Roadha Mihaaru
ހަތިމަށް ކުޅު ޖެހި މީހާ ދުލެއް ނުކުރި

ކުށް ތަކުރާރު ނުކުރާނެ ކަމަށް ބުންޏަސް ހަތިމަށް ކުޅު ޖެހި މީހާ ދުލެއް ނުކުރި

24 ނޮވެމްބަރ 2021

ކުށް ތަކުރާރު ނުކުރާނެ ކަމަށް ބުނެ ބަންދުން ދޫކޮށްލަން ކޯޓުގައި އެދުނަސް، ހަތިމަކަށް ކުޅު ޖެހި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަސަން ޒިޔާދު ދޫނުކޮށް ބަންދު އިތުރުކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުށް ތަކުރާރު ނުކުރާނެ ކަމަށް ބުނެ ބަންދުން ދޫކޮށްލަން ކޯޓުގައި އެދުނަސް، ހަތިމަކަށް ކުޅު ޖެހި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަސަން ޒިޔާދު ދޫނުކޮށް ބަންދު އިތުރުކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ކުރިން ދެ މިސްކިތެއްގެ ތެރެއަށް، އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުގޮސްގެން ހައްޔަރު ކުރި ހަސަން ޒިޔާދު އިބްރާހިމް މިސްކިތުގެ ތެރޭގައި ހަތިމަށް ކުޅު ޖެހުމުން ހައްޔަރު ކުރީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ކްރިމިނަލް ކޯޓުން އޭނާގެ ބަންދު އިތުރުކޮށްފައިވެ އެވެ.

އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ ބަންދު އިތުރުކުރަން ކޯޓަށް ގެންދިޔުމުން އޭނާ ކޯޓުގައި ބުނެފައި އޭނާ ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފުވެފައިވާނެ ކަމަށާއި އޭނާ ގެންދަނީ ފުލުހުންނަށް އެއްބާރުލުން ދެމުން ކަމަށެވެ.

އެފަދަ އަމަލެއް ތަކުރާރު ނުކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ބުނެ ޝަރުތުކޮށްފައި ގޭބަންދަށް ވިޔަސް ދޫކޮށްލަން އޭނާ އެދުނެވެ. އަދި އާއިލާއިން އޭނާއާ ހަވާލުވާނެ ކަމަށް ބުންޏެވެ.

ތަހުގީގުގައި އިއުތިރާފުވި ކަމަށް ހަސަން ޒިޔާދު ބުންޏަސް ފުލުހުން ބުނެފައި ވަނީ އޭނާ ހުރީ ހަނު ކަމަށެވެ. އޭނާ އަކީ އެފަދަ ކުށް ތަކުރާރު ކުރަމުންދާ މީހެއް ކަމަށާއި އޭނާ އަކީ ކުށުގެ ވެށީގައި އުޅޭ މީހެއް ކަމަށް ބުނެ ޝަރުތުކޮށްފައި ވެސް ބަންދުން ދޫކޮށްލުމާ ފުލުހުން ދެކޮޅު ހެދި އެވެ.

ގާޒީ ދީބަނާޒު ފަހުމީ ނިންމެވީ ކުރިން ވެސް ނިންމި ގޮތަށް މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެތީ އޭނާގެ ބަންދަށް 15 ދުވަސް އިތުރު ކުރުމަށެވެ.

ހަސަން ޒިޔާދު މިސްކިތަށް ކުޑަކަމު ދިޔަ މައްސަލައިގައި ފުލުހުން ވަނީ ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ. ދައުވާ ކުރުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

އޭނާ ހަތިމަށް ކުޅު ޖަހައިގެން ހައްޔަރު ކުރީ މިސްކިތަށް ކުޑަކަމު ދިޔަ މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދުކޮށް، ފަހުން ދޫކޮށްލާފައި ހުއްޓަ އެވެ.

އޭނާ އަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ބެލެވޭ ކަމަށް ކުރިން ފުލުހުން ބުނެފައި ވިޔަސް ފަހުން ޓެސްޓްތައް ހެދުމަށް ފަހު އޭނާގެ އެފަދަ މައްސަލައެއް ނެތް ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.