Roadha Mihaaru
ވިލާތުން ބެލަރޫސް އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަނީ

ވިލާތުން ބެލަރޫސް އަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅަނީ

17 ނޮވެމްބަރ 2021

ވިލާތުގެ ގައުމުތަކަށް ވަންނަން ބޭނުންވާ ރެފިއުޖީންނާއި ވަގަށް އެތެރެވާ މީހުންގެ މައްސަލައިގައި، ބެލަރޫސް އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ވިލާތުގެ އިއްތިހާދުން ނިންމައިފި އެވެ.

ވިލާތުގެ ގައުމުތަކަށް ވަންނަން ބޭނުންވާ ރެފިއުޖީންނާއި ވަގަށް އެތެރެވާ މީހުންގެ މައްސަލައިގައި، ބެލަރޫސް އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ވިލާތުގެ އިއްތިހާދުން ނިންމައިފި އެވެ.

ޕޮލޭންޑަށް އެތެރެވާން ބޭނުންވާ އެތައް ހާސް ބަޔަކު މިހާރު ވެސް، ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރިން ބެލަރޫސްގެ ތެރޭގައި އެބަތިއްބެވެ. ވިލާތުގެ އިއްތިހާދުން ބުނާ ގޮތުގައި އޭޝިޔާ އާއި މެދުއިރުމަތިން ހިޖްރަކުރާ މީހުން ވިލާތުގެ އިއްތިހާދުގެ ތެރެއަށް ވަގަށް އެތެރެވުމަށް ބާރުއަޅަނީ ބެލަރޫސް ސަރުކާރުންނެވެ.

މިހާރު ޕޮލެންޑްގެ ސަރަހައްދީ އިމާ ގާތުގައި ތިބި މީހުންނަކީ ވެސް، ބެލަރޫސް ސިފައިންގެ ބެލުމުގެ ދަށުން އެ ސަރަހައްދަށް ގެނެސް، ޕޮލެންޑަށް އެތެރެވުމަށް ބާރުއަޅަމުންދާ ބައެކެވެ. ސުން ދަރަޖަ އަށް ވުރެ ދަށުގައި އެ ސަރަހައްދުގެ ފިނިހޫނުމިން ހުރި އިރު، ފިނިން ރައްކާތެރިވާނެ އެކަށީގެންވާ ވަސީލަތެއް ނެތި، އެމީހުން އެ ސަރަހައްދުގައި ތިބޭތާ މިހާރު މަސްދުވަސް ވަނީ އެވެ.

ޕޮލެންޑުން ވަނީ އެ މީހުން އެ ގައުމަށް އެތެރެވުން ހުއްޓުވައިފަ އެވެ. އޭގެ ތެރޭގައި ގިނައީ އިރާގު މީހުންނާއި އަފްގާނިސްތާނު މީހުންނެވެ.

މެދުއިރުމަތީގެ ގައުމުތަކުންނާއި އޭޝިޔާގެ ގައުމުތަކުން ވިލާތުގެ އިއްތިހާދަށް އެތެރެވާން ބޭނުންވާ އެތައް ބަޔަކު ބެލަރޫސްގެ ތެރެއިން، ޕޮލެންޑާއި ލިތުއޭނިއާގެ އިތުރުން ލެތުވިއާ އަށް ވަގަށް ވަދެފައިވެ އެވެ. އަދި މިހާރު އެފަދަ މީހުން އެ ގައުމުތަކަށް އެތެރެވަނީ، މީގެ ކުރިން އެގައުމުތަކަށް އެތެރެވާ ސަރަހައްދުތައް ނޫން އެހެން ސަރަހައްދުތަކުންނެވެ.

ޖަރުމަން ވިލާތުގެ ހާރިޖީ ވަޒީރު ހެއިކޯ މާސް ވިދާޅުވީ މިއީ ވިލާތުގެ އިއްތިހާދަށް ފިއްތުންތައް ކުރިމަތި ކުރުމަށް އިންސާނުން ބޭނުންކޮށްގެން ބެލަރޫސް އިން ހިންގާ ވަރަށް ދަށު ދަރަޖައިގެ ލާއިންސާނީ އަމަލެއް ކަމަށެވެ. މިއީ އިންސާނުން ޓްރެފިކް ކުރުމުގެ އަމަލެއް ކަމަށާއި، އެކަން ކުރާ ބަޔަކާ ދެކޮޅަށް ވިލާތުގެ އިއްތިހާދުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބެލަރޫސްގެ ތެރެއިން ޕޮލެންޑަށް ވަގަށް އެތެރެވާން މަސައްކަތްކުރާ މީހުން ހުއްޓުވުމުގެ ގޮތުން، ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް ޕޮލެންޑްގެ އިތުރު ސިފައިން މިހާރު ވަނީ ފޮނުވައިފަ އެވެ. އެ ސަރަހައްދުގައި މިހާރު 15 ހާހަށް ވުރެ ގިނަ ސިފައިން ހަތިޔާރާ އެކުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އަލް ޖަޒީރާ އިން ރިޕޯޓްކުރެ އެވެ.

ދެ ގައުމު ގުޅޭ އިމުގެ ކައިރީގައި ގިނަ އަދަދެއްގެ ސިފައިން ތިއްބަސް، ޕޮލެންޑްގެ ތެރެއަށް ވަދެގަތުމަށް މިހާރު ވެސް ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު މަސައްކަތް ކުރެ އެވެ. އަދި ސިފައިންނަށް ނޭނގި ކޮންމެވެސް ވަރަކަށް މީހުން އެތެރެވާ ކަމަށް ވެސް ޕޮލެންޑް ސަރުކާރުން ބުނެ އެވެ.

ލެތުވިއާ ސަރުކާރުން ބުނި ގޮތުގައި ބެލަރޫސްއާ ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް މިހާރު ވަނީ އިތުރު 3،000 ސިފައިން ފޮނުވައިފަ އެވެ. އަދި ބެލަރޫސްގެ ތެރެއިން ގަދަކަމުން ބަޔަކު ވަދެގަންނަން މަސައްކަތްކޮށްފާނެ ކަމަށް ބަލައި، އެ ސަރަހައްދުގައި މިހާރު ވަނީ އަސްކަރީ ތަމްރީންތަކެއް ފަށާފައި ކަމަށް ވެސް ލެތުވިއާ ސަރުކާރުން ބުނެ އެވެ.