Roadha Mihaaru
ގުދުސްގަ އެމެރިކާގެ ކޮންސުލޭޓް ހުޅުވުން ބޮޑު ބަހުސަކަށް

ގުދުސްގައި އެމެރިކާގެ ކޮންސުލޭޓް ހުޅުވުމާ މެދު ބޮޑު ބަހުސެއް

08 ނޮވެމްބަރ 2021

ހިފާފައިވާ ގުދުސްގައި އެމެރިކާގެ ކޮންސުލޭޓް އޮފީހެއް ހުޅުވުމާ މެދު، އިޒްރޭލާއި ފަލަސްތީނާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށް މަސްރަހު ވަރަށް ބޮޑަށް ހޫނުވެއްޖެ އެވެ.

ހިފާފައިވާ ގުދުސްގައި އެމެރިކާގެ ކޮންސުލޭޓް އޮފީހެއް ހުޅުވުމާ މެދު، އިޒްރޭލާއި ފަލަސްތީނާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށް މަސްރަހު ވަރަށް ބޮޑަށް ހޫނުވެއްޖެ އެވެ.

އެމެރިކާ އިން ގުދުސްގައި ހުޅުވަން ގަސްދުކުރާ ކޮންސުލޭޓް އޮފީހުން، ފަލަސްތީނު ސަރުކާރާ އެކުގައި މުއާމަލާތުކުރަން ނިންމުމާ ގުޅިގެން، އިޒްރޭލުން ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ. އިޒްރޭލުން ބުނީ ފަލަސްތީނު ރައްޔިތުންނަށް ހިދުމަތްކުރާ، އެމެރިކާގެ ކޮންސުލޭޓަކަށް ގުދުސްގައި ޖާގައެއް ނެތް ކަމަށެވެ.

މި މައްސަލައިގައި އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވީ، އެއްވެސް ޑްރާމާއެއް ނުކުޅެ، އިޒްރޭލުން ދެކޭ ގޮތް މިހާރު ސާފުކޮށް ބުނެފައިވާނެ ކަމަށެވެ. ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށާއި، އެއުސޫލުން އަމަލުކުރުމަށް ނޫނީ، އެމެރިކާގެ ކޮންސުލޭޓެއް ގުދުސްގައި ނުހުޅުވާނެ ކަމަށް އިޒްރޭލުން ބުންޏެވެ.

އިޒްރޭލުގެ މި ވާހަކަތަކަށް ރައްދު ދެމުން ފަލަސްތީނު ސަރުކާރުން ބުނީ ފަލަސްތީނުގެ ވެރިރަށް އިރުމަތީ ގުދުސްގައި އެމެރިކާގެ ކޮންސުލޭޓް އޮފީސް ހުޅުވުން ނޫން ގޮތެއް ފަލަސްތީނުން ގަބޫލު ނުކުރާނެ ކަމަށެވެ.

ފަލަސްތީނު ސަރުކާރުގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ވިދާޅުވީ އެމެރިކާގެ ކޮންސުލޭޓް އޮފީހެއް، އިރުމަތީ ގުދުސްގައި ހުޅުވަން ނިންމި ނިންމުން އެ ގޮތުގައި ތަންފީޒު ކުރާނެ ކަން، އެމެރިކާ އިން ވަނީ ރަސްމީކޮށް ފަލަސްތީނަށް އަންގައިފަ އެވެ.

"އެމެރިކާ އިން 1844 ވަނަ އަހަރު އެ ގައުމުގެ ކޮންސުލޭޓް ހުޅުވި ތަނުގައި، އަލުން އެ ކޮންސުލޭޓް ހުޅުވަން ނިންމާފައިވާ ނިންމުން ބަދަލުކުރަން އިޒްރޭލުން އަންގާ އެއްވެސް އެންގުމެއް ބަލައެއް ނުގަންނާނަން." ނަބީލް އަބޫ ރުދައިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިޒްރޭލުން މަސައްކަތް ކުރަމުން އަންނަނީ، އެމެރިކާ ސަރުކާރަށާއި ބައިނަލްއަގުވާމީ މުޖްތަމައަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖަހައި، އިޒްރޭލު ބޭނުންވާ ގޮތަކަށް ހުރިހާ ކަމެއް ބަދަލުކުރާށެވެ.

އިރުމަތީ ގުދުސްގައި ހުރި އެމެރިކާގެ ކޮންސުލޭޓް އޮފީސް ބަންދުކުރީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި 2019 ވަނަ އަހަރު އެވެ. އޭގެ ބަދަލުގައި އެ އޮފީހުގެ މަސައްކަތްތައް، އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީގައި ކުރާ ގޮތަށް ނިންމި އެވެ.

ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެމެރިކާގެ މިހާރު ރައީސް ޖޯ ބައިޑަން ނިންމަވާފައިވަނީ، ކުރިން ވެސް އިރުމަތީ ގުދުސްގައި ހުރި ކޮންސުލޭޓް އޮފީސް އަލުން ހުޅުވުމަށެވެ. ފަލަސްތީނު ސަރުކާރާ އެކުގައި މުއާމަލާތުކުރުމަށް ހާއްސަކޮށްފައިވާ އެ އޮފީސް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް، އެމެރިކާ އިން ކިތަންމެ ފަހަރަކު ބުނެފި އެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން މިދިޔަ މަހު ވިދާޅުވީ، އިރުމަތީ ގުދުސްގައި އެމެރިކާގެ ކޮންސުލޭޓް ހުޅުވަނީ، ފަލަސްތީނާ އެކުގައި މުއާމަލާތު ކުރުމުގެ ބޭނުމުގައި ކަމަށެވެ. އެ އޮފީސް ހުޅުވާނެ ވަކި ތާރީޚެއް ނުދެއްވިޔަސް، އެ މަސައްކަތް ލަސްވަނީ، ކުރިއަށް އޮތް އަހަރުގެ ބަޖެޓް ފާސްކުރުމުގެ މަސައްކަތް ނުނިމޭތީ ކަމަށް ބްލިންކެން މިދިޔަ މަހު ވިދާޅުވި އެވެ.