Roadha Mihaaru
ސަސްގެ ކޯޗަކަށް އިންމަ ހަމަޖައްސައިފި

ސަސްގެ ކޯޗަކަށް އިންމަ ހަމަޖައްސައިފި

13 ނޮވެމްބަރ 2021

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗުގެ މަގާމަށް، ތަޖުރިބާކާރު ކޯޗު އިސްމާއީލް މަހްފޫޒު (އިންމަ) ހަމަޖައްސައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗުގެ މަގާމަށް، ތަޖުރިބާކާރު ކޯޗު އިސްމާއީލް މަހްފޫޒު (އިންމަ) ހަމަޖައްސައިފި އެވެ.

މިދިޔަ ސީޒަންގައި ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރި ސަސްގެ ކޯޗުކަމާ އިންމަ ހަވާލުވީ އެއް އަހަރުގެ މުއްދަތަކަށެވެ. އިންމަ އަކީ ފުރަތަމަ ޑިވިޝަންގައި ސަސްގައި މަސައްކަތް ކުރާ ތިންވަނަ ކޯޗެވެ. އަދި ސަސް އަކީ ވެސް އިންމަ މަސައްކަތް ކުރާ ތިންވަނަ ކްލަބެވެ.

މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގު އެ ޓީމުން ފެށީ، އަހްމަދު ނާޝިދު (ނާދު)އާ އެކު އެވެ. ފުރަތަމަ ބުރުގެ ފަހުގެ މެޗުގައި އޭނާ މަގާމުން އިސްތިއުފާ ދިނީ މެނޭޖުމެންޓުން ޕްރެޝަރު ކުރުމުންނެވެ. އޭގެ ފަހުން ކޯޗުކަން ހަވާލުކުރީ މުހައްމަދު ޝިޔާޒު (މޯހަން) އާ އެވެ. ތިން އަހަރު ދުވަހަށް މޯހަންއާ އެކު އެއްބަސްވި ނަމަވެސް މިދިޔަ މަހު އޭނާ ވަނީ ސަސްގެ ކޯޗް ކަމުން ވަކިވެފަ އެވެ. މިހާރު މޯހަން އަކީ މާޒިޔާގެ ކޯޗެވެ.

ސަސްގެ އެގްރިމެންޓްގައި ސޮއިކުރުމަށް ފަހު އިންމަ (ވ) ރަމްޒީ ފޮޓޯއަކަށް ހުއްޓިލައިގެން. --- ފޮޓޯ: ސަސް

ސަސްގެ އެގްރިމެންޓްގައި ސޮއިކުރުމަށް ފަހު އިންމަ (ވ) ރަމްޒީ ފޮޓޯއަކަށް ހުއްޓިލައިގެން. --- ފޮޓޯ: ސަސް

މިދިޔަ ދެ ސީޒަންގައި އިންމަ މަސައްކަތް ކުރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގަ އެވެ. މިދިޔަ ސީޒަންގެ ކުރީކޮޅު އޭނާގެ ކޯޗުކަމުގެ ދަށުން ރަނގަޅު ނަތީޖާތަކެއް ގްރާންޑޭއިން ނެރުނެވެ. ނަމަވެސް މާލީ މައްސަލަތައް ކުރިމަތިވެ ކުޅުން އެއްވަރެއްގައި ނުހިފެހެއްޓުނެވެ.

މިދިޔަ މަހު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި އިންމަ ވަނީ، އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ގައުމީ ޓީމުގައި މަސައްކަތް ކޮށްފަ އެވެ. ގަތަރުގައި ބޭއްވި ޓްރޭނިން ކޭމްޕުގެ ބޮޑުބައެއް ކުރިއަށް ގެންދިޔައީ އިންމަގެ ބެލުމުގެ ދަށުންނެވެ. އެއީ އޭރު ހެޑް ކޯޗަކަށް ހުރި އަލީ ސުޒޭން ކޮވިޑް-19 އަށް ޕޮޒިޓިވްވެ އޭނާ އަށް ޓީމާއެކު ދަތުރު ނުކުރެވުމުންނެވެ.

ގައުމީ ޓީމުގައި އިންމަ ވަނީ، ކުރީގެ ތިން ކޯޗުން ކަމަށްވާ، ވެލިޒާ ޕޮޕޯވް އާއި ރިކީ ހާބަޓް އަދި ޑަރެން ސްޓްވާޓްގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. ގާތްގަނޑަކަށް ތިން އަހަރު ވަންދެން ގައުމީ ޓީމުގައި މަސައްކަތް ކުރި އިރު އިންމަ ވަނީ އިންޓަރިމް ކޯޗެއްގެ ގޮތުގައި ބައެއް މެޗުތަކުގައި ޓީމަށް އިރުޝާދު ދީފަ އެވެ.

އިންމަ ކޯޗިން ކެރިއާ ފެށީ މާޒިޔާއިންނެވެ. މާޒިޔާއިން ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށީ އިންމަގެ ކޯޗް ކަމުގަ އެވެ. އޭނާ ވަނީ 2012 ވަނަ އަހަރުގެ އެފްއޭ ކަޕް މާޒިޔާއަށް ހޯދައިދީފަ އެވެ. ކުޅުނު ދުވަސްވަރު އިންމަ އަކީ ޑެޑް ބޯލްތަކުގެ އެކްސްޕޯޓެކެވެ. ހިލޭ ޖެހުންތަކުގައި ގިނަ ލަނޑުތަކެއް އޭނާ ވަނީ ޖަހައިފަ އެވެ.