Roadha Mihaaru
ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބަހައްޓާނީ ނޭޓޯއާ ކައިރީ

ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބަހައްޓާނީ ނޭޓޯއާ ކައިރީގައި

03 އެޕްރީލް 2023

ރަޝިޔާގައި އުފައްދާފައި ހުރި ނިއުކްލިއާ ހަތިޔާރުތަކުގެ ތެރެއިން އަވައްޓެރި ބެލަރޫސްގައި ބަހައްޓަން ނިންމާފައިވާ ހަތިޔާރުތައް ބަހައްޓާނީ ނޭޓޯއާ ކައިރީގައި ކަމަށް ރަޝިޔާ އިން އިއްޔެ ބުނެފި އެވެ.

ރަޝިޔާގައި އުފައްދާފައި ހުރި ނިއުކްލިއާ ހަތިޔާރުތަކުގެ ތެރެއިން އަވައްޓެރި ބެލަރޫސްގައި ބަހައްޓަން ނިންމާފައިވާ ހަތިޔާރުތައް ބަހައްޓާނީ ނޭޓޯއާ ކައިރީގައި ކަމަށް ރަޝިޔާ އިން އިއްޔެ ބުނެފި އެވެ.

ރަޝިޔާގެ ނިއުކްލިއާ ބެލަރޫސް އަށް ފޮނުވަން ނިންމުމާ ގުޅިގެން، އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ފާޑުކިޔަމުން ދަނިކޮށް، ބެލަރޫސްގައި ހުންނަވާ ރަޝިޔާގެ ސަފީރު ބޮރިސް ގްރީޒްލޯވް ވިދާޅުވީ ނިއުކްލިއާ ހަތިޔާރުތައް ބަހައްޓާނީ ބެލަރޫސްގެ ހުޅަނގު ސަރަހައްދުގައި ކަމަށެވެ. ބެލަރޫސްގެ ހުޅަނގުން އޮންނަ ތިން ގައުމު ކަމަށްވާ ޕޮލެންޑާއި ލިތުއޭނިޔާ އާއި ލެތުވިއާއަކީ ވެސް ނޭޓޯގެ މެމްބަރު ތިން ގައުމެވެ.

ސަފީރު ވިދާޅުވި ގޮތުގައި ބެލަރޫސް އަށް ފޮނުވާ ނިއުކްލިއާ ހަތިޔާރުތައް ނޭޓޯއާ ކައިރީގައި ބަހައްޓަން ނިންމީ، ރަޝިޔާގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ. އަދި "އެމެރިކާ އާއި ޔޫރަޕުން ކިތަންމެ ހަޅޭކެއް ލެވިޔަސް އެކަން އެ ގޮތަށް ކުރިއަށް ދާނެ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިޔާގެ ސަފީރު މި މޭރުމުން ވާހަކަ ދެއްކެވި އިރު، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވެސް ވަނީ، ބެލަރޫސްގައި ރަޝިޔާގެ ނިއުކްލިއާ ހަތިޔާރުތައް ގާއިމުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ހަތިޔާރުގައި ބަހައްޓަން ގަސްދުކޮށްފައިވާ އިމާރާތްތައް، މި އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހަށް ނިމޭނެ ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

ނޭޓޯ އަކީ ދެ ވަނަ ބޮޑުހަނގުރާމަ އަށް ފަހު، އޭރުގެ ސޮވިއެޓް ޔޫނިއަން ޔޫރަޕަށް ފުޅައުވެގެން ދިޔުން ހުއްޓުވުމުގެ ގޮތުން އެމެރިކާ އާއި ޔޫރަޕްގެ ގައުމުތައް ގުޅިގެން އުފެއްދި އަސްކަރީ އިއްތިހާދެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ޕޮލެންޑާއި ލިތުއޭނިޔާ އާއި ލެތުވިއާ އަދި އެސްޓޯނިއާގައި ތިބޭ ނޭޓޯ ސިފައިންގެ އަދަދު ވަނީ ގާތްގަނޑަކަށް 10 ގުނަ އިތުރުކޮށްފަ އެވެ.

ރަޝިޔާގެ ނިއުކްލިއާ ހަތިޔާރުތައް ބެލަރޫސް އަށް ގެންދިއުމަށް ނިންމުމުން ހުޅަނގުގެ ގައުމުތަކުން ބުނަމުން އަންނަނީ، އެއީ ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާއާ ޚިލާފު ކަމެއް ކަމަށެވެ. ނަމަވެސް އެކަމުގައި، ބައިނަލްއަގުވާމީ އެއްވެސް ހުރަހެއް ނެތް ކަން ކަށަވަރުކޮށްދެއްވަމުން، ޕުޓިން ވިދާޅުވީ، އެއީ ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާއާ ޚިލާފު ކަމެއް ނޫން ކަމަށެވެ.

އެކަމުގެ ހެއްކެއްގެ ގޮތުން ޕުޓިން ވިދާޅުވި ގޮތުގައި އެމެރިކާގެ ނިއުކްލިއާ ހަތިޔާރުތައް ވެސް އެމެރިކާގެ ރަހުމަތްތެރި ގައުމުތަކުގައި ބަހައްޓާފައި އެބަ ހުއްޓެވެ.

"އަހަރެމެން މި އެއްބަސްވީ އަހަރެމެން ވެސް ހަމަ އެ ގޮތަށް އަމަލުކުރުމަށް. އެއީ އަހަރެމެން ބައިވެރިވެފައިވާ، ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާގެ ދަށުން އަހަރެމެންގެ މައްޗަށް ލާޒިމުކުރާ ކަންކަމާ ޚިލާފު ނުވާނެ ގޮތަށް. ބާރުލައި މި ބުނަނީ، ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާގެ ދަށުން ބައިނަލްއަގުވާމީ ގޮތުން އަހަރެމެންގެ މައްޗަށް ލާޒިމުކުރާ އެއްވެސް ކަމަކާ ޚިލާފު ނުވެ އެކަން ކުރާނަން،" ރަޝިޔާގެ ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން، ހުސްވި މާޗް މަހުގެ 25 ވަނަ ދުވަހު ޕުޓިން ވިދާޅުވި އެވެ.