11 އެޕްރީލް 2024
ފޮރުވައިގެން ވަރަށް ރައްކާތެރިކަމާ އެކު ހަސަން ޒަރީރު ގެންގުޅޭ ސާމާނުތަކެއް ދައްކާލި އެވެ. އެއީ މިރަށުގެ އެކި ތަންތަން ކޮނުނުއިރު ފެނުނު އިހު ޒަމާނުގެ ގުޅިތަކަކާއި އޭގެއިން ފެނުނު ގަހަނާކޮޅުތަކެކެވެ. ދެން ހުރީ ރާއްޖޭގެ ތާރީޚާ ގުޅޭ މުހިއްމު ބައެއް ފައިސާ ފޮތިތަކެކެވެ. އޭނާގެ މަސައްކަތަކީ ހިތާ ގުޅިފައިވާ އެ ސާމާނާ ގުޅުން ހުރި ރާއްޖޭގެ ތާރީހާއި ސަގާފަތް ދިރާސާކުރުމެވެ.
ފޮރުވައިގެން ވަރަށް ރައްކާތެރިކަމާ އެކު ހަސަން ޒަރީރު ގެންގުޅޭ ސާމާނުތަކެއް ދައްކާލި އެވެ. އެއީ މިރަށުގެ އެކި ތަންތަން ކޮނުނުއިރު ފެނުނު އިހު ޒަމާނުގެ ގުޅިތަކަކާއި އޭގެއިން ފެނުނު ގަހަނާކޮޅުތަކެކެވެ. ދެން ހުރީ ރާއްޖޭގެ ތާރީޚާ ގުޅޭ މުހިއްމު ބައެއް ފައިސާ ފޮތިތަކެކެވެ. އޭނާގެ މަސައްކަތަކީ ހިތާ ގުޅިފައިވާ އެ ސާމާނާ ގުޅުން ހުރި ރާއްޖޭގެ ތާރީހާއި ސަގާފަތް ދިރާސާކުރުމެވެ.
ޒަރީރަކީ މައުލޫމާތު މުއްސަނދި ހަޒާނާއެކެވެ. ކަނޑިތީމުގެ ތާރީޚާ ގުޅޭ ކޮންމެ ވާހަކައެއް ފަރިތަކަމާ އެކު ކިޔައިދޭން އޭނާއަށް އެނގެ އެވެ. ޝައުގުވެރިކަމާ އެކު މިހާރު ފަށައިގެން އުޅޭ މުހިއްމު އެއް މަސައްކަތަކީ ދިވެހިން އުޅެ ބޮޑުވި ގޮނޑުދޮށާއި ގުދުރަތީ ވެށީގެ ކަންކަން ދިރާސާކޮށް ފޮތް ލިއުމެވެ.
"އަހަރެމެންނަށް ނޭނގުނު އެއްޗެހި ހޯދައި ކިޔައިދޭން ޖެހޭ. އެ ޝައުގުވެރިކަމުގައި މި މަސައްކަތް ފެށުނީ," ކިޔަވައިދިނުމުގައި ގިނަ އަހަރުތަކެއް ހޭދަކުރި ޒަރީރު ވިދާޅުވި އެވެ.
ޒަރީރު ރައްކާކޮށްފައި ހުރި އާސާރީ ބައެއް ތަކެތި ދައްކާލަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"އަޅުގަނޑަށް ކިޔަވައިދެވިއްޖެ, މިހާރު ބޭނުން ވަނީ އަޅުގަނޑު ނެތް ދުވަހަކުން ކިޔަވާނެ, ބަލާނެ, ދިރާސާކުރާނެ އެއްޗެހިތަކެއް އުފައްދަން."
ތާނައަކުރުގެ އެންމެ ދުވަސްވީ ލިއުން ރާއްޖެ އިން ފެނުނު ކަނޑިތީމަކީ އަދިވެސް ކުރީ ޒަމާނުގެ ވަރަށް ގިނަ ކަންކަން ފެންނާނެ ރަށެކެވެ. މި ރަށުގެ ފަސްގަނޑުގައި އެކަންކަން ވަޅުލެވިފައި އެބަހުއްޓެވެ.
ރަށުގެ މަގެއް ހަދަން މި ފަހުން ވަޅެއް ކޮނުނުއިރު ވެސް ވަރަށް ކުރީ ޒަމާނުގެ ސާމާނުތައް ފެނުނެވެ. އެއީ ތާރީހާ ގުޅުން އޮތް ތަނެއް ކަމަށް މި ރަށު މީހުންނަށް އެނގިފައެއް ނެތް ތަނެވެ. މި ރަށުގެ ގަބުރުސްތާނުގައި އާއްމުކޮށް ބޭނުންކުރާ ވައްތަރަށް ވުރެން ތަފާތު ޑިޒައިންތަކުގެ މަހާނަ ގާތައް އެތަނުން ފެނުނެވެ. މުށި ކަންވާރު ނެގި އެވެ. ހިރިގަލުން ހަދާފައިވާ މިސްކިތެއްގެ ގާފޮޅެއް ވެސް ފެނުނެވެ.
ޒަރީރު، ތާރީހީ ބައެއް ވާހަކަ "މިހާރު"ގެ ނޫސްވެރިންނަށް ކިޔައިދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ދިރާސާކުރަން އައި ބަޔަކު ލަފާ ކުރި ގޮތުގައި އެތަނުގައި ވެވެއް ހުންނާނެ އެވެ. އެކަމަކު ފަހުން ބެލިއިރު ފެނުނީ ވަރަށް ބޮޑު މަހާނައެކެވެ.
ކަށިނުލާ ކުއްޖާގެ ޒިޔާރަތަކީ މި ރަށުގެ ތާރީޚާ ގުޅިފައިވާ ތަނެކެވެ.
ކަނޑިތީމު ޒިޔާރަތުގެ އެތެރެ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ ޒިޔާރަތުގައި އޮންނަނީ ބުނެވޭ ގޮތުގައި ކަށިނުލާ ނުވަތަ ކަށި ނުއުފުދޭ ކުއްޖެކެވެ. އޭނަ ދުނިޔޭގައި އޮއްވައި ނަދުރު ބުނަން ފެށި ގޮތަށް މަރުވުމުން ޒިޔާރަތް ހަދައި އެތަނަށް ވެސް ނަދުރު ބުނެ އުޅުނެވެ. އޭރު ގަބޫލުކުރާ ގޮތުގައި އޭނާގެ ފަރާތުން ނަދުރު ގަބޫލުކުރެވެ އެވެ.
ރާއްޖޭގައި އޭރު މިސްކިތް ހުއްޓަސް ޒަރީރު ކިޔައިދިން ގޮތުގައި ތާރީޚުގައި ފެންނަން އޮތީ ދަނޑުވެރިކަން ފަށަން ވިޔަސް މަސްވެރިކަން ކުރަން ވިޔަސް ދުން ބުރުވުން އޮންނާނީ ޒިޔާރަތަށެވެ. ވައްކަން ކުރާ މީހާ ހޯދުން ވެސް އޮންނަނީ ޒިޔާރަތުގަ އެވެ. އެވަރަށް އެތަނަށް ތަބާވެ އެވެ.
"ކުއްޖަކު ކެއްސާލިޔަސް ކިޔަވަން ނޭނގުނަސް ނަދުރު ބުނާނީ ޒިޔާރަތަށް. ބޮޑު ރޯގާއެއް ވިޔަސް އެންވެރިކަމަށް ވިޔަސް ކުދިން ކިރުވުން ވެސް އޮންނަނީ އެތަނުގައި," ޒަރީރު ވިދާޅުވި އެވެ.
ބައެއް ޒިޔާރަތްތައް ގޮނޑުދޮށުގައި ހުންނައިރު އިންސާނުން ނޫން އެއްޗިއްސަށް ވެސް ޒިޔާރަތް ހަދާފައި ހުރެ އެވެ.
ކަނޑިތީމުގައި ނަދުރުބުނެ އުޅުނު ޒިޔާރަތް: މިތަނުގައި ވަޅުލާފައި އޮތީ ކަށި ނެތް ކުއްޖެއް ކަމަށް ބުނޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ބޮޑު ތަދުގައި އޮޑިއެއްގައި ދަތުރުކޮށް ބޭރުން ފަހާ ފޮއްޓާއި ފޭރާން ވިޔަން ދަންނަ މީހުން ގެނެސް އެތައް ބަޔަކަށް މަސައްކަތް ދަސްކޮށްދިނެވެ. އެ ޒަމާނުގައި އުސްކޮށް އިމާރާތް ކުރިކަން އެނގެން ނެތަސް މި ރަށުގައި ދެބުރި އަށް ތަންތަން ހަދާފައި ހުރީ ޒަރީރު ވިދާޅުވި ގޮތުގައި ރަށުން އައި މެހްމާނުން ތިބެން ކަމަށް ބެލެވެ އެވެ. ރަށު އޮފީހެއް ނެތަސް ކާޑުގެ ވެސް ހުރީ ދެބުރިއަށް ހަދައިފަ އެވެ.
މި ރަށާ ގުޅޭ އެންމެ މަޝްހޫރު އަނެއް ވާހަކައަކީ ފީބޯގެ ވާހަކަ އެވެ. އެއީ ކޮން ގައުމެއްގެ މީހެއް ކަން ސީދާ ބުނަން ނޭނގުނަސް އޭނާގެ ތަނަވަސްކަމާ ހެދި މި ރަށުގެ އެތައް ބަޔަކު އޭނާއަށް ބޯލަނބައިގެން ތިއްބެވެ.
"އަޅުގަނޑު ދިރާސާކުރި ކުރުމުން އެނގުނީ އެއީ ދިވެއްސެއް ނޫނޭ. ދިވެހިންނަށް ކިޔައި އުޅޭ ނަމެއް ނޫން, ފުޓްބޯޅަ ޓީމުގައި އެބަތިބޭ ފީގޯ ކިޔާ މީހުން, އެހެންވީމާ ޕޯޗުގީޒުން އައި މީހަކަށް ވެދާނެއޭ. މި ސަރަހައްދު އުތީމުގައިތާ ވިޔަޒޯރު ވެސް އުޅުނީ. އޭގެ މީހެއް ކަމަށް ބެލެވެނީ,"
ފީބޯ އަވާގައި ޖެހިފައި ތިއްބައި މުހައްމަދު ތަކުރުފާނު ވަޑައިގެން މި ރަށް އިސްލާމްކުރުމުން އަނެއް ދުވަހު ކާފަރު ދީނަށް ވަނީ ވެސް އޭނާއާ ހެދި ކަމަށް ކިޔައި އުޅެ އެވެ. އޭނާ ފަހުން އުޅެން ޖެހުނީ ބިންގަރާހެއް ހަދައިގެން ފިލަ އެވެ. ކަނޑިތީމާ ޖެހިގެން އޮންނަ ފަޅުރަށެއް ކަމަށްވާ ކުޑަދޫގެ ވަޅުގަނޑެއްގެ ތެރޭގައި އޭނާ އުޅުނު ކަމަށް ބުނާ ތަނުގެ ނިޝާން އަދިވެސް ފެންނަން ހުރެ އެވެ.
ޒަރީރުގެ މަންމަފަރާތު އާއިލާއަކީ ކަލޭފާނުބެގެ ދަރިންނަށް ވާތީ އެންމެ ކުޑައިރުން ފެށިގެން ތާރީޚީ ވާހަކަތައް އޭނާއަށް އަޑުއިވެ އެވެ. ބައެއް ވާހަކަތައް ކިޔައިދޭއިރު ވަރަށް ޝައުގުވެރިކަމާ އެކު އަޑު އެހި އެވެ.
ބޮޑެތި ރަށްރަށުގައި ކުރިން ދިރިއުޅުނީ 20-25 އަކަށް މީހުންނެވެ. އޭރު ކިޔާ ގޮތުން އެ މީހުންގެ ދިރިއުޅުން އޮތީ ޖިންނި ޝައިތާނުންނާއި ހަންޑީންނާ އެކުގަ އެވެ. ދީނީ ގޮތުން އެހާ ހޭލުންތެރި ނޫން އެ ދުވަސްވަރު ދިވެހިން އުޅުނީ ޒިޔާރަތްތަކަށް ނަދުރު ބުނެގެންނެވެ. މިސްކިތެއް ހުއްޓަސް ޖެހޭ ކޮންމެ ބޮޑު ކަމެއްގައި ޖަމާވަނީ ޒިޔާރަތަށެވެ.
ޒަރީރު: އޭނާ އަންނަނީ ރާއްޖޭގެ ތާރީހާއި ސަގާފަތް ދިރާސާކޮށް ފޮތްތައް ލިޔަމުން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"އިހުގެ މީހުންގެ ވާހަކަތަކަށް ޝައުގުވެރިވީ އެ ހިސާބުން. އިހުޒަމާނުގައި އުޅުނު ބަޔަކު ކަންތައްކުރީ މިހެންނޭ, އެ މީހުން އުޅުނު ހާލަކީ މިއޭ, މިއިން ކޮންމެ ވާހަކައަކީ ވެސް އަޅުގަނޑަށް މުހިއްމު ކަމުދިޔަ ވާހަކައެއް," ޒަރީރު ވިދާޅުވި އެވެ.
މި ވާހަކަތަކުގެ ފުރަތަމަ ލައިބްރަރީއަކީ ޒަރީރުގެ ސިކުނޑި އެވެ. ލިޔާ މީހަކަށް ނުވާތީ ފުރަތަމަ އޭނާ މީހުންނަށް އެ ވާހަކަ ކިޔައިދީ ލިޔަން ހިތްވަރު ދިނެވެ.
"އެ ވާހަކަ ދައްކާ ދައްކާ ވެސް އެކަން ވާގޮތް ނުވީމަ ހިތަށް އެރީ އަޅުގަނޑޭ ދެން ލިޔަން ފަށާނީއޭ," ޒަރީރު ވިދާޅުވި އެވެ.
އޭނާ އެކަން ފެށިއިރަކީ ކޮމްޕިއުޓަރުގެ ޒަމާނެއް ނޫނެވެ. ދުވަސްވީ މީހުންނާ ބައްދަލުކޮށް ވާހަކަ ދައްކައި ފޮތްތައް ލިއުނީ އަތު ލިއުމުންނެވެ. ވަރަށް ދުވަސްވީ މީހުންގެ އެ އިންޓަވިއުތަކަކީ ވެސް ޒަރީރަށް ވަރަށް ތަފާތު ތަޖުރިބާއެކެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައެއް ވާހަކަތައް އެކި މީހުން ދައްކާ ގޮތުގައި ފުށުއެރުންތަކެއް ހުންނާތީ ހަގީގަތް ހޯދުންވީ ހަމަ ވަރަށް އުނދަގޫ ކަމަކަށެވެ.
ދިރޭތަކެއްޗާ ގުޅޭ ގޮތުން ވެސް ހޯދުންތައް އޭނާ އަންނަނީ ލިޔެ ޝާއިއުކުރަމުންނެވެ. މިޔަރާ ގުޅޭ ގޮތުން މި ފަހުން ވަނީ ފޮތެއް ލިއެފަ އެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި ކުރިން ޖިންނި ޝައިތާނުންގެ ވާހަކަ ލިއެފައި ހުންނަ ގޮތް ގުދުރަތީ ދިރުންތަކުގެ ފުރިހަމަ ވާހަކަ ވެސް ދަރިވަރުންނާ ހަމައަށް ލިއެވިގެން އަންނަން ޖެހެ އެވެ. ތެދު ހަގީގީ މުޖުތަމައާ ގުޅޭ ވާހަކަތައް ގެނެސްދިނުމަކީ ކުރަން ޖެހޭ ކަމެކެވެ.
"އަހަރެމެންނަކީ ކަނޑުގެ ދަރިން. މަސްވެރިން. ބޮޑެތިވީ ކަނޑު ކައިރީގައި. ކަނޑާ ބެހޭ ވަރަށް ގިނަ ކަންކަން އެބަ އެނގެން ޖެހޭ. މިޔަރުގެ ގޮތް ފާޑާއި ރާއްޖެއިން ފެންނަ މިޔަރުތަކާއި ރާއްޖެ އިން ބޭރުން ފެންނަ މިޔަރުތަކާ ގުޅޭ ގޮތުން މިހާރު ލިޔަމުން މި އަންނަނީ," ޒަރީރު ވިދާޅުވި އެވެ.
"އެ ނޫން ވެސް ތާރީޚީ ވަރަށް ގިނަ މަސައްކަތްތައް އެބަ ހިނގާ."
ޒަރީރު މިހާރު ދިރާސާކުރަމުން އަންނަނީ އުތީމު ތިން ބެއިން ބެންނެވި ކަޅުއޮއްފުންމީގެ ވާހަކަތަކެވެ. ބޭނުމަކީ ރާއްޖޭގެ ތާރީޚުގައި އެންމެ މުހިއްމު އެއް ޖިހާދު, ތަރުތީބުކޮށް ފަސޭހަކޮށް އެއް ފޮތަކުން ކިޔާލެވޭގޮތް ހެދުމެވެ. އެ އޮޑި ބަނުމާއި ހަލާކުވެ ދިއުމާ ހަމައަށް ހުރިހާ މައުލޫމާތެއް އެ ފޮތުން ފެންނާނެ އެވެ.
ޒަރީރު ލިއުނު ފޮތެއް ދައްކާލަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"އޭގެ މިންތަކާއި ބައިތަކާއި ކޮން ރަށެއްގެ ބައެއްތޯ ބަންނަން އައީ. ދަތުރުކުރި މަގުތައް ވެސް ތަފްސީލްކޮށްދިނުމުގެ މަސައްކަތް މިކުރަނީ."
ޒަރީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތާރީހް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެކު ފޯރުކޮށްދޭން ކުރަން ޖެހޭ ކަންކަން ގިނަ އެވެ. އެއީ ވަރަށް ގިނަ ބަޔަކު ގުޅިގެން ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ. ޒަރީރު ހުސްވެ ހުރީ އޭނާގެ ހަޒާނާއިން އަންނަން އޮތް ޖީލުތަކަށް ތާރީހާއި ސަގާފަތް ރައްކާތެރިކޮށްދިނުމަށެވެ.
ކަނޑިތީމަށް ހަމްދޫން އުދުއްސާލި އުފާވެރިކަން
ހާފިޒެއް، އިމާމެއް، ދަނޑުވެރިއެއް
ބިޝާ:މޭކަޕް ކުރުމުގެ ދާއިރާއިން ރާއްޖޭގެ އެންމެ އުހަށް
އުފާވެރިކަން މާޒީ އަށް، މިއީ ހިތްދަތި ހަޔާތެއް
ޝަބާނާ ކުރި ތަޖުރިބާއިން ވަރުގަދަ ވިޔަފާރިއެއް
ނަސީރު: ފެހުމުގައި މި ސަރަހައްދުގެ އެންމެ ވަރުގަދަ ނަން!
ވަހީދުބެ: އުމްރާވެރިންގެ ދިވެހި "މާސްޓަޝެފް"
ހުސެންގެ ދުނިޔެ އަނދިރިވީ ހަމަ ކުއްލިއަކަށް
އަބްދުއްރަހްމާންގެ ގުލްޒާރުގައި ނުފޮޅޭ މަލެއް ނެތް!
ނޭނގޭ ކަމެއް ނުދެއްކޭނެ, ރަށުގައި މިހާރު ޗާޕްކުރަނީ