Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
އިންޑިއާގެ ހޮސްޕިޓަލެއްގައި ރޯވެ 11 މީހުން މަރުވެއްޖެ

އިންޑިއާގެ ހޮސްޕިޓަލެއްގައި ރޯވެ ކޮވިޑް ބަލީގެ 11 މީހަކު މަރުވެއްޖެ

07 ނޮވެމްބަރ 2021

އިންޑިއާގެ ހުޅަނގުގައި ސަރުކާރުން ހިންގާ ހޮސްޕިޓަލެއްގެ ވޯޑެއްގައި އިއްޔެ ރޯވުމުގެ ސަބަބުން، އެ ތަނުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ ކޮވިޑް ބަލީގެ 11 މީހަކު މަރުވެއްޖެ އެވެ.

އިންޑިއާގެ ހުޅަނގުގައި ސަރުކާރުން ހިންގާ ހޮސްޕިޓަލެއްގެ ވޯޑެއްގައި އިއްޔެ ރޯވުމުގެ ސަބަބުން، އެ ތަނުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ ކޮވިޑް ބަލީގެ 11 މީހަކު މަރުވެއްޖެ އެވެ.

މަހާރާޝްތުރާ ސްޓޭޓްގެ އަހްމަދު ނަގަރްގައި ހުންނަ ސަރަހައްދީ ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން، ސަރުކާރު އޮފިޝަލުން ވިދާޅުވާ ގޮތުގައި މިހާދިސާގައި މަރުވެފައިވަނީ އެ ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ވޯޑްގައި އެޑްމިޓްކޮށްފައި ތިބި ބަލިމީހުންނެވެ. އެންމެ ތިރީ ބުރީގައި ހުންނަ އެ ވޯޑުގައި އަލިފާން ރޯވި އިރު، ފަރުވާ ދިނުމަށްޓަކައި ކޮވިޑް ބަލީގެ 17 މީހަކު އެޑްމިޓްކޮށްފައި ތިއްބެވެ.

އަހްމަދު ނަގަރް އަވަށުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮފިސަރު ވިރެންދުރަ ބަޑާދޭ ވިދާޅުވި ގޮތުގައި މިހާދިސާގައި މަރުވި މީހުންގެ އިތުރުން ހަތް މީހަކަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފަ އެވެ. އޭގެ ތެރެއިން ހާލު ބޮޑުވި ދެ މީހަކު މިހާރު ވަނީ، އިތުރު ފަރުވާ ދިނުމަށްޓަކައި އެ ސަރަހައްދުގައި ހުރި އަމިއްލަ ހޮސްޕިޓަލަކަށް ބަދަލުކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން، ހޮސްޕިޓަކުގެ ވޯޑުގެ ކުޑަދޮރުތަކުން ވަރަށް އޮލަކޮށް ދުން އަރާ މަންޒަރު ފެނެ އެވެ. އަދި ބަލި މީހުން ސަލާމަތް ކުރުމަށްޓަކައި ޑޮކްޓަރުންނާއި ނަރުހުންނާއި މަސައްކަތު މީހުން ވަރަށް އަވަދިނެތި މަސައްކަތް ކުރާ މަންޒަރު ވެސް ފެނެ އެވެ.

މި ހާދިސާ މިހާރު ތަހުގީގު ކުރަމުން އަންނަ އިރު، އަލިފާން ނިއްވާ އިދާރާ އިން ބުނި ގޮތުގައި ލަފާކުރެވެނީ ކަރަންޓު ޝޯޓެއްގެ ސަބަބުން އަލިފާން ރޯވީ ކަމަށެވެ. މަރުވެފައިވާ 11 މީހުންގެ ތެރެއިން ގިނަ މީހުންގެ ހަށިގަނޑުތައް އޮތީ ކާކުކަން ވަކިނުވާ ވަރަށް އަނދާފައި ކަމަށްވާތީ، އެމީހުން ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލުތައް ހަދަމުން އަންނަ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

މިހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް، ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ. މަހާރާޝްތުރާ ސްޓޭޓްގެ ސަރަހައްދީ ސަރުކާރުން ބުނި ގޮތުގައި މި ހާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް ބަދަލުގެ ގޮތުގައި 500000 ރުޕީސް (6739 ޑޮލަރު) ސަރުކާރުގެ ފަރާތުން ދޭނެ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން، އިންޑިއާގެ އެކި ސަރަހައްދުތަކުގެ ހޮސްޕިޓަލުތަކުގައި އަލިފާނުގެ 24 ވަރަކަށް ހާދިސާ ހިނގާފައިވެ އެވެ. އަދި އެ ހާދިސާތަކުގައި ކޮވިޑް ބަލީގެ 100 އެއްހާ މީހުން މަރުވެފައިވެ އެވެ.

ހޮސްޕިޓަލުތަކުގައި ހިނގި އަލިފާނުގެ ގިނަ ހާދިސާތައް ހިނގާފައިވަނީ، ތަޖުރިބާކާރުން ބުނާ ގޮތުގައި، އެއާކޮންޑިޝަނަރާއި ވެންޓިލޭޓަރު ފަދަ ތަކެތީގައި ރޯވެގެންނެވެ.

އިންޑިއާގައި އެންމެ ބޮޑަށް ކޮވިޑް ފެތުރިފައިވާ މަހާރާޝްތުރާ ސްޓޭޓްގެ ހޮސްޕިޓަލުތަކުގައި ހިނގި އަލިފާނުގެ ހާދިސާތަކުގައި އެކަނިވެސް، 43 މީހަކު ވަނީ މަރުވެފަ އެވެ. އެ ސްޓޭޓުން އެކަނިވެސް 66 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވެ އެވެ.