Roadha Mihaaru
އިންސްޓަގްރާމްގެ ޗީފް ކޮންގްރެސް އަށް ހާޒިރުކުރަނީ

އިންސްޓަގްރާމްގެ ޗީފް ކޮންގްރެސް އަށް ހާޒިރުކުރަނީ

26 ނޮވެމްބަރ 2021

ފޭސްބުކް ވެސް ހިންގާ ކުންފުނި، މެޓަގެ ދަށުން ހިންގާ އިންސްޓަގްރާމްގެ ޗީފް އެޑަމް މޮޒެރީ އަންނަ މަހުގެ ތެރޭގައި އެމެރިކާގެ ގާނޫނު ހަދާ މަލިޖިސް، ކޮންގްރެސްއަށް ހާޒިކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފޭސްބުކް ވެސް ހިންގާ ކުންފުނި، މެޓަގެ ދަށުން ހިންގާ އިންސްޓަގްރާމްގެ ޗީފް އެޑަމް މޮޒެރީ އަންނަ މަހުގެ ތެރޭގައި އެމެރިކާގެ ގާނޫނު ހަދާ މަލިޖިސް، ކޮންގްރެސްއަށް ހާޒިކުރަން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ އޭނާ އެތަނަށް ހާޒިރުކުރަނީ މި ފަހުން އިންސްޓަގްރާމް ގުޅޭ ގޮތުން ފެންމަތިވި މައްސަލަތަކާ ބެހޭ ގޮތުން ސުވާލުކޮށް، މައުލޫމާތު ސާފުކުރުމުގެ ގޮތުންނެވެ. ނަމަވެސް އެޑަމް ކޮންގްރެސް އަށް ހާޒިރުކުރާނެ ވަކި ތާރީހެއް އަދި ހާމައެއްނުކުރެ އެވެ.

އިންސްޓަގްރާމަށް މި ފަހުން އެންމެ ބޮޑަށް ފާޑުކިޔުންތައް އަމާޒުވެ، ޕްރެޝަރުތަކާ ކުރިމަތިލާން ޖެހުނީ އެ ޕްލެޓްފޯމް ބޭނުންކުރާ ފުރާވަރުގެ ކުދިންނަށް އެ އެޕްގެ ސަބަބުން ނަފުސާނީ ގިނަ މައްސަލަތައް ދިމާވާކަން އެތެރޭ ސާވޭއަކުން ދެއްކުމުން އެކަން ސިއްރުކޮށްގެން އުޅެނިކޮށް، އެކަން މީޑިއާތަކުން ތިލަކުރި ރިޕޯޓްތަކަކާ އެކީގަ އެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ފޭސްބުކުން އިސްތިއުފާ ދެއްވި އިސް ވެރިއެއް ކަމަށްވާ ފްރާންސެސް ހައުގެން ވެސް ވަނީ އެކަމަށް ބާރުދޭ އެތައް މައުލޫމާތެއް ލީކްކޮށްލައްވައި، ކުންފުނީގެ ތެރޭގައި ހުރި ދޯހަޅި އެތައް ކަމަކާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތައް މީޑިއާތަކަށް ހިއްސާކުރައްވައިފަ އެވެ.

އިންސްޓަގްރާމަށް ކުރިމަތިވި މައްސަލަތަކާ ހެދި އެތަނުން މިހާރު އަންނަނީ ފުރާވަރުގެ ކުދިންގެ ރައްކާތެރިކަމަށް އެކިކަހަލަ ފިޔަވަޅުތައް ވެސް އަޅަމުންނެވެ. އޭގެ ތެރެއިން އެއް ކަމަކީ ފުރާވަރުގެ ކުދިންނަށް ހާއްސަކޮށްގެން "ޓޭކް އަ ބްރޭކް" ގެ ނަމުގައި ފީޗާއެއް އަންނަ މަހު ތައާރަފުކުރަން ނިންމުމެވެ. އަދި އިންސްޓަގްރާމުން 13 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ހަދަން އުޅުނު އެޕް ވެސް ވަނީ ޕްރެޝަރުތަކާ ހެދި މަޑުޖައްސާލައިފަ އެވެ.

އެޑަމް ކޮންގްރެސް އަށް ހާޒިރުކުރަން ނިންމި އިރު، އިންސްޓަގްރާމްގެ ފަރާތުން ފެންމަތިވި މައްސަލަތަކާ ހެދި ކޮންގްރެސްގެ ވަރަށް ގިނަ މެމްބަރުން އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. މިއީ މި ފަހުން ފެންމަތިވި މައްސަލަތަކުގެ ފަހުން އެޑަމް ކޮންގްރެސް އަށް ހާޒިރުކުރާ ފުރަތަމަ ފަހަރެވެ.