Roadha Mihaaru
ނުކުރާ ކުށަކަށް ޖަލުގައި 25 އަހަރު، މިހާރު ސާފު

ނުކުރާ ކުށަކަށް ޖަލުގައި 25 އަހަރު، މިހާރު މުޅިން ސާފު

14 ނޮވެމްބަރ 2021

މީހަކު މަރާލި ކަމަށް ބުނާ މައްސަލައެއްގައި ދިގު ޖަލު ހުކުމެއް އިއްވައި، 25 އަހަރު ޖަލުގައި ބޭއްވި މީހެއްގެ ކުށެއް ނެތްކަން ސާބިތުވެ، ސަލާމަތްވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީހަކު މަރާލި ކަމަށް ބުނާ މައްސަލައެއްގައި ދިގު ޖަލު ހުކުމެއް އިއްވައި، 25 އަހަރު ޖަލުގައި ބޭއްވި މީހެއްގެ ކުށެއް ނެތްކަން ސާބިތުވެ، ސަލާމަތްވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އުމުރުން 19 އަހަރުގައި މީހަކު މަރާލި ކަމަށް ބުނެ ދައުވާކޮށް 1994 ގައި ޖަލަށްލާފައި ވަނިކޮށް، ދިން ލުއެއްގެ ދަށުން އޮގަސްޓް 2019 ގައި ޖަލުން ދޫކޮށްލި ޑޮނޭޓް ޝާޕް ހުކުމުން ސަލާމަތްވީ ނޯތު ކެރޮލައިނާގެ ގަވަރުނަރު ރޯއި ކޫޕާ ހުށަހެޅުއްވި އަފޫއާންމާ އެކީގައި ކަމަށެވެ.

މިކަމާ ގުޅިގެން ޝާޕް ހުކުރު ދުވަހު މީޑިއާތަކަށް ބުނީ ނުކުރާ ކުށަކަށް ލިބުނު ނުހައްގު އަދަބުން އެއްކޮށް ސަލާމަތްވުމަކީ އޭނާ އާއި އާއިލާ އަށް ކުރިމަތިވެފައި އޮތް ބޮޑު ބުރައަކުން ސަލާމަތްވުން ކަމަށެވެ. އަދި މިހާތު ހަމަނޭވާލެވިއްޖެ ކަމަށާއި ވަރަށް އުފަލުން ހުރި ކަމަށް ބުންޏެވެ.

"މިއީ އަހަރެންގެ ކުށެއް ނެތްކަމާއި އަހަންނަކީ މައުސޫމު މީހެއްކަން ސާބިތުކޮށްދޭން މުޅި އާއިލާ އެތައް އަހަރެއް ވަންދެން ވަމުން އައި ގުރުބާނީ." ޝާޕް ބުންޏެވެ.

ޝާޕް ކޯޓްގައި އުފާ ފާޅުކުރަނީ.

ޝާޕް ކޯޓްގައި އުފާ ފާޅުކުރަނީ.

ނުކުރާ ކުށަކަށް އޭނާ އަށް އައި ހުކުމް، އެއްކޮށް ބާތިލުކޮށް ގަވަރުނަރު ވިދާޅުވީ ޝާޕްގެ ހުކުމް ބާތިިލުކުރީ އެ މައްސަލަ ގިނަ ދުވަސްތަކެއް ވަންދެން ދިރާސާކުރުމަށް ފަހު ކަމަށެވެ. އަދި އޭނާ އަށް ލިބުނު އަދަބަކީ ހައްގު އަދަބެއް ނޫންކަމާއި މިކަމުން ދޭހަވި އެންމެ މުހިއްމު ކަމަކީ ޝަރީއަތުގެ ނިޒާމު ހަރުދަނާ ކުރުމާއި ޝަރުއީ ދާއިރާގެ މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް ހަރުދަނާކޮށް ނާއިންސާފުން ކަންކަން ކުރެވޭނެ ބާގަނޑުތައް ބެއްދުމުގެ މުހިއްމު ކަން ކަމަށް ވިދާޅުވި އެވެ.

ހުކުމުން ޝާޕް އެއްކޮށް ސަލާމަތްވި އިރު، އޭނާ އަށް ނުހައްގުން ލިބުނު އަދަބުގެ ބަދަލު ހޯދަން އެދުމުގެ ފުރުސަތު ވެސް ދީފައިވެ އެވެ.

"އަހަންނަށް ފުރިހަމަ އިންސާފު ލިބުނު ކަމަށް ހަގީގަތުގައި ބެލެވޭނީ އަހަންނަށް ނުހައްގުން ހުކުމްކޮށް، ނުހައްގު އަދަބެއް ދިން ހުރިހާ އެންމެން ވެސް ޝަރީއަތުގެ ކުރި މައްޗަށް ގެނެސް އެ މީހުންނަށް ހައްގު އަދަބަ ދެވުނީމަ،" ޝާޕް ބުންޏެވެ. "އެކަން އަހަރެން ކުރާނަން. މިކަން އަހަރެން ކުރަން ޖެހޭ ކަމަށް ގަބޫލު ކުރަނީ އަހަރެން ކަހަލަ އެތައް ބަޔަކު ތިބިކަން ވެސް އެނގޭތީ."

ޝާޕް އެއްކޮށް މިނިވަންވުމުން އާއިލާގެ ބަޔަކާ އެކު އުފާ ފާޅުކުރަނީ.

ޝާޕް އެއްކޮށް މިނިވަންވުމުން އާއިލާގެ ބަޔަކާ އެކު އުފާ ފާޅުކުރަނީ.

އޭނާގެ މައްޗަށް މީހަކު މެރުމުގެ ދައުވާ އުފުލައި، ޖަލު ހުކުމެއް އިއްވީ ޖޯޖް ރެޑްކްލިފް ކިޔާ މީހަކު މަރާލި ކަމަށް ބުނެ އެވެ. އަދި އެ މައްސަލާއި ހުކުމް އިއްވީ މަންޒަރު ދުށް ކަމަށް ބުނެ ފުރާވަރުގެ ކުއްޖަކު ދިން ހެކިބަހަށް ވެސް ބުރަވެ އެވެ.

އެތައް އަހަރެއް ފަހުން ޝާޕް ސަލާމަތްވުމުން އޭނާގެ ވަކީލު ކެއިޓްލީން ސްވެއިން ވިދާޅުވި ގޮތުގައި މިކަމުން ދައްކުވައި ދެނީ ނޯތު ކެރޮލައިނާގެ ޝަރުއީ ނިޒާމު އަދި މުޅި އެމެރިކާގެ އަދުލު އިންސާފުގެ ނިޒާމު ހަރުދަނާ ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައި އޮތް ކަމެވެ.