Roadha Mihaaru

ހިޔާ ޓަވަރުތަކުގައި ފެން މީޓަރާ ގުޅޭ އެތައް މައްސަލައެއް، ފެން ކުންފުނިން ބުނަނީ ހައްލުވާނެ ކަމަށް!

29 ނޮވެމްބަރ 2021

ހިޔާގެ ބައެއް ފްލެޓްތަކުގެ ފެން ބިލަށް އެތައް ހާސް، އެތައް ލައްކަ ރުފިޔާއެއް އަރައިގެން އުޅޭ ވާހަކަތަކާ އެކު، އެމްޑަބްލިޔުއެސްސީގެ ހާސްކަން ބޮޑުވި އެވެ. އެ ތަނުގެ މެނޭޖްމަންޓުން ވެސް ގަބޫލުކުރާ ގޮތުގައި އެއީ އަރައިގެން ވާނެ އަދަދުތަކެއް ނޫނެވެ. އެ ބޮޑެތި ބިލްތަކާ އެކު، އެމްޑަބްލިޔުއެސްސީ އަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިވި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހިޔާގެ ބައެއް ފްލެޓްތަކުގެ ފެން ބިލަށް އެތައް ހާސް، އެތައް ލައްކަ ރުފިޔާއެއް އަރައިގެން އުޅޭ ވާހަކަތަކާ އެކު، އެމްޑަބްލިޔުއެސްސީގެ ހާސްކަން ބޮޑުވި އެވެ. އެ ތަނުގެ މެނޭޖްމަންޓުން ވެސް ގަބޫލުކުރާ ގޮތުގައި އެއީ އަރައިގެން ވާނެ އަދަދުތަކެއް ނޫނެވެ. އެ ބޮޑެތި ބިލްތަކާ އެކު، އެމްޑަބްލިޔުއެސްސީ އަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިވި އެވެ.

އެކަމަކު، މަންޒަރު މުޅިން ސާފުވި އިރު، މައްސަލައަކީ ފެނުގެ ހިދުމަތް ދޭ ކުންފުންޏެއް ނޫނެވެ. މައްސަލައަކަށް ވީ، ފެނުގެ ހިދުމަތް ދޭން 6،000 އަށް ވުރެ ގިނަ ފްލެޓްގައި ބޭނުންކޮށްފައިވާ ފެން މީޓަރުތަކެވެ. އެމްޑަބްލިޔުއެސްސީން ކުރި ސާވޭއެއް ދައްކާ ގޮތުގައި އޭގެ ތެރެއިން ވަރަށް ގިނަ މީޓަރުގައި މައްސަލަ އެބަހުއްޓެވެ.

"އެކަމަކު ފްލެޓްތަކުގައި ދިރިއުޅުއްވާ ބޭފުޅުން ހާސްވެ ނުލައްވާ. އަޅުގަނޑުމެން މައްސަލަ ހައްލުކޮށްދޭނަން. އެކަން ހައްލުވާން އޮތް ގޮތަކަށް ހައްލު ކޮށްދޭނަން،" މެނެޖިން ޑިރެކްޓަރު ހަސަން ޝާހު، "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އިއްޔެ ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ބަލާލުމަށް ސައިކަލުގައި ދެ މީހަކު.-- ފޮޓޯ:އަހުމަދު އަވްޝަން/ މިހާރު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ބަލާލުމަށް ސައިކަލުގައި ދެ މީހަކު.-- ފޮޓޯ:އަހުމަދު އަވްޝަން/ މިހާރު

އޭނާ ވިދާޅުވީ ގިނަ ބަޔަކު އެމްޑަބްލިއުއެސްސީ ގޯސްކޮށް ވާހަކަ ދެއްކި ނަމަވެސް ހަގީގަތް އާއްމުންނަށް އެނގެން ޖެހޭ ކަމަށެވެ. ފްލެޓުތަކުގައި ހަރުކޮށްފައި ހުރީ އެތަން ހެދި ޗައިނާގެ ކޮންޓްރެކްޓަރު، ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން (އެސްސީއީ)ގެ އަމިއްލަ މީޓަރުތަކެއް ކަމަށާއި އޭގެ ތެރެއިން ވަރަށް ގިނަ މީޓަރުގައި ބޮޑެތި މައްސަލަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ޝާހު ވިދާޅުވިގޮތުގައި ބައެއް މީޓަރުތަކުގައި އެއް ސީރިއަލް ނަންބަރުތަކެއް ވެސް ބޭނުންކޮށްފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މައްސަލަ ހައްލު ކުރުމަށް އެމްޑަބްލިއުއެސްސީން މިހާރު ވެސް އަންނަނީ އެޗްޑީސީއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އަމިއްލަ މީޓަރުތަކަށް ބަދަލުކޮށްގެން ނުވަތަ ސީރިއަލް ނަންބަރުތައް ބަދަލު ކޮށްގެން ވެސް އެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު ފްލެޓްތަކުގައި ދިރިއުޅުއްވާ ބޭފުޅުން ހާސްވެނުލައްވާ. އަޅުގަނޑުމެން މައްސަލަ ހައްލުކޮށްދޭނަން. އެކަން ހައްލުވާން އޮތް ގޮތަކަށް ހައްލު ކޮށްދޭނަން،"--- ޝާހު

"ސާވޭއިން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ މައްސަލަ ހުރި މީޓަރުތައް ހުރި ކަން. އެ މީޓަރުތަކުން ރީޑިން ނަގައިގެން ބިލު ހަދާއިރު އެ އަންނަ ހަ ލައްކަ، ހަތް ލައްކަ ރުފިޔާ އެއީ ބުއްދި އަށް ގަބޫލު ކުރެވޭ އަދަދުތަކެއް ނޫން. ފެން ބޭނުން ނުކުރިއަސް ޑިޖިޓުތައް އަރައިގެން ދިޔައީމާ ވެސް ބިލު ބޮޑުވާނެ. އެހެންވެ އަޅުގަނޑުމެން ވާނެ އެޗްޑީސީ އަށް އަންގައިފައި އެ މީޓަރުތައް ރަނގަޅު ކޮށްދޭށޭ،" ޝާހް ވިދާޅުވި އެވެ.

"ދެން ފާހަގަ ކުރެވުނީ ކޮމަން ސީރިއަލް ނަންބަރު ހުރިކަން. އެއް ނަންބަރެއްގެ މީޓަރު ހުރީމާ އަޅުގަނޑުމެން އެ މީޓަރު ރަޖިސްޓަރީ ކުރާއިރު ޑޭޓާބޭސް އަށް އެ ނަންބަރުތައް ރިޕީޓް ވާނެ. އެޗްޑީސީއާ މި ވާހަކަތައް ވެސް ވަނީ ހިއްސާ ކުރެވިފައި. އެ ބޭފުޅުން ވިދާޅުވޭ އެންގްރޭވް ކޮށްގެން ނުވަތަ ކަނޑާ ނަގައިގެން ވެސް އަކުރެއް އިތުރު ކޮށްގެން ވެސް މީޓަރުގެ ސީރިއަލް ނަންބަރުތައް ބަދަލު ކޮށްދެއްވާނެ ކަމަށް."

އެސްސީއީ އިން ބަހައްޓާފައި ހުރި ފެން މީޓަރުތަކުގެ ސާމްޕަލްތަކެއް ކުރިން އެމްޑަބްލިއުއެސްސީން ޓެސްޓު ކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޝާހް ވިދާޅުވެ އެވެ. އޭނާ ވިދާޅުވީ ރެންޑަމްކޮށް އެ ތަނުން މީޓަރުތަކެއް ގެނެސް ޓެސްޓު ކުރި އިރު އެމްޑަބްލިއުއެސްސީގެ މިންގަނޑުތަކަށް ފެތޭކަން ފާހަގަ ކުރެވުނު ކަމުގެ މައުލޫމާތެއް ވެސް ވެ އެވެ. އެކަމަކު، އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނާ ހަވާލާދީ، ޝާހު ވިދާޅުވީ، އެ މީޓަރުތައް ބޭނުން ކުރަން ހުއްދަ އެ ކުންފުންޏަކުން ނުދެ އެވެ.

"ރެންޑަމް ސާމްޕަލްތަކުން އެ މީޓަރުތަކަކީ އޭރުގެ ރެކޯޑުތަކުން ފެންނަ ގޮތުގައި އެމްޑަބްލިއުއެސްސީން ގަބޫލުކުރާ މިންގަނޑަށް ފެތޭ މީޓަރުތަކެއް. ހުރިހާ އެއްޗެއް ނުކުރޭ. އަޅުގަނޑުމެންނަށް މިއަދު މި ފާހަގަ ކުރެވެނީ 200 އަށް ވުރެ ގިނަ ފޯލްޓީ މީޓަރުތައް އެބަހުރި ކަން."

ބިލުތައް ދައްކަން ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް

ހިޔާ ފްލެޓުގެ ފެނުގެ މައްސަލައާ ގުޅޭގޮތުން ޝާހު "މިހާރު" އާ އިއްޔެ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހިޔާ ފްލެޓުގެ ފެނުގެ މައްސަލައާ ގުޅޭގޮތުން ޝާހު "މިހާރު" އާ އިއްޔެ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެމްޑަބްލިއުއެސްސީގެ ސާވޭ އަށް ފަހު 4،000 އެއްހާ ފްލެޓުގެ މީޓަރު ރަނގަޅުކަން ވަނީ ކަށަވަރު ކުރެވިފަ އެވެ. އެހެންވެ، އެ ފްލެޓުތަކަށް މި މަހުން ފެށިގެން ބިލުތައް ފޮނުވާނެ އެވެ. އެ ކުންފުނިން ބިލު ކުރަން ފަށާފައި ވަނީ މިދިޔަ އޮގަސްޓް މަހުން ފެށިގެންނެވެ. އެހެންވެ، މި މަހު ބިލު ލިބޭ ފްލެޓުތަކަށް ލިބޭނީ ތިން މަހުގެ ބިލް އެއްކޮށެވެ.

ބިލް އެއްކޮށް ލިބުނު ނަމަވެސް ކަސްޓަމަރުންނަށް އެމްޑަބްލިއުއެސްސީގެ ލީނިއަންސީ ޕޮލިސީގެ ދަށުން ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ޝާހު ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި މި 4،000 މީޓަރުތަކުގެ ރީޑިން ބެލި އިރު އެވްރެޖުކޮށް ކޮންމެ ފްލެޓެއްގެ ބިލަށް ވެސް މަހަކު އަރަނީ 1،000ރ. އެވެ.

"އެމްޑަބްލިއުއެސްސީގައި އޮވޭ ޕާޓް ޕޭމަންޓް އެއްބަސްވެގެން ބިލު ދެއްކޭނެ ގޮތެއް. އެމްޑަބްލިއުއެސްސީގައި އޮވޭ ޖޫރިމނާ މާފު ކުރެވޭނެ ޕޮލިސީއެއް. އެހެންވެ އަޅުގަނޑުމެން މި ޕްރޮމޯޓު ކުރާ އެކުވެރި އެމްޑަބްލިއުއެސްސީން މި ހުރިހާ ކަމެއް ކަސްޓަމަރުންނަށް ފޯރުކޮށްދޭނަން. އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ މަގުސަދެއް ނޫން ފެނުގެ ހިދުމަތުން ބަޔަކު މަހުރޫމް ކުރުމަކީ،" ޝާހް ވިދާޅުވި އެވެ.

"ލައްކަ ލައްކައިން އަރާފައި ހުރި ކަސްޓަމަރުންނަށް އަޅުގަނޑުމެން ބިލެއް ނުކުރާނަން. އެކަން އެޗްޑީސީއާ ވެއްޖިއްޔާ އެޗްޑީސީއާ، ކަސްޓަމަރު ވިއްޔާ ކަސްޓަމަރާ ގުޅިގެން ހައްލެއް ހޯދައިގެން ބިލު ކުރާނީ."

އެމްޑަބްލިއުއެސްސީގެ ސާވޭ އަށް ފަހު 4،000 އެއްހާ ފްލެޓުގެ މީޓަރު ރަނގަޅުކަން ވަނީ ކަށަވަރު ކުރެވިފަ އެވެ. އެހެންވެ، އެ ފްލެޓުތަކަށް މި މަހުން ފެށިގެން ބިލުތައް ފޮނުވާނެ އެވެ. އެ ކުންފުނިން ބިލު ކުރަން ފަށާފައި ވަނީ މިދިޔަ އޮގަސްޓް މަހުން ފެށިގެންނެވެ. އެހެންވެ، މި މަހު ބިލު ލިބޭ ފްލެޓުތަކަށް ލިބޭނީ ތިން މަހުގެ ބިލް އެއްކޮށެވެ.

ހިޔާ ފްލެޓުތަކުގައި ފެން ބޭނުން ކުރާވަރު ދެނެގަތުމަށް އެމްޑަބްލިއުއެސްސީން ވަނީ އެ ސަރަހައްދުގައި ބަލްކް މީޓަރެއް ވެސް ބަހައްޓައިފަ އެވެ. މި ބަލްކް މީޓަރުން، ދައްކާ އަދަދަށް ވުރެ ބޮޑު އަދަދެއް ފްލެޓުތަކުގައި ހުރި މީޓަރުތައް އެެއްކޮށްލުމުން އަރާ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

ފްލެޓުތަކުގައި ފެނުގެ މައްސަލައެއް ދިމާވާ ނަމަ އެކަން ވީހާ ވެސް އަވަހަށް އެންގުމަށް އެމްޑަބްލިއުއެސްސީން އެދެ އެވެ. މިއަދުން ފެށިގެން އެ ކުންފުނީގެ ހެލްޕް ޑެސްކެއް ވެސް އެ ސަރަހައްދުގައި ބަހައްޓާފައި ހުންނާނެ އެވެ.