Roadha Mihaaru
"ހުޅަނގު ގުދުސަކީ އިޒްރޭލުގެ ވެރިރަށެއް ނޫން"

ހުޅަނގު ގުދުސަކީ އިޒްރޭލުގެ ވެރިރަށެއް ނޫން: އޮސްޓްރޭލިޔާ

18 އޮކްޓޯބަރ 2022

އިޒްރޭލުން ފޭރިގަނެފައިވާ ފަލަސްތީނުގެ ބިންތަކުގެ ތެރެއިން ހުޅަނގު ގުދުސްއަކީ، އިޒްރޭލުގެ ވެރިރަށް ކަމަށް އޮސްޓްރޭލިޔާގެ ކުރީގެ ސަރުކާރުން ގަބޫލުކުރި ގަބޫލުކުރުން އެ ގައުމުން އަނބުރާ ގެންގޮސްފި އެވެ.

އިޒްރޭލުން ފޭރިގަނެފައިވާ ފަލަސްތީނުގެ ބިންތަކުގެ ތެރެއިން ހުޅަނގު ގުދުސްއަކީ، އިޒްރޭލުގެ ވެރިރަށް ކަމަށް އޮސްޓްރޭލިޔާގެ ކުރީގެ ސަރުކާރުން ގަބޫލުކުރި ގަބޫލުކުރުން އެ ގައުމުން އަނބުރާ ގެންގޮސްފި އެވެ.

އޮސްޓްރޭލިޔާ ސަރުކާރުން ބުނި ގޮތުގައި ހުޅަނގު ގުދުސްއަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އޮސްޓްރޭލިޔާ އިން މިހާރު ގަބޫލެއް ނުކުރެ އެވެ. އޮސްޓްރޭލިޔާގެ ކުރީގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންގެ ސަރުކާރުން 2018 ވަނަ އަހަރު ނިންމި ނިންމުން އުވާލައި، މިހާރުގެ ސަރުކާރުން ބުނީ، ހުޅަނގު ގުދުސްގެ ހައިސިއްޔަތު ކަނޑައަޅަންޖެހޭނީ، އިޒްރޭލާއި ފަލަސްތީނާ ދެމެދު ގާއިމުކުރެވޭ ސުލްހައިގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

"ހުޅަނގު ގުދުސްގެ މައްސަލައަކީ، އިޒްރޭލާއި ފަލަސްތީނު ރައްޔިތުންގެ މެދުގައި ގާއިމުކުރެވޭ ސުލްހައިގެ އެއްބަސްވުމެއްގެ ދަށުން ހައްލުކުރަންޖެހޭނެ މައްސަލައެއްގެ ގޮތުގައި އޮސްޓްރޭލިޔާ އިން ޒަމާނުއްސުރެ ދަމަހައްޓަމުން އަންނަ ސިޔާސަތު މިއަދު ވެސް އަލުން ކަށަވަރުކޮށްދެން،" އޮސްޓްރޭލިޔާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ކުރީގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންގެ ސަރުކާރުން ނިންމި ނިންމުން އުވައިލުމުން، އިޒްރޭލުގައި ހުންނަ އޮސްޓްރޭލިޔާގެ އެމްބަސީ ހުންނާނީ އިޒްރޭލުގެ ވެރިރަށް ތެލް އަބީބްގަ އެވެ. އަދި އޮސްޓްރޭލިޔާގެ ސިޔާސަތަކީ، އިޒްރޭލާއި ފަލަސްތީނާ ދެމެދުގައި ގާއިމުކުރާ ސުލްހައިގެ އެއްބަސްވުމެއްގެ ދަށުން އެކުލަވާލައި، ބައިނަލްއަގުވާމީ މުޖްތަމައުން ގަބޫލުކުރާ ސަރަހައްދީ އިންތަކަކާ އެކުގައި އުފެދޭ، އިޒްރޭލާއި ފަލަސްތީނުގެ މިނިވަން ދެ ދައުލަތް އޮތުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ސިޔާސަތާ ޚިލާފަށް އެއްވެސް ބަޔަކު ހުށަހަޅާ ހުށަހެޅުމެއް އޮސްޓްރޭލިޔާ އިން ގަބޫލު ނުކުރާނެ ކަމަށް ވެސް، އެ ގައުމުގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

އިޒްރޭލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމުކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ވެސް، ގުދުސްގެ މައްސަލަ އެވެ. ފަލަސްތީނުން ދެކޭ ގޮތުގައި އިރުމަތީ ގުދުސަކީ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށެވެ. އިޒްރޭލުން ދެކޭ ގޮތުގައި މުޅި ގުދުސަކީ އިޒްރޭލުގެ ވެރިރަށެވެ.

އިރުމަތީ ގުދުސަކީ 1967 ވަނަ އަހަރު އިޒްރޭލާއި އަރަބީންނާ ދެމެދު ކުރި ވަރުގަދަ ހަނގުރާމައިގައި އަރަބިން ބަލިކޮށް އިޒްރޭލުން ހިފައި އަޅުވެތިކޮށްފައިވާ ސަރަހައްދެކެވެ. އެ ސަރަހައްދުން އިޒްރޭލު ސިފައިން ބާލައި އެ ބިން ފަލަސްތީނާ ހަވާލުކުރުމަށް ގިނަ ގައުމުތަކަކުން ގޮވަމުން ދިޔަ ނަމަވެސް، އެމެރިކާގެ ތާއީދާއެކު އިޒްރޭލުން ގޮތް ދޫކުރާކަށް ބޭނުމެއް ނުވެ އެވެ.

ހުޅަނގު ގުދުސްއަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އޮސްޓްރޭލިޔާ ސަރުކާރުން 2018 ވަނަ އަހަރު ގަބޫލުކުރީ، ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ގަބޫލުކޮށް، އެމެރިކާގެ އެމްބަސީ ތެލް އަބީބުން އިރުމަތީ ގުދުސަށް ބަދަލުކުރުމާ ގުޅިގެންނެވެ.

އިޒްރޭލު ސަރުކާރުގެ އެ ނިންމުމާ ގުޅިގެން އެ ގައުމުގެ އޭރުގެ އިދިކޮޅު ލޭބާ ޕާޓީން ވަނީ އެކަން ކުށްވެރިކޮށް، ވެރިކަން ލިބިއްޖެ ނަމަ، އެ ނިންމުން ބާތިލުކުރާނެ ކަމަށް ބުނެފަ އެވެ.