Roadha Mihaaru
ވޯމްއަޕަކާ ނުލައި ވެސް ކުޅުންތެރިން މެޗަށް ނެރެން ޖެހޭ

އުނދަގޫ ހާލަތެއް، ވޯމްއަޕަކާ ނުލައި ވެސް ކުޅުންތެރިން މެޗަށް ނެރެން ޖެހޭ: އިންމަ

03 އޯގަސްޓް 2023

ފުޓްސަލް މެޗުގައި ކުޅެފައި އަންނަ ގޮތަށް ވޯމްއަޕަކާ ނުލައި ވެސް ކުޅުންތެރިން ލީގުގެ މެޗަށް ނެރެން ޖެހުމުން އުނދަގޫ ހާލަތެއް ކުރިމަތިވެފައިވާ ކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު އިސްމާއީލް މަހްފޫޒު (އިންމަ) ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފުޓްސަލް މެޗުގައި ކުޅެފައި އަންނަ ގޮތަށް ވޯމްއަޕަކާ ނުލައި ވެސް ކުޅުންތެރިން ލީގުގެ މެޗަށް ނެރެން ޖެހުމުން އުނދަގޫ ހާލަތެއް ކުރިމަތިވެފައިވާ ކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު އިސްމާއީލް މަހްފޫޒު (އިންމަ) ބުނެފި އެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިއަދު، ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިންމަ ބުނީ ސަރުކާރުގެ އޮފީސްތަކާ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ކުޅުންތެރިން އެ ކްލަބްގައި ވެސް ގިނަ ކަމަށެވެ. އެހެންވެ އެ ކުޅުންތެރިން އޮފީހުގެ ހަރަކާތްތަކަށް ދޫކުރަން ޖެހޭ ކަމަށެވެ.

އޮފީސްތަކާ ކުންފުނިތަކަށް ހާއްސަ ކުރާ ފުޓްސަލް މުބާރާތް މިހާރު ކުރިއަށް ދެ އެވެ.

އިންމަ ބުނީ އޭނާ ވެސް އަދި ސަސްގެ މެނޭޖްމެންޓުން ވެސް ކުޅުންތެރިން ނުފޮނުވަން ވިސްނުން ނުގެންގުޅޭ ކަމަށެވެ.

"ކުޅުންތެރިން ކައިރީގައި ވެސް ބުނެފައި އޮންނާނީ އޮފީހުން ބޭނުންވީމަ އެ ކުޅުންތެރިން ދޫކުރާނެ ވާހަކަ. އެ މިނިވަންކަން އެ ކުޅުންތެރިންނަށް އޮންނާނެކަމަށް އަންގާފަ އޮންނާތީ،" އިންމަ ބުންޏެވެ.

އޭނާ ބުނީ އޮފް ސީޒަންގައި ފުޓްސަލް މުބާރާތްތައް ކުރިއަށްދާނަމަ އޭގެ ފައިދާ ކުޅުންތެރިންނަށް ކުރަނެ ކަމަށެވެ. އެކަމަކު ސީޒަން ތެރޭގައި ފުޓްސަލް މުބާރާތްތައް ކުރިއަށް ގެންދާތީ އުނދަގޫތަކެއް އެބަހުރި ކަމަށް އޭނާ ބުންޏެވެ.

"ބައެއް ކުޅުންތެރިން އަޅުގަނޑުމެންގެ މެޗަށް އެބަ ގެންނަން މެޗު ފައްޓަން ފަސް ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ވެސް އަދި އެއީ އެކޮޅުގައި [ފުޓްސަލް މުބާރާތުގައި] މެޗު ކުޅެފަ. އެކަހަލަ އުނދަގޫތަކެއް ވެސް އެބަ އުޅޭ. އަނެއްކާ އެއްދުވަހު ހަވީރު މެޗު ކުޅެފައި ހަމަ އެ ރޭ ވެސް މިކޮޅުގައި މެޗު ކުޅެންޖެހޭ. އަޅުގަނޑުމެން ވީވަރަކުން މެނޭޖްކުރަމުން މިދަނީ އެކޮޅުގައި ކުޅެފައި އަންނަ ކުޅުންތެރިން މެޗު ނުކުޅުވައި އަޅުގަނޑުމެންގެ ތެރޭގައި ގެންގުޅެވޭތޯ. އަޅުގަނޑުމެންގެ ޓެކްޓިކަލް ޕްލޭންގެ ދަށުން އެ ކުޅުންތެރިންނަށް އަންޑަސްޓޭންޑްކޮށް ދިގެން ބޮޑަށް ރިކަވަރީ އަށް ކޮންސަންޓްރޭޓް ކޮށްދީގެން މުޅި ދުވަސް ދަނީ،" އިންމަ ބުންޏެވެ.

އޭނާ ބުނީ އެ ގޮންޖެހުންތައް ހުރި ނަމަވެސް ހުރިހާ ކުޅުންތެރިން އެކައްޗެއް ކިޔައިގެން ލީގު މެޗުތަކުން ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރާ ކަމަށެވެ. އިންމަ ބުނީ ލީގު ނިމޭ އިރު އޭނާގެ ޓާގެޓަކީ ގަދަ ހަތަރެއްގެ ތެރޭގައި އޮތުން ކަމަށެވެ.