Roadha Mihaaru
ނިޒާމީ ވޯޓަކާ ހަމައަށް ބަރުލަމާނީ މަންޒަރު ސާފުވެއްޖެ؟

ނިޒާމީ ވޯޓަކާ ހަމައަށް ބަރުލަމާނީ މަންޒަރު ސާފުވެއްޖެ؟

16 ނޮވެމްބަރ 2021

މި ވެރިކަމަށް މާދަމާ ތިން އަހަރު ފުރޭއިރު ވެސް ބޮޑު ސުވާލަކީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަފާނެ ހެއްޔެވެ؟ ބިޔަ ކޯލިޝަނަކުން މިވެރިކަން އުފެއްދިއިރު ވެސް މި ނުތަނަވަސްކަން އޮތެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ވެރިކަމަށް މާދަމާ ތިން އަހަރު ފުރޭއިރު ވެސް ބޮޑު ސުވާލަކީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަފާނެ ހެއްޔެވެ؟ ބިޔަ ކޯލިޝަނަކުން މިވެރިކަން އުފެއްދިއިރު ވެސް މި ނުތަނަވަސްކަން އޮތެވެ.

ދޮޅު އަހަރަށް ފަހު ގާނޫނުއަސާސީ އިސްލާހުކޮށް ބަރުލަމާނީ ނިޒާމަކުން ވެރިކަން ކުރުމަކީ އެމްޑީޕީގެ ހުވަފެނެކެވެ. ކޯލިޝަންގެ މައި ޕާޓީގެ ގޮތުގައި އޮވެ އެމްޑީޕީން ނެރުނު މެނިފެސްޓޯގައި ވެސް ބަރުލަމާނީ ނިޒާމުގެ ވާހަކަ ލިއުނެވެ. އެކަމަކު ލީޑަރުންގެ ސިއްރު މަޝްވަރާތަކަކަށް ފަހު "ފަހުން ގޮތެއް ނިންމަން" އެ ވާހަކަ ބާއްވާފައި ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ އިއުލާންކުރީ ނިޒާމީ ވާހަކަ އުނިކޮށްފަ އެވެ.

އެކަމަކު އަނެއްކާވެސް މިއޮތީ ބަރުލަމާނީ ނިޒާމު ގެނައުމުގެ އަޑު ގަދަވެފަ އެވެ.

އިންތިހާބުތައް ބޭއްވުމާއި އެ އިންތިހާބުތަކަށް ރައްޔިތުން ހޭލުންތެރިކުރުވަން ޖެހޭ އިލެކްޝަންސް ކޮމިޝަނުން ވެސް އެކަމުގައި ވިސްނަން ޖެހިފައިވާ ކަން ހާމަކޮށްފި އެވެ. މާނައަކީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ގާނޫނުއަސާސީ ބަދަލުކޮށް، އަންނަ ނޮވެމްބަރުގައި ނިޒާމް ބަދަލުކުރުމުގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ދައްކާ ވާހަކައިގައި ބުރަދަނެއް ހުރުން ހެއްޔެވެ؟

މަޝްވަރާއަށް އެންމެފަހުން ރައީސް ޖާގަ ދެއްވުން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއަށް، ނިޒާމް ބަދަލުކުރަން މުހިއްމުވާ ސަބަބުތަކެއް އެބަހުއްޓެވެ. އެއް ކަމަކަށް ކޯލިޝަނަކާ ވަކިން އެ ޕާޓީގެ ވެރިކަމެއް ކުރުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ 2019ގެ އިންތިހާބުގައި 65 ގޮނޑި ކާމިޔާބުވުމަކީ ބަރުލަމާނީ ނިޒާމަކަށް ދާން އެ ޕާޓީއަށް އާވި އުއްމީދެކެވެ.

ރިޔާސީ އިންތިހާބެއްގައި އެކަނި ވާދަކޮށްގެން އެމްޑީޕީއަށް ވެސް އިންތިހާބު ކާމިޔާބު ކުރުމަކީ ސިޔާސީ މަސްރަހުގައި އޮތް ފުރުސަތެއް ނޫނެވެ. މި ހަގީގަތް އެމްޑީޕީގެ ލީޑަޝިޕުން ގަބޫލުކުރާކަން ރާއްޖެއަށް ބަރުލަމާނީ ނިޒާމު މުހިއްމުވާ ސަބަބުތައް ކިޔައިދެއްވަމުން އެއްބަސްވެވަޑައިގެންފައި އެބަހުއްޓެވެ.

ސީދަލަށް މިހާތަނަށް ވިދާޅު ނުވިއަސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހުރިހާ މަސައްކަތެއްގެ އަމާޒު ވެރިކަން ބަދަލުކުރެއްވުމަށް އަމާޒުކުރައްވާފައިވާ ސަބަބަކީ އެއީ ކަމަށް ބެލެވެން އެބައޮތެވެ.

ރައީސް އާއި ނަޝީދު ސަލާމްކުރައްވަނީ: މި ބައްދަލުވުމަށް ފަހު ނަޝީދު ވަނީ ސިޔާސީ ބައެއް ޕާޓީތަކާ ބައްދަލުކުރައްވާފައި. -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އާއި ނަޝީދު ސަލާމްކުރައްވަނީ: މި ބައްދަލުވުމަށް ފަހު ނަޝީދު ވަނީ ސިޔާސީ ބައެއް ޕާޓީތަކާ ބައްދަލުކުރައްވާފައި. -- ފޮޓޯ/ ރައީސް އޮފީސް

ބަރުލަމާނީ މި ނިޒާމު ގެނައުމާ މެދު ވިސްނަވަން ވަގުތެއް ނެތް ކަމަށް ވިދާޅުވަމުން ގެންދެވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެންމެފަހުން ވަނީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަޝްވަރާތަކަށް ނަޝީދަށް ދޫ ދެއްވައިފަ އެވެ.

ރައީސްއާ އެކު ނަޝީދު އެންމެ ފަހުން ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ ބަރުލަމާނީ މަޝްވަރާ ހިނގި ކަމަށެވެ. ތަފްސީލެއް މިހާތަނަށް އާއްމެއް ނުކުރެ އެވެ.

އެ ވާހަކަތަކުގައި ރައީސް ލަފާ ދެއްވީ ނަޝީދު ވިދާޅުވެފައިވާ ގޮތުގައި, "ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ބަހުސަށް ހައްލެއް ހޯދުމަށާއި ގާނޫނުއަސާސީ ބަދަލުކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަ"ށެވެ.

ތިލަފަތް ބަރުވެފައި އޮތީ ރިޔާސީ ނިޒާމަަކަށް

ބަރުލަމާނީ ނިޒާމަށް މަގުކޮއްޓެވުމަށް އެ ބައްދަލުވުމަށް ފަހު ނަޝީދު މި ފަހުން ނުފޫޒު ގަދަ ސިޔާސީ ޕާޓީތަކުގެ ވެރިންނާ ބައްދަލުކުރެއްވި އެވެ. އެ މަގަށް ގާނޫނުއަސާސީ އިސްލާހުކުރަން އެހީތެރިކަމަށް ވެސް އެދިވަޑައިގަތެވެ. އެހެންވިޔަސް އާއްމުންނަށް ތިލަކުރާ ވާހަކަތަކަށް ބަލާއިރު ގިނަ ޕާޓީތައް އަރައި ތިލަފަތް އަދިވެސް ބަރުވެފައި އޮތީ ރިޔާސީ ނިޒާމަށެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމުގެ ތާއީދު އޮތީ ރިޔާސީ ނިޒާމަށެވެ. ނިޒާމުގެ މަޝްވަރާއަށް ތައްޔާރުކަން ހާމަކުރަމުން ނުސީދާކޮށް އަދާލަތު ޕާޓީގެ އަދިވެސް ސްޓޭންޑަކީ ރިޔާސީ ނިޒާމު ކަމަށާއި އެކަން ބަދަލު ނުވާ ކަމަށް ވަނީ ބުނެފަ އެވެ.

ނަޝީދާއި ގާސިމް، ސަން އައިލެންޑް ރިސޯޓުގައި މަޝްވަރާ ކުރައްވަނީ.

ނަޝީދާއި ގާސިމް، ސަން އައިލެންޑް ރިސޯޓުގައި މަޝްވަރާ ކުރައްވަނީ.

އެމްއެންޕީން ވެސް ވަނީ ނަޝީދުގެ މަޝްވަރާތަކުގައި ނިޒާމީ ވޯޓަކަށް އެއްބަސްނުވާ ކަމަށް ބުނެފަ އެވެ. އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މި މަޝްވަރާއަށް ތައްޔާރެއް ވެސް ނޫނެވެ.

ނިޒާމީ ވޯޓުގެ ވާހަކަ އީސީން ދެއްކީ ކީއްވެ؟

ބަރުލަމާނީ ނިޒާމާ ގުޅުވައި ފެތުރޭ އަޑުތަކާ މެދު ޕާޓީތަކުގެ ވިސްނުން މާ ދުރަށް އަދި ގެންގޮސްފައި ނެތަސް ނިޒާމީ ވޯޓަކަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރެވެ. އަންނަ އަހަރަށް އެ ކޮމިޝަނަށް ލަފާކުރާ ބަޖެޓުގެ ތެރޭގައި ނިޒާމީ ވޯޓުގެ ހަރަދުތައް ހިމަނައިދޭން މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވެސް އެދިއްޖެ އެވެ.

ކޮމިޝަނުގެ ވިސްނުމަކީ ވޯޓެއް އޮންނަ ނަމަ އޭގެ ކުރިން ވީހާވެސް ބޮޑަށް ރައްޔިތުން ހޭލުންތެރި ކުރުވުމެވެ.

ސަބަބަކީ ރާއްޖޭގައި އެންމެ ފަހުން 2007 ގައި ނިޒާމުގެ ވޯޓެއް ނެގިއިރު އެކަށީގެންވާ ގޮތެއްގައި ރައްޔިތުން މައުލޫމާތު ނުދެވުމުންނެވެ.

ސިޔާސީ ދެ ފިކުރުގެ ވާދައިގެ ތެރެއިން ނިޒާމީ ވޯޓު އެ ފަހަރު ބުރަވީ ރިޔާސީ ވެރިކަމަކަށެވެ. އެއީ ސައްހަ 154,123 ވޯޓުގެ 62 ޕަސެންޓެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީގައި އިލެކްޝަންސް ކޮމިޝަނުން ނިޒާމުގެ ވޯޓެއް އޮވެދާނެ ކަމަށް ލަފާކޮށް ވާހަކަތައް ދެއްކީ، އެ ކޮމިޝަނުން ބުނާ ގޮތުގައި، އެ ވޯޓާ ގުޅޭ ގޮތުން ސިޔާސީ ލީޑަރުން ދައްކާ ވާހަކަތަކުގެ މައްޗަށް ނޫސްތަކުގައި ރިޕޯޓްކުރާ ލިއުންތަކުގެ މައްޗަށް ބުރަވެ އެވެ.

ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކޮމިޓީގައި ވިދާޅުވީ ނިޒާމީ ވޯޓެއްގެ ވިސްނުން ގެންގުޅޭ ނަމަ ރައްޔިތުން ހޭލުންތެރިކުރުމަކީ ގާނޫނީ ގޮތުން އެ ކޮމިޝަނަށް މަތިވެފައި އޮންނާނެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން އެއީ ބަޖެޓް ހިނގާނެ ކަމެއް ކަމަށެވެ.

ނިޒާމީ ވޯޓުގައި ކުރިން އެކަށީގެންވާ މިންވަރަށް ރައްޔިތުން ހޭލުންތެރި ކުރުވިފައި ނެތް ކަމަށް ވެސް ކޮމިޓީގައި އޭނާ ވިދާޅުވި އެވެ.

"އެކަމާ [ނިޒާމީ ވޯޓާ] ބެހޭ މައުލޫމާތު އެންމެ ފުޅާކޮށް އޭރުގެ އިލެކްޝަންސް ކޮމިޝަނަށް ދެވިފައި ނެތީ. ނަމަވެސް މިހާރު ހަގީގަތުގައި އިންތިހާބެއް އޮންނަ ކަމަށް ވަންޏާ ދުރާލައި އެކަމަށް, ރިޔާސީ ނިޒާމަކީ ކޮބައިތޯ އަދި ބަރުލަމާނީ ނިޒާމަކީ ކޮބައިތޯ ނިޒާމުތަކުގެ ފައިދާ މިހެން ހުރި ކަންކަމުގެ މައުލޫމާތު ދިނުމަކީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުން ލާޒިމްކުރާ ކަންކަން،" ހަބީބް ވިދާޅުވި އެވެ.

"އިންތިހާބެއް އައިސިއްޔާ, އިންތިހާބެއް އޮންނާނެ ވާހަކައެއް އަޅުގަނޑު ނުދަންނަވަން, އެކަމަށް ތައްޔާރުވުމުގެ ގޮތުން ވެސް އަޅުގަނޑުމެން ރާވާފައޭ މިއޮތީ 2022 ވަނަ އަހަރު 10 އަތޮޅުގައި 2023 ވަނަ އަހަރު ނުވަ އަތޮޅުގައި އިންތިހާބު ބާއްވަން. އެއީ ރިޔާސީ އިންތިހާބަށް އާއްމުން ހޭލުންތެރިކުރުން ކަމުގައި ވިޔަސް އެހެން އެކަން އޮތީ."

މި ވާހަކަ ދެއްކި ސަބަބާ ގުޅޭ ގޮތުން "މިހާރު"ން ސުވާލުކުރުމުން ހަބީބު ވިދާޅުވީ ނިޒާމީ ވޯޓެއްގެ ވާހަކައަކަށް އިޝާރާތްކުރެއްވީ އެ ވާހަކަ ދެކެވެމުންދާ ދަނޑިވަޅަކަށް ވެފައި ވޯޓަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގާނޫނީ ޒިންމާ އެ ކޮމިޝަންގައި އޮތުމުން ކަމަށެވެ.

"އިންތިހާބެއް އޮތަސް ނެތަސް ކޮމިޝަނުން ގާނޫނީ ޒިންމާ އަދާކުރަން ޖެހޭނެ. ކޮމިޓީގައި އަޅުގަނޑު ވާހަކަ ދެއްކީ ނިޒާމީ ވޯޓަކަށް އެކަންޏެއް ނޫން. ވޯޓާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރިކަން އިތުރުކުރުމަށް, 2023 ގައި ރިޔާސީ އިންތިހާބު އޮންނާތީއާ ވެސް އެކީގައި" ހަބީބް ވިދާޅުވި އެވެ.

ހަބީބު ކޮމިޓީގައި ދެއްކި ވާހަކައާ މެދު މެމްބަރު ޔައުގޫބް އަބްދުالله ހިތްހަމަނުޖެހުން ފާޅުކުރެއްވީ އެއްވެސް މުއައްސަސާއަކުން އަދި ސަރުކާރުން ވެސް ނިޒާމީ ވޯޓަކާ މެދު ގޮތެއް ނިންމާފައި ނުވަނީސް އިލެކްޝަންސުން ދުރާލައި ތައްޔާރުވާތީ އެވެ.

"ބަޔަކު ދައްކާ ވާހަކައަކަށް މުއައްސަސާތައް ބަޖެޓްކޮށްގެން ރެޑީވެގެން ތިބެން ޖެހޭ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަދި ޒިންމާދާރު ގޮތެއް ކަމަކަށް ވެސް ގަބޫލެއް ނުކުރަން. އެއްވެސް އިރަކު އެއްވެސް ވަރަކަށް އެއްވެސް ތަނަކުން ނިންމާފައެއް ނެތް ނިޒާމީ ވޯޓަކަށް ދާކަށް ވެސް ނިޒާމާ ބެހޭ ގޮތުން މަޝްވަރާ ކުރާކަށް ވެސް," އޭނާ ވިދާޅުވި އެވެ.

ބަރުލަމާނީ އާއި ރިޔާސީގެ ބައެއް ސިފަތައް

- ރިޔާސީ ނިޒާމުގައި ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން.

- ތިން ބާރު ވަކިވެ އެއް ބާރުން އަނެއް ބާރަށް ފާރަވެރިވެވޭ.

- ރިޔާސީ ނިޒާމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ގާނޫނާ ހިލާފު ކަމެއް ކުރައްވައިފި ނަމަ އިތުބާރު ނެތް ކަމުގެ ވޯޓަކުން މަގާމުން ދުރުކުރެވޭ.

- ބަރުލަމާނީ ނިޒާމުގައި ވެރިކަން ކުރާނީ މަޖިލީހުގެ މެޖޯރިޓީ ލިބޭ ޕާޓީއަކުން.

- ވެރިކަން ހިންގާ ފަރާތާއި މަޖިލީހަކީ އެއް ބައެއް.

- ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ އަދި ވެރިކަން ހިންގަވާނީ އެ ޕާޓީގެ ލީޑަރު.

- ރައީސަކީ ދައުލަތުގެ އެންމެ އިސްވެރިޔާ

- ކެބިނެޓު ވަޒީރުންގެ ގޮތުގައި ތިއްބަވާނީ މަޖިލިސް މެމްބަރުން

- ވެރިކަން ކުރާ ޕާޓީއަށް ތާއީދު އޮވެއްޖެ ނަމަ ކިތަންމެ ޒަމާނެއް ވަންދެން ވެސް ވެރިކަމުގައި ބޮޑުވަޒީރަށް ދެމިހުންނެވިދާނެ.

- ސަރުކާރުގެ އިތުބާރު ނެތް ކަމަށް މި ނިޒާމުގައި ވެސް މަޖިލީހަށް ކަނޑައެޅޭނެ

މި ވެރިކަން ހިންގާ ކޯލިޝަންގެ ލީޑަރުން: އެމްޑީޕީން ބޭނުންވާ ގޮތަށް ވެރިކަމުގެ ނިޒާމް ބަދަލުކުރަން ޕާޓީތަކުން އަދި އެއްބަހެއް ނުވޭ.

މި ވެރިކަން ހިންގާ ކޯލިޝަންގެ ލީޑަރުން: އެމްޑީޕީން ބޭނުންވާ ގޮތަށް ވެރިކަމުގެ ނިޒާމް ބަދަލުކުރަން ޕާޓީތަކުން އަދި އެއްބަހެއް ނުވޭ.

އިލެކްޝަންސް ކޮމިޝަނުން "ނިޒާމީ ވޯޓެއް ފަހަރެއްގައި އަތުވެދާނެ" ކަމުގެ އުއްމީދެއްގައި ތިބިއިރު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ވެއްޖެ ހެއްޔެވެ؟

ސިޔާސީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ނިޒާމު ބަދަލު ނުވިޔަސް މި ބަހުސަށް ފުރުސަތު ދިނުން ގޯހެއް ނޫނެވެ. ބޭނުމަކީ ބަރުލަމާނީ ނިޒާމުގައި އޮތީ ރިޔާސީ ނިޒާމާ ހެދި ރައްޔިތުންނަށް ފުއްދައި ނުދެވޭ ކޮން މޮޅެއްތޯ ސާފުކޮށްދިނުމެވެ.

ނަޝީދު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ތަނަވަސްކުރަން ރިޔާސީ ނިޒާމް ބަދަލުކުރާކަށް ނުޖެހެ އެވެ. ނުވަތަ އެމަނިކުފާނު އެ މަގާމަށް އަތުވެދާނެ ކަމުގެ ބިރަށް ރިޔާސީ ނިޒާމު ބަދަލުވިޔަ ނުދޭން ދެން ތިއްބެވި ލީޑަރުން ގޮތް ދޫނުކުރެއްވުމަކީ ވެސް ހެވެއް ނޫނެވެ.

މި ދެ ގޮތުގައި ވެސް ރައްޔިތުންގެ މަސްލަހަތަށް ވުރެން އިސްވަނީ ސިޔާސީ ލީޑަރުންގެ އަމިއްލަ އެދުމެވެ. ވަކި ލީޑަރަކު އެދިވަޑައިގަންނަވާ ގޮތަކީ ނުވަތަ ވަކި ސިޔާސީ ޕާޓީއަކުން ދެކޭ ގޮތަކީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށް ނުނިންމޭނެ އެވެ.

ހަގީގަތަކީ މިހާރު މިތިބީ ނިޒާމު ބަދަލުކުރުމުގެ ބަހުސަށް ވެސް ޖާގަ ނުހުޅުވި ކަމެވެ. ރައްޔިތުން ބޭނުންވާ ނިޒާމަކުން ނޫނީ މި ގައުމުގައި ވެރިކަމެއް ނުހިންގޭނެ އެވެ. ރައްޔިތުން ހޭލުންތެރިކުރަން ވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ނެރުނު ވިސްނުމަކީ އެއީ ކަމަށް ވުން އެކަށީގެންވެ އެވެ. އެކަމަކު ކޮމިޝަނަށް ވެސް ބަރުލަމާނީ މުޅި މަންޒަރު އަދި ސާފެއް ނޫނެވެ.