Roadha Mihaaru

ސިނގިރޭޓް ވައްކަމުގައި ހިމެނޭ 11 މީހުންގެ މައްޗަށް ވެސް ދައުވާކުރަން ޕީޖީ ނިންމަވައިފި

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ވަގަށް ނެގި މައްސަލާގައި މިހާތަނަށް ހައްޔަރުކުރި 11 މީހުންގެ މައްޗަށް ވެސް ދައުވާކޮށް، ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ސިނގިރޭޓް ވައްކަމުގައި ހިމެނޭ އެންމެންނަށް ދައުވާކުރަނީ
ނާޒިމް ހަސަން
ނާޒިމް ހަސަން

11 ޑިސެމްބަރ 2025

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ވަގަށް ނެގި މައްސަލާގައި މިހާތަނަށް ހައްޔަރުކުރި 11 މީހުންގެ މައްޗަށް ވެސް ދައުވާކޮށް، ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި ހިފަހައްޓާފައި ހުރި ސިނގިރެޓް ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލަގައި 11 މީހަކު ހައްޔަރުކޮށް، އެ އެންމެންގެ މައްޗަށް ފުލުހުން ތަހުގީގު ހިންގި އެވެ. އެ އެންމެންގެ މައްޗަށް ވެސް ދައުވާ އުފުލައިދިނުމަށް އެދި މި މަހުގެ ތިންވަނަ ދުވަހު ފުލުހުން މައްސަލަ ފޮނުވާފައިވެ އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދައުވާކޮށް މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށާއި ދައުވާ ކުރުމާ ގުޅޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި 11 މީހުންގެ މައްޗަށް ވެސް ދައުވާ ކުރަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ. އެކަމަކު، އެ މީހުންގެ މައްޗަށް އުފުލާ ދައުވާގެ ތަފްސީލެއް އަދި ނުލިބެ އެވެ.

އެނގިފައިވާ ގޮތުގައި ޕީޖީ އޮފީހުން ނިންމާފައި ވަނީ ކުރިއަށް ހަފުތާ ފެށޭ ހިސާބުގައި އެ 11 މީހުންގެ މައްޗަށް ވެސް ދައުވާ ކުރާ ގޮތަށެވެ.

ދައުވާކުރަން ނިންމި މީހުންގެ ތެރޭގައި ވިޔަފާރިވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނެ އެވެ.

އާއްޓޭ އާއި ދިގަލީގެ އިތުރުން ކޮންޓެއިނާ ވަގަށް ނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ހަވާލުވެގެން ހުރި ކ. ތުލުސްދޫ، ލިންކު، ހަސަން އަބްދުއްރަހުމާން ވެސް ބަންދުން ދޫކޮށްލުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފަ އެވެ. އެ ހުށަހެޅުމާ އެއްގޮތަށް އެ ތިން މީހުން މިއަދު ވަނީ ދޫކޮށްލައިފަ އެވެ.

ޕީޖީ އޮފީހުގެ މި ނިންމުމަށް ސޯޝަލް މީޑިއާގައި ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

އެ މީހުން ބަންދުން ދޫކުރަން އެދުނީ، ޕީޖީ އޮފީހުން ބުނި ގޮތުގައި އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުން ކަމަށް ވާއިރު، މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ހެކި ލިބިފައި ނުވާތީ އެވެ. އަދި ހަސަން އަބްދުއްރަހްމާން ޝަރުތު ކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ އޭނާއަކީ މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކަށް ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މިހާތަނަށް އެ ތިން މީހުން ވެސް ތިބީ އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެ މީހުން ދޫކޮށްލި ނަމަވެސް އެ މައްސަލާގައި ދެން ހިމެނޭ މީހުން ބަންދުން ދުލެއް ނުކުރެ އެވެ.

އޭގެ ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ އެއީ ސިނގިރޭޓް ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުން ކަމަށް ވުމާއި އޭގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި، ތިބެ މި ކުށް ކުރުމުގައި އެ މީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

ވިޔަފާރިވެރިންގެ އިތުރުން ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީ އަދި ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލް އަދި ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދު ވެސް ވަނީ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މީގެ އިތުރުން އެމްޕީއެލްގެ ތިން މުވައްޒަފެއް ކަމަށްވާ ސ. ހިތަދޫ ޗާންދަނީގޭ ހުސައިން ސާމިހާއި ހދ. ވައިކަރަދޫ ނޫރަލީގޭ، އަހުމަދު ޝަހީމާއި ހ. ރުމޭނިއާ، އަހުމަދު ފިރުސާން ވެސް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެ އެވެ.

ދައުވާ ކުރަން ނިންމި 11 މީހުންގެ ތެރެއިން ފުލުހުން ހައްޔަރުނުކޮށް ހުރި މީހަކީ މުހައްމަދު ޝަރީފު، ދަފްތަރު ނަންބަރު ރސ 1355 އެވެ.

13.6 މިލިއަން ސިނގިރޭޓް ވައްކަމުގެ މައްސަލާގައި ޝަރީއަތް ނިމެންދެން މިހާރު ހައްޔަރުކޮށްފައިވާ މީހުން

1- ޒިވާރު އިސްމާއިލް، މެދުރީގެ، ހދ. ވައިކަރަދޫ (އެމްޕީއެލް ކަސްޓަމްސްގެ އިސް އޮފިސަރެއް)

2- އަހުމަދު ޝަހީމް، ނޫރަލީގެ، ހދ. ވައިކަރަދޫ

3- އަހުމަދު ފިރުސާން، ހ. ރުމޭނިއާ

4- ހުސައިން ސާމިހު، ޗާންދަނީގެ، ސ. ހިތަދޫ

5- އާދަމް ވަހީދު، ނ. މިލަދޫ، ކެނެރީގެ

6- މުހައްމަދު އަލަމިން މިއާ (ބަންގްލަދޭޝް)

7- މުއާޒު އަލީ، ހ. ނިއު ހެޕިނަސް

ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާންމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 122 މިލިއަން ރުފިޔާ އަރާނެ އެވެ.

ކަސްޓަމްސް އިން ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓް ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގަށް 19 މީހަކު ފުރުން މަނާކޮށް، ފަސް އުޅަނދެއް ބަލައިފާސްކޮށްފައިވެ އެވެ. އަދި މާލެ އާއި ހުޅުމާލެ އާއި ތިލަފުށީގެ 21 ތަނެއް ބަލައި ފާސްކޮށްފައިވެ އެވެ.