Roadha Mihaaru
ހެލްމެޓުގެ ޝަރުތުތައް ހާމަކޮށްފި

ހެލްމެޓުގެ ޝަރުތުތައް ހާމަކޮށްފި

01 މާޗް 2019

މި މަހުގެ 10 އިން ފެށިގެން، ސިނަމާލެ ބްރިޖާއި ހައިވޭގައި ހެލްމެޓް އަޅަން މަޖުބޫރުކޮށްފައިވާއިރު، އަޅަން ޖެހޭ ހެލްމެޓުގެ ޝަރުތުތައް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މި މަހުގެ 10 އިން ފެށިގެން، ސިނަމާލެ ބްރިޖާއި ހައިވޭގައި ހެލްމެޓް އަޅަން މަޖުބޫރުކޮށްފައިވާއިރު، އަޅަން ޖެހޭ ހެލްމެޓުގެ ޝަރުތުތައް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ.

އިންޖީނު ލީ އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާ ބެހޭ ގަވައިދަށް އިސްލާހު ގެނެސް އިއްޔެ ގެޒެޓްކުރިއިރު 30 ކިލޯ މީޓަރަކަށް ވުރެ ބާރަށް ދުއްވަން ޖެހޭ ހިސާބުތަކުގައި ހެލްމެޓް އެޅުމަށް މަޖުބޫރުކޮށްފައިވާއިރު އެ އުސޫލަށް އަމަލު ކުރަން ފަށަނީ މިމަހު 10 ވަނަ ދުވަހު އެވެ. އެ ގަވައިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ނިންމާފައިވަނީ އަންނަ މަހުން ފެށިގެންނެވެ.

އެ ގަވައިދު ބުނާގޮތުން "އޭ1 އާއި އޭ0" ކެޓަގަރީގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް ދުއްވާ މީހާގެ އިތުރުން ފަހަތުގައި އިންނަ މީހާ އަޅަން ޖެހޭ ހެލްމެޓުގައި ވަކި ޝަރުތުތަކެއް ހުންނަން ޖެހެ އެވެ. ތިރީގައި އެވަނީ އެ ގަވައިދުގައި ބުނެފައިވާ ޝަރުތުތަކެވެ.

* ބޮލަށް ހެޔޮވަރު ހެލްމެޓަކަށް ވުން.

* ދަތްދޮޅިދަށުން ހަރުކުރެވޭގޮތަށް ހާއްސަ ކަމަރެއް ހަރުކޮށްފައިވާ ހެލްމެޓަކަށް ވުން.

* ހެލްމެޓާއި އޭގައި ބޭނުންކޮށްފައިވާ ކަމަރުގައި އެއްވެސް ތޫނު އެއްޗެއް ނުވަތަ ތޫނު ތަނެއް ނުވަތަ ޖޮއިންޓެއް ހަރުކޮށްފައި ނެތުން.

* ޓިންޓެޑް މެޓީރިއަލް ނުވަތަ ކުލަ މެޓީރިއަލް ބޭނުންކޮށްފައިނުވާ ހެލްމެޓަކަށް ވުން.

* ހެލްމެޓުގައި ހަރުކޮށްފައި ހުންނަ ސްކުރީނަކީ މޫނުފެންނަ މެޓީރިއަލަކުން ހަދާފައި ހުންނަ ސްކްރީނަކަށް ވުން.

* ހެލްމެޓުގެ ކުލައަކީ ލޮލަށް އުނދަގޫ ނުވާފަދަ ކުލައަކަށްވުން.

* ހެލްމެޓު އެޅުމުން ކާކުކަން ނޭންގޭގޮތަށް މޫނު ނުފޮރުވޭ ހެލްމެޓަކަށް ވުން.

އެ އުސޫލާ ހިލާފަށް ދުއްވާ ފަރާތްތައް ފުރަތަމަ ފަހަރަށް 500 ރުފިޔާއިން ޖޫރިމަނާ ކުރާއިރު ދެވަނަ ފަހަރު 750 ރުފިޔާއިން ޖޫރިމަނާ ކުރެވެ އެވެ. އޭގެ ފަހުން ގަވައިދާ ހިލާފުވާ ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.

ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް ދުއްވައިގެން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ބަދަލު ދިނުމުގެ އިތުރުން އެ އުޅަނދެއް ދުއްވި މީހާގެ ލައިސަންސް 10 އަހަރަށް ހިފެހެއްޓޭނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.

އެ ގަވައިދުގައި ކަނޑައަޅާފައިނުވާ ކަމަކާ ހިލާފުވާ ފަރާތްތައް 750 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ދީފައިވެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ވަކި ކޯހެއް ފުރިހަމަ ކުރާ ފަރާތްތަކަށް ހެލްމެޓް ދޭން ވެސް ފަށާފަ އެވެ. އެގޮތަށް 5،000 ހެލްމެޓް ބެހުމަށް ވަނީ ނިންމާފަ އެވެ.

ސިނަމާލެ ބްރިޖާއި އެތަނާ ގުޅޭ ހައިވޭގައި ހެލްމެޓު އަޅަން މަޖުބޫރުކުރަން ނިންމީ، އެ ތަނުގައި އެކްސިޑެންޓުތައް ގިނަވެ ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވަނިކޮށެވެ.