Roadha Mihaaru
ރިސޯޓް މުވައްޒަފަކަށް މަދުވެގެން 12،000ރ.

ރިސޯޓް މުވައްޒަފަކަށް މަދުވެގެން 12،000ރ. ލިބެން ވާނެ

08 ނޮވެމްބަރ 2021

ބޮޑެތި ވިޔަފާރިތަކުގެ މިނިމަމް ވޭޖްގެ ގޮތުގައި މަހަކަށް 8،000ރ. ހަމަޖެއްސުމާ އެކު، ސާވިސް ޗާޖާ އެކު ރިސޯޓް މުވައްޒަފުންނަށް މަހަކު 12،000ރ. ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ބޮޑެތި ވިޔަފާރިތަކުގެ މިނިމަމް ވޭޖްގެ ގޮތުގައި މަހަކަށް 8،000ރ. ހަމަޖެއްސުމާ އެކު، ސާވިސް ޗާޖާ އެކު ރިސޯޓް މުވައްޒަފުންނަށް މަހަކު 12،000ރ. ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ތަފާސްހިސާބުތަކާ ހަވާލާދެއްވައި އޭނާ ވިދާޅުވި ގޮތުގައި، ކޮންމެ ރިސޯޓެއްގެ ސާވިސް ޗާޖްގެ ގޮތުގައި 10 ޕަސެންޓް މުވައްޒަފުންގެ މެދުގައި ބަހާލާއިރު، ކޮންމެ މުވައްޒަފަކަށް މަހަކު 5000-10،000ރ. ޖެހެ އެވެ. އެހެންވެ، އޭގެ ތެރެއަށް މުސާރަ ހިމަނައިފި ނަމަ، "ރިސޯޓެއްގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް މހަކު 12،000ރ. ޖެހޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މިނިމަމް ވޭޖްގެ ސަބަބުން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ 16،000 ދިވެހިންގެ ތެރެއިން 13،000 މީހުންނަށް ހެޔޮ ފައިދާ ކުރާނެ،" މިނިމަމް ވޭޖްގެ ގަރާރުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ހޮޓެލް ޖެންގައި މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ގެނައި ބަދަލާ ގުޅިގެން، 60 ޕަސެންޓަށް ވުރެ ގިނަ މީހުންގެ މުސާރަ ޑަބްލް ވެގެންދާނެ އޭގެ ތެރެއަށް ސާވިސް ޗާޖް ވެސް ހިމަނައިގެން."

"އާންމު ގޮތެއްގައި ރިސޯޓްތަކުގައި [މުސާރައިގައި] ވަރަށް ބޮޑެތި ތަފާތުތަކެއް އެބަހުރި. އެކި ހިސާބުގައި، އެކި ރިސޯޓްތަކުގައި، ރިސޯޓްގެ އެކި ވަޒީފާތަކުގައި ވެސް. އަޅުގަނޑުމެން ބެލިއިރު އެންމެ ބޮޑުކޮށް ލިބޭ ދިވެހި މުވައްޒަފަކަށް އެބަހުރި 200،000ރ. ލިބޭ. އަދި އެންމެ މަދުން ލިބޭ މީހުންނަށް 1000ރ. އަދި 2000 މީހުން ވެސް."

އެންމެ ދަށް މުސާރަ އިއުލާން ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު (މ) އާއި ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް އަދި ހައުސިން މިނިސްޓަރު އަސްލަމް.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެންމެ ދަށް މުސާރަ އިއުލާން ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު (މ) އާއި ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް އަދި ހައުސިން މިނިސްޓަރު އަސްލަމް.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މިނިސްޓަރު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމުގައި އެއަށް ބަލައިގެން އެވްރެޖް ހެދުމަކީ ރަނގަޅު ގޮތެއް ކަމަށް ފެނިވަޑައިނުގަތް ކަމަށާއި އެހެންވެ، މިނިމަމް ވޭޖެއް ކަނޑައެޅީ ޖުމްލަ އަދަދަކަށް ބަލައިގެން ކަމަށެވެ.

"އެވްރެޖް މި އުޅެނީ 4،000-5،000ރ. ވަރު،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ހާލަތުގައި މިއީ މާ ބޯޑަށް ވެސް ރަނގަޅު ނިންމުންތަކެއް."

މިނިމަމް ވޭޖާ އެކު ސަރުކާރުގެ ނުވަތަ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން 15،000 މުވައްޒަފަކަށް ހެޔޮ ބަދަލު އަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ސިވިލް ސާވިސްގެ އެންމެ ދަށް މުސާރަ އަކީ މަހަކު 7،000ރ. އެވެ.

މިނިމަމް ވޭޖް ކަނޑައެޅި ދާއިރާތަކާއި މިނިމަމް ވޭޖް:

- ކުދި ވިޔަފާރިތަކަށް، މަހަކު 4500ރ.

- މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7000ރ.

- ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8000ރ.

- ސިވިލް ސާވިސް، މަހަކު 7000ރ.

ބޮޑެތި ވިޔަފާރިތަކުގެ ގޮތުގައި ބަލަނީ 100 މުވައްޒަފުންނަށް ވުރެ އިތުރަށް ގެންގުޅޭ، 20 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ކުންފުނިތަކަށެވެ. ރިސޯޓްތައް ހިމެނެނީ މި ކެޓަގަރީގަ އެވެ.

މިނިމަމް ވޭޖްގެ ތެރޭގައި ބިދޭސީ މަސައްކަތު މީހުން ނުހިމެނެ އެވެ.