Roadha Mihaaru
ރޭޕްގެ ކުށުގައި 897 އަހަރުގެ ޖަލު ހުކުމެއް

ރޭޕްގެ ކުށުގައި އެމެރިކާ މީހަކަށް 897 އަހަރުގެ ޖަލު ހުކުމެއް

20 ޑިސެމްބަރ 2020

އެމެރިކާގައި ރޭޕްގެ ކުށް ސާބިތުވި މީހެއްގެ މައްޗަށް 897 އަހަރުގެ ޖަލު ހުކުމެއް ހުކުރު ދުވަހު އިއްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގައި ރޭޕްގެ ކުށް ސާބިތުވި މީހެއްގެ މައްޗަށް 897 އަހަރުގެ ޖަލު ހުކުމެއް ހުކުރު ދުވަހު އިއްވައިފި އެވެ.

އެ ހުކުމް އިއްވާފައި ވަނީ އުތުރު ކެލިފޯނިއާގައި 15 އަހަރު ވަންދެން އަންހެނުންތަކެއް ކިޑްނެޕްކޮށް، ރޭޕްކުރުމުގެ އިތުރުން ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ރޯއިސް ޗާލް، 60، ގެ މައްޗަށެވެ. "ނޯކެލް [ނޯތު ކެލިފޯނިއާ] ރޭޕިސްޓް" ގެ ނަމުން މަޝްހޫރު ކުށްވެރިޔާގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ކިޑްނެޕްކުރުމާއި ރޭޕްކުރުމާއި ބިރު ދައްކައިގެން އެކި ބާވަތުގެ ޖިންސީ އަމަލުތައް ހިންގުން ހިމެނެ އެވެ.

ރޯއީގެ މައްޗަށް 42 ދައުވާއެއް އުފުލި އެވެ. އޭނާގެ 1991-2006 ދޭތެރޭ އުތުރު ކެލިފޯނިއާގައި ޝިކާރައަކަށް ހެދި ނުވަ އަންހެނަކު އިންސާފު ހޯދައިދޭން ދައުވާކޮށްފައިވެ އެވެ.

ކެލިފޯނިއާގެ ސެކްރަމެންޓޯ ކައުންޓީ ޑިސްޓްރިކްޓް އޮފީހުން ބުނި ގޮތުގައި ރޯއިގެ މައްޗަށް ޖަލު ހުކުމެއް އައުމަކީ އެތައް އަހަރެއް ވަންދެން އޭނާ ހިންގި ޖަރީމާތަކަށް އިންސާފު ހޯދައިދޭން ގޮވައިލި އަޑުތަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ރޯއި އަކީ ވަރަށް ނުރައްކާތެރި ކުށްވެރިއެއްގެ ގޮތުގައި ސިފަކޮށްފައިވާ އޭނާގެ މައްޗަށް ކުރި ދައުވާތަކުގައި ހެކި ދިން ބައެއް އަންހެނުން ބުނެފައިވާ ގޮތުގައި ރޭގަނޑު ނިދާފައި ތިއްބައި ގެ ފަޅާލައިގެން ވަދެ ގެއިން ވައްކަންކޮށް އަދި ގަދަކަމުން ބޭރަށް ނެރެގެން އޭޓީއެމްތަކަށް ގެންގޮސް އެ މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފޭރި އަދި އެކި ގޮތްގޮތަށް ޖިންސީ ގޯނާކޮށްފައިވެ އެވެ.

ރޯއި އަށް ހުކުމް އިއްވި ފަނޑިޔާރު.

ރޯއި އަށް ހުކުމް އިއްވި ފަނޑިޔާރު.

މި މައްސަލަތަކުގައި ރޯއިގެ މައްޗަށް ދައުވާކުރި ނަމަވެސް ހެކީގެ މައްސަލަތަކުގައި ރޯއިގެ ޝަރީއަތް ވަރަށް ބޮޑަށް ދިގުލައިގެން ދިޔަ އެވެ. އެގޮތުން އޭނާގެ ޝީކާރައަކަށްވި މީހުންގެ ފަރާތުން ލިބުނު ހެކިތަކާއި ރޯއިގެ ޑިއެންއޭ ދިމާނުވުމުގެ މައްސަލައް ވަރަށް ބޮޑަށް ކުރިމަތިވި އެވެ.

ނަމަވެސް ޑީއެންއޭ ހެއްކަށް ބާރު ލިބި އޭނާގެ މައްޗަށް ދައުވާތަކުގެ ޝަރީއަތް ކުރިއަށް ވުރެ ބާރަށް ހިނގަން ފެށީ 2018 ގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.