Roadha Mihaaru
ޑޮލަރުގެ ކަޅުބާޒާރުގެ ދެ ބޮޑަކު ހައްޔަރުކޮށްފި

ޑޮލަރުގެ ކަޅުބާޒާރުގެ ދެ ބޮޑަކު ހައްޔަރުކޮށްފި

28 ނޮވެމްބަރ 2021

ކަޅު ބާޒާރުގައި ބޭރުފައިސާ ގަނެ ވިއްކުމުގައި އިސްކޮށް އުޅޭ ކަމަށް ތުުހުމަތުކުރެވޭ ބިދޭސީ ދެ މީހަކު ހައްޔަރުކޮށް، އެ މީހުން ބަންދުގައި ބޭތިއްބުމުގެ އަމުރު ފުލުހުން މިއަދު ހޯދައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކަޅު ބާޒާރުގައި ބޭރުފައިސާ ގަނެ ވިއްކުމުގައި އިސްކޮށް އުޅޭ ކަމަށް ތުުހުމަތުކުރެވޭ ބިދޭސީ ދެ މީހަކު ހައްޔަރުކޮށް، އެ މީހުން ބަންދުގައި ބޭތިއްބުމުގެ އަމުރު ފުލުހުން މިއަދު ހޯދައިފި އެވެ.

ބަންދުގެ މުއްދަތު ޖަހަން ފުލުހުން ކްރިމިނަލް ކޯޓަށް މިއަދު ގެންދިޔަ އެކަކީ ރޮބީއުﷲ ނަމަކަށް ކިޔާ، އުމުރުން 29 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އޭނާ 10 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ކޯޓުން އަމުރު ދިނެވެ. ދެވަނަ މީހަކީ މުހައްމަދު ފިރްދައުސް ނަމަކަށް ކިޔާ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ. ބަންގްލަދޭަޝްގެ އެ މީހާ 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރު ދިނެވެ.

ރޮބީއުﷲ ބަންދުގައި ބަަހައްޓަން ކޯޓުން ކުރި އަމުރުގެ ލިއުމުން އެނގޭ ގޮތުގައި އޭނާއާ ދެކޮޅަށް ފުލުހުން ކުރި ތުހުމަތަކީ ރަޖިސްޓްރީކޮށްްފައިވާ ކުންފުނިތަކެއް ބޭނުންކޮށްގެން ކަޅުބާޒާރުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތެވެ. އެ ތުހުމަތަށް ބާރުދޭ ކޮންމެވެސް ވަރެއްގެ ހެކިތަކެއް ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ކަން ވެސް އަމުރުން އެނގެ އެވެ.

ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި އޭނާގެ އަމިއްލަ އެކައުުންޓުން، ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ކޮށްފައި ވެ އެވެ. އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބަކީ ފިލައިފާނެ ކަމުގެ ބިރު އޮތުމެވެ. އޭނާ ދިރިއުޅުމަށް ކުރާ މަސައްކަތަކީ ވެސް ފުލުހުން ތުހުމަތުކުރި ގޮޮތުގައި ކަޅުބާޒާރުގައި ބޭރުފައިސާ ގަނެވިއްކުމެވެ. އަދި އެއީ ކަޅުބާޒާރުގައި ބޭރުފައިސާ ގަނެވިއްކުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށް އިސްކޮށް އުޅޭ މީހެއް ކަމަށް ވެސް ފުލުހުން ތުހުމަތުކުރެ އެވެ.

ބަންދުގެ މުއްދަތު ޖެހި ދެވަނަ މީހާ، (ފިރުދައުސް) އަކީ ވެސް ކޯޓު އަމުރުން އެނގޭ ގޮތުގައި، ކަޅު ބާޒާރުގައި ބޭރުފައިސާ ވިއްކުމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ. އަދި އޭނާއަކީ ޖަމާއަތް ހަދއިގެން "ނެޓްވޯކެއް"ގެ ގޮތުގައި އެކުށް ކުރާ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ. އޭނާ ރާއްޖޭން ބޭރަށް ފައިސާ ފޮނުވަނީ ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި، ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ގެ ވަސީލަތްް މެދުވެރިކޮށްގެނެވެ.

އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލައިދޭން އޭނާގެ ވަކީލުން އެދުނު ނަމަވެސް ކޯޓުން ނިންމީ ދޫނުކުރުމަށެވެ.

ބޭރު ފައިސާގެ (ހާއްސަކޮށް އެމެރިކާ ޑޮލަރުގެ) ކަޅު ބާޒާރުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބިދޭސީން އުޅޭ ކަމުގެ ޝަކުވާ އާއްމުން ކުރަމުން އައި ނަަމަވެސް އެފަދަ ރިންގްތަކުގެ މީހުން ހައްޔަރު ކޮށްފައި ވަނީ ވަރަށް މަދުންނެވެ.