ރަށުގެ ބިން ބޭނުންކުރާނެ ގޮތް ކަނޑައެޅުމަށް، ރަށު ލެވަލްގައި ހަދަން ޖެހޭ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ނުނިމުނަސް، ޕްލޭނިން މިނިސްޓްރީގެ ހުއްދަ ލިބިގެން ޕްރޮޖެކްޓުތައް ކުރިއަށް ގެންދެވޭނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.
11 ނޮވެމްބަރ 2021
ރަށުގެ ބިން ބޭނުންކުރާނެ ގޮތް ކަނޑައެޅުމަށް، ރަށު ލެވަލްގައި ހަދަން ޖެހޭ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ނުނިމުނަސް، ޕްލޭނިން މިނިސްޓްރީގެ ހުއްދަ ލިބިގެން ޕްރޮޖެކްޓުތައް ކުރިއަށް ގެންދެވޭނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.
އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް އިއްޔެ "މިހާރު" އަށް ވިދާޅުވީ ވަރަށް ގިނަ ރަށްރަށުގައި އަދިވެސް ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ނުނިމި އެބަ އޮތް ކަމަށާއި އެ މަސައްކަތް ނިންމުމަށް ބައެއް ކައުންސިލްތަކަށް ދަތިތަކާ ވެސް ކުރިމަތިވެފައިވާ ކަމަށެވެ. އެކަމަކު ބައެއް ކައުންސިލްތަކުން އެ މަސައްކަތް މިހާރު ނިންމާފައި އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ މަސައްކަތް ނުނިމުނު ނަމަވެސް، ޕްރޮޖެކްޓުތައް ހިންގަން ބޭނުންވާ ކައުންސިލްތަކަށް ޕްލޭނިން މިނިސްޓްރީގެ ހުއްދަ ހޯދައިގެން މިހާރު ވެސް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތަށް އޮންނާނީ،" އަފްޝަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކައުންސިލްތަކުން އަމިއްލަ އަށް ކުރަން ޖެހޭ މި މަސައްކަތް، އެކި ސަބަބުތަކާ ހުރެ ނުކުރެވި ލަސްވަމުންދާތީ އެލްޖީއޭއިން ވެސް 40 އަށް ވުރެ ގިނަ ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ހަދައިދިނުމުގެ މަސައްކަތް އަންނަނީ ކޮށްދެމުންނެވެ.
ގާނޫނުގައި އޮތީ ކައުންސިލްތަކުގެ މެމްބަރުން މަގާމާ ހަވާލުވާތާ ތިން މަސް ދުވަހުގެ ތެރޭގައި ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ނިންމަން ޖެހޭ ގޮތަށް ކަނޑައަޅައިފަ އެވެ. އެކަމަކު، އެ މުއްދަތުގައި މަސައްކަތް ނުނިމުމުން، ރައްޔިތުންގެ މަޖިލީހުން ވަނީ މި މަހު 30 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފަ އެވެ.
ނަމަވެސް ބައެއް ކައުންސިލްތަކުން ވަނީ އެ މުއްދަތުގެ ތެރޭގައި ވެސް އެ މަސައްކަތް ނުނިމިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މި މަސައްކަތް ނިމުން ލަސްވާތީ ރަށުގެ ތަރައްގީ އަށް ހިންގަން ހުރި ބައެއް ޕްރޮޖެކްޓުތައް ކުރިއަށް ނުގެންދެވޭ ކަމުގެ ކަންބޮޑުވުން ވެސް އެބަ އޮތެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ކައުންސިލްތަކުން އެކުލަވާލާ ލޭންޑް ޔޫސް ޕްލޭން ޕްލޭނިން މިނިސްޓްރީ އަށް ހުށަހަޅައި ފާސްކުރުމަށް ފަހު، އެއަށް އަމަލުކުރަން ފެށޭނީ ރައްޔިތުންނާ އެކު ބާއްވާ ބައްދަލުވުމެއްގައި އެ ޕްލޭނަށް އަމަލުކުރުމަށް ފާސްވުމުންނެވެ. އަދި މި ޕްލޭނަށް އެއްވެސް ބަދަލެއް ގެންނަ، ކޮންމެ ފަހަރަކު ވެސް އެގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ހަދާއިރު، އެ ރަށެއްގައި ހުރި ގަސްގަހާގެހީގެ އަދަދާއި ގަސްތައް ހުރި ސަރަހައްދުތަކާއި ހިމާޔަތްކުރެވޭ ސަރަހައްދުތަކާއި ހިއްކާފައިވާ ސަރަހައްދުތަކާއި ހިއްކެން އޮތް ސަރަހައްދުތަކާއި އަދި އެ ސަރަހައްދުތަކުގެ ބޭނުން ހިފާނެ ގޮތް ބަޔާންކުރަން ޖެހޭނެ އެވެ.
އެ ރަށެއްގެ އެކި ސަރަހައްދުތަކުގެ ބިމުގެ އަގާއި ހިއްކާ ބިންތަކުގައި ރުއްގަސް ހުންނަން ޖެހޭނެ މިންވަރު ވެސް ހިމަނަން ޖެހޭނެ ކަމަށް ގާނޫނުގައިވެ އެވެ.
ބިނާވެށި ޕްލޭން ކުރުމުގެ ބިލް ތަސްދީގުކޮށްފި
17 ރަށެއްގެ ލޭންޑް ޔޫސް ޕްލޭނަށް ހުއްދަ ދީފި
މިހާތަނަށް ހުއްދަދިނީ 5 ރަށެއްގެ ލޭންޑް ޔޫސް ޕްލޭނަށް
އިތުރުކޮށްދިން މުއްދަތަށް ލޭންޑް ޔޫސް ޕްލޭން ނުނިމިދާނެ
ގައްދޫ ކައުންސިލްގެ ރައީސްގެ މައްސަލަ ބަލަން އަންގައިފި
ކައުންސިލްތަކުގެ ބްލޮކްގްރާންޓް 2ބިލިއަނަށް އިތުރުކުރަނީ
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ހާއްސަ ފިޔަވަޅުތަކެއް
ކައުންސިލަށް އަވަހަށް މާލީ އެހީ ޖަމާކޮށްދޭން އެދިއްޖެ
ކައުންސިލްތަކަށް ފިޔަވަޅުއަޅަން ތާއީދެއް ނުކުރަން:ރައީސް
ވާދޫ ކައުންސިލްގައި ޒާތީ ކޯޅުން ބޮޑުވެ ހުއްޓުމަކަށް!