Roadha Mihaaru
އެހެންމީހެއްގެ ހެލްމެޓާ ހެދި އެކްސިޑެންޓުވެ އައިސީޔޫއަށް

އެހެން މީހަކު ހެލްމެޓް އެޅި ގޮތުން ބްރިޖްގައި އެކްސިޑެންޓުވެ އައިސީޔޫއަށް

06 ނޮވެމްބަރ 2021

ސިނަމާލޭ ބްރިޖްގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި އިން ކުއްޖެއްގެ ހެލްމެޓްގެ ވާގަނޑު ރަނގަޅަށް ނާޅުވައި އިނުމުން ހެލްމެޓް ވަޔާ ވެއްޓުނު ވަގުތު ފަހަތުން އައި ދެ ސައިކަލެއް ކުއްލިއަކަށް މަޑުކުރަން އުޅުމުގެ ތެރޭގައި އެއް ސައިކަލު ކަހާލައިގެން ވެއްޓި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

ސިނަމާލޭ ބްރިޖްގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި އިން ކުއްޖެއްގެ ހެލްމެޓްގެ ވާގަނޑު ރަނގަޅަށް ނާޅުވައި އިނުމުން ހެލްމެޓް ވަޔާ ވެއްޓުނު ވަގުތު ފަހަތުން އައި ދެ ސައިކަލެއް ކުއްލިއަކަށް މަޑުކުރަން އުޅުމުގެ ތެރޭގައި އެއް ސައިކަލު ކަހާލައިގެން ވެއްޓި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހު ހެނދުނު ހުޅުމާލެއިން މާލެއަށް ދަނިކޮށް ހިނގި އެކްސިޑެންޓުގައި އަނިޔާވީ ހިރިޔާ ސްކޫލްގެ އަންހެން ޓީޗަރަކަށެވެ.

"ބްރިޖް ހުރަސްކޮށް މާލެއަށް އަރަން ކައިރިވެފައި ހުއްޓާ ވީ ގޮތަކީ ކުރިމަތިން ދިޔަ ސައިކަލެއްގެ ފަހަތުގައި އިން ސްކޫލް ކުއްޖެއްގެ ހެލްމެޓް ވަޔާ ވިއްސައިގެން ގޮސް ބްރިޖް މައްޗަށް ވެއްޓުމުން އެ ސައިކަލް ކުއްލިއަކަށް މަޑުކޮށްލީ. އެ ސައިކަލާ އެންމެ ކައިރިން ދިޔަ ސައިކަލް ކުއްލިއަކަށް ބުރަކި ޖެއްސި އިރު އަންހެނުން އިނީ އެ ސައިކަލްގެ ފަހަތުގައި، އެހެންވެ އޭނާ ވެސް ޖެހުނީ ކުއްލިއަކަށް ބުރަކި ޖައްސަން،" އަނިޔާވި މީހާގެ ފިރިމީހާ "މިހާރު" އަށް ކިޔައިދިނެވެ.

އޭނާ ބުނީ ސައިކަލާ އެކު ވެއްޓި އަންހެނުންގެ މޫނު އެއްކޮށް މަށައިގެން ގޮސް ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ.

"އޭޑީކޭ އަށް ގެންގޮސް އީއާރްގައި އެންމެ ފުރަތަމަ ފަރުުވާ ދިނީ. އޮބްޒަވޭޝަންގައި އޮއްވައި ހޮޑުލެވެން ފެށުމުން އައިސީޔޫގައި ވެސް ބޭއްވި. އެކަމަކު މިހާރު އޮތީ ވޯޑަށް ބަދަލުކޮފައި. އިރާދަކުރެއްވިއްޔާ ސިކުނޑި އަށް އަދި އެއްވެސް ކައްޓަކަށް ވެސް އަނިޔާއެއް ވެފައި ނެތް ކަމަށް ޓެސްޓްތަކުން ދެއްކީ."

އޭނާ ބުނި ގޮތުގައި އަންހެނުން ބޮލަށް އަނިޔާއެއް ނުވެ ސަލާމަތްވީ ހެލްމެޓްގެ ސަބަބުންނެވެ. ހެލްމެޓް ވަރަށް ބޮޑަށް ގޭނިފައި ހުރި ކަމަށާއި އެކަމަކު އެހާ ބާރަށް ވެއްޓުމުން ވެސް ބޮލުން ހެލްމެޓް ނުނެއްޓި އޮތުމުން ބޮލަށް އަނިޔާއެއް ނުވާ ކަމަށް ބުންޏެވެ.

"ތާރުގަނޑުމަތީ ކޭއްތެމުން ދިޔައިމަ ނިތްކުރީގައި އެންމެ ހަންކޮޅެއް ވެސް ނެތް. އަތްފައި ވެސް ކޮންމެވެސް ވަރަކަށް މެށިފައި އެބަހުރި،" އަނިޔާވި މީހާގެ ފިރިމީހާ ބުންޏެވެ.

އެހެން މީހެއްގެ ފަރުވާ ކުޑަކުރުމުގެ ސަބަބުން ހިނގި އެކްސިޑެންޓާ ބެހޭ ގޮތުން އޭނާ ބުނީ ރަނގަޅަށް ހެލްމެޓް ނާޅައި އިނުން ފަދަ ކަންކަންމަކީ އާދައިގެ ކަންކަން ނޫންކަން އެންމެންނަށް ވެސް އެނގެންޖެހޭ ކަމަށާއި މިފަދަ ކަންކަމާ ފަރުވާ ކުޑަކޮށްގެން ނުވާނެ ކަމަށެވެ.

"ބްރިޖްގައި ދުއްވާފައި ދިޔައިރު ހެލްމެޓުގެ ވާގަނޑު ނާޅުވައި ދާން އެހެން މީހަކު ނިންމި ނިންމުން ބޮޑު އެކްސިޑެންޓެއް ހިނގައި އަހަރެންގެ އަންހެނުން މި ޖެހުނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން،" މި އެކްސިޑެންޓާ ބެހޭ ގޮތުން އޭނާ ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

ސިނަމާލޭ ބްރިޖަކީ ބާރު ސްޕީޑްގައި ދުއްވާ ތަނަކަށް ވިޔަސް ބްރިޖާއި އެތަނާ ގުޅިފައިވާ ހައިވޭގައި ދުއްވާއިރު ބައެއް މީހުން އެހެން މީހުންނާ ވާހަކަ ދައްކަމުން ދިއުމާއި ފޯނު ކޯލްތަކަށް ޖަވާބު ދޭން ކުއްލިއަކަށް މަޑުކުރުން ފަދަ ނުރައްކާތެރި ކަންކަން ކުރެ އެވެ. ބްރިޖާއި ހައިވޭގައި ނުރައްކާތެރި އެތައް އެކްސިޑެންޓެއް ހިނގައި މީހުންނަށް ބޮޑެތި އަނިޔާތައް ވެފައިވެ އެވެ.