވަހަކު، އަރާ އިރާއެކު ވަލުން ކާށި ހޮވައިގެން، އެ ކޮށައިގެން ތެލަށް ހަދައިގެން ވިއްކަ އެވެ. ކުރިމަތީގައި އޮތް ހުސް ގޯތީ ތެރޭގައި ވެސް ފަންގިވިދެ އުޅެ އެވެ.

އެހާ ބުރަ މަސައްކަތްކޮށްގެން ވެސް އެހާ ވަރަކަށް ލާރިއެއް ނުލިބެ އެވެ. ލިބޭ އެތިއެތިކޮޅު ވެސް ގިނައިން ހަރަދުކުރަން ޖެހެނީ، އޭނާގެ ދަރިންނަށެވެ.

ފާތުމަތު ބުނާގޮތުން ގައިގައި ކިތަންމެ ވޭން އެޅިއަސް މަސައްކަތެއް ނުކުރަންޏާ ކާނެ އެއްޗެއް ނުލިބެ އެވެ. މީގެ 30 އަހަރު ކުރިން ކައިވެނިކުރި މުހައްމަދު، 63، އަކީ ވެސް ހިތުގެ މައްސަލަ ހުންނަ މީހެކެވެ، އޭނާގެ އުފަން ރަށް، ނ. ލަންދޫގައި ހުރި ގެ ވެސް ވީރާނާވެއްޖެ އެވެ. އެހެންވެ، ދިރިއުޅޭނެ އިތުރު ތަނެއް ނެތި، ކާންބޯން ދެމަފިރިން މަސައްކަތްކުރަން މި ވަނީ މަޖުބޫރުވެފަ އެވެ.

ފާތުމަތު ވާހަކަދައްކާއިރު، އޭނާގެ ފިރިމީހާ ފަހަތުގައި ހުރެގެން އަޑުއަހަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފާތުމަތު ވާހަކަދައްކާއިރު، އޭނާގެ ފިރިމީހާ ފަހަތުގައި ހުރެގެން އަޑުއަހަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އެންމެ މަހެއް ވެސް ހިނގައިދާނެ އެއްވެސް އެއްޗެއް ނުލިބި ވެސް. އަބަދު ވެސް މަސައްކަތެއް ނުކުރެވޭނެތާ. ބަލިވޭ، ވަރަށް ބަލިވޭ. ބަލިވެގެން މަސައްކަތެއް ނުކުރެވޭ ދުވަސްކޮޅެއް ވިއްޔާ، އެ ދުވަސް އެއްޗެއް ލިބުނިއްޔާ ކާނީ، ނުލިބުނިއްޔާ ނުކާނީ. ކިތައްމެ ދުވަހެއް ހުންނާނެ އެއްޗެއް ނުކައި... މީހަކު އެއްޗެއް ދީފިއްޔާ ކާލަނީ. މީހުން ދޭ އެގޮތަށް ވަރަށް އެތިއެތިކޮޅުން،" ފާތިމަތު ބުންޏެވެ.

"ވަރަށް ދަތިކޮށް އުޅެނީ."

އޭނާ ބުނީ ދިރިއުޅުމުގެ ހުރިހާ ކަމެއް ތަކްލީފަކަށް ވެފައި ވަނީ ދަރިންގެ އެއްވެސް ލޯތްބާއި ކުލުނަކާއި އެހީތެރިކަމެއް ނުލިބޭތީ އެވެ. އެހެން ނޫންނަމަ، މީގެ ވިއްސަކަށް އަހަރު ކުރިން ފާތުމަތުގެ ގޯތީގެ އިމާރާތްކުރަން ފެށި ގެ އެއްކޮށް ރާނައި، ދިރިއުޅެވޭ ވަރަށް އެތަން ފައްކާކުރެވުނީސް ކަމަށް އޭނާ ގަބޫލުކުރެ އެވެ.

މިހާރު އެންމެ އިންތިޒާރުކުރަނީ އެ ދިރިއުޅޭ ތަނުން ނުކުމެ، އަމިއްލަ، ދާއިމީ ހިޔާވަހިކަމެއް ލިބޭނެ ދުވަހަކަށެވެ. އަދި، އޭނާގެ ދަރިން ރަނގަޅުވެ، ޒިންމާދާރުވާ ދުވަހަކުން، ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވޭނެ ކަމަށް ފާތުމަތު ބުންޏެވެ.