Roadha Mihaaru
މިނިމަމް ވޭޖްގެ ކަންބޮޑުވުން ޓޫރިޒަމް ދާއިރާއިން ވެސް

މިނިމަމް ވޭޖްގެ ކަންބޮޑުވުން ޓޫރިޒަމް ދާއިރާއިން ވެސް!

15 އޮކްޓޯބަރ 2021

މިނިމަމް ވޭޖްގެ ސަބަބުން ދިމާވެދާނެ މައްސަލަތައް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ޓޫރިޒަމް ދާއިރާ އިން ހުށަހަޅައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިނިމަމް ވޭޖްގެ ސަބަބުން ދިމާވެދާނެ މައްސަލަތައް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ޓޫރިޒަމް ދާއިރާ އިން ހުށަހަޅައިފި އެވެ.

މިނިސްޓަރު ވިދާޅުވީ، މިނިމަމް ވޭޖް ބޯޑުން ނިންމި ގޮތް ދިރާސާކުރަމުން އަންނަ އިރު ކަނޑައެޅި އަދަދުތަކާ މެދު ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހުށަހަޅާފައިވާ ކަމަށެވެ.

ވޭޖް ބޯޑުން ނިންމާފައިވާ ގޮތުން، ރާއްޖޭގެ ގިނަ ރިސޯޓުތައް ހިމެނޭނީ ބޮޑެތި ވިޔަފާރިތަކުގެ ތެރޭގައި ކަމަށް ވާތީ ރިސޯޓުތަކުގެ އެންމެ އާދައިގެ ވަޒީފާތަކުގައި މަސައްކަތް ކުރާ މީހުންނަށް ވެސް އެންމެ ކުޑަ މުސާރައިގެ 8،900ރ. ލިބޭނެ އެވެ. އެ އަދަދާ މެދު ކަންބޮޑުވާކަން ރިސޯޓުތައް ހިންގާ ފަރާތްތަކުން ފާޅުގައި ހާމަނުކުރި ނަމަވެސް، "މިހާރު"އާ ވާހަކަދެއްކި ބައެއް ވިޔަފާރިވެރިން ވަނީ މިއީ އިންސާފުވެރި އަދަދުތަކެއް ނޫން ކަން ހާމަކޮށްފަ އެވެ.

ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގަމުން އަންނަ ވިޔަަފާރިވެރިއަކު ވިދާޅުވީ، މިނިމަމް ވޭޖްގެ ގޮތުގައި ހުރި އަދަދުތައް ބޮޑު ކަމަށެވެ. ވަކިވަކި ކެޓަގަރީތަކަށް ބެހުމުގެ ބަދަލުގައި ކަނޑައަޅަން ޖެހޭނީ އެއް އަދަދެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ރިސޯޓުތަކުގައި އެންމެ ކުޑަ އުޖޫރަ ލިބޭ މުވައްޒަފުންނަކީ ގާޑެނާސް އާއި ޕަބްލިކް އޭރިއާ އެޓެންޑެންޓުންނެވެ. އެ މުވައްޒަފުންނަށް އާންމުކޮށް ލިބެނީ 200 އެއްހާ ޑޮލަރު (3،000ރ.) އެވެ. ބޯޑުން ކަނޑައަޅާފައިވާ ގޮތުން މި ވަޒީފާތަކުގައި އުޅޭ މީހުންނަށް ވެސް 8،900ރ. އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ލިބެން ޖެހެ އެވެ.

މިނިމަމް ވޭޖް ބޯޑުން އެންމެ ކުޑަ އުޖޫރައާ މެދު ގޮތެއް ކަނޑައަޅާފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ސިވިލް ސާވިސް މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ކަނޑައެޅީ 7،000ރ. އެވެ. އަމިއްލަ ވިޔަފާރިތަކުގެ ކުދި ވިޔަފާރިތަކަށް 5،000ރ. ކަނޑައެޅި އިރު މެދުފަންތީގެ ވިޔަފާރިތަކަށް އެންމެ ކުޑަ އުޖޫރައަކީ 7،000ރ. އެވެ. ސަރުކާރުން ބުނަމުން އަންނަނީ ބޯޑުން ގޮތެއް ނިންމިހާ އަވަހަކަށް މިނިމަމް ވޭޖާ މެދު ގޮތެއް ކަނޑައަޅާނެ ކަމަށެވެ.