Roadha Mihaaru
ވޯކް ވިސާ ނުލިބޭތީ ރަންގްނިކް މަސައްކަތް ނުފެށިފައި

ވޯކް ވިސާ ނުލިބޭތީ ރަންގްނިކް މަސައްކަތް ނުފެށިފައި

01 ޑިސެމްބަރ 2021

މެންޗެސްޓާ (ޑިސެމްބަރު 1) - މެންޗެސްޓާ ޔުނައިޓެޑުގެ ވަގުތީ ކޯޗު ކަމަށް ހަމަޖެއްސި ޖަރުމަންގެ ރާލްފް ރަންގްނިކް އަށް އިނގިރޭސި ވޯކް ވިސާ ނުލިބުމުން ޔުނައިޓެޑާ އެކު މަސައްކަތް ފެށުން އިތުރަށް ލަސްވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެންޗެސްޓާ (ޑިސެމްބަރު 1) - މެންޗެސްޓާ ޔުނައިޓެޑުގެ ވަގުތީ ކޯޗު ކަމަށް ހަމަޖެއްސި ޖަރުމަންގެ ރާލްފް ރަންގްނިކް އަށް އިނގިރޭސި ވޯކް ވިސާ ނުލިބުމުން ޔުނައިޓެޑާ އެކު މަސައްކަތް ފެށުން އިތުރަށް ލަސްވެއްޖެ އެވެ.

ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯގެ ސްޕޯޓިން ޑައިރެކްޓަރުގެ މަގާމުން އިސްތިއުފާ ދިނުމަށް ފަހު އިއްޔެ އިންގްލެންޑަށް ގޮސް އޭނާ ފުރަތަމަ ޖެހުނީ ކަރަންޓީންގައި މަޑު ކުރާށެވެ. ކޮވިޑް ޓެސްޓުގެ ނަތީޖާ ލިބެންދެން އޭނާ ހުންނަން ޖެހޭނީ ކަރަންޓީންގަ އެވެ. ކަރަންޓީނުން ސަލާމަތް ވިޔަސް އަދި ވެސް އޭނާ އަށް މަސައްކަތް ކުރެވޭނެ މާހައުލެއް ނެތެވެ.

ޔުނައިޓެޑުން އުއްމީދު ކުރަނީ އޭނާ އަށް ވޯކް ވިސާ ލިބުމުން މާދަމާ ރޭ އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމަށް އިރުޝާދު ދޭން އޭނާ އަށް ހުރެވޭނެ ކަމަށެވެ. އެކަމަކު ބްރިޓިޝް ވިސާ އޭނާ އަށް އަދި ނުލިބެ އެވެ.

އޭނާ އަށް ވިސާ ދޭނީ އިނގިރޭސި ފުޓްބޯޅައިގައި މަސައްކަތް ކުރުމުގެ ހުއްދަ އިނގިރޭސި އެފްއޭ އިން އޭނާ އަށް ދިނުމުންނެވެ. ބެލެވޭ ގޮތުގައި އޭނާ އަށް މަސައްކަތް ފެށޭނީ އަންނަ ހަފުތާގަ އެވެ.

މިދިޔަ މަހު 21 ގައި ޔުނައިޓެޑްގެ ކޯޗު ކަމުން އޮލޭ ގުނާ ސޯލްޝެއާ ވަކި ކުރުމުން ޔުނައިޓެޑުން ޓީމު ހަވާލު ކުރީ ކުރީގެ އެސިސްޓެންޓް ކޯޗް މައިކަލް ކެރިކްއާ އެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑުން ވަނީ ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާގައި ވިޔަރެއާލް އަތުން މޮޅުވެފަ އެވެ. އަދި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެފަ އެވެ.

މި ސީޒަން ނިމެންދެން ޔުނައިޓެޑް ކޯޗެއްގެ ގޮތުގައި ރަންގްނިކް މަސައްކަތް ކުރާނެ އެވެ. އެއަށް ފަހު އޭނާ މަސައްކަތް ކުރާނީ ޔުނައިޓެޑްގެ ޓޮޕް ފުޓްބޯލް އެޑްވައިޒަރުގެ ގޮތުގަ އެވެ. އަންނަ ސީޒަނަށް ޔުނައިޓެޑަށް ކޯޗަކު ހަމަޖައްސާނީ ވެސް އޭނާގެ ލަފާގެ މަތިންނެވެ.