Roadha Mihaaru

ދާންދު އާއި ނިލަންދޫ ބްރިޖަކުން ގުޅާލަން ކައުންސިލުން ގޮވާލައިފި

ތަރައްގީގެ ފުރުސަތުތައް ފަހިކުރުމަށްޓަކައި ގއ. ދާންދު އާއި އެ ރަށާ ކައިރީގައި އޮންނަ ނިލަންދޫ ރައްޔިތުންގެ އެދުމަކަށް، އެ ދެ ރަށް ބްރިޖަކުން ގުޅުވާލަދިނުމަށް ދާންދޫ ކައުންސިލުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައި، އިއްޔެ ގަރާރެއް ނެރެފި އެވެ.

ދާންދު އާއި ނިލަންދޫ ބްރިޖަކުން ގުޅާލަދޭން ގޮވާލައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

09 ނޮވެމްބަރ 2021

ތަރައްގީގެ ފުރުސަތުތައް ފަހިކުރުމަށްޓަކައި ގއ. ދާންދު އާއި އެ ރަށާ ކައިރީގައި އޮންނަ ނިލަންދޫ ރައްޔިތުންގެ އެދުމަކަށް، އެ ދެ ރަށް ބްރިޖަކުން ގުޅުވާލަދިނުމަށް ދާންދޫ ކައުންސިލުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައި، އިއްޔެ ގަރާރެއް ނެރެފި އެވެ.

ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް މިއަދު "މިހާރު" އަށް ވިދާޅުވީ އެ ރަށާއި ނިލަންދޫ ބްރިޖަކުން ގުޅާލަދިނުމަށް ގޮވާލައި ގަރާރެއް ނެރުނީ، އެ ދެ ރަށުގެ ކައުންސިލާއި ރައްޔިތުންނާއި އަދި އަތޮޅު ކައުންސިލާ ވެސް ވަރަށް ގިނަ މަޝްވަރާތައް ކުރުމަށް ފަހުގައި ކަމަށެވެ.

އާސިފް ވިދާޅުވީ މި ދެ ރަށް ގުޅުވާލުމަކީ ވަރަށް ކުރިންސުރެ ވެސް ރައްޔިތުން ބޭނުންވެފައި ތިބި ކަމެއް ކަމަށާއި މި ދެ ރަށަކީ ވަރަށް ކައިރީގައި އޮންނަ ރަށްތަކަކަށް ވާތީ، ކަންކަމުގައި މިހާރު ވެސް އެއް ރަށް އަނެއް ރަށަށް ވަރަށް ބޮޑަށް ބަރޯސާވާ ކަމަށެވެ. އެހެންވެ، ދެ ރަށް އެއްގަމުމަގުން ގުޅުވާލެވިއްޖެ ނަމަ، ރައްޔިތުނަށް ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ރަށު މީހުންނަށް ނިލަންދޫ އަށް ނުގޮސް ނޫޅެވޭ. ނިލަންދޫ މީހުންނަށް މި ރަށަށް ނައިސް ނޫޅެވޭ. އާއިލީ ގޮތުން ވެސް ދެ ރަށުގައި ވަރަށް ގިނަ މީހުންގެ ގުޅުން އޮވޭ،" އާސިފް ވިދާޅުވި އެވެ.

"ބޭސްފަރުވާގެ ކަންކަމުގައި ވެސް އަންނަނީ މި ރަށު މަރުކަޒަށް. އެހެންވެ، މޫސުން ގޯސް ދުވަސްތަކެއް އަތުވެއްޖެ ނަމަ، މި ކަންކަމުގައި ވަރަށް ތަކުލީފުތައް ރައްޔިތުން އެބަ އުފުލަން ޖެހޭ."

މި މަސައްކަތް ކުރެވިއްޖެ ނަމަ، މި ދެ ރަށުގެ އާބާދީ ކުރިއަރާ ދިއުމަށް ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށް އާސިފް ވިދާޅުވި އެވެ.

މި ދެ ރަށުގެ ތެރެއިން ބޮޑު އާބާދީއެއް އޮންނަނީ ދާންދޫގަ އެވެ. އެ ރަށުގައި 2،000 އެއްހާ މީހުން ދިރިއުޅޭއިރު، ނިލަންދޫގެ ދިރިއުޅެނީ 600 އެއްހާ މީހުންނެވެ.

ދާންދޫ ކައުންސިލުންގެ ހުރިހާ މެމްބަރުން ސޮއިކުރައްވައި ނެރުއްވި ގަރާރުގައި ބުނެފައި ވަނީ ލާމަރުކަޒީ އުސޫލުން ކަންކަން ކުރިއަށް ގެންދިއުމުގައި، އެންމެ އެކަށީގެންވާ ގޮތުގައި އެންމެ ހަރަދުކުޑަކޮށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ދާންދޫ ދާއިރާގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެނީ އެ ރަށާ ކައިރީގައިވާ ހުރިހާ ރަށްތަކެއް ގުޅުވާލެވިގެން ކަމަށެވެ.

އެ ގަރާރުގައި އިތުރަށް ބުނެފައި ވަނީ އެ ރަށުން ފެށިގެން އެ އަތޮޅު ވިލިނގިއްޔާ ހަމަ އަށް ބްރިޖަކުން ގުޅާލައި، އެ ސަރަހައްދު އެއްފަސްކުރުމަށް އެ ރަށާ ކައިރީގައި އޮންނަ އެހެން ރަށްތަކުގެ ކައުންސިލްތަކުގެ މެދުގައި ވެސް މަޝްވަރާތައް ކުރަމުން މިހާރު އަންނަ ކަމަށާއި، އެ މަޝްވަރާތަކަށް ވެސް ސަރުކާރުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

އެ މަޝްވަރާތައް ކުރެވުނުއިރު، މި ވަގުތު އެންމެ ފަސޭހައިން ގުޅުވާލެވެން އޮތީ ދާންދުއާ 1،390 މީޓަރު ކައިރީގައި އޮންނަ ނިލަންދޫ ކަމުން، އެ މަސައްކަތް ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހާއި ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

ދާންދު އާއި ނިލަންދޫ ގުޅާލުމަށް ގޮވާލިއިރު، ސަރުކާރުން ވަނީ ރަށްތައް ގުޅާލަން ކޯޒްވޭ ހެދުމަށް، އަންނަ އަހަރުގެ ބަޖެޓުގައި ހަ ޕްރޮޖެކްޓެއް ހިމަނައިިފަ އެވެ. މި ޕްރޮޖެކްޓުތަކަށް ފަސް މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ.

ބަޖެޓުގައި ހިމަނާފައި ވަނީ މ، ތ، ލ. އަދި ބ. އަތޮޅުގެ ރަށްތަކެއް ގުޅާލުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބ. ގޮއިދޫ އާއި ބ. ފެހެންދޫ ގުޅާލުމާއި ލ. ކުނަހަންދޫ އާއި ލ. މެންދޫ ގުޅާލުމާއި ލ. ކަލައިދޫ އާއި ލ. ދަނބިދޫ ގުޅާލުމާއި ލ. ހިތަދޫ އާއި ލ. މެންދޫ ގުޅާލުމާއި ތ. ވޭމަންޑޫ އާއި ތ. ކިނބިދޫ ގުޅާލުމުގެ އިތުުރުން މ. މުއްޔާއި މ. ނާލާފުށި ގުޅާލުމެވެ.