Roadha Mihaaru
މިދިޔަ އަހަރު އެންމެ ގިނައިން ޑައުންލޯޑްކުރީ ޓިކްޓޮކް

މިދިޔަ އަހަރު އެންމެ ގިނައިން ޑައުންލޯޑްކުރީ ޓިކްޓޮކް

11 އޯގަސްޓް 2021

ސޯޝަލް މީޑިއާ އެޕްތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ގިނައިން ޑައުންލޯޑްކުރި އެޕަކީ ޓިކްޓޮކް ކަމަށް ސާވޭއަކުން އެނގިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޯޝަލް މީޑިއާ އެޕްތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ގިނައިން ޑައުންލޯޑްކުރި އެޕަކީ ޓިކްޓޮކް ކަމަށް ސާވޭއަކުން އެނގިއްޖެ އެވެ.

ޑިޖިޓަލް އެނަލިޓިކްސް ކުންފުނި އެޕް އެނީ ބުނި ގޮތުގައި ޗައިނާގެ ބައިޓްޑާންސުން ހިންގާ އެޕް މިދިޔަ އަހަރު 2.6 ބިލިއަން ފަހަރު ޑައުންލޯޑްކޮށްފައިވެ އެވެ. އަދި މިއީ އެ މަގާމު ފޭސްބުކާ ގުޅުން ނެތް އެޕަކަށް ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

މި މަގާމު ޓިކްޓޮކަށް ލިބުނު އިރު މިދިޔަ އަހަރަކީ އެއަށް ވަރަށް ބޮޑެތި ފިއްތުންތަކެއް ވެސް ކުރިމަތިވި އަހަރެކެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުރުގެ އެންމެ ފަހުގެ ދުވަސްތަކުގެ ތެރޭގައި އެމެރިކާގައި ޓިކްޓޮކް މަނާކޮށް، އެމެރިކާގައި އެޕް ހިންގަން ބޭނުން ނަމަ އެ ގައުމުގެ ކުންފުންޏަކަށް ވިއްކައިލަން މަޖުބޫރުކުރުން ފަދަ ކަންކަން ހިމެނެ އެވެ. ނަމަވެސް ޓްރަމްޕްގެ ވެރިކަން ނިމި އާ ރައީސް ޖޯ ބައިޑެން ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު، އެމެރިކާ އިން ޓިކްޓޮކަށް އެޅި ފިޔަވަޅުތައް ބާތިލުކޮށްފައިވެ އެވެ.

މީގެ އިތުރުން މިދިޔަ އަހަރަކީ ޓިކްޓޮކްގެ ބޮޑު ފޭން ބޭސްއެއް އޮތް އިންޑިއާ އިން ވެސް އެ އެޕް ބްލޮކްކުރި އަހަރެކެވެ. އެ ނިންމުމަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު ސިޔާސީ ގޮތުން ހޫނުވި މައްސަަލަތަކަކާ ގުޅިގެން، ޗައިނާ އަށް ދަތިކުރަން އިންޑިއާ އިން އެޅި ފިޔަވަޅުތަކުގެ ތެރެއިން ކުރި ކަމެކެވެ.

އެންމެ ގިނަ ޑައުންލޯޑް ލިބުނު އެޕްތަކުގެ ތެރެއިން މިދިޔަ އަހަރުގެ ގަދަ ފަހަކަށް ބަލާ އިރު ޓިކްޓޮކްގެ ފަހަތުން ދެން މުޅިން ވެސް ކުރީގައި އުޅެނީ ފޭސްބުކްގެ އެޕްތަކެވެ. އެއީ ދެވަނައިގައި އޮތް ފޭސްބުކާއި އޭގެ ދަށުން ހިންގާ ވަޓްސްއެޕާއި އިންސްޓަގްރާމްގެ އިތުރުން ފޭސްބުކް މެސެންޖާ އެވެ.

އެންމެ ގިނަ ޑައުންލޯޑް މި އަހަރު ލިބުނު ލިސްޓްގެ ގަދަ 10 ގައި ހިމެނޭ އިތުރު އެޕްތަކަކީ ހަ ވަނައިގައި އޮތް ސްނެޕްޗެޓާއި ހަތް ވަނައިގައި އޮތް ޓެލެގްރާމާއި އަށް ވަނައިގައި އޮތް ލައިކި އާއި ނުވަ ވަނައިގައި އޮތް ޕިންޓަރެސްޓްގެ އިތުރުން ލިސްޓްގެ ފުލުގައި ލައްވައިލި ޓްވިޓާ އެވެ.