Roadha Mihaaru
ދިވެހި ފުޓްބޯޅަ އަށް ފީފާގެ އެހީ ކިހާ މުހިއްމު؟

ދިވެހި ފުޓްބޯޅަ އަށް ފީފާގެ އެހީ ކިހާ މުހިއްމު؟

10 ޑިސެމްބަރ 2016

ދިވެހި ފުޓްބޯޅައިގެ މިސްރާބާ މެދު ކަންބޮޑުވުންތައް އުޅޭތާ ތިން އަހަރު ވެއްޖެ އެވެ. އެފްއޭއެމް ހަަމަޔަކަށް ނޭޅި އޮތުމުން، ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ފަރާތުން ލިބެން އޮތް އެހީތަކަށް ދިޔައީ ހުރަސް އެޅެމުންނެވެ. އެފްއޭއެމްގެ އިންތިހާބު ކާމިޔާބުކުރައްވައި ރައީސްގެ މަގާމަށް ހޮވިވަޑައިގެންނެވި ބައްސާމް އަދީލް ޖަލީލު މިދިޔަ ހަފްތާގައި ވިދާޅުވީ ފީފާއިން ރާއްޖޭގެ ފުޓްބޯޅަ ތަރައްގީކުރަން ގިނަ އެހީތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިވެހި ފުޓްބޯޅައިގެ މިސްރާބާ މެދު ކަންބޮޑުވުންތައް އުޅޭތާ ތިން އަހަރު ވެއްޖެ އެވެ. އެފްއޭއެމް ހަަމަޔަކަށް ނޭޅި އޮތުމުން، ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ފަރާތުން ލިބެން އޮތް އެހީތަކަށް ދިޔައީ ހުރަސް އެޅެމުންނެވެ. އެފްއޭއެމްގެ އިންތިހާބު ކާމިޔާބުކުރައްވައި ރައީސްގެ މަގާމަށް ހޮވިވަޑައިގެންނެވި ބައްސާމް އަދީލް ޖަލީލު މިދިޔަ ހަފްތާގައި ވިދާޅުވީ ފީފާއިން ރާއްޖޭގެ ފުޓްބޯޅަ ތަރައްގީކުރަން ގިނަ އެހީތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.

ފީފާގެ އެހީއާ އެކު ރާއްޖޭގެ ފުޓްބޯޅަ ބަދަލު ކުރެވޭނެ

ރާއްޖޭގެ އެއް ވަނަ ކުޅިވަރު ފުޓްބޯޅައިގެ ވަސީލަތްތައް މަދުކަމުން ފީފާއިން އެންމެ ބޮޑު އިސްކަމެއް ދޭން ނިންމީ ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމުގެ މަސައްކަތަށެވެ. މާލޭގައި އޮތީ ރަނގަޅު ފެންވަރުގެ ތިން ދަނޑެވެ. ފުޓްބޯޅައިގެ ހުރިހާ ކަމެއް ހިންގަން ޖެހެނީ އެތަނުގަ އެވެ. ޖާގައިގެ ދަތިކަން ވަރަށް ބޮޑެވެ.

ބައްސާމް ވިދާޅުވީ ފީފާގެ އެހީއާ އެކު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ހުރި ދަނޑުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ވެސް ކުރެވޭނެ ކަމަށާއި އެއާ އެކު ފުޓްބޯޅަ ފުޅާކުރަން ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ (މ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އަދި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޖަވާޒް. -- ފޮޓޯ: އެފްއޭއެމް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ (މ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އަދި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޖަވާޒް. -- ފޮޓޯ: އެފްއޭއެމް

ބައްސާމް ވަނީ އަތޮޅު ފުޓްބޯޅައިގެ ތަރައްގީ އަށް އެފްއޭއެމުން އަހަރަކު 15 މިލިއަން ރުފިޔާ ހަރަދުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. މި ބަދަލުތައް ގެނެސްފިނަމަ މިއީ މިނިވަން ޗެމްޕިއަންޝިޕްގެ އިތުރުން ދެން ހުރި މުބާރާތްތައް ބޭއްވުމަށް ލުއިފަސޭހަތަކެއް ވެގެންދާނެ ކަމެކެވެ.

"ފުޓްބޯޅައިގެ ވަސީލަތްތައް މަދު ގައުމެއްގައި ފުޓްބޯޅަ ކުރިއެރުވުމަކީ ވާނެ ކަމެއް ކަމަށް ނުދެކެން. ވަސީލަތް އިތުރުކޮށް މުޅި ރާއްޖެ އަށް ވިސްނައިގެން ދެން ފުޓްބޯޅަ ކުރިއެރުވެން އޮތީ. އެއީ ހަމައެކަނި މާލޭގައި ބާއްވާ މުބާރާތްތަކުން އަލުން ފުޓްބޯޅަ އާލާކުރެވޭނެ މަގެއް ފެންނަން ނެތީމަ." ދިވެހި ފުޓްބޯޅަ އަށް ވަރަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

ފީފާ މެންބަރު ގައުމުތަކަށް އެހީވެދިނުމުގެ ގޮތުން ފާއިތުވި އަހަރުތަކުގައި ފީފާ ގޯލް ޕްރޮޖެކްޓްގެ ދަށުން ގިނަ އެހީތަކެއް ފޯރުކޮށްދިނެވެ. އެގޮތުން ރާއްޖޭގައި ވެސް ތިން ވަނަ ޓާފް ދަނޑެއް އަޅައިދޭން ފީފާއިން ނިންމި އެވެ. އެކަމަކު އެންމެ ފަހު ވަގުތު ސަރުކާރާއި އެފްއޭއެމްއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުން ތަކަށް ފަހު ތިން ވަނަ ޓާފް ދަނޑުގެ މަސައްކަތް ހުއްޓުނެވެ.

ގަަތަރު ހުޅުމާލޭގައި އަޅަން ނިންމާފައިވާ ދުނިޔޭގެ ފެންވަރުގެ ދަނޑު އެޅުމަކީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލަށް ވަރަށް މުހިއްމު ކަމެކެވެ. އެއީ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަށް ރާއްޖޭގައި ބޭއްވުމަށް ހުޅުވިގެންދާ ދޮރެކެވެ.

ގްރާސްރޫޓް ހަރުދަނާ ކުރުމަށް ފީފާގެ އެހީ ވަރަށް މުހިއްމު

ފީފާއިން މުޅި ދުނިޔޭގައި ވެސް އެންމެ ރަނގަޅު ޕްލޭނަކާ އެކީ ހިންގާ އެއް ޕްރޮގްރާމްތަކަކީ ގްރާސް ރޫޓް ލެވެލްގައި ހިންގާ ހަރަކާތްތަކެވެ. މި ހަރަކާތްތަކަކީ ގައުމުތަކުގެ ފުޓްބޯޅައިގެ މުސްތަގުބަލު ރަނގަޅު ކޮށްދިނުމަށާއި ހުނަރުވެރި ކުޅުންތެރިން ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކެވެ.

ފީފާއިން ވަނީ ރާއްޖޭ އަށް ހާއްސަ ގްރާސްރޫޓް ލެވެލްގެ ޕްލޭނެއް ވެސް އެކުލަވާލުމަށް އެހީތެރިވާނެ ކަމަށް ބުނެފަ އެވެ. ރާއްޖެ އަކީ ޖަޒީރާ ގައުމަކަށް ވެފައި ހުރިހާ ރަށެއްގައި ވެސް ފުޓްބޯޅަ ފޯރި އޮންނައިރު ރަނގަޅު ކުޅުންތެރިން ޒުވާން އުމުރުގައި ހޯދުން އެއީ ނުވެ އޮތް ކަމެކެވެ. އެއީ ގްރާސްރޫޓް ލެވެލް ނުވަތަ އެކަޑަމީގެ މަސައްކަތް ރަނގަޅަށް ކުރެވިފައިނުވާތީ އެވެ.

ފީފާގެ އެހީތެރިކަމާ އެކު ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާފައިވާ ގްރާސްރޫޓް ޕްރޮގްރާމްތަކުގެ ސަބަބުން ފާއިތުވި 10 ވަރަކަށް އަހަރުތެރޭ 50،000 ވުރެން ގިނަ ކުޅުންތެރިން ފުޓްބޯޅަ އަށް ނެރެދީފައިވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. މި ޕްރޮފްރާމްތައް ގިނައިން ހިންގާފައިވަނީ އެފްރިކާ އާއި އިރުމަތީ ޔޫރަޕް އަދި އެފްރިކާގެ ގައުމުތަކުގަ އެވެ.

"ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުން އެކެޑަމީ މި ހިންގަނީ މާލޭގައި. މާޒިޔާ އެކަނި އެކަން ފުޅާކޮށް މިއޮތީ. ގައުމީ ޓީމަށް ބަލާއިރު ވެސް ގިނަ ކުޅުންތެރިން ނިސްބަތްވަނީ އަތޮޅުތަކަށް. އެހެންވުމުން ބޮޑަށް ހުނަރުއޮތީ އަތޮޅު ތެރޭގައިކަން އެބަ އެނގޭ. އެހެންވެ އެބަޖެހޭ އަތޮޅުތަކުގައި ތިބި ފެންވަރު ރަނގަޅު ކުޅުންތެރިންތައް ހޯދަން. އެކަން ކުރެވޭނީ ރަނގަޅު ސިސްޓަމެއް އޮވެގެން،" ވައިޑީޕީ ކޯޗަކު ބުންޏެވެ.

ފީފާ އިން މާލޭގައި އަޅައިދީފައިވާ ޓާފް ދަނޑެއް. -- ފޮޓޯ: މިހާރު

ފީފާ އިން މާލޭގައި އަޅައިދީފައިވާ ޓާފް ދަނޑެއް. -- ފޮޓޯ: މިހާރު

ރާއްޖެ އަށް އަންނަ ގިނަ ބިދޭސީ ކޯޗުން ވެސް ވަނީ ދިވެހި ކުޅުންތެރިންނަށް ގްރާސްރޫޓުގައި ފުޓްބޯޅައިގެ ބޭސިކް ކަންތައްތައް ދަސްވެފައިނެތުމަކީ ކުޅުންތެރިންގެ ޑިވެލޮޕްމެންޓަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމެއްކަން ފާހަގަކޮށްފަ އެވެ. ފީފާގެ އެހީއާ އެކު ރާއްޖޭގެ ގްރާސްރޫޓަށް ރަނގަޅު ބަދަލުތަކެއް ގެނެވިއްޖެނަމަ ކުރިމަގުގައި ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ފެންނާނެކަން ޔަގީނެވެ.

"ފުޓްބޯޅައިގެ ވަސީލަތްތައް މަދު ގައުމެއްގައި ފުޓްބޯޅަ ކުރިއެރުވުމަކީ ވާނެ ކަމެއް ކަމަށް ނުދެކެން. ވަސީލަތް އިތުރުކޮށް މުޅި ރާއްޖެ އަށް ވިސްނައިގެން ދެން ފުޓްބޯޅަ ކުރިއެރުވެން އޮތީ."

ގްރާސްރޫޓް ރަނގަޅުކުރުމަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުންނާއި އަމިއްލަ ބައެއް ފަރާތްތަކުން އަންނަނީ އެކެޑަމީ ތަކެއް ހިންގަމުންނެވެ. އެހެން ނަމަވެސް ފަންޑު ނުލިބުންނާއި އެހެނިހެން ވަސީލަތްތަކުގެ ސަބަބުން ބޭނުންވާ ފެންވަރުގައި އެކަންތައް ވެސް ހިންގަން ދަތިތަކެއް އެބަހުއްޓެވެ. ފީފާގެ އެހީގައި ގްރާސްރޫޓަށް ޕްލޭނެއް ހަދައިގެން ކުރިއަށްދާއިރު، މުޅި ރާއްޖެ އަށް ޓާގެޓްކޮށް އެކެޑަމީ ހިންގުމަކީ ވެސް ފުޓްބޯޅައިގެ ކުރިމަގަށް ކުރެވޭނެ މުހިއްމު ކަމެކެވެ.

ޓެކްނިކަލް މީހުން ތަމްރީންކުރުމާއި ފުޓްބޯޅައިގެ ސިސްޓަމް ބަދަލުކުރުން

ފާއިތުވި އަހަރުތަކަށް ބަލާއިރު ދުނިޔޭގެ ފުޓްބޯޅައިގެ ގިނަ ކަންތައްތަކެއް ވަނީ ބަދަލުވެފަ އެވެ. މުބާރާތްތައް ބާއްވާ އުސޫލުތަކުގެ އިތުރުން ގަވާއިދުތަކަށް ވެސް ގިނަ ބަދަލުތަކެއް ފީފާއިން މި އަންނަނީ ގެންނަމުންނެވެ. އަދި އެ ބަދަލުތަކަށް ފުޓްބޯޅަ ހިންގުމާއި އެހެނިހެން ގޮތްގޮތުން އުޅޭ މީހުން ވެސް ތަމްރީން ކުރުމަށް ފީފާއިން ގިނަ ޕްރޮގްރާމްތައް ހިންގަ އެވެ.

ފީފާއިން ވަނީ ރާއްޖޭގައި ގިނަ ޓެކްނިކަލް މީހުން ތަމްރީން ކޮށްދިނުމަށް ވެސް އެއްބަސްވެފަ އެވެ. ފުޓްބޯޅައިގައި ޓެކްނިކަލީ ރަނގަޅު މީހުން ރާއްޖޭގައި ނިސްބަތުން މަދެވެ. ޓެކްނިކަލް ތަމްރީން ލިބިފައި ތިބި ގިނަ ބަޔަކާ އެކު މެނުވީ ރާއްޖޭގެ ފުޓްބޯޅަ ތަރައްގީކޮށް އެހެން ހަރުފަތަކަށް ގެންދިއުމަކީ ވަރަށް އުނދަގޫކަމެކެވެ. އެހެން ކަމުން ފީފާގެ އެހީތެރިކަމާ އެކު ޓެކްނިކަލް މީހުން ތަމްރީންވެއްޖެނަމަ ދުރު މުސްތަގުބަލަށް ބަލާއިރު ދިވެހި ފުޓްބޯޅަ އަށް ކުރާ މަންފާ ވަރަށް ބޮޑުވާނެ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި ލާއޮސް ކުޅުނު މެޗުގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި ލާއޮސް ކުޅުނު މެޗުގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ ފުޓްބޯޅައިގެ ފޯމެޓަށް ވެސް ފާއިތުވި ތިން ވަރަކަށް އަހަރުތެރޭގައި ގިނަ ބަދަލުތަކެއް ގެނެސްފި އެވެ. ފުޓްބޯޅަ ފޯރިނެތިދާތީ އޮތް ކަންބޮޑުވުމަށް ހައްލެއް ހޯދުމަށް އެފްއޭއެމުން ވެސް އަންނަނީ ޕްލޭނެއް އެކުލަވާލަމުންނެވެ.

ދިވެހި ލީގު ޕްރިމިއާ ލީގަކަށް ބަދަލުކޮށް ކްލަބްތަކަށް މާލީ ގޮތުން ދޭ އެހީތެރިކަން ބޮޑުވުމުގެ ފައިދާ ފާއިތުވި ދެ އަހަރަށް ބަލާއިރު ފެނިއްޖެ އެވެ. ބިދޭސީ ކުޅުންތެރިންނަށް ކުޅެވޭ އުސޫލަށް ގެނައި ބަދަލާ އެކު ލީގުގައި ވާދަކުރާ އަށް ޓީމުގެ ފެންވަރު ރަނގަޅުވެ، ލީގުގެ ވާދަވެރިކަން ބޮޑުވި އެވެ. އެހެން ނަމަވެސް މި އަހަރު ވެސް ކްލަބް ފުޓްބޯޅައިގެ ފޯރި ފެނުނީ އާދައިގެ ގޮތަކަށެވެ. އަވަށުގެ ނަން ޖަހައިގެން ޓީމުތައް ކުޅުނު ނަމަވެސް އޭގެން އެއްވެސް ބަދަލެއް ނުފެނެ އެވެ.

ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ބައްސާމް ވަނީ ޕްލޭނެއް އެކުލަވާލާނެ ކަމަށް ވިދާޅުވެފަ އެވެ. ރާއްޖޭގެ ފުޓްބޯޅައިގައި އުޅެ ގިނަ ދުވަސްވީ ފަރާތްތަކާ ގުޅިގެން ހަދާ މި ޕްލޭނަށް ވެސް ފީފާ އާއި އޭއެފްސީގެ އެހީ ހޯދަން ނިންމާފައިވާއިރު، ގެއްލިފައިވާ ފުޓްބޯޅަ ފޯރި އަލުން ގެނުވޭނެ ގޮތެއް ހޯދުމަކީ މިވަގުތަށް އެންމެ މުހިއްމު ކަންތައްތަކެވެ.