Roadha Mihaaru
އަވަސް ފިޔަވަޅުތަކަކުން ހައްލު ހޯދަންޖެހޭ މައްސަލައެއް!

ރިސޯޓުތަކުން ބޭންކުތަކަށް ވައްދާ ޑޮލަރު ދަށަށް، އަވަސް ފިޔަވަޅުތަކަކުން ހައްލު ހޯދަންޖެހޭ

01 އޮކްޓޯބަރ 2024

މިދިޔަ ހަފުތާގައި އެމްއެމްއޭ އިން އާންމުކުރި ތަފާސްހިސާބުތަކުން އެންމެ ބޮޑަށް ސާފުވި އެއް ކަމަކީ، ރާއްޖޭގެ ބޭންކުތަކަށް ރިސޯޓުތަކުން ޖަމާކުރާ ޑޮލަރުގެ އަދަދު ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ދަށްވުމާއި ޑޮލަރު މާރުކުރާ ވަރު ދަށްވުމެވެ. ޑޮލަރުގެ ތާށިކަން ބޮޑުވެ، ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގެ މުއާމަލާތްތައް ހިންގަމުންދާ އިރު މިކަމުގައި ރިސޯޓުތަކުގެ ވެރިން ވެސް ޒިންމާ ނަގަންޖެހޭ ވާހަކަ ދައްކާ މީހުންގެ އަދަދު މަދެއް ނޫނެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ ހަފުތާގައި އެމްއެމްއޭ އިން އާންމުކުރި ތަފާސްހިސާބުތަކުން އެންމެ ބޮޑަށް ސާފުވި އެއް ކަމަކީ، ރާއްޖޭގެ ބޭންކުތަކަށް ރިސޯޓުތަކުން ޖަމާކުރާ ޑޮލަރުގެ އަދަދު ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ދަށްވުމާއި ޑޮލަރު މާރުކުރާ ވަރު ދަށްވުމެވެ. ޑޮލަރުގެ ތާށިކަން ބޮޑުވެ، ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގެ މުއާމަލާތްތައް ހިންގަމުންދާ އިރު މިކަމުގައި ރިސޯޓުތަކުގެ ވެރިން ވެސް ޒިންމާ ނަގަންޖެހޭ ވާހަކަ ދައްކާ މީހުންގެ އަދަދު މަދެއް ނޫނެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަން ވިއްކައިގެން އެތައް މިލިއަން ޑޮލަރަކުން ފައިދާ ހޯދާ ރިސޯޓުތަކުން ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ޑޮލަރު ވައްދައި އެ އިން އިގްތިސާދަށް ފައިދާއެއް ހޯދޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް އިގުތިސާދީ ތަޖުރިބާކާރުން ގާތްގަނޑަކަށް އިއްތިފާގުވެ އެވެ. އެކަމަކު، މިއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ހެއްޔެވެ؟ ރިސޯޓުތަކުގެ ވެރިންގެ ޑޮލަރުތައް ރާއްޖޭގެ ހިފެހެއްޓެން އޮތީ ކިހިނެއް ހަދައިގެން ހެއްޔެވެ؟ އެ ކެރުމާއި ގާބިލްކަން އެއްވެސް ފަރާތެއްގެ އެބަހުރި ހެއްޔެވެ؟

ޓޫރިޒަމް ދާއިރާ އަށް 2019 ވަނަ އަހަރު 3.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. އެ އަދަދު 2023 ވަނަ އަހަރު އައި އިރު ހުރީ 4.5 ބިލިއަން ޑޮލަރުގަ އެވެ. އެއީ 34 ޕަސެންޓުގެ އިތުރުވުމެކެވެ. އެކަމަކު، އެ ދާއިރާ އިން ޑޮމެސްޓިކް ބޭންކުތަކަށް ޖަމާ ކުރި ޑޮލަރުގެ އަދަދު ވަނީ އެ މުއްދަތުގައި 20 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. ޓޫރިޒަމް ދާއިރާ އިން 2019 ވަނަ އަހަރު 2.5 ބިލިއަން ޑޮލަރު ޖަމާކުރި އިރު އެއީ އެ ދާއިރާ އިން ލިބުނު ޖުމްލަ އާމްދަނީގެ 74 ޕަސެންޓެވެ. އެކަމަކު މިދިޔަ އަހަރު ބޭންކުތަކަށް ޖަމާކުރި ޑޮލަރުގެ އަދަދު ހުރީ 2.3 ބިލިއަން ޑޮލަރުގަ އެވެ. އެއީ ލިބުނު ޖުމްލަ އާމްދަނީގެ 52 ޕަސެންޓެވެ.

ބޭންކްތަކަށް ވަންނަ ޑޮލަރުގެ ތަފްސީލު. ރިސޯޓުތަކުން ޑޮލަރު ބޭންކްތަކަށް މާރު ކުރާ ވަރު އަންނަނީ ދަށްވަމުން --

ބޭންކްތަކަށް ވަންނަ ޑޮލަރުގެ ތަފްސީލު. ރިސޯޓުތަކުން ޑޮލަރު ބޭންކްތަކަށް މާރު ކުރާ ވަރު އަންނަނީ ދަށްވަމުން --

ބޭންކުތަކަށް މާރުކުރާ އަދަދު ވެސް ވަނީ 153 މިލިއަން ޑޮލަރުން 68 މިލިއަން ޑޮލަރަށް ދަށަށް ގޮސްފަ އެވެ. އެހެންވެ، އެއީ ޖުމްލަ ޓޫރިޒަމް އާމްދަނީގެ އެންމެ ތިން ޕަސެންޓެވެ.

ޑޮލަރު ބޭންކްތަކަށް މާރުކުރާ އަދި ވަންނަ ވަރު މަދުވުމުން އެކަމަށް ހައްލެއް ހޯދަން މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އިންޖެކްޓު ކުރާ އަދަދު އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. އެހެންވެ، އޭގެ ޕްރެޝަރު ރާއްޖޭގެ ރިޒާވަށް ވެސް ވަރަށް ބޮޑަށް ކުރެ އެވެ.

އެމްއެމްއޭ އިން އަންނަނީ މަނިޓަރީ ގާނޫނަށް ބަދަލު ގެނެސް، ޑޮލަރު ހިފެހެއްޓޭނެ ގޮތްތައް ހޯދަމުންނެވެ. އެކަމާ ގުޅޭ ގޮތުން ސްޓޭކްހޯލްޑަރުންނާ މަޝްވަރާތައް ކުރިއަށް ގެންދާއިރު، އެކަން ކުރާނެ ގޮތްތައް އެމްއެމްއޭ އިން ވަނީ ނިންމައިފަ އެވެ. ދެން ޖެހޭނީ އެމްއެމްއޭގެ ބޯޑުން ފާސްކުރާށެވެ. ނަމަވެސް އެކަން ކުރާނެ ގޮތުގެ ތަފްސީލެއް އަދި މިހާތަނަށް އާންމެއް ނުކުރެ އެވެ.

ަވޮލެޓަކުން ޑޮލަރު ނަގަނީ. ރާއްޖޭގައި ބޭނުން ކުރަނީ ފެގް ރޭޓެއް--ފޮޓޯ: ނިޝާން އަލީ/މިހާރު

ަވޮލެޓަކުން ޑޮލަރު ނަގަނީ. ރާއްޖޭގައި ބޭނުން ކުރަނީ ފެގް ރޭޓެއް--ފޮޓޯ: ނިޝާން އަލީ/މިހާރު

ރިސޯޓަކަށް އަންނަ ޓޫރިސްޓުންގެ އަދަދުން ބޭންކަށް ޑޮލަރު ޖަމާކުރުން

"މިހާރު" އާ މައުލޫމާތު ހިއްސާކުރި އިކޮނޮމިސްޓަކު ވިދާޅުވީ، ރިސޯޓަކަށް އަންނަ ޓޫރިސްޓުންގެ އަދަދަށް ބަލައިގެން ޑޮލަރު ޖަމާކުރަން ޖެހޭ އަދަދު ކަނޑައެޅުމަކީ އެއް ގޮތް ކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ކޮންމެ ޓޫރިސްޓެއްގެ ބޮލަށް ވަކި އަދަދެއް ކަނޑައަޅައިގެން ޑޮލަރު ޖަމާކުރުމެވެ.

"އެއީ ވައިބަލް ރަނގަޅު ގޮތެއް. އެޑްމިނިސްޓޭޓިވްލީ ލުއި ގޮތެއް އެއީ. އޭގެ ސަބަބުން ބޭންކު ތެރޭގައި ޑޮލަރު ގިނަވެސް ވާނެ،" އޭނާ ވިދާޅުވި އެވެ.

އިގުތިސާދީ ތަޖުރިބާކާރު ވިދާޅުވީ، ބޭންކުތަކުގައި ޑޮލަރު ހިފެހެއްޓުމަށްޓަކައި ރާއްޖޭގެ ބޭންކުތަކުން ވެސް ޑޮލަރު ހުންނަ ފަރާތްތަކަށް ހާއްސަ އިންސެންޓިވްތަކެއް ދެވިދާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ފިކްސްޑް ޑިޕޮސިޓްގެ ގޮތުގައި ޑޮލަރު ބަހައްޓަން ބާރު އަޅައި، އެ އިން ފައިދާ ލިބޭނެ ގޮތެއް ހަދައިފި ނަމަ އޭގެ ނަތީޖާއަކީ ބޭންކުގައި ޑޮލަރު ބަހައްޓަން ބޭނުންވާ މީހުން ގިނަ ވުން ކަމަށެވެ.

"ބޭންކަށް މާރު ނުކުރަނީ ޕެރެލަލް މާކެޓުގައި އެ އަށް ވުރެ ބޮޑު ރޭޓެއްގައި އެކަން ކުރާތީ. ކިރިޔާ ވެސް އެކަން އޮންނަންޏާ ބޭނުން ވާނީ ބޭންކަށް މާރު ނުކޮށް ބޭރަށް [ކަޅު ބާޒާރަށް] މާރުކުރަން. ބޭންކަށް މާރު ކުރާނީ ބޭންކުން އެ އަށް އިތުރު ހިދުމަތެއް ދޭ ނަމަތާ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިފަދަ ބަދަލަކުން ޑޮލަރު ބޭންކްތަކުގައި ހިފެހެއްޓޭ ވަރު އިތުރު ކުރެވޭނެ އެވެ. އެކަމަކު މުޅި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ހަރަދުތައް ކުޑަކޮށް، ފިސްކަލް ބެލެންސެއް ގެނެސްގެން ކަމަށް ވިދާޅުވި އެވެ.

އޮފްޝޯ ބޭންކިން އިން ހައްލެއް ހޯދިދާނެ؟

އޮފްޝޯ ބޭންކިން ރާއްޖޭގައި ތައާރަފްކޮށްފި ނަމަ މިހާރު ބޭރުވާ ފައިސާ ރާއްޖޭގައި ހިފެހެއްޓޭނެ ގޮތެއް ފަހިވާނެ ކަމަށް "މިހާރު" އާ ވާހަކަ ދެއްކެވި އެހެން ބޭފުޅަކު ވިދާޅުވި އެވެ.

އޮފްޝޯ ބޭންކިން ފަށައިފި ނަމަ އެ ވިޔަފާރީގައި ރާއްޖޭގެ ޖޫރިސްޓިކްޝަނެއް ނުހިނގާނެ އެވެ. އެފަދަ ބޭންކިން ނިޒާމެއް ހިންގޭނީ އިންޓަނޭޝަނަލް ބޭންކިން ލައިސަންސެއް ދީގެންނެވެ. އާންމު ބޭންކިން ނިޒާމަށް ވުރެ ލުއިތައް ގިނަވެ، އެފަދަ ބޭންކިން ނިޒާމެއްގެ ތެރެއިން ކަސްޓަމަރުންނަށް ފައިދާ ހޯދޭނެ ގޮތްތައް އިތުރުވާނެ އެވެ.

އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ސެކްޓަރަކީ މިހާރު ވެސް ވަކި އިގްތިސާދެއް ކަމަށްވާ އިރު، އެ އިގުތިސާދީ ހަރަކާތްތަކާއި އާންމު އިގުތިސާދީ ހަރަކާތްތަކާ މާލީ ގޮތުން ގުޅާލަން އޮތް ހައްލަކީ އޮފްޝޯ ބޭންކިން ތައާރަފްކުރުން ކަމަށެވެ. ނަމަވެސް އެކަން ކުރަން ދުވަސް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބައެއް ތަފާސް ހިސާބުތައް. ޓޫރިސްޓުން އަންނަ ވަރު އިތުރުވެ، ޓޫރިޒަމުން ލިބޭ އާމްދަނީ ވެސް އިތުރު

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބައެއް ތަފާސް ހިސާބުތައް. ޓޫރިސްޓުން އަންނަ ވަރު އިތުރުވެ، ޓޫރިޒަމުން ލިބޭ އާމްދަނީ ވެސް އިތުރު

އެކަން ކުރަން އިންވެސްޓަރުންގެ އިތުބާރު ހޯދަން ޖެހެ އެވެ. ވަގުތުތަކެއް ނަގަނީ އެހެންވެ އެވެ.

"ޓޫރިޒަމަށް ބޭނުންވާ ޑޮލަރު މިސާލަކަށް ޑިވެލޮޕްމެންޓަށް ބޭނުންވާ ޑޮލަރު ސަޕްލައިކޮށްދޭ ނިޒާމަކަށް ވެދާނެ. އޭގެ ސަބަބުން ދެން އޮންނަ މާކެޓަށް އޮންނަ ޑޮލަރުގެ ޑިމާންޑު ދަށްކުރެވިދާނެ،" އޭނާ ވިދާޅުވި އެވެ.

ގަވާއިދު ބަދަލުކޮށްފި ނަމަ ކަޅު ބާޒާރަށް 20 ޕަސެންޓުގެ ފައިދާ ގެއްލޭނެ

ބޭންކްތަކަށް ޑޮލަރު މާރުކުރުން މަދުވާ އެއް ސަބަބަކީ ކަޅު ބާޒާރަށް ގޮސް ބޮޑު ފައިދާއެއް ޖެއްސުމަށް ފައިސާ ޖަމާކުރަން ފެށުމެވެ. އަނެއްކޮޅުން އެ ވިޔަފާރީގައި އެންމެ ކުރީގައި އުޅެނީ ރިސޯޓުތަކުގެ ވެރިން ކަމަށް ދާއިރާގެ ތަޖުރިބާކާރުން ދެކެ އެވެ.

މުޅި މައްސަލަ އަށް ދާއިމީ ހައްލެއް ލިބެން އޮތީ ބޭންކްތައް މެދުވެރިކޮށް އެކަނި، ޑޮލަރު މާރު ކުރެވޭނެ ގޮތްތައް ހެދިގެންނެވެ. ވިޔަފާރިވެރިން ޖަމާކުރާ ޑޮލަރު ރާއްޖޭގެ ބޭންކުތަކުން ވަކި މުއްދަތެއް ވަންދެން ބެހެއްޓޭނެ ގޮތް ހަދައިގެންނެވެ.

އާންމު ޑޮލަރު ރޭޓު 15.42ރ. ގައި ހުރި ނަމަވެސް މިވަގުތު ވެސް ކަޅު ބާޒާރުން ޑޮލަރުގެ މުއާމަލާތްތައް ހިންގަނީ 18ރ. އަށް ވުރެ މަތީ ރޭޓުތަކެއްގަ އެވެ. އެހެންވެ، އެވްރެޖުކޮށް އެ ވިޔަފާރީގައި އުޅޭ ފަރާތްތަކަށް 20 ޕަސެންޓުގެ ޕްރޮފިޓް މާޖިންއެއް ލިބެ އެވެ.

"މިހާރު" އާ މައުލޫމާތު ހިއްސާ ކުރެއްވި، ރާއްޖޭގެ މާލީ ދާއިރާ ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވީ، އެމްއެމްއޭ އިން ގެންނަ ބަދަލުގެ ސަބަބުން، ކަޅު ބާޒާރުން ފައިދާ ހޯދާ ރިސޯޓުތަކުގެ ބާރު ދޫވާނެ ކަން ގަބޫލު ކުރަންޖެހޭނެ ކަމަށެވެ. އެ ނޫން ގޮތަކަށް އެކަން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ، ގިނަ ރިސޯޓުތަކަށް ގައުމުގެ ހާލަތު ސާފުވާނެހެން. މާލީ ގޮތުން އޮތް ދަތިތައް ފެންނަން އޮންނާނެހެން. އެހެންވީމާ އަސްލު ވެސް އެކަންކަން ހައްލު ކުރަން ބައެއް ގޯސް އާދަތައް ދޫކޮށްލަން ޖެހޭނެ ކަން އެ ފަރާތްތަކުން ވެސް ގަބޫލު ކުރުން ވަރަށް މުހިއްމު،" އޭނާ ވިދާޅުވި އެވެ.

ބޭންކަށް މާރު ނުކުރަނީ ޕެރެލަލް މާކެޓުގައި އެ އަށް ވުރެ ބޮޑު ރޭޓެއްގައި އެކަން ކުރާތީ. ކިރިޔާ ވެސް އެކަން އޮންނަންޏާ ބޭނުން ވާނީ ބޭންކަށް މާރު ނުކޮށް ބޭރަށް [ކަޅު ބާޒާރަށް] މާރުކުރަން. ބޭންކަށް މާރު ކުރާނީ ބޭންކުން އެ އަށް އިތުރު ހިދުމަތެއް ދޭ ނަމަތާ،"--- އިގުތިސާދީ ތަޖުރިބާކާރެއް

މިއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮވިޑްގެ ދުވަސްވަރު ވެސް ކަޅު ބާޒާރު ނައްތާލުމަށް އަޅަން ނިންމި އެއް ފިޔަވަޅެވެ. އެކަމަކު، އޭރު ވެސް މިކަން އޮތީ ނުވެފަ އެވެ. މިހާރުގެ ހަގީގަތަކީ ރާއްޖޭގެ މާލީ ހާލަތު އޭރަށް ވުރެ ގޯހެވެ. އެހެންވެ، ފިޔަވަޅުތައް ނާޅާ ހައްލެއް ނުލިބޭނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރައްވަ އެވެ.

ސުވާލަކީ ޑޮލަރުގެ ތާށިކަމާއި އިގުތިސާދީ މައްސަލަތައް ހައްލު ކުރުމުގެ ގާބިލްކަން އެބަހުރި ހެއްޔެވެ؟ ވަކި ބައެއްގެ މޫނަށް ނުބަލައި، މުޅި ގައުމުގެ އިގުތިސާދީ މަސްލަހަތު އިސްކޮށްގެން، އިގުތިސާދީ ތަޖުރިބާކާރުން އެ ފާހަގަކުރައްވާ ފިޔަވަޅުތައް އަޅަން ކެރިއްޖެ ނަމަ ކާމިޔާބު ވެދާނެ އެވެ.

އެމްއެމްއޭ އިން ވެސް ބޭންކުތައް މެދުވެރިކޮށް އެކަނި ބޭރު ފައިސާގެ މުއާމަލާތްތައް ހިންގޭނެ ވަކި އުސޫލެއް އެކުލަވާލައި އެ އަށް އަމަލު ކުރެވޭނެ އަވަސް ގޮތެއް ހަމަޖައްސަން ޖެހެ އެވެ. އަދި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޑޮލަރު ވަންނަ ވިޔަފާރިތަކަށް ހާއްސަ އިނާޔަތްތަކެއް ދީގެން ވެސް، ރާއްޖޭގެ ބޭންކްތަކުގައި އެ ފައިސާ ހިފެހެއްޓޭނެ ގޮތްތަކެއް ހޯދަން ޖެހެ އެވެ. ކަމާ ގުޅޭ އިދާރާތަކަށް ފިޔަވަޅުތައް ނޭޅޭހާ ހިނދަކު މިކަން ވަނީ ހިޔާލީ ކަމަކަށެވެ. ކޮވިޑާ އެކު ވެސް އެކަން އޮތީ ހިޔާލީ ކުރެހުމެއްގެ ގޮތުގަ އެވެ.