Roadha Mihaaru

ހިޔާގެ ހަތަރު ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ: އެޗްޑީސީ

ހިޔާ ފްލެޓުގެ ހަތަރު ޓަވަރެއްގައި އިތުރަށް ހަރުކުރާ ލިފްޓުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"
އާސިމާ ނިޒާރު
އާސިމާ ނިޒާރު

23 ފެބުރުއަރީ 2025

ހިޔާ ފްލެޓުގެ ހަތަރު ޓަވަރެއްގައި އިތުރަށް ހަރުކުރާ ލިފްޓުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ މީޑިއާ އޮފިޝަލު ވިދާޅުވީ 16 ޓަވަރުގައި އިތުރަށް ދެ ލިފްޓް ހަރުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން، ހުރިހާ ޓަވަރެއްގައި ފައުންޑޭޝަން އަޅައި، ދެން ހުރި ކަންކަން ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ ހިޔާ ފްލެޓްތަކުގައި ލިފްޓް މަދުވުމުގެ ސަބަބުން މައްޗަށް އަރައި ފޭބުމަށް ދަތިވުމުގެ ޝަކުވާ ވަރަށް ބޮޑެވެ. އެހެންވެ، ލިފްޓް ހަރުކުރަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ހަވާލުކުރި އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި، އެންމެ ފުރަތަމަ ނިމޭނީ އެޗް1-އެޗް4 ގައި، ކޮންމެ ޓަވަރެއްގައި ދެ ލިފްޓް ހަރުކުރުމެވެ. އެ މަސައްކަތް އަންނަ އޭޕްރީލް މަސް ނިމުމުގެ ކުރިން ފުރިހަމަކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ބާކީ ހުރި ޓަވަރުތަކުގައި ލިފްޓުތައް ހަރުކޮށް ނިމޭނެ ދުވަހެއް އަދި ސާފެއް ނުވެ އެވެ.

އަލަށް ހަރުކުރާ 32 ލިފްޓަށް 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ހަރަދުވާ ކަމަށް އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވި އެވެ.

އެ ލިފްޓްތަކުގެ ތެރެއިން އެއް ލިފްޓަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑު ލިފްޓެކެވެ. ދެން ހުރީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެކެވެ.

ހިޔާ ޓަވަރުތަކުގައި ގިނައިން ހަރުކޮށްފައި ހުރީ ތިން ލިފްޓެވެ. މަދު ތަންތަނެއްގައި ހަތަރު ލިފްޓު ހަރުކޮށްފައި އެބަހުއްޓެވެ. އެކަމަކު، އެއީ 40،000 އެއްހާ މީހުން ދިރިއުޅޭ ކަމަށް އަންދާޒާކުރެވޭ ހިޔާއަށް އެކަށީގެންވާ އަދަދެއް ނޫން ކަމަށް، އެ ތަންތަނުގައި ދިރިއުޅޭ މީހުން ބުނެ އެވެ.